ނޫރުލް އިސްލާމް އިންޓަރނޭޝަނަލްގެ ވެރިންނަށް (ހުޅުވާލާފައިވާ ސިޓީއެއް)

ތާރީޚް: 26 December 2017

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ހޮސްޕިޓަލް ހިންގުން ޙަވާލުކުރި އެއްބަސްވުން ނިމުމަކަށް ގެނެސްދެއްވުން އެދި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން 50 އަހަރަށް ތިޔަ ކުންފުންޏާ ޙަވާލުކުރުން ވެގެންދިޔައީ ކުޅުދުއްފުށްޓާއި، މަތިއުތުރުގެ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. އެހެން އެކަން ދިމާވި ސަބަބުތަކެއްވެސް ހުއްޓެވެ. ތަން ހިންގަން ޙަވާލުވި ފަރާތަކީ، އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ފަރާތްކަމަށް ވުމެވެ. ނިމްސްއަކީ އުތުރުގެ ރައްޔިތުން ދަންނަ ބްރޭންޑަކަށްވުމެވެ. އެކަންކުރަން އިސްނަގައިގެން މަސައްކަތްކުރީ، ކުޅުދުއްފުށްޓަށް އުފަން ބޭފުޅަކަށްވުމެވެ. ކުންފުނީގެ މޫނުމަތި ކަމުގައިވި ދިވެއްސަކީ، ކުރިން ކުޅުދުއްފުށީގައި ހިންގި ބައެއް ވިޔަފާރި ކަންކަމުގައި އުޅުނު ރަށު ރައްޔިތުންނަށް ފަރިތަ މޫނަކަށްވުމެވެ. ހޮސްޕިޓަލް ހިންގަން ޙަވާލުވަނީ، މުއްދަތުތަކެއް ކަނޑައަޅައިގެން ގިނަ ޚިދުމަތްތަކެއް ތަޢާރުފުކުރާގޮތަށްކަމަށް ވުމެވެ. މާއްދީގޮތުންނާއި ޚިދުމަތުގެ ގޮތުން، އެތައްތަނެއް ކުރިޔަށްދާނެ މަރުކަޒަކަށް ހޮސްޕިޓަލް ވެގެންދާނެކަމަށް ރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ޤަބޫލުކުރެވުމެވެ.

އެހެންނަމަވެސް، މިއަދު މިފެންނަ މަންޒަރަކީ، މުޅިން ތަފާތު މަންޒަރެކެވެ. ހިނގަހިނގާހުރި ހޮސްޕިޓަލެއް ޙަވާލުކުރުމުން، އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމަށް ކަމެއް ނުކުރެވުނުތާނގައި، އެތަން ހިންގަމުން ދިޔަފެންވަރުގައިވެސް ހިންގާ ނުލެވުނު ތަނެވެ. ޙާލަތު ދަށްވެ، ޚިދުމަތްތައް ހުއްޓެންފެށުމުން، ޢާންމު މަސްލަޙަތު ޙިމާޔަތްކުރެއްވުމަށް ދިވެހި ސަރުކާރަށް އޮތް ޒިންމާގެ ދަށުން، ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ދޭން ފެއްޓެވިތަނެވެ. ތަކެއްޗާއި މީހުން ފޮނުއްވައިދެއްވަން ފެއްޓެވިތަނެވެ. އަސާސީ ޞިއްޙީ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަން ފެއްޓެވިތަނެވެ. އެއްބަސްވުމެއްގެ ދަށުން ތިޔަ ކުންފުންޏާ ތަން ހިންގަން ޙަވާލުކޮށްފައި ވީނަމަވެހެވެ.

ހޮސްޕިޓަލްގައި ތިއްބެވި ތިޔަ ކުންފުނީގެ ބިދޭސީ ވެރިންނާއި ދިވެހި ވެރިން ހޮސްޕިޓަލާއި ރަށް ދޫކުރައްވައި، ވަޑައިގެންނެވިތަނެވެ.

ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްގެ ދަށުން، ދިވެހި ސަރުކާރުގެ އެންމެމަތީ ފެންވަރުގައި ޚާއްޞަ އިސްކަމެއްދެއްވައިގެން، ވަރަށް ހެޔޮނިޔަތާއެކު، ޙާސިލުކުރައްވަން ބޭނުންފުޅުވި މަލްޓި-ސްޕެޝަލްޓީ ޓަރޝަރީ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ބަދަލުކުރުމުގެ އުންމީދު ސުވާލާއި އޮޅުންބޮޅުމުގެ ތެރެއަށް ވެއްޓުނުތަނެވެ.

މިކަމުގެ ޝަކުވާ އެންމެ ގިނައިން އަޑުއަހަންޖެހޭ އެކަކީ، އަޅުގަނޑެވެ. ނޮވެމްބަރ 25 ން ފެށިގެން ޑިސެމްބަރު 20 އާދެމެދު އަޅުގަނޑު ކުޅުދުއްފުށްޓަށް ކުރި 3 ދަތުރުގައިވެސް، ހޮސްޕިޓަލުގެ ގިނަ މުވައްޒަފުން އަޅުގަނޑާ ބައްދަލުކޮށް ހޮސްޕިޓަލުގެ ޙާލަތު ކިޔައިދިނެވެ. ރަށުން ދިމާވި ހަމަކޮންމެ މީހަކުމެ އެ ޝަކުވާތައް ތަކުރާރުކުރިއެވެ. ރަށުން އަންނަ ކޮންމެ ކޯލެއްގައިމެ މި ޝަކުވާ އާދެއެވެ.

އެހެންކަމުން، ހޮސްޕިޓަލަށް ވަމުންދާގޮތާއި، މައްސަލައިގެ ސީރިއަސްކަން އެންމެބޮޑަށް އެނގޭ އެކަކަށް އަޅުގަނޑުވާނެކަމަށް ޤަބޫލުކުރައްވާށެވެ.

ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެންބަރަކަށްހުރެ، ސަރުކާރުން މިވަރުގެ އިސްކަމެއްދެއްވައިގެން ކުރައްވަން ފަށްޓަވާފައިވާ ކަމަކަށް އެއްޗެއް ޢާންމުކޮށް ބުނުމަކީ، ފަސޭހަކަމެއް ނޫނެވެ. އެކަމަކު، ތަން ބިކަވެ ހަލާކުވަމުންދާއިރު، ހޮސްޕިޓަލް ހިންގުމާ ޙަވާލުވެގެން ތިޔަ އޮތް ކުންފުންޏާ ބައެއް ވާހަކަ ދަންނަވާނުލައި ހުރުމަކީވެސް ކުރަން ފަސޭހަކަމެއް ނޫނެވެ.

ތިޔަ ކުންފުނިން ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ އަލީގައި ބައެއް ކަންކަމަށް މިވަގުތު ބަލާލަން ބޭނުމެވެ.

1.  މުއްދަތަށް ކުރަން ބުނި ކަންކަން ނުވުން

މުއްދަތަށް ވަކިކަންތައް ތަކެއް ކުރާނެކަމަށް ތަނާ ޙަވާލުވުމަށް ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެއެވެ. އެދުވަހު ވާހަކަދެއްކެވި ބައެއް ބޭފުޅުންގެ ވާހަކައިގައިވެސް އެކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ޚިދުމަތެއް ދޭން ފަށާ ބަޔަކު ނުވަތަ ވިޔަފާރިއެއް ފަށާ ބަޔަކު، އެކަމެއް ފަށާއިރު، އެފަދަ  އުންމީދުތައް ހާމަކުރުމަކީ، ޢާންމުކަމެކެވެ. އެ ޖަލްސާގައި ބައިވެރިވެ އަޑުއަހަން އިންއިރު، އަޅުގަނޑުގެ ހިތަށްއެރީ އެހެންނެވެ.

އެހެންނަމަވެސް، ފަހުން އެނގުނުގޮތުގައި، މިއީ، ހަމައެކަނި، ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފެށުމުގެގޮތުން އެކަން ފަށާބަޔަކު ކުރާ އުންމީދެއް ހާމަކުރުމެއް ނޫނެވެ. މިއީ، ދިވެހި ސަރުކާރާއެކު ވެފައިއޮތް އެއްބަސްވުމުގައި، ކުރުމަށް އެއްބަސްވެފައިވާ ކަންތައްތަކެކެވެ. އެކަންކަން ކުރަން ހަމައެކަނި އެއްބަސްވީއެއް ނޫނެވެ. އެކަންކަމަކީ، މުއްދަތު ކަނޑައަޅައި، އެ މުއްދަތުތަކުގައި އެކަންކަން ކޮށް ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

އަދި، ކީއްތޯއެވެ. މިކަންކަމަކީ، މި އެއްބަސްވުން އެއްބަސްވުމަށް، ދިވެހި ސަރުކާރުން ބޭނުންވި އެންމެ އަސާސީ އެއް ޝަރުޠެވެ. މުޅި އެއްބަސްވުން އެމައްޗަށް ބިނާވެފައިވާ ކަންކަމެވެ. އެއްބަސްވުމުގެ ދިގު އެއް މާއްދާގައި މިކަން ތާވަލެއްގެ ގޮތުގައި ހިމަނާފައިވެއެވެ. އެހެންނޫންނަމަ، ހިނގަހިނގާހުރި ހޮސްޕިޓަލެއް މިފަދަ އެއްބަސްވުމެއްގެ ދަށުން ބަޔަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމުގެ ބޭނުމެއް ސަރުކާރަކަށް ނެތެވެ.

2.  މުވައްޒަފުން ބަދަލުވުން

ހޮސްޕިޓަލުގައި ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި ތިބި 200 އެއްހާ މުވައްޒަފުން ކުންފުނީގެ ޕޭރޯލަށް ބަދަލުވުމުގައިވެސް، މާކަގިނަކަންތައް ތަކެއް އަދި ނުހިނގައެވެ. 10 ޖަނަވަރީ 2018 ގެ ކުރިން އެ މުވައްޒަފުން، ކުންފުނީގެ ޕޭރޯލަށް ބަދަލުވުމުގެ ކަންތައް ނިމެންޖެހެއެވެ.

ސަރުކާރާއެކު އޮތް އެއްބަސްވުމުގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދީފައިވެއެވެ. އެއް މާއްދާ އެއްކޮށް، އެކަމަށް ޚާއްޞަކޮށް، އުސޫލުތަކެއް ކަނޑައަޅައިދީފައިވެއެވެ.

ހިންގަން ޙަވާލުވުމަށްފަހު، ވަކި މުއްދަތެއްގެ ތެރޭގައި ހިންގުމުގެ އާ އޮނިގަނޑާއި އެ އޮނިގަނޑުގައި ހުންނާނެ މަގާމުތަކާއި އެ މަގާމުތަކުގެ މީހުންގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބައިކަން ހެލްތު މިނިސްޓްރީއަށް އަންގަންޖެހެއެވެ. އަދި، އެ  އޮނިގަނޑަށް މުވައްޒަފުން ބަދަލުކުރުމުގައި ވަކި އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. އާ އޮނިގަނޑުގައި ބުނާ މަގާމަށް ޝަރުޠުހަމަވާ މުވައްޒަފުން އެ އޮނިގަނޑަށް ބަދަލުކުރަންޖެހެއެވެ. ޝަރުޠު ހަމަނުވާނަމަ، އެމީހުންނަށް ޓްރެއިނިންގ ދީގެން އަރާހަމަކުރުވައިގެން، އެ އޮނިގަނޑަށް ބަދަލުކުރަންޖެހެއެވެ. އަދި، ޓްރެއިނިންގގައި ބައިވެރިވުމަށްފަހުގައިވެސް ޝަރުޠު ފުރިހަމަ ނުވާނަމަ، އެ މަގާމުގައި ހުރި ސިވިލްސަރވިސް މުވައްޒަފަކަށް ދޭ ފެންވަރުގެ ރިޑަންޑަންސީ ޕެކޭޖެއް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރެވިދާނެއެވެ. މިއީ، އެކަމަށް އެއްބަސްވުމުގައި އޮތް އުސޫލެވެ. އެހެންނަމަވެސް، މިޒާތުގެ އެއްވެސް ކަމެއް ހޮސްޕިޓަލް މުވައްޒަފުންނާ ގުޅޭގޮތުން ހިންގިކަމެއް އެނގޭކަށް ނެތެވެ.

