ފަހުމީ މައްސަލަ – ސުޕްރީމް ކޯޓުގެ ޙުކުމް – ޚުލާޞާ ދިރާސާ

ތާރީޚް: 17 March 2013

ފަހުމީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙުކުމް އައުމުން، އެ ޙުކުމަކީ، މައްސަލައިގެ އެންމެފަހުގެ ނިންމުން ކަމުގައި ޤަބޫލުކުރަމެވެ.

އެ ޙުކުމުގައި ކިތަންމެ އުނިކަމެއް ހުރިކަމަށް ޤަބޫލުކުރެވުނުނަމަވެސް، އަދި، އެ ޙުކުމް ބިނާވެފައިވަނީ ރަނގަޅު ޤާނޫނީ އަސާސްތަކެއްގެ މައްޗަށްކަމުގައި ބަލައިގަންނަން ކިތަންމެ ދަތިވިކަމުގައިވީނަމަވެސް، އެ ޙުކުމަކީ، ސުޕްރީމް ކޯޓުގެ ޙުކުމް ކަމުގައިވާތީ، އެ ޙުކުމް ޤަބޫލުކޮށް، އެއަށް ތަބާވުމަކީ، އަޅުގަނޑުމެން ބަލައިގަނެގެން މިތިބި ދުސްތޫރީ ނިޒާމު އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

އެހެންކަމާއެކުގައިވެސް، ޢިލްމީ ނަޒަރަކުން، އެ ޙުކުމުގެ އަވަސް މުރާޖަޢާއެއް ކޮށް، ޚުލާޞާ ދިރާސާއެއް މި ލިޔުމުގައި ހިމަނަން ޤަސްދުކުރަމެވެ.

މުސްތަޤްބަލަށްޓަކައެވެ. ދެން އަންނަންހުރި ކަންކަމަށް ސަމާލުވުމަށްޓަކައެވެ.

ފުރަތަމަ ނުކުތާ – ޖިނާއީ ކުށެއްކަމުގައި ބެލުން

މުޅި މައްސަލަ ބެއްލެވުމުގައި ސުޕްރީމް ކޯޓު ހަ ފަނޑިޔާރުންގެ ވިސްނުންފުޅުގައި ބިންވަޅުނެގިފައިވަނީ،  ފަހުމީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޝަކުވާއަކީ، ޖިނާއީ ކުށެއްގެ ތުހުމަތެއް ކަމަށާއި، އެހެންކަމުން، އޭނާގެ މައްސަލަ ބެލުމުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހިންގި މަސައްކަތަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހިންގަންޖެހޭ މަސައްކަތެއްކަމަށް.  އަދި، އެ މަސައްކަތްކުރުމުގައި ޖިނާއީ ތުހުމަތެއް ކުރެވޭ ފަރާތަށް ޤާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމުގެ ޙައްޤުތައް ލިބިދޭންޖެހޭނެ ކަމަށް.

ޙަޤީޤަތުގައި ފަހުމީއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުނު މައްސަލައަކީ، މަސައްކަތު މާހައުލެއްގައި އެ މާހައުލުގެ އިސްވެރިއަކަށް ހުރިމީހަކު އެ މާހައުލުގައި އުޅޭ އަންހެން ކުއްޖެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުމާއެކު، އޭނާއާ ގުޅޭގޮތުން، މަސައްކަތު މާހައުލެއްގެ އެންމެ އިސްވެރިއަކަށް ހުރިމީހަކު ދެއްކުން އެކަށީގެންނުވާ ވާހަކައެއް ދެއްކުމުގެ ޝަކުވާކަން.

އިނގިރޭސި ބަހުން ބުނާނަމަ “ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސް” ގެ ޢަމަލެއް ހިންގިކަމުގެ ޝަކުވާކަން. އަދި، މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލެއްގައި ބުނާގޮތުންނަމަ، އިނގިރޭސި އެ މަފުހޫމު ދިވެއްސަށް ތަރުޖަމާކުރެވޭނީ، “މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރަކުރުން” މިގޮތަށްކަން.

“މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރުކުރުން” މިއީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކި މަފްހޫމެއްގެ ގޮތުގައި ބަލައިގަނެފައިވާ ޢަމަލެއް ކަމަށްވީނަމަވެސް، އަދި، ވަކި ކުށެއްގެ ގޮތުގައި ބަލައިގަނެފައިވާ ކުށެއްކަމުގައި ވީނަމަވެސް، މިއީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޖިނާއީ ކުށެއްގެ ގޮތުގައި ދަންނަ ޢަމަލެއް ނޫންކަން.

ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި މަސައްކަތު މާޙައުލެއްގައި ހިނގާ ސެކްޝުއަލް ހެރެސްމަންޓްގެ ޢަމަލަކީ، ވަކި ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވާކަން. އަދި، މަސައްކަތު މާހައުލުގައި އަންހެން ކުއްޖަކާ ދެއްކުން އެކަށީގެންނުވާ ވާހަކައެއް އެ މާހައުލުގެ އިސްވެރިއަކަށްހުރި ފިރިހެނަކު ދެއްކުމަކީ، ޖިނާއީ ކުށެއްކަމުގައި ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ކަނޑައަޅާފައި ނުވާކަން.

އެހެންކަމުން، އެ ޢަމަލަކީ، ޖިނާއީ ކުށެއްކަމުގައި ބަލައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ޖިނާއީ އިޖުރާޢަތެއް އެ ޢަމަލާމެދު ހިންގޭނެ ގޮތެއް ނުވިސްނޭކަން.

ފުލުހުންނަށް ތަޙްޤީޤުކުރުމުގެ ބާރު ލިބިދެނީ، ޖިނާއީ ކުށްކަމުގައިވާއިރު، އަދި، ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާކުރާނަމަ، ދަޢުވާކުރާނީވެސް، ކޮންމެވެސް ޖިނާއީ ކުށެއްގެ ދަޢުވާކަމުގައިވާއިރު، “މަސައްކަތު މާޙައުލުގައި ޖިންސީ ފުރައްސާރުކުރުން” މި ޢަމަލުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއްކޮށް، ޖިނާއީ ދަޢުވާއެއް އުފުލާނެ ގޮތެއް ރާއްޖޭގައި ނެތްކަން.

މިފަދަ ޙާލަތެއްގައި ހަމައެކަނި، ކުރެވޭނެ ކަމަކަށް އޮންނާނީ، ސުލޫކީ މިންގަޑާ ޚިލާފު އެކަށީގެންނުވާ އަމަލެއް ކަމަށް ބަލައި، ޑިސިޕްލިނަރީ ނުވަތަ ތައުދީބީ ފިޔަވަޅެއް އެޅުންކަން، އަދި، މަޖިލީހުން ކުރިކަމަކީ، ވަޒީފާ ދިންފަރާތުގެ ހައިސިއްޔަތުން އަދި، ވަކިކުރުމުގެ ބާރު އޮތް ފަރާތުގެ ހައިސިއްޔަތުން، އަދި، ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތް ފަރާތުގެ ހައިސިއްޔަތުން، ތައުދީބީ ފިޔަވަޅު އެޅުންކަން.

އެއީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ވަނުންކަމުގައި ބެލޭނެގޮތެއް ނުވިސްނޭކަން.

ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސްގެ ޢަމަލަކީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށެއްކަމަށް އެއްވެސް ބޭފުޅަކު ވިދާޅުވާނަމަ، އެ ޤާނޫނެއްގެ އެ މާއްދާއެއް ބަލާލަން އަޅުގަނޑުވެސް ބޭނުންވާކަން. އަދި، އެ ޤާނޫނު މި ގައުމުގައި އޮތްކަމަށް ސާބިތުނުވާހާހިނދަކު، ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސްގެ ޢަމަލަކީ، ތައުދީބީ ނުވަތަ ޑިސިޕްލިނަރީ ޢަމަލެއްކަމާއި، މަދަނީ ނިޒާމުގެ ތެރޭން ބެލޭނެ އަމަލެއްކަމާއި، ޖިނާއީ އަދުލުގެ ނިޒާމު ދަންނާނެ އަމަލެއް ނޫންކަމަށް ބެލުމުގެ ފުރިހަމަ ޖާގަ ލިބިދޭކަން.

ދެވަނަ ނުކުތާ – ފުރިހަމަކުރަންޖެހޭ އިޖުރާޢަތު ނުވަތަ ޑިޔު ޕްރޮސެސް ފުރިހަމަކޮށްފައި ނުވުން

ފަހުމީގެ މައްސަލައިގައި މިނިވަން މުއައްސަސާ ކޮމިޓީން ޑިޔު ޕްރޮސެސް ނުވަތަ ފުރިހަމަކުރަންޖެހޭ އިޖުރާޢަތު ފުރިހަމަކޮށްފައި ނުވާކަމަށް ފާހަގަކުރައްވާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަނަކީ، އެހެންއެއްވެސް ފަރާތެއްގެ ދައުރެއް ނެތި، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ވަކިކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ތަނަކަށްވާކަން.

އަދި، މެންބަރަކު މަގާމުން ވަކިކުރެވޭނެ 3 ޙާލަތް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން. އަދި، އެ 3 ޙާލަތުގެ ތެރެއިން ޙާލަތެއް ވުޖޫދުގައި އޮތްކަމަށް ފެންނަންޖެހެނީ މަޖިލީހުގެ ކޮމިޓީއަކަށް ކަމަށާއި، އެގޮތަށް ކޮމިޓީއަކަށް ފެނިއްޖެނަމަ މަޖިލީހުން ގޮތެއް ނިންމުން އެދި ހުށަހަޅަންޖެހެނީ، މަޖިލީހުގެ ތަޅުމަށް ކަމަށާއި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ޖަލްސާގައި ބައިވެރިވެ ވޯޓުލާ މެންބަރުންގެ އަޣްލަބިއްޔަތުން އެ ކޮމިޝަނުގެ އެ މެންބަރަކު ވަކިކުރެވިދާނެކަމަށް ޤާނޫނުއަސާސީގައި ބުނާކަން.

އެހެންކަމުން، ކަމާގުޅޭގޮތުން، މަޖިލިހުން ތަބާވާންޖެހޭ އިޖުރާޢަތު ތަބާވާންޖެހޭ މިންވަރަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އެއޮތީކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތްކަން.

އަދި، މަޖިލީހުގެ ކޮމިޓީތަކަށް ޝަކުވާ ހުށަހެޅުމުގެ ބާރު ޢާންމު ފަރުދުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާކަމާއި، އެ ޝަކުވާ ހުށަހެޅުމުން އެކަން ބަލާނެގޮތް، މަޖިލީހުގެ ގަވާއިދުގައި ބަޔާންވެގެންވާކަން. އަދި، މަޖިލިހުގެ ގަވާއިދަކީ، ސީދާ ޤާނޫނުއަސާސީގެ ދަށުން ހަދައި ހިންގައި، ޤާނޫނުގެ ބާރު ފުރިހަމައަށް ހިނގާ ގަވާއިދެއްކަން.

ކޮމިޓީތައް ބޭއްވުމާއި، ކޮމިޓީތަކުން މައްސަލަތައް ބެލުމުގެ އިޖުރާޢަތު މަޖިލީހުގެ ގަވާއިދާއި ކޮމިޓީގެ ގަވާއިދުގައި ބަޔާންވެގެންވާކަން.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފަހުމީއާ ގުޅޭގޮތުން ޢާންމު ފަރުދަކު ހުށަހެޅި ޝަކުވާ ބެލުމުގައި، ޤާނޫނުއަސާސީއާއި، މަޖިލީހުގެ ގަވާއިދާއި، އެ ކޮމިޓީގެ ގަވާއިދުގައި ބަޔާންވެގެންވާ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ޙުކުމުގައި، ޤާނޫނުއަސާސީއާއި ޤާނޫނުން މަޖިލީހުގެ މައްޗަށް މިހާތަނަށް ލާޒިމުކޮށްފައިނުވާ، އާ ޝަރުޠުތަކަކާއި އާ އިޖުރާޢަތުތަކެއް ލާޒިމުކޮށް ތަޢާރުފުކޮށްފައިވާކަން.

ވަކިކަމެއް ކުރުމުގައި، މަޖިލީހުން ތަބާވާންޖެހޭނެކަމަށް ޤާނޫނުއަސާސީން ބަޔާންކޮށްފައިވާ އިޖުރާޢަތުތަކަށްވުރެ އިތުރު އިޖުރާޢަތުތަކެއް ކަމާގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅައި، އަދި އެ އާ އިޖުރާޢަތުތަކަށް ޢަމަލުކުރުމަށް މަޖިލީހުގެ މައްޗަށް ލާޒިމުކުރެވިދާނެކަމާމެދު ސުވާލު އުފެދުން.

