ފިކުރު

އަޅުގަނޑުގެ ސިޔާސީ ފިކުރަކީ، ބޮޑަށް ސެންޓަރ – ސެންޓަރ ލެފްޓް ފިކުރެކެވެ. ނުވަތަ ” ތާރޑް ވޭ ” ފިކުރެކެވެ. ނުވަތަ “ސޯޝަލް ޑިމޮކްރަސީ” ގެ ފިކުރެވެ.

އިޤްތިޞާދާ ގުޅޭ

މުޅި އިޤްތިޞާދު ހަމައެކަނި ބިނާވާންވާނީ، ބާޒާރުގެ ކުޅުންތެރިންގެ މައްޗަށް ނޫންކަމަށާއި، ހަމައެކަނި އޮންނަންވާނީ މުޅިން މިނިވަން އިޤްތިޞާދެއް ނޫންކަމަށް ތާއީދުކުރަން.

އިޖުތިމާޢީ ހަމަހަމަކަން ގާއިމުކުރުމަށާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބައެއްކަހަލަ ވިޔަފާރިއަކީ، ޢާންމު ވިޔަފާރީގެ ތެރެއަށް ދޫނުކުރެވޭނެ ވިޔަފާރިތަކެއް ކަމަށާއި، ބައެއްކަހަލަ ވިޔަފާރިއަކީ، ޤާނޫނާއި ހަމަ ކަނޑައަޅައިދިނުމަށްފަހު، އޭގެތެރެއިން ވިޔަފާރިކުރުމަށް ދޫކޮށްލަންޖެހޭ ވިޔަފާރިކަމަށާއި، ބައެއް ވިޔަފާރިއަކީ، އެކަމުގެ ވިޔަފާރި ނަފާ ނެރެވެން ނެތިގެން، ސަރުކާރުން ކުރުން ނޫން އެހެންގޮތެއް ނެތް ވިޔަފާރިކަމަށް ބެލެވޭ ވިސްނުމަށް ތާއީދުކުރަން.

ޢާންމުކޮށް ކުރެވިދާނެ ވިޔަފާރި ނުވަތަ ޢާންމުންގައި އެ ވިޔަފާރިކުރުމުގެ ޤާބިލުކަން ހުރި ވިޔަފާރި ސަރުކާރުން ނުކުރުމަށް ތާއީދުކުރަން.

މުޅިން މިނިވަން އިޤްތިޞާދަކާއި މުޅިން މިނިވަން ވިޔަފާރިއަކަށް މުޅި ޤައުމު ދޫކޮށްލުމުގެ ބަދަލުގައި، ކޮންމެވެސް ވަރެއްގެ ހިފެހެއްޓުންތަކެއްގެ ތެރެއިން ދޫކޮށްލެވޭ އިޤްތިޞާދަކަށް ނުވަތަ ވިޔަފާރި މައިދާނަކަށް ނުވަތަ މިކްސްޑް އިކޮނޮމީގެ ވިސްނުމަކަށް ތާއީދުކުރަން.

ދައުލަތުގެ އެހީއާ ގުޅޭ

އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތާއީދުކުރަން. އެގޮތުން، ބަލިވުމުން ދައުލަތުގެ އެހީތެރިކަން ލިބުމަށާއި – މުސްކުޅިވުމުން ދައުލަތުގެ އެހީތެރިކަން ލިބުމަށާއި – ވަޒީފާ ނުލިބުމުން ދައުލަތުގެ އެހީތެރިކަން ލިބުމަށާއި، ދިމާވާ ޚާއްޞަ ނިކަމެތިކަމުގައި ދައުލަތުގެ އެހީ ލިބުމަށް ތާއީދުކުރަން.

ހަމަހަމަކަމާ ގުޅޭ

އިޖުތިމާޢީ އަދާލަތަށް ތާއީދުކުރަން – އެއްގޮތް ޙާލަތުގައި ތިބި ދެމީހުންނާމެދު އެއްގޮތަށް ކަންކުރުމަށާއި – އަދި ދެގޮތް ޙާލަތުގައި ތިބި ދެމީހުންނާމެދު އެއްގޮތަކަށް ޢަމަލު ނުކުރުމަށް ތާއީދުކުރަން.