އެމީހުންގެ ވަޒީފާ ތިޔަ ކުންފުނީގެ ވަޒީފާއަށް ބަދަލުވުމުގެ އިޖުރާޢަތުތައް ނުހިންގައި އޮއްވައި، 10 ޖަނަވަރީގެ ތާރީޚު އައިސް އެއޮށް ހަމަކުރަނީއެވެ. ހޮސްޕިޓަލާ ތިޔަ ކުންފުނިން ޙަވާލުވި ތާރީޚު ކަމަށްވާ 10 ޖުލައި 2017 އިން ފެށިގެން މި ހިނގާދިޔަ 6 މަސްދުވަހު ސަރުކާރުން އެ މުވައްޒަފުންގެ އުޖޫރައާއި ޢިނާޔަތް ދެމުންއައި ކަމުގައިވީނަމަވެސް، 10 ޖަނަވަރީ 2018 ގެ ފަހުން އެ ކަންކުރަންޖެހެނީ ތިޔަ ކުންފުނިންކަމަށް އެއްބަސްވުން ބުނެއެވެ. އެހެންނަމަވެސް، އަދި އެއިން މުވައްޒަފަކަށް ކުންފުނީގެ ކޮންޓްރެކްޓެއްވެސް އަދި ފެނިފައެއް ނުވެއެވެ. ސިވިލް ސަރވިސްއިން ވަކިކުރުމުގެ ކަންކަންވެސް ހިނގަންފަށާފައެއް ނުވެއެވެ.

11 ޖަނަވަރީ 2018 އިންފެށިގެން، މުވައްޒަފުން ތިބޭނީ، ތިޔަ ކުންފުނީގެ ވަޒީފާގައި ކަމެއް، ސިވިލް ސަރވިސްގައި ކަމެއް އެނގޭނެގޮތެއް ނެތެވެ. އެއްބަސްވުމުގައި ބުނާގޮތުން، ސަރުކާރުން މުސާރަ ދިނުމުގެ ޒިންމާ 10 ޖަނަވަރީ 2018 އަށް ނިމުމަކަށް އަންނާނެއެވެ. ދެން އެ ހޮސްޕީޓަލުގެ އެންމެހައި މުވައްޒަފުންނަށް ވާނީ، ކިހިނެއްތޯއެވެ. މިއީ، މިއަދު އެ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެވެސް ސުވާލެކެވެ.

މިހާރު މިކަންވާނީ، ހެލްތު މިނިސްޓަރގެ ސަމާލުކަމަށް ގެނެސްފައެވެ.

3.  ނުދޭ ޚިދުމަތަށް އާސަންދަ ހޯދަން އެދުން

ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަމީހުންނަށް ދޭ ޚިދުމަތަށްވުރެ އިތުރު ޚިދުމަތް ދިންކަމަށް ބިލު ހެދުމާއި ނުދޭ ޚިދުމަތް ދިންކަމަށް ބިލު ގައި ހިމެނުމަކީ، ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެކެވެ. މިކަން ކުރުވަނީ، ދިވެހި މުވައްޒަފުން ލައްވައެވެ. އެކުދިންގެ މައްޗަށް ތިބި ވެރިންގެއަމުރަށެވެ.

މިކަން އަޅުގަނޑުވާނީ، ދާދިމިދާކަށްދުވަހު އާސަންދަ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކުރެއްވި ޙަސަން ޢަލީއަށް ކިޔައިދީފައެވެ. އާސަންދަ ކުންފުނީގެ ފްރޯޑް ޓީމެއް ރަށަށް ފޮނުވާނެކަމަށް އޭނާ އެދުވަހު ވިދާޅުވިއެވެ. މިވާހަކަ އަޅުގަނޑުވާނީ، ހެލްތު މިނިސްޓަރާވެސް ޙިއްސާކޮށްފައެވެ. އަދި، ބައެއް އެހެން ވަޒީރުންނަށްވެސް މިވާހަކަ ދަންނަވައިފީމެވެ.

ތިޔަ ކުންފުނީގެ އެއް ޙިއްސާދާރު އަދި ޑިރެކްޓަރު، މިކަން މިގޮތަށް ހިނގާކަމަށް އެއްބަސްވެވަޑައިގެންފައިވާތީ، އަދި އެކަން މީޑިޔާއަށް ޙިއްސާކުރައްވާފައިވާތީ، މިކަން ސާބިތުކޮށްދޭން އަޅުގަނޑު ހެކި ހުށަހަޅަން ޖެހުމުގެ ބޭނުން ކިތަންމެތަނަކުން މިހާރު ކުޑަވެއްޖެއެވެ.