ތިންވަނަ ނުކުތާ -–މަޖިލީހުގެ ބާރުން ބޭރު ކަމެއްކަން

މަޖިލީހުން ފަހުމީ ވަކިކުރުމުގައި ޢަމަލުކުރި ގޮތަކީ، ޤާނޫނުއަސާސީއާއި ސިވިލް ސަރިވިސް ކޮމިޝަނުގެ ޤާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތް ކަމުގައިވާއިރު، ހަމައެކަނި އެ މައްސަލަ ބެލުމަށް ވަކިގޮތެއް، ނުވަތަ އިޖުރާޢަތެއް މަޖިލީހުގެ ކޮމިޓީން ނުވަތަ މަޖިލީހުން ތަޢާރުފުކޮށްފައި ނުވާކަން.

މަޖިލީހުގެ ނިންމުންތައް ހުންނަންވާނީ، ޤާނޫނުއަސާސީގެ ދާއިރާގެ ތެރޭގައި ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވާއިރު، އަދި، އެކަމަށް ބާރު ލިބިދޭގޮތަށް ޙަވާލާދެއްވާފައިވާ މާއްދާތަކަށް ބަލާއިރު، ދައުލަތުގެ ބާރަކަށް ލިބިދޭ ޤާނޫނީ ބާރު ޤާނޫނުއަސާސީގެ ދާއިރާގެ ތެރޭގައި ބޭނުންކުރުން، ހަމައެކަނި ލާޒިމުވަނީ، ރައްޔިތުންގެ މަޖިލީހަށް އެކަނި ނޫންކަމާއި، އެ އުސޫލު، ސުޕްރީމް ކޯޓުވެސް ހިމެނޭގޮތުން، ދައުލަތުގެ ހަމަކޮންމެ ބާރެއްގެ މައްޗަށްވެސް ހިނގާނެކަން.

އެހެންކަމުން، މަޖިލީހަށް ލިބިދީފައިވާ ބާރެއް، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުގެ ތެރޭގައި ބޭނުންކުރުމުން، އެ ބާރު ބޭނުންކުރިގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައެޅުމަކީ، ނުވަތަ ވަކިކަމެއް މަޖިލީހުން ކުރުމަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލާޒިމުކުރާ އިޖުރާޢަތުތަކުގެ މައްޗަށް އިތުރު އާ އިޖުރާޢަތުތަކެއް ކަނޑައަޅައި، އެ އިޖުރާޢަތުތައް ފުރިހަމަކުރަން ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް ލާޒިމުކުރުމަކީ، ސުޕްރީމް ކޯޓުވެސް، ސުޕްރީމް ކޯޓާ ޤާނޫނުއަސާސީން ހަވާލުވެފައިވާ ދާއިރާއިން ބޭރުން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ނުވަތަ އިޖުރާޢަތުތަކެއް ކަމަށް ބަލާނެ ޖާގަ އުފެދޭކަން.

ހަތަރުވަނަ ނުކުތާ – އޮތް ބާރެއް ބޭނުން ނުކުރެވުން

ދިމާވެފައިވާ މައްސަލައަކީ، މަޖިލީހަށް ނެތް ބާރެއް މަޖިލީހުން ބޭނުންކޮށްގެން އުޅުން ނޫންކަން. ނުވަތަ އެހެންބަޔަކަށް އޮތް ބާރެއް މަޖިލީހުން ބޭނުންކުރުން ނޫންކަން. އަދި، އެހެން ބަޔެއްގެ ބާރެއް މަޖިލީހުން ނިގުޅައިގަތުން ނޫންކަން.

މި ދިމާވި މައްސަލައަކީ، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު ވަކިކުރުމަކީ، މަޖިލީހަށް އޮތް ބާރެއް ކަމުގައިވާއިރު، އެ ބާރުގެ ބޭނުން ކުރެވޭނެ އިޖުރާޢަތު ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮވެމެ، ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައަޅައިދީފައިވާ އިޖުރާޢަތާ އެއްގޮތަށްވެސް، މަޖިލީހަށް އެ ބާރު ބޭނުން ނުކުރެވޭނެކަމަށް ކަނޑައެޅުންކަން.