މުޖުތަމަޢުގައި ހުރި ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ޓާގެޓްކުރެވިގެން ކުރާ މަސައްކަތްތައް ކުރަން ތާއީދުކުރަން.

މުދާ ގަންނަ ފަރާތްތަކާ ގުޅޭ

މުދާ ލިބިގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އިސްކަންދޭން ތާއީދުކުރަން.

މަސައްކަތްތެރިންގެ ޙައްޤާގުޅޭ

 މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރަން އިސްކަންދޭން ތާއީދުކުރަން.

ލޭބަރ ޔޫނިއަނާއި ޓްރޭޑް ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔާތްކޮށްދޭ ޖަމާޢަތްތަކަށް ތާއީދުކުރަން.

ޓެކްސް ނެގުމާ ގުޅޭ

ލިބޭ އާމްދަނީގެ ނިސްބަތުން، ނުވަތަ ގަންނަ މުދަލުގެ ނިސްބަތުން، ނުވަތަ ލިބިގަންނަ ޚިދުމަތުގެ ނިސްބަތުން، ޓެކްސް ނެގުމުގެ ނިޒާމެއް އެކަށައެޅުމަށް ތާއީދުކުރަން.

އަންހެނުންގެ ދައުރާ ގުޅޭ

ފިރިހެނުންނާއި އަންހެނުންގެ މެދުގައި  ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމުގެގޮތުން، ޚާއްޞަ ރައްކާތެރިކަން އަންހެނުންނަށް ދީ ޤައުމީ މަޖިލިސްތަކާއި ސިޔާސީ މައިދާންތަކުގައި އަންހެނުންނަށް ގޮނޑި ރިޒާވްކުރުމުގެ އުސޫލަށް ތާއީދުކުރަން.

އަންހެނުންނަށް ކުރެވޭ އަނިޔާއާއި ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުމަށް ތާއީދުކުރަން.

މުސާރައާ ގުޅޭ

ދިރިހުރި، އަދި އެއިން ދިރިއުޅެވޭނެ މުސާރައެއް ދިނުމަށް ތާއީދުކުރަން.

ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެ، ޤައުމުގެ ފައިސާގެ އަގު ވެއްޓެމުންދާއިރު، އެ ނިސްބަތަށް ބުރަވެ، ލިބޭ މުސާރަ އިތުރުވަމުން ދިޔުމަށް ތާއީދުކުރަން.

ކޮންމެ ފަންނެއްގައި މަސައްކަތްކުރާ މީހަކަށްނަމަވެސް، ލިބޭނެ އެންމެ ކުޑަމިނުގެ މުސާރަ ކަނޑައެޅުމަށް ތާއީދުކުރަން.

ޤައުމީ ސިޔާސަތުތަކާ ގުޅޭ

ދެމެހެއްޓެނިވި، އަދި، އެއިން ޤައުމު ކުރިއަރާދަނިވި ސިޔާސަތުތަކަށް ތާއީދުކުރަން.

ވަޒީފާގެ ފުރުޞަތު އުފެދޭ ސިޔާސަތުތަކަށް ތާއީދުކުރަން.

ޚަރަދުކުރުމަށްފަހު، އެއިން އާމްދަނީއެއްވެސް ލިބޭ ސިޔާސަތުތަކަށް ތާއީދުކުރަން.

ބަޖެޓާ ގުޅޭ

ލިބޭ އާމްދަނީން ދެކޮޅުޖެއްސޭ ބަޖެޓަށް ތާއީދުކުރަން. ދަރަނި ކުޑަކުރެވޭނެ ސިޔާސަތުތަކަށް ތާއީދުކުރަން.

ރިކަރެންޓް ޚަރަދު، އިންވެސްޓްމަންޓްގެ ޚަރަދާ ބަލާއިރު، އާދަޔާ ޚިލާފަށް ބޮޑުވެގެން ނުދިޔުމަށް ތާއީދުކުރަން.

ކުރާ އިންވެސްޓްމަންޓްތަކަކީ، ހަމައެކަނި ރިކަރެންޓް ޚަރަދުތައް ކުރަންޖެހޭ އިންވެސްޓްމަންޓަށް ނުވުމަށް ތާއީދުކުރަން.

ތަޢުލީމާ ގުޅޭ

 ދައުލަތުގެ ޚަރަދުގައި، މެދު މަދުރަސީ ތަޢުލީމާ ހަމައަށް، ތަޢުލީމު އުގަންނައިދިނުމަށް ތާއީދުކުރަން.

މަތީ ތަޢުލީމަށް، ސީދާ ދައުލަތުންނާއި ދައުލަތް މެދުވެރިވެގެން އެހެން ގޮތްގޮތުން، އެހީތެރިކަން ފޯރުކޮށްދިނުމަށް ތާއީދުކުރަން.

ގުޅިގެން އާމްދަނީ އިތުރުކުރުމާ ގުޅޭ

އަމިއްލަ ފަރާތްތަކަށް ކުރެވޭ ވިޔަފާރިތައް ސަރުކާރުގެ ޚަރަދުގައި ނުކުރުމަށް ތާއީދުކުރަން.

ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން އިންވެސްޓްމަންޓާއި އާމްދަނީގެ ފުރުޞަތު ފުޅާކުރުމަށް ތާއީދުކުރަން.

ބައެއް މުހިންމު ސިނާއަތުތަކާއި ޤައުމީ ޚާއްޞަކަން ލިބިފައިވާ މުދާ ދިވެހިންގެ މިލްކުގެ ގޮތުގައި ބެހެއްޓުމަށް ތާއީދުކުރަން. އަދި އެފަދަ ވިޔަފާރިތަކުގައި ބޭރުގެ ފަރާތްތައް ހިމަނާނަމަ، ބޭރުގެ ފަރާތްތަކުން އެ ވިޔަފާރިތައް ކޮންޓްރޯލް ކުރެވޭފަދަ އަޣްލަބިއްޔަތެއް އެ ފަރާތްތަކަށް އެ ވިޔަފާރިތަކުން ނުދިނުމަށް ތާއީދުކުރަން.

ބޭރުގެ އިންވެސްޓްމަންޓާ ގުޅޭ

 ދިވެހިން ކޮށްއުޅޭ، ކަންކުރުމުގެ ޤާބިލުކަން ދިވެހިންގައި ހުރި ވިޔަފާރިތައް، ބޭރުގެ ފަރާތްތަކަށް ނުދިނުމަށް ތާއީދުކުރަން.

ބޭރުގެ އިންވެސްޓަރުން ގެނައުމަށްޓަކައި، އެމީހުންނަށް ލުއިފަސޭހަތަކެއް ޓެކްސްގެ ނިޒާމުގެ ތެރެއިން ލިބިދިނުމަށް ތާއީދުކުރަން.

ޑިމޮކްރަސީއާ ގުޅޭ

ދިވެހިންގެ މެދުގައި ޑިމޮކްރަސީ އާލާކުރުމަށާއި އަށަގެންނެވުމަށް މަސައްކަތްކުރަމުން ދިޔުމަށް ތާއީދުކުރަން.

ޑިމޮކްރަޓިކް މުއައްސަސާތަކާއި ސިފަތައް ވަރުގަދަކުރުމަށް ބާރުއަޅާ ޤާނޫނުތަކަށް ތާއީދުކުރަން.

ދިވެހިންގެ ދިވެހިވަންތަކަން ނުގެއްލި، އެއާ ލާމެހިގެންދާ ގޮތެއްގައި، ޑިމޮކްރަސީގެ އުސޫލުތައް ބަލައިގަތުމަށް ތާއީދުކުރަން.

ސަރުކާރުގެ ސައިޒާ ގުޅޭ

ލާޒިމީ ސަރުކާރު ކުޑަވުން ނުވަތަ ބޮޑުވުން ނޫންކަމަށާއި، ލާޒިމީ ނަތީޖާ ނެރެދެވޭ ސަރުކާރަކަށް ވުންކަމަށް ތާއީދުކުރަން.

ފަރުދުންގެ ހުރިހާކަމެއް ސަރުކާރުން ކޮންޓްރޯލް ނުކުރުމަށާއި، މުޅި މުޖުތަމަޢުގެ ފެންވަރުގައި ހިފަހައްޓަންޖެހޭ ތަރުތީބު އެގޮތުގައި ހިފެހެއްޓުމަށް ބޭނުންވާ ނިސްބަތަށް ފަރުދުންގެ ކަންކަން ކޮންޓްރޯލްކުރުމަށް ތާއީދުކުރަން.

ސަރުކާރުން އަދާކުރަން ނުޖެހޭ މަސްއޫލިއްޔަތު އަދާނުކުރުމަށް ތާއީދުކުރަން. ސިޔާސީ މަގާމުތައް ވަކި ނިސްބަތެއްގައި ހިފެހެއްޓުމަށް ތާއީދުކުރަން.

ބާރުތައް ބެހުމާ ގުޅޭ

 ބާރުތައް މަރުކަޒީ ނުކުރުމަށާއި، ލާމަރުކަޒީ ކުރުމަށް ތާއީދުކުރަން.

ކައުންސިލުތަކަށް ކުރެވޭނެ ކަންކަން ކައުންސިލުތައް މެދުވެރިކޮށް ކުރުވުމަށް ތާއީދުކުރަން.

މުއައްސަސާތަކުގެ މެދުގައި ބާރުތައް ބަހާލުމަށާއި، އެއްގޮތް ކަންކަން އެކިތަންތަނުން ނުކުރުމަށާއި، އެކެއްގެ ދައުރުގެ ތެރެއަށް އަނެކަކު ނުވަނުމަށް ތާއީދުކުރަން.

އަސާސީ ޙައްޤުތަކާ ގުޅޭ

އަސާސީ ޙައްޤުތަކާގުޅޭ ކަންކަމުގައި، ބައިނަލް އަޤްވާމީގޮތުން ޤަބޫލުކުރާ މިންވަރަށްވުރެ ބޮޑަށް ޙައްޤުތައް ހަނިނުކުރުމަށް ތާއީދުކުރަން.

އަނިޔާއާ ދެކޮޅަށް ފާޅުކުރެވޭ ވިސްނުމަށް ތާއީދުކުރަން.

ޒާތީދިރިއުޅުމުގެ ޙައްޤުތަކަށް އަރައިނުގަތުމަށް ތާއީދުކުރަން.

ޤާނޫނުގެ ޙުކުމަށް ތަބާވުމަށް ތާއީދުކުރަން.

ޙައްޤުތަކާގުޅޭ ކަންކަމުގައި، ޤާނޫނުން ނެއްޓިގެން އުޅުމަށް ވިސްނުމުގެ ބަދަލުގައި، ޤާނޫނުގައި އޮތްގޮތަށް އުޅުމަށް ތާއީދުކުރަން.

ކިޔުންތެރިންގެ ޚިޔާލު

ސައީދު އަހުމަދު

ނަޝީދުގެ ސިޔާސީ ފިކުރުގެ ތެރެއިން އަޅުގަޑު ބަލާލީ ތައުލީމީ ސިޔާސަތަށެވެ. ސާނަވީ އަދި މަތީސާނަވީ ތައުލީމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފަ ނެތްކަން ފާހަގަ ކުރެވުނެވެ. އަދި ޕްރީ ސްކޫލް ތައުލީމްވެސް ރަސްމީ ތައުލީމުގެ ނިޒާމުގެ ތޭގައި ހިމަނާވާހަކަ ދައްކާ ދުވަސްވަރެއްގައި އެކަމާ ބެހޭގޮތުންވެސް އެއްޗެއް ވިދާލުވެފައި ނުވާކަން ފާހަގަ ކުރަމެވެ.

# 1  
" ސައީދު އަހުމަދު " 25 September 2012 | 9:14

ޚިޔާލުފާޅުކުރައްވާ

މުހިންމު
މުހިންމު، ޕަބްލިޝް ނުކުރެވޭނެ.

ބޭނުންފުޅުނަމަ ފުރުއްވަން.