އެކަމަކު، އެ ޢަމަލަކީ، ކުށެކެވެ. ރައްޔިތުންގެ ފައިސާ ނުހައްޤުން ހޯދުމަކީ، ނުކުރާ ޚަރަދަށް ބިލުކުރުމަކީ، ނުދޭ ޚިދުމަތަށް ފައިސާ ހޯދުމަށް ހުށަހެޅުމަކީ، ކުޑަކަމެއް ނޫނެވެ. މިކަމުގެ ޒިންމާ ކުންފުނީގެ ޑިރެކްޓަރުން އުފުލާނެކަމަށް ދެކެމެވެ.

4.  ހިންގަން އެއްބަސްވި ފެންވަރުގައި ނުހިންގުން

ޓާރޝަރީ ހޮސްޕިޓަލެއްގެ ޚިދްމަތުގެ ފެންވަރުކަމަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފެންވަރުގައި، ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއްވެސް ދިނުން ތިޔަ ކުންފުނީގެ މައްޗަށް ލާޒިމުކުރެއެވެ. އަދި، މިކަންކުރަން އޮތީ ވަކި ދުވަހަކުން ފެށިގެން ކުރާގޮތަކަށް ނޫނެވެ. މިއީ، އެއްބަސްވުމުގެ މުޅި މުއްދަތުގައި އެ ފެންވަރުގައި ޚިދުމަތް ދެމުންދިޔުން ލާޒިމުވާގޮތަށް އޮތް އެއްބަސްވުމުގައި ލިޔެފައިވާ އުސޫލެކެވެ.

އެހެންނަމަވެސް، ޙަޤީޤަތަކީ، މާލޭ އައިޖީއެމްއެޗަށް ކަމަކު ދިއުމުން އެތަނުން އެ ޚިދްމަތް ނުލިބިގެން، ހުޅުމާލެ ހޮސްޕިޓަލްފަދަ މުޅިން އެހެން ކްލެސިފިކޭޝަނެއްގެ ހޮސްޕިޓަލަކަށް އެ ޚިދްމަތް ހޯދުމަށް ދާންޖެހުންފަދަ ޙާލަތެއް ސިފަވާގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދްމަތުގެ ފެންވަރު މިއަދު ވެއްޓިގެން ގޮސްފައިވުމެވެ.

24 ގަޑިއިރު، ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ ޚިދުމަތްދިނުން އެއްބަސްވުމުގެ ދަށުން ތިޔަ ކުންފުނީގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، އެކަންވެސް ތިޔަ ކުންފުންޏަށް ކުރެއްވުނީ، ދިމާ އިދިކޮޅަށެވެ. ކުރިއްސުރެ 24 ގަޑިއިރު 8 މެޑިކަލް އޮފިސަރުންގެ ޚިދުމަތް ލިބޭއިރު، ހަވީރާއި ރޭގަނޑު ހުސްކޮށްއޮތް މުއްދަތެއް މިފަހުން ހިންގައްޖެއެވެ. 8 މެޑިކަލް އޮފިސަރުން މަދުވަމުންގޮސް 2 މީހުންނަށް މަދުވެގެން ދިޔުމުގެ ސަބަބުންނެވެ.

ވިއްސާ ދެވަނަ ޑޮކްޓަރަކާއި ކުޑަކުދިންގެ ދެވަނަ ޑޮކްޓަރެއްވެސް އެ ފޮނުއްވީ ސަރުކާރުންނެވެ. ގާތްގަނޑަކަށް އޮކްސިޖަންވެސް ހުސްވެ، ލެބްގެ ގިނަ ޓެސްޓުތައް ހުއްޓިފައިހުރުމަށްފަހު، އެކަންވެސް އަލުން އެ ފެއްޓެވީ، ސަރުކާރުންނެވެ.

5.  ހުއްދަނެތް ބަޔަކު ކުންފުނި އުފެއްދުން

ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ނިމްސް ހޮސްޕިޓަލަކުން ނޫނެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުންނެވެ. އެ ކުންފުނީގައި ދެ ޙިއްސާދާރުން ތިބެއެވެ. އެކެއްގެ 80 ޕަސެންޓް ޙިއްސާ އޮވެއެވެ. އަނެކެއްގެ 20 ޕަސެންޓް ޙިއްސާ އޮވެއެވެ.

80 ޕަސެންޓް އޮތީ، "ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް" ކިޔާ އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ ޓްރަސްޓަކަށެވެ. އެއީ، ކިޔަވައިދޭ ތަފާތު މަރުކަޒުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން އުފައްދާފައިވާ ޓްރަސްޓެކެވެ. ނޫރުލް އިސްލާމް މެޑިކަލް ސައިންސްގެ ނަމުގައި ކިޔަވައިދޭ ކޮލެޖެއް ހިންގަނީ، އެ ޓްރަސްޓުންނެވެ. ނިމްސް މެޑިސިޓީގެ ނަމުގައި ހިންގާ ހޮސްޕިޓަލަކީ، އެ ޓްރަސްޓްގެ ބައެއްކަމަށް ބުނެއެވެ.

ކުންފުނީގެ ބާކީ، 20 ޕަސެންޓް އޮތީ، ޢަލީ އުސެއިދު ކިޔާ ދިވެއްސެއްގެ ނަމުގައެވެ. އޭނާއަކީ، އެ ކުންފުނީގެ ޙިއްސާދާރެކެވެ. އަދި ޑައިރެކްޓަރެކެވެ. އޭނާގެ އިތުރުން، ކުންފުނީގެ ފަރާތުން ރަށުގައި ހުންނަވަނީ، ޢަލީ އުސެއިދުގެ ދަރިކަނބަލެކެވެ. ޑެޕިއުޓީ ޑިރެކްޓަރެއްގެ ގޮތުންނެވެ.

މިހާރު މަޢުލޫމާތު ލިބޭގޮތުގައި، ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓަކީ، އިންޑިޔާއިން ބޭރުގައި އިންވެސްޓްކޮށް، ވިޔަފާރި ނަފާ ހޯދުމަށް އިންޑިޔާގެ ރިޒަރވް ބޭންކް އޮފް އިންޑިޔާއިން ހޯދަންޖެހޭ "އާރް.ބީ.އައި. އެޕްރޫވަލް" އޮތްބައެއް ނޫނެވެ. އެ ޓްރަސްޓަކީ، ނަފާ ހޯދުމަށް ނުވާގޮތަށް އިންޑިޔާގައި މަސައްކަތްކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ "ޗެރިޓަބްލް ޓްރަސްޓް" އެކެވެ. އެހެންކަމުން، އެމީހުންނަށް ރާއްޖޭގައި ކުންފުންޏެއް އުފައްދައި، ހޮސްޕިޓަލެއް ހިންގައި، އާމްދަނީއާއި ނަފާ ހޯދުމަކީ، ހުއްދަކަމެއް ނޫނެވެ. ކުރެވޭނެވެސް ކަމެއް ނޫނެވެ.

މާނައަކީ، މިހާތަނަށް ދިވެހި ސަރުކާރާއެކު މަޝްވަރާކޮށް، ހުށަހެޅުން ހުށަހަޅައި، ކުންފުންޏެއް އުފައްދައި، އާމްދަނީއާއި ނަފާ ލިބޭގޮތަށް ދިވެހި ސަރުކާރުން ހޮސްޕިޓަލެއް ހިންގަން ޙަވާލުކުރި ކުންފުންޏަކީ، ނުވަތަ އެ ކުންފުނީގެ މައިގަނޑު ޙިއްސާދާރަކީ، ރާއްޖޭގައި ވިޔަފާރިކުރުމުގެ ޤާނޫނީ ޤަބިލުކަން އޮތްބައެއް ނޫނެވެ.

ޔަޤީނުންވެސް، ހޮސްޕިޓަލް ހިންގަން ދިވެހި ސަރުކާރުން ޙަވާލުކުރީ، ނިމްސް ހޮސްޕިޓަލްގައި ހުރި ޢިލްމީ ޤާބިލުކަމާއި، ހުނަރާއި ތަޖުރިބާއާއި، މާލީ ކުޅެދުންތެރިކަން ދިވެހި ސަރުކާރުން ބަލައިގަނެ ޤަބޫލުކޮށްގެންނެވެ. ވީއިރު، މި ޕްރޮޖެކްޓަށް ތިޔަ ކުންފުނިން ހަދަންޖެހޭ “ޑިޔު ޑިލިޖެންސް” ނުހެދި، އަސާސީ ފެންވަރުގައި ބަލަންޖެހޭ ބެލުންތައް ނުބެލި، ހޯދަންޖެހޭ ހުއްދަތައް ނުހޯދި، މިވަރު ބޮޑު އެއްބަސްވުމެއްގެ ތެރެއަށް ވަނީ، ކިހިނެއްތޯ ތިޔަ ކުންފުނިން ބައްލަވަންވާނެކަމަށް އަޅުގަނޑު ހީކުރަމެވެ.

ކޮންމެއަކަސް، މިކަންކަން އެނގުމުން، ހުއްދަނެތް ބަޔަކާއެކު ކުރިއަށްދެވޭނެ ގޮތެއް ނޯންނާނެއެވެ.

ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ބުނާގޮތުން، ކުންފުންޏެއް އުފެދެނީ، 2 ޙިއްސާދާރުންގެ މައްޗަށެވެ. އެކަކީ، ޙިއްސާދާރަކަށްވުމުގެ ޤާނޫނީ ޤާބިލުކަންނެތް ފަރާތެއްނަމަ، އެ ކުންފުންޏަކު ދެ ޙިއްސާދާރުންނެއް ނުތިބޭނެކަމަށް އަޅުގަނޑު ދެކެމެވެ.

6.  ނިންމުން

މިކަންކަން މިހެން ދިމާވުމުން، އެންމެ ރަނގަޅުގޮތަކަށްވާނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅައިލުމެވެ. އުފެއްދި ގުޅުން ނިއުޅާލުމެވެ. އަދި، އިހުހުރިގޮތަށް ހޮސްޕިޓަލް ދިވެހި ސަރުކާރަށް ރުޖޫޢަކޮށްދިނުމެވެ.

އެއްބަސްވުން ބާޠިލުކުރަންޖާއިޒު ސަބަބުތަކެއް ސަރުކާރަށް ލިބިގެންވީނަމަވެސް، އެކަން ކުރެވެންއޮތީ، ދިގު މަރުޙަލާތަކެއް ކަޑައްތުކޮށްގެން، ގިނަ އިޖުރާޢަތުތަކެއް ފުރިހަމަކޮށްގެންނެވެ. ފަހުން އުޅެންޖެހިދާނެ ޝަރުޢީ މަރުޙަލާތަކަކަށް ނުދިއުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ތިޔަ ކުންފުނިން ބޭނުންކަމަށްވާނަމަ، ވަރަށް ފަސޭހައިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވިދާނެ މާއްދާއެއް އެބައޮތެވެ. އެއްވެސް ސަބަބަކާ ނުލައި ނަމަވެސް، ހިންގަން ބޭނުންނުވެގެން ދޫކޮށްލުމަށް މަގުފަހިކުރާ މާއްދާއެކެވެ. އެ މާއްދާ ބޭނުންކުރައްވައިގެން، މި އެއްބަސްވުން ނިމުމަކަށް ގެނައުމަކީ، ކުރެއްވިދާނެ ކަމެކެވެ.

ހޮސްޕިޓަލްގެ ހިންގުން ތިޔަ ކުންފުންޏާ އެއްބަސްވުމެއްގެ ދަށުން ޙަވާލުވެފައި އޮއްވައި، ސަރުކާރުން އެތަނަށް ޚިދުމަތް ދޭންޖެހުމަކީވެސް، ހަމަޖެހޭކަމެއް ނޫނެވެ. މާގިނަ ދުވަހަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ތަން ހިންގަންވާނީ، ކޮންމެވެސް އެއް ފަރާތަކުންނެވެ. އެހެންޏާ ސަރުކާރުންނެވެ. އެހެންޏާ ތިޔަ ކުންފުނިންނެވެ.

ވީމާ، މި ވާހަކަތައް ދަންނަވާލުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

             ޚާދިމުކުމް

                މުޙަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރު / ކުޅުދުއްފުށީ ދެކުނު ދާއިރާ

Share

...