ފަސްވަނަ ނުކުތާ – ނަޢީމް އޮޑިޓަރ ޖެނެރަލްކަމުން ވަކިކުރިގޮތް

އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޢީމް ވަކިކުރުމުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލި މައްސަލައަކީ، ދައުލަތުގެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވައިގެން އަމިއްލަ ޚަރަދުތަކެއް ކުރެއްވުމުގެ މައްސަލައެއް ކަމުގައިވާއިރު، އެކަމުގައި ޖިނާއީ ކުށެއްގެ ރުކުންތައް ހިމެނި، ޖިނާއީ ކުށެއްގެ ތުހުމަތު އޮތްއިރުވެސް، އެ ކޮމިޓީގެ ނިންމުމުގެމަތިން، މަޖިލީހުގެ ވޯޓަކުން، ނަޢީމް އޮޑިޓަރ ޖެނެރަލް ކަމުން ވަކިކުރި ކުރުމަށްވެސް، ފަހުމީގެ މައްސަލައިގައި މިއައި ޙުކުމުގެ އަސަރު ފުރިހަމައަށް ކުރާނެކަން، އަދި، އެ ކޮމިޓީގެ ނިންމުމާއި، އެ ނިންމުމުގެ މައްޗަށް މަޖިލީހުން ނެގި ވޯޓު، މިހާރު އެއޮތީ، ސުވާލު މާކެއްގެ ތެރޭގައިކަން.

އަދި، އެ ސުވާލު އެގޮތަށް އުފެދޭކަމަށްވާނަމަ، ނަޢީމް ވަކިކުރުމަށްފަހު މަޖިލީހުން އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް ޢައްޔަނުކުރި ނިޔާޒްގެ މަގާމުގެ ޤާނޫނީ ހައިސިއްޔަތާމެދު މިހާރު ސުވާލު އުފެއްދުމުގެ ފުރިހަމަ ފުރުޞަތު ލިބިދޭކަން. އަދި،  އެއް އޮޑިޓަރ ޖެނެރަލަކު މަގާމުން ވަކިނުވަނީސް، އެހެން އޮޑިޓަރ ޖެނެރަލަކު ޢައްޔަނު ނުކުރެވޭނެކަން.

ހަވަނަ ނުކުތާ- ޑަބަލް ޖެއޮޕަރޑީ މާނަކުރިގޮތުން އުފެދޭ ސުވާލު

ޑަބަލް ޖިއޮޕަރޑީ، ނުވަތަ އެއް ކުށަކަށް ދެ އަދަބު ނުލިބުމުގެ އުސޫލު މި ޙުކުމުގައި މާނަކޮށްދީފައިވާގޮތުން، މުހިންމު ޤާނޫނީ ސުވާލެއް އުފެދިއްޖެކަން.

އެއީ، ތައުދީބީ ނުވަތަ ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާ ޢަމަލަކީ، އެ ޢަމަލުގެ ސަބަބުން ޖިނާއީ ތުހުމަތެއް ކުރެވިދާނެ، ނުވަތަ ޖިނާއީ ކުށެއްގެ ރުކުންތައްވެސް ފުރިހަމަވާ ޢަމަލަކަށްވާނަމަ، ކަމާގުޅޭގޮތުން ޖިނާއީ ދަޢުވާއެއް މުސްތަޤްބަލުގައި ކުރެވިދާނެ އަމަލެއް ކަމުގައިވާނަމަ، (އެފަދަ ދަޢުވާއެއް ކޮށް ނިމިފައި، ނުވަތަ ކުރަމުންދާތީ އެއް ނޫން – ކުރުމަށް ފުރުޞަތު ހަމައެކަނި އޮތީތީ) ޖިނާއީ ދަޢުވާއެއްގައި ކުށް ސާބިތުނުވާހާހިނދަކު، އޭނާއަކީ، ކުށެއް ނެތް މީހެއްކަމަށް ބަލައި، އޭނާގެ މަގާމުން އޭނާ ވަކިކުރުމަށް ތައުދީބީ ނުވަތަ ޑިސިޕްލިނަރީ ފިޔަވަޅެއް އެޅުމަށް ފުރުޞަތު ނެތްކަމަށް މި ޙުކުމުން އަންގާކަން. އަދި، އޭނާއާމެދު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރުމުގެ ނިންމުމެއް ނިންމޭނީ، ޖިނާއީ ޢަދުލުގެ ހުރިހާ މަރުޙަލާއެއް ކަޑައްތުކޮށް ނިމުމުންކަމުގައި މި ޙުކުމުން ކަނޑައަޅާކަން.

އަދި، އެއީ ކަން އޮތްގޮތް ކަމުގައިވާނަމަ، މުވައްޒަފަކު ކުރި ޢަމަލެއް، އެއީ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިދާނެ ޢަމަލެއް ކަމުގައިވާނަމަ، އެއީ ކިތަންމެ ނުކިއްސަރު ޢަމަލެއް ކަމުގައިވީނަމަވެސް، އޭނާގެ މައްޗަށް ކުށެއް ސާބިތުނުވާހާހިނދަކު އޭނާ މަގާމުން ވަކިކުރުމުގެ ފުރުޞަތު އޭނާއަށް އެ ވަޒީފާ ދިން ފަރާތަށް ނެތްކަން.

އެހެންކަމަށްވާނަމަ، ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިދާނެ ޢަމަލެއް އެކުލެވޭގޮތުން ހިނގާ މިސްކޮންޑަކްޓްގެ މައްސަލަތަކުގައި، ނުވަތަ ސުލޫކީ ގަވާއިދާ ޚިލާފު ޢަމަލުތަކުގައި، މިހާތަނަށް ރާއްޖޭގައި ވަޒީފާއިން ވަކިކޮށްފައިވާ ފުލުހުންނާއި، ސިފައިންނާއި، ޚުދު ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އެހެން މުއައްސަސާތަކުގެ މުވައްޒަފުން، ވަޒީފާއިންވަކިކޮށްފައިވާ ގޮތާމެދު، އެކީއެކައްޗަކަށް މިހާރު ސުވާލު އުފެދިއްޖެކަން.

އަދި އެމީހުން އެމީހުންގެ މަގާމުން ވަކިކޮށްފައިވަނީ، މި ޙުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް ކަމުގައިވާތީ، އެމީހުންވެސް މަގާމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބަލައި، މަގާމަށް ރުޖޫޢަކޮށްދިނުމަށް އެދުމުގެ ފުރުޞަތު، އެ އެންމެންނަށް މުޅިން އެކީއެކައްޗަކަށް ހުޅުވިއްޖެކަން.

ހަތްވަނަ ނުކުތާ – ޑަބަލް ޖެއޮޕަރޑީ މާނަކޮށްފައިވާގޮތް

އެއް ކުށަކަށް ދެ ފަހަރަށް އަދަބު ނުދިނުމުގެ އުސޫލު ނުވަތަ އަދަބު ނުލިބުމުގެ ރައްކާތެރިކަން ކަމުގައި މިއަދާހަމައަށް ވިސްނިފައިއޮތީ، ޖިނާއީ އެއް ދަޢުވާ ސާބިތުނުވެ ނިމުމުން، ޖިނާއީ އަނެއް ދަޢުވާ ހަމަ އެ ކުށާ ގުޅިގެން ނުކުރެވުންކަން.

އަދި، ޖިނާއީގޮތުން އެއްފަހަރު އަދަބު ދެވިފައިވާ މީހެއްގެ މައްޗަށް ހަމަ އެ ކުށުގެ ޢަމަލުގެ މައްޗަށް އެހެން ޖިނާއީ ކުށެއްގައި  އެހެން ޖިނާއީ އަދަބެއް ކަނޑައެޅިދާނެ ދަޢުވާއެއް ނުހިންގުމަށްކަން.

މަދަނީގޮތުން އަޅާ ފިޔަވަޅާއި  ތައުދީބީގޮތުން ޑިސިޕްލިނަރީފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫންކަމަށްކަން. އަދި، ޖިނާއީ ދަޢުވާއެއްގެ ފަހުންވެސް، އަދި، ޖިނާއީ ދަޢުވާއެއްގެ ކުރިންވެސް، މަދަނީ (ސިވިލް) ނުވަތަ އިދާރީ (އެޑްމިނިސްޓްރެޓިވް) ނުވަތަ ތައުދީބީ (ޑިސިޕްލިނަރީ) ފިޔަވަޅު އެޅިދާނެ ކަމަށްކަން.

ތައުދީބީ ފިޔަވަޅެއް އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ ފަރާތަކުން އެ ފިޔަވަޅު އަޅަނީ، ޖިނާއީ ކުށެއް ކޮށްފައިވާތީ ޖިނާއީ އަދަބެއް ދިނުމުގެ ދައުރެއް އަދާކުރުމުގެގޮތުން، ނުވަތަ އެކަމުގެ ނިޔަތެއް އޮވެގެނެއް ނޫންކަން. އެކަމަކު، ދައުލަތުގެ މުވައްޒަފަކު ކުރަންނުޖެހޭ ކަމެއް ކޮށްގެން ނުވަތަ ކުރަންޖެހޭ ކަމެއް ނުކޮށްގެން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމާތްކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ނުވަތަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ތަބާވާންޖެހޭ ހަމަތައް އެގޮތުގައި ދެމެހެއްޓުން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައިކަން.

އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ މި ޙުކުމުން މީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅާއި މަދަނީ ފިޔަވަޅާއި އިދާރީ ފިޔަވަޅު އެޅުމުގައި މީހަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު މުޅިން ނެތިހިނގައްޖެކަން. އަދި، އެފަދަ ފިޔަވަޅެއް އެޅުމަކީ، އަދަބެއް ކަމުގައި ބަލައިފިކަން.  އަދި، އެއީ، ޖިނާއީ ދަޢުވާއެއް ފަހުން ކުރުމަށް އޮތް ފުރުޞަތު ބަންދުވުން ކަމުގައި ބަލައިފިކަން. އަދި، ޖިނާއީ ދަޢުވާ ނުކުރެވޭގޮތަށް އެހެން ފިޔަވަޅެއް ނޭޅޭނެކަމަށް ބަލައިފިކަން.

ތައުދީބީ ފިޔަވަޅާއި މަދަނީ ފިޔަވަޅާއި އިދާރީ ފިޔަވަޅަކީ، ޖިނާއީ ކުށުގެ ދަޢުވާކުރުމާއި ޖިނާއީ އަދަބުދިނުމާ  ތަފާތުކުރަންޖެހޭ ފިޔަވަޅުތަކެއް ކަމާއި، އަދި އެ ތަފާތު ދަމަހައްޓަންޖެހޭ ފިޔަވަޅުތަކެއްކަން.

މިނޫންގޮތަކަށް މިކަން މާނަކުރެވެން ފަށައިފިނަމަ، ފުލުހުންގެ ޚިދުމަތުންނާއި، ސިފައިންގެ ޚިދުމަތުންނާއި، ސިވިލް ސަރވިސްގެ ޚިދުމަތުން، ނުވަތަ އެނޫންވެސް އޮތޯރިޓީއަކުން ނުވަތަ މުއައްސަސާއަކުން ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި މީހަކު ވަކިކުރުމަކީ، މުސްތަޙިއްލު ކަމަކަށް ވެދާނެކަން.

އަދި، ވަޒީފާ އަދާކުރުމުގައި ކިތަންމެ ބޮޑު ޢަމަލެއް ހިންގިނަމަވެސް، އޭނާއާމެދު ޖިނާއީ ކުށެއް ސާބިތުވެ ނުނިމެނީސް އެއްވެސް ފިޔަވަޅެއް ނޭޅޭނަމަ، ދެން ނުކުންނާނެ މައްސަލަތައް ހިތަށްވެސް ނުގެނެވޭނެކަން.

އަށްވަނަ ނުކުތާ – ނަތީޖާ ތަފާތުވުން

ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސްގެ ޢަމަލަކީ، މި ރާއްޖޭގައި ޖިނާއީ ކުށެއްކަމަށް ބަޔަކު ޤަބޫލުކުރަނީ ކީއްވެގެންކަން އަޅުގަނޑަށް ނުވިސްނޭކަން. އަދި، އެއީ ޖިނާއީ ކުށެއްކަމުގައިވާނަމަ، އެ ކުށް އެގޮތަށް ބަޔާންކޮށްފައިއޮތީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގައި ކަން މިހާތަނަށް ފެނިފައި ނުވާކަން.

އަދި، އެއީ، ޖިނާއީ ކުށެއްކަމަށްވާނަމަ، އެކަން އެގޮތަށް ބަޔާންކޮށްފައިވާ ޤާނޫނެއް ދެއްކެންވާނެކަން.

އެ ޢަމަލަކީ، އަދި މިހާތަނަށް ސުލޫކީ ގަވާއިދުތަކުގައި ބަޔާންވެގެންވާ ޢަމަލެއްކަން، އަދި، އެފަދަ ކުށެއް ދިވެހިރާއްޖޭގެ ޤާނޫނު ފޮތްބައިގެ ތެރޭގައި ކުށެއްގެ ގޮތުގައި މިވަގުތަށް ނެތްކަން.

އެހެންކަމުން، ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސްގެ ޢަމަލަކީ، މަދަނީ (ނުވަތަ ސިވިލް) ނުވަތަ ތައުދީބީ (ނުވަތަ ޑިސިޕްލިނަރީ) ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގެންނެވިނަމަ، މި ޙުކުމް އައީހީ މުޅިން އެހެންގޮތަކަށް ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތްކަން.

އަދި، ސުޕްރީމް ކޯޓަކީ، އެ ކޯޓުގެ ޙުކުމްތަކުން ބަދެވިގެންވާ ކޯޓަކަށްނުވެފައި، އެކޯޓަކީ، އެކޯޓުގެ ހުކުމް ބަދަލުކުރުމުގެ ބާރު ލިބިދޭކޯޓެއްކަމުގައިވާތީ، ކުރިއަށްހުރި މިބާވަތުގެ މައްސަލަތަކުގައި، ސެކްޝުއަލް ހެރެސްމަންޓް އެޓް ވާރކްޕްލޭސް ގެ އަމަލަކީ މިއަދުގެ މި ތާރީޚާ ހަމައަށް ޖިނާއީ ކުށެއްކަމަށް ދެކެވަޑައިގަންނަވާ ނަޒަރިއްޔާ ބަދަލުކުރައްވަފާނެކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އޮތްކަން.

މިހެން މިދެންނެވީ، މިހާރުވެސް ޖިނާއީ ކޯޓުގެ ޤާޟީއެއްވެސް ހަމައެއްކަހަލަ މައްސަލައެއްގައި ވަޒީފާއަށް ނުކުތުން މަޑުޖައްސާލެވި، އޭނާގެ މައްސަލަ ބެލެމުންދާކަހަލަ ވާހަކަތަކެއް އަޑުއިވޭތީއެވެ.

ނުވަވަނަ ނުކުތާ – ރާޅުބާނި އަސަރު

މިހުކުމުގެ މުޅި އަމާޒަކީ، ވަކި މީހަކާމެދު މަޖިލީހުން ޢަމަލުކުރިގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައިދިނުން ކަމުގައިވީނަމަވެސް، އެކަން ކުރުމުގައި ސުޕްރީމް ކޯޓުން ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުންނާއި، އެ ކޯޓުން ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލުތަކާއި  ޤާނޫނީ ފިޤުހުގެ މިންގަނޑުތަކުގެ ސަބަބުން، ތައުދީބީ، އިދާރީ އަދި މަދަނީ ފިޔަވަޅު އެޅުމުގައި، މަސައްކަތުގެ މާޙައުލުން މީހުން ވަކިކުރުމަށް މިއައީ، އަސާސީ އިންޤިލާބީ ބަދަލެކެވެ.

އަދި، 2008 ގެ ޤާނޫނުއަސާސީ އަށްފަހުން، މިހާތަނަށް ވަކިކޮށްފައިވާ ގިނަ މީހުންނަށް މަގާމު އިޢާދަކޮށްދޭން ޖެހުމަކީ، މި ޙުކުމް ނިޔާކުރާގޮތުން، ވަރަށް ގާތްކަމެކެވެ. އެއީ، އެމީހުންގެ މައްސަލަތަކަށް ވަކިވަކިން ނަޒަރުކުރާއިރު، ސުޕްރީމް ކޯޓުގެ މި ޙުކުމުގައި ހުރި މިންގަނޑުތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ތަބާވެވިފައި ނޯންނާނެކަން ކަށަވަރުވާތީއެވެ. މި މިންގަޑުތައް އެހާމެ މައްޗެވެ.

ސުޕްރީމް ކޯޓުގެ ޙުކުމެއް ހިނގަނީ، އެ ޙުކުމުގެ ތާރީޚުން ފެށިގެންކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީގެ ރައްކާތެރިކަން ލިބިދޭން ފަށާފައިވަނީ، 2008 ގެ އޯގަސްޓުން ފެށިގެން ކަމުގައިވާތީ، އެހިސާބުން ފެށިގެން ވަކިކުރެވިފައިވާ މުވައްޒަފުންނަށް ކޯޓަށް ގޮސް، އެމީހުން ވަކިކުރިކުރުން ޞައްޙަތޯ ޓެސްޓުކުރުމުގެ ފުރުޞަތު މި ދެން ހުޅުވުނީކަން ހަމަގައިމުވެސް ޔަޤީންވީއެވެ.

އެހެންކަމުން، ދައުލަތުގެ މުއައްސަސާތަކުން 2008 ގެ ޤާނޫނުއަސާސީ އަށްފަހުން، މިހާތަނަށް ވަކިކުރި އެންމެންހެން، މި ޙުކުމުގެ ކޮޕީއެއް ހިފައިގެން ކޯޓަށް ގޮސް، މަގާމަށް އިޢާދަވާން މަސައްކަތް ފަށާތަން، ފެނުމަކީ، ވަރަށް ގާތްކަމެކެވެ. އެކަން އެމީހުން ނުކުރާންވީ ސަބަބެއްވެސް ނެތެވެ.

...