ތަޢާރުފް

އަޅުގަނޑަކީ މިހާރު ހިނގަމުންމިދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. އަޅުގަނޑު ތަމްސީލުކުރަނީ ކުޅުދުއްފުށި ދެކުނު ދާއިރާ. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު އިންތިޚާބުވީ 9 މެއި 2009 ގައި. ހުވާކުރީ 28 މެއި 2009 ގައި.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަޅުގަނޑު ނުކުތީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި، އަމިއްލަގޮތުން. އަޅުގަނޑަކީ، އެއްވެސް ސިޔާސީ ޕާޓިއެއްގެ މެންބަރެއް ނޫން.

11 ނޮވެމްބަރު 2008 ގައި އުވިދިޔަ ސަރުކާރުގެ ފަހު 3 އަހަރު، ރައީސް މައުމޫނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހުރިން. 14 ޖުލައި 2005 ގައި، ވަޒީރުންގެ މަޖިލީހާ ގުޅުނީ އިންފޮމޭޝަން އެންޑް އާޓްސްގެ ވަޒީރެއްގެ ގޮތުގައި. ފަހު އަހަރެއްހާދުވަހު ހުރީ ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ ވަޒީރެއްގެ ގޮތުގައި.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި މި ފެށީ އަދި ފުރަތަމަ ދައުރުނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއްގެ ގޮތުގައި 1994 ން 2005 އަށް އަޅުގަނޑު ޚިދްމަތްކުރިން. ވަޒީރުންގެ މަޖިލީހާ ގުޅުނީ، ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުކަމުގައި 7 އަހަރު ހުރުމަށްފަހު.

އަޅުގަނޑު ޤާނޫނީ ރޮނގުން، މެލޭޝިޔާގައި އެލް.އެލް.ބީ ޑިގްރީއެއް ހެދިން. އަދި 1994 އިން ފެށިގެން، އަޅުގަނޑަކީ ރައްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ޤާނޫނީ ވަކީލެއް.

އަޅުގަނޑުގެ ޝައުޤުވެރިކަން ހުންނަނީ ޤާނޫނީ ދާއިރާއަށް. ބިލުތައް އެކުލަވާލުމާއި، ބިލުތައް ތަރުޖަމާކުރުމާއި، ޤާނޫނު ބޭނުންވާ ދާއިރާތަކަށް ޤާނޫނުތައް ތަޢާރުފުކުރުމާއި، ޤާނޫނުތައް އިޞްލާޙުކުރަންޖެހޭ ދާއިރާތަކުގެ ޤާނޫނުތައް އިޞްލާޙުކުރުމަށް. ދައުލަތް ހިންގުމުގައި، ޤާނޫނުގެ ދައުރު ވަރުގަދަކުރުމުގެ މައްޗަށް. ޤާނޫނުގެ ޙުކުމް ހިނގުމުގެ މައްޗަށް.

Share

...