މެންބަރުން މަޖިލީހަށް ޙާޒިރުކޮށްދިނުން

ތާރީޚް: 1 August 2017

ހައްޔަރުގައި ތިބި މަޖިލިސް މެންބަރުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހަށް ޙާޒިރުކޮށްނުދީގެން ކުރެވޭ ޝަކުވާތައް ގިނައެވެ. ޙަޤީޤަތަކީ، މިކަމުގައި، ފުލުހުން އެތިބީ، ވަރަށް އުނދަގޫ ޙާލަތެއްގައެވެ. އެއްކޮޅުން، މަޖިލީހަށް ޙާޒިރުކޮށްދީފިނަމަ، ސުޕްރީމް ކޯޓުގެ ޙުކުމަކާ ޚިލާފުވެވިދާނެކަމަށް ހީވާހީވުމެވެ. އަނެއްކޮޅުން، ޙާޒިރުކޮށްނުދީފިނަމަ، މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފުވާ ޚިލާފުވުމެވެ.

ފަސްމަންޒަރު

ތަންކޮޅެއް ދުރަށް ޖެހިލާނަމެވެ. އޮގަސްޓް ބާރަ ތޭރައިގައި ޚާއްޞަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހައްޔަރުކޮށް، ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބިއެވެ. އޭރުގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ކަހަލަ ޙާޒިރުކޮށްދިނުމާގުޅޭ މާއްދާއެއް ނޯވެއެވެ. އަދި، ޚާއްޞަ މަޖިލިސްވެސް އޭރު ހަމަ އަދި އެކުލަވާލާނިމި، އުޅެނީ އެ މަޖިލީހުގެ ގަވާއިދު ހެދުމުގެ ތެރޭގައެވެ. ބަންދުގެ މުއްދަތުގައި، އެ މެންބަރުން ޚާއްޞަ މަޖިލީހަށް ޙާޒިރުކޮށެއް ނުދެއެވެ.

2004 ގެ ސުނާމީއާ ގުޅިގެން ދެވުނު މަޢާފަށްފަހު، އެ މެންބަރުން އަލުން ޚާއްޞަ މަޖިލީހުގެ މަސައްކަތާ ގުޅިވަޑައިގަތެވެ. އަދި، ގަވާއިދު ހެދުމުގައި ބައިވެރިވެވަޑައިގަތެވެ. އޭރު އެންމެ ބޮޑަށް އެބޭފުޅުން ބޭނުންފުޅުވީ، ހައްޔަރުކުރުމާ ދެކޮޅު، އަދި، ހައްޔަރުކޮށްފިނަމަ، މަޖިލީހަށާއި ކޮމިޓީތަކަށް ގެނައުމާ ގުޅޭގޮތުން ޢަމަލުކުރާ އުސޫލުތައް ދިރާސާކޮށް، އެފަދަ މާއްދާތަކެއް ޚާއްޞަ މަޖިލީހުގެ ގަވާއިދުގައި ހިމަނާށެވެ. ޚާއްޞަ މަޖިލީހުގެ ގަވާއިދު ނިމިގެންދިޔައީ، އެ މާއްދާތައް ޚާއްޞަ މަޖިލީހުގެ ގަވާއިދުގައި ހިމެނިގެންނެވެ.

ހައްޔަރުކުރުމާ ދެކޮޅު، އަދި، ހައްޔަރުކޮށްފިނަމަ، މަޖިލީހަށާއި ކޮމިޓީތަކަށް ގެނައުމާ ގުޅޭގޮތުން ޢަމަލުކުރާ އުސޫލުތައް ރާއްޖެއަށް ތަޢާރުފުވީ، އެހިސާބުންނެވެ. މިދަންނަވާލީ، އެކަމުގެ ތާރީޚެވެ.

މަޖިލީހުގެ ގަވާއިދު

ޚާއްޞަ މަޖިލީހުގެ މަސައްކަތް ނިމި، އާ ޤާނޫނުއަސާސީ އައިސް، އެ ޤާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގައި، އެއްކަލަ އުސޫލު އެއޮތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނިގެންދިޔައެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މެންބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމިޓީގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ ކަމުގައެވެ.

އެ މާއްދާ މަޖިލީހުގެ ގަވާއިދުގައި ހިމެނުނު ހިސާބުން، ކުދިބޮޑު ހުރިހާ ޙާލަތްތަކެއްގައިވެސް، ފުލުހުން ދިޔައީ، މި މާއްދާއަށް ފުރިހަމައަށް ތަބާވެ ޢަމަލުކުރަމުންނެވެ. ވަރުގަދަ އެއް މިސާލު އަޅުގަނޑުގެ ހަނދާނަށް ކުއްލިއަކަށް އެބައާދެއެވެ.

އެއްރޭ ރޭގަނޑު، ބަރު ހަތިޔާރާއެކު، ސިފައިން ގޮސް، އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ގޭގެ ދޮރު ހަލާކުކޮށްލައިގެން އެގެއަށް ވަދެ، އޭނާ ހައްޔަރުކޮށް، ދޫނިދޫއަށް ގެންދިޔައެވެ. އެކަން ރައްޔިތުންނަށް ފެނުނީ، މުނާސަބަތާ ނުބައްދަލު މާ ވަރުގަދަ ކަމެއްގެ ގޮތުގައެވެ. އެކަމަކު، ވިދިގެންއައި ދުވަހު، އަޅުގަނޑު މަޖިލީހަށް ދިޔައިރު، ނާޒިމް މަޖިލީހުގައި އިންނެވިއެވެ. މިއީ، ހަމައެންމެ މިސާލެކެވެ.

އިމްތިޔާޒު ޤާނޫނު އުފަންވުން

މި އުސޫލުން ކަން ހިނގަމުންދަނިކޮށް، 2013 ވަނަ އަހަރުގެ ތެރޭގައި އުފަންވީ، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އެވެ. ކުރުކޮށްނަމަ، އިމްތިޔާޒު ޤާނޫނެވެ. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލު (މުޅިން އެއްގޮތަށް އެއް ޢިބާރާތުން ނޫންނަމަވެސް) އިމްތިޔާޒު ޤާނޫނުގެ ތެރެއަށް ނަގުލުވެގެންގޮސްފައިވެއެވެ. އެއީ، އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާއެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މިހެންނެވެ.

މެންބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އޭނާ ހިމެނޭ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޙައްޤު، އޭނާއަށް ލިބިގެންވެއެވެ.

އިމްތިޔާޒް ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނަނީ، މިހެންނެވެ.

މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަޙްޤީޤުގެ މަރުޙަލާގައި، ނުވަތަ ޖިނާއީ ކުށެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ޙުކުމެއް ތަންފީޛުކުރުމުގެ މަރުޙަލާގައި، މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ، ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުކޮށްދޭންވާނެއެވެ.

ދުސްތޫރީ މައްސަލަ ހުށަހެޅުން

މިހެން މި ވާހަކަ އިމްތިޔާޒު ޤާނޫނުގައި އޮއްވައި، އެޓަރނީ ޖެނެރަލް އޮފީހުން 2013 ގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ. އެއީ، ސުޕްރީމް ކޯޓުގެ ނަންބަރު  2013/SC-C/12 ޤަޟިއްޔާ "އިމްތިޔާޒު ޤަޟިއްޔާ" ގެ ގޮތުގައި ބެލުނު ޤަޟިއްޔާއެވެ. އެއީ، ޤާނޫނުއަސާސީއާ ޚިލާފުވާ މާއްދާތަކެއް އިމްތިޔާޒު ޤާނޫނުގައި ހުރިކަމަށް ބުނެ، އެ މާއްދާތައް ބާޠިލުކޮށްދޭން ހުށަހެޅި މައްސަލައެކެވެ. އޭގެ ތެރެއިން އެއް މާއްދާއަކީ، އެ ޤާނޫނުގެ 16 ވަނަ މާއްދާއެވެ.

އިމްތިޔާޒު ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި، އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބައެއް ކަންކަން ފާހަގަކުރިއެވެ.

ފުރަތަމަ ކަމަކީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަ މެންބަރަކު މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ގެނެސްދިނުމަށް ލާޒިމުކުރާ އިމްތިޔާޒަކީ، އެއްވެސް ހިފެހެއްޓުމެއްނެތި މުޠުލަޤަށް ލިބިދެވޭނެ އިމްތިޔާޒެއް ނޫންކަމާއި، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެންބަރުންނަށް އެ އިމްތިޔާޒު ނުހިނގާނެކަމެވެ. އަދި، އިމްތިޔާޒު ލިބިދިނުމުގެ މައިގަނޑު އަސާސަކީ، މެންބަރެއްގެ މައްޗަށް ސިޔާސީ ބޭނުމެއްގައި ބަޔަކުކޮށްފާނެ ޙަޤީޤަތާ ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ ސަބަބުން އެ މެންބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅިގެން ނުދިޔުންކަމާއި، ކުށުގެ ވެށިން ހައްޔަރުކުރާއިރު އެފަދަ ރޭވުމަކަށް ނުވަތަ ޝަކުވާއަކަށް ފުރުޞަތު ނޯންނާނެކަމެވެ.

ދެވަނަ ކަމަކީ، ޙުކުމް ތަންފީޒުކުރަމުންދާ މަރުޙަލާގައި ތިބޭނީ، ކުށް ސާބިތުވެފައިވާ މީހުން ކަމަށާއި، މި އިމްތިޔާޒު ޤަޟިއްޔާގެ ކުރިން ބެލުނު ސުޕްރީމް ކޯޓުގެ ނަންބަރު  2011/SC-C/46 "އިސްމާއިލް ޢަބްދުލްޙަމީދުގެ ގޮނޑި ގެއްލުނު މައްސަލަ" ގައިވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން، ކުށްވެރިންނަކީ، މަޖިލީހުގެ ޙުރުމަތްތެރި އިމުގެ ތެރެއިން ޖާގަ ލިބިދޭންޖެހޭ ބައެއް ނޫންކަމަށާއި، އެއްވެސް ނިޒާމެއްގައި ކުށްވެރިންނަކީ، ރައްޔިތުން ތަމްސީލުކުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ބައެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.

މިދެންނެވި ސަބަބުތައް ފާހަގަކުރެއްވުމާއެކު، ސުޕްރީމް ކޯޓުގެ ޙުކުމުން ބާޠިލުކުރެއްވީ، އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާގައި ހިމެނޭ މަތީގައި ދެންނެވިދިޔަ ނުކުތާތައް ނިސްބަތްވާ ބައިތައް އެކަންޏެއް ނޫނެވެ. އެ މާއްދާގެ ދެންހުރި ބައިތައްވެސް ހިމެނޭގޮތަށް މުޅި މާއްދާއެވެ.

މިއަދުގެ ޙާލަތު

ދެންނެވިދިޔަ ކަންކަމަށް ބަލައި، ފަސް ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ.

ފުރަތަމަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ޙުކުމަކުން އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާ ބާޠިލުކުރައްