ތިމާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު

ތާރީޚް: 14 September 2017

ޖިނާޢީ ދަޢުވާގެ ޝަރީޢަތް ކުރެވޭހިނދު، ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، އިންސާނީ އަސާސީ ޙައްޤުތަކުގެ ތެރެއިން ރައްކާތެރިކުރެވިގެންވާ ޙައްޤެކެވެ. ރާއްޖޭގައިވެސް، މި ޙައްޤަކީ، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.

މި ޙައްޤުގެ ފެށުން ގުޅިފައިވަނީ، އިންސާނީ ޙައްޤުތަކުގެ އާލަމީ ޤަރާރުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއެވެ. ޖިނާޢީ ދަޢުވާއެއް ކުރެވޭހިނދު، އެ ދަޢުވާ ރައްދުވާ މީހާއާމެދު ޢަދުލުވެރި އަދި ހަމަހަމަކަމާއެކު ޝަރީޢަތް ހިންގުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ ހިސާބުންނެވެ.

ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ އަހުދުICCPR  ގެ 14 ވަނަ މާއްދާއިންވެސް އިތުރަށް ތަފްޞީލުކޮށްދީ ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި އަހުދުގައި ދިވެހިރާއްޖޭން ބައިވެރިވެފައިވަނީ، 19 ސެޕްޓެމްބަރު 2006 ގައެވެ.

 

ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު

ICCPR ގެ 14 ވަނަ މާއްދާއާއި އެ އަހުދުގެ އެހެން ބައެއް މާއްދާތަކުގެ މައްޗަށް ބިނާކޮށް، “ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު” ތަކުގެ ގޮތުގައި ނުވަތަ “ފެއަރ ޓްރަޔަލް ރައިޓްސް” ގެ ގޮތުގައި ބެލެވޭ ޙައްޤުތަކެއް ހުރެއެވެ. އަދި، އެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި، އުސޫލުތަކެއްވެސް ކަނޑައެޅިފައި ހުރެއެވެ. އެ އުސޫލުތައް ބޭނުންކުރަނީ، ޝަރީޢަތެއްގެ ޢަދުލުވެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާ މިންގަނޑެއްގެ ގޮތުގައެވެ.

ޝަރީޢަތެއްގެ ޢަދުލުވެރިކަން ކަނޑައެޅުމުގެ އުސޫލުތައް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

 

އިކުއަލިޓީ އޮފް އާރމްސް ގެ ޕްރިންސިޕަލް

“ފެއަރ ޓްރަޔަލް ރައިޓްސް” ނުވަތަ “ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު” ތަކުގެ ތެރެއިންވެސް އެންމެ އަސާސީ އެއް ޙައްޤަކީ، “އިކުއަލިޓީ އޮފް އާރމްސް” ގެ އުސޫލެވެ. އެއީ، ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭފަރާތަށް ޝަރީޢަތުގައި، މައުޟޫއީގޮތުންނާއި އިޖުރާޢީގޮތުން ދެވޭ ހައިސިއްޔަތާއި އެ ދެފަރާތަށް ދެވޭ ފުރުޞަތުތައް ހަމަހަމަވެގެންވުމުގެ ޙައްޤެވެ. ކޯޓުގެ ކުރިމަތީގައި ދަޢުވާގެ ދެފަރާތް ހަމަހަމަވެގެންވުމާއި، އެއްފަރާތަށް ލިބޭ ނުވަތަ ދެވޭ ފުރުޞަތު ހަމަ އެ ބީދައިން އަނެއްފަރާތަށްވެސް ލިބިގެންވުމުގެ ޙައްޤެވެ. 

އިކުއަލިޓީ އޮފް އާރމްސްގެ އުސޫލުގެ ތެރޭގައި، ތިމާގެ ހާޒިރުގައި ދަޢުވާ ކުރިއަށް ގެންދިޔުމާއި، ވަކީލެއްގެ އެހީތެރިކަން ލިބުމާއި، އަމިއްލައަށް ނުވަތަ ވަކީލެއް މެދުވެރިކޮށް ދަޢުވާއިން ދިފާޢުވުމާއި ޖަވާބުދާރީވުމަށް މަސައްކަތްކުރުމާއި، ތިމާއާ ދެކޮޅަށް ހެކިބަސް ދޭ މީހުންނާއި ސުވާލުކުރުމާއި ހުށަހެޅޭ ހެއްކަށް ޗެލެންޖުކުރުމުގެ ޙައްޤު ލިބިގެންވުން ހިމެނެއެވެ.

 

ދިވެހި ޤާނޫނުއަސާސީ

ފެހި ޤާނޫނުއަސާސީގެ ދެވަނަ ބާބަކީ، ICCPR ގެ އަހުދުގެ ޚުލާޞާ ތަރުޖަމާއެކޭ ބުނުމަކީ، ދޮގަކަށް ނުވާނެއެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް އެ އަހުދުގައި ހުރި މައިގަނޑު ހުރިހާ ޙައްޤުތަކެއް، ދިވެހި ޤާނޫނުއަސާސީން ބަލައިގަނެ ކަށަވަރުކޮށްދީފައިވެއެވެ.

ދިވެހި ޤާނޫނުއަސާސީގެ މާއްދާތަކުގެ ތެރެއިން 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާގައި ފެއަރ ޓްރަޔަލް ރައިޓްސް  ނުވަތަ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤުތައް ހިމެނިގެންވެއެވެ.

އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ޤާނޫނުއަސާސީގެ 42 (ހ) އިން، އަދި، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު 42 ގެ (ށ) އިން ކަށަވަރުކޮށްދެއެވެ.

ހަމައެހެންމެ، 51 ވަނަ މާއްދާގެ އެކި އަކުރުތަކުން، އަންނަނިވި ޙައްޤުތައްވެސް ލިބިދީ ކަށަވަރުކޮށްދެއެވެ.

  • އެމީހެއްގެ ހާޒިރުގައި ޝަރީޢަތްކުރެވުން.
  • ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުން.
  • އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ލިބުން.
  • އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުން.
  • އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ކުށް ޝަރީޢަތަށް ސާބިތުވުން. އެހެންނޫންނަމަ، ކުށެއްނެތް މީހެއްކަމުގައި ބެލުން.

 

68 އާއި 69

ޤާނޫނު އަސާސީގެ 68 ވަނަ މާއްދާވެސް މި މައުޟޫޢަށް މުހިންމެވެ.

އަސާސީ ޙައްޤުތަކުގެ ބާބުގައި ހިމެނޭ ޙައްޤުތައް މާނަކުރުމުގަޔާއި ލިބިދިނުމުގައި، ހުޅުވާލެވިފައިވާ ދިމިޤްރާތީ މުޖުތަމަޢުތައް ޤަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެކަމަށް އެ މާއްދާ ބުނެއެވެ. އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެ ކަމަށްވެސް އެ މާއްދާ ބުނެއެވެ.

އަދި، ހަމައެހެންމެ، މި ޤާނޫނުއަސާސީން ލިބިދޭ ޙައްޤަކަށް އުނިކަން ލިބިދޭފަދަ ޢަމަލެއްކުރުމަށް ފުރުޞަތު ލިބިދޭގޮތަށް އެއިން ޙައްޤެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެންވެސް ނުވާނެކަމަށް، ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއިން އަންގައިދެއެވެ.

 

ޙައްޤު ހިފެހެއްޓުން

ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނީ، ނުވަތަ އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، 2 ޓެސްޓަކުން ފާސްވާނަމައެވެ. އެ ދެ ޓެސްޓު ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ހ) ގައެވެ. އެއް ޓެސްޓަކީ، އިޖުރާޢީގޮތުން ފުރިހަމަވާންޖެހޭ ޓެސްޓެކެވެ. އަނެއް ޓެސްޓަކީ، މައުޟޫޢީގޮތުން ފުރިހަމަވާންޖެހޭ ޓެސްޓެކެވެ.

ފުރަތަމަކަމަކީ، އެކަންކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށެވެ. މާނައަކީ، ޤާނޫނުގެ މާނައިގައި ހިމެނޭ ގަވާއިދެއް މެދުވެރިކޮށް ނުވަތަ އުސޫލެއް މެދުވެރިކޮށް އެކަމެއް ނުކުރެވޭނެއެވެ. އެކަންކުރެވޭނީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށެވެ. މިއީ، އިޖުރާޢީގޮތުން ފުރިހަމަވުން ލާޒިމު ޓެސްޓެކެވެ.

ދެވަނަކަމަކީ، އެގޮތަށް ފާސްކުރާ ޤާނޫނަކުންވެސް އެކަން ކުރެވޭނީ، މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށެވެ. މިއީ، މައުޟޫޢީގޮތުން ފުރިހަމަވުން ލާޒިމު ޓެސްޓެކެވެ.

މާނައަކީ، އަސާސީ ޙައްޤެއް ހަނިކުރެވޭނީ، މައުޟޫޢީގޮތުންނާއި އިޖުރާޢީގޮތުން ފުރިހަމަވާންޖެހޭ ދެކަމެއް ފުރިހަމަވުމުންނެވެ. މިއީ، އަސާސީ ޙައްޤު ހިމާޔަތްކޮށްދިނުމަށް ލާފައިވާ ރައްކާތެރިކަމުގެ މުހިންމު ދެ ފަށަލައެވެ.

މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި ޙައްޤެއް ހިފެހެއްޓޭނެ ގޮތަކީ، ކޮބައިކަން ބަލަންޖެހޭނީ، އެފަދަ ޤައުމެއްގައި ޙައްޤެއް ހިފަހައްޓާފައި އޮތްގޮތަށް ނުވަތަ މިންވަރަށް އެކަންޏެއް ނޫނެވެ.

މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި ޙައްޤެއް ހިފެހެއްޓޭނެ މިންވަރާއި ގޮތާއި ނިސްބަތް ބަޔާންކޮށްދީފައި އޮންނަނީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައެވެ.

16 ވަނަ މާއްދާގެ (ނ) ގައި އެވާ މިންގަނޑުތައް އުފަންވެގެން އައިސްފައިވަނީ، 1986 ވަނަ އަހަރު ކެނެޑާގެ ސުޕްރީމް ކޯޓުން R v Oakes ގެ ނަމުގައި ބެލި ޤަޟިއްޔާގެ ޙުކުމުންނެވެ. އެ މިންގަނޑުތައް ޢާންމުވެގެން ގޮސްފައިވަނީ، އޯކްސް ޓެސްޓްގެ ގޮތުގައެވެ.

ކެނެޑާގެ ސުޕްރީމް ކޯޓުގެ އެ ޙުކުމުން ކަނޑައެޅި މިންގަނޑުތައް، ސައުތު އެފްރިކާގެ ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގައި ހިމަނާފައިވެއެވެ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި އެ އޮތްގޮތަށް އެ ލިސްޓު އައިސްފައިވަނީ، ސައުތު އެފްރިކާގެ ޤާނޫނުއަސާސީންނެވެ.

 

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު

ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެ ޙައްޤު ޤާނޫނުއަސާސީން އެހެން ލިބިދީފައި އޮއްވައި، ޤާނޫނަކުން ނޫންގޮތަކަށް އެ ޙައްޤު ހަންޏެއް ނުކުރެވޭނެއެވެ. އަދި، ނުވެސް ހިފެހެއްޓޭނެއެވެ. 

2 ޖުލައި 2017 ގައި ޢަމަލުކުރަންފެށި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު މެދުވެރިކޮށް، ތިމާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު، ބައެއް ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި ހިފެހެއްޓެން އޮތެވެ. އެހެންނަމަވެސް، އެ ޤާނޫނުގެ އެއްވެސް މާއްދާއަކުން، އެ ޙައްޤު އެއްވެސް މިންވަރަކަށް ހަނިކޮށްފައެއް ނުވަތަ ހިފަހައްޓާފައެއް ނެތެވެ.

އަދި، ކީއްތޯއެވެ. އެ ޤާނޫނުން ކަނޑައަޅައިދޭ ދަޢުވާގެ ނިޒާމު ބިނާކޮށްފައިވަނީ، އަދި ހުރިހާ މާއްދާއެއްވެސް ލިޔެ އެކުލަވާލާފައިވަނީ، ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރުމުގެ ޙައްޤު އެއީ އޮތް ޙައްޤެއްކަމަށް އިފްތިރާޟް (ޕްރިޒިޔުމް) ކޮށްގެން، އެ ޙައްޤަށް ދިރުން ލިބޭގޮތަށެވެ. 

މިސާލަކަށް އަންނަނިވި މާއްދާ ފުދެއެވެ.

156 (ރ) ގައިވާގޮތުން، ދަޢުވާ ލިބޭމީހާ ޙުކުމް އިއްވާއިރު ޝަރީޢަތުގެ މަޖިލީހުގައި ހުންނަންޖެހޭކަން ފާހަގަކޮށްފައިވާކަމާއި، އޭނާ އެވަގުތު ހުންނަންވީ ގޮތްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.

 

ނިންމުން

ޖިނާއި އިޖުރާއަތުގެ ޤާނޫނު އައުމުން، ޖިނާޢީ ހުރިހާ ދަޢުވާއެއްގެ ހުރިހާ މަރުޙަލާތަކެއްގެވެސް އިޖުރާޢަތުތަކާގުޅޭ ކަންކަން ހިންގާނީ، އެ ޤާނޫނުގެ ދަށުންކަމަށް އެ ޤާނޫނުގެ 212 ވަނަ މާއްދާއިން އެނގެއެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤުތަކުގެ ތެރެއިން، ތިމާގެ ހާޒިރުގައި ޝަރީޢަތްކުރުމުގެ ޙައްޤު އެއްވެސް މިންވަރަކަށް ހިފަހައްޓަން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުން މަސައްކަތްކޮށްފައިނުވާތީ، އެ ޙާލަތުގައި، ޤާނޫނުއަސާސީން އެ ލިބިދޭ ތިމާގެ ހާޒިރުގައި ޝަރީޢަތްކުރުމުގެ ޙައްޤު، އޭގެ ފުރިހަމަ ޒާތުގައި ހިންގަމުންދާނެކަން، ކަށަވަރުކަމަށް ބަލަން ޖާގަ އެބައޮތެވެ.

Share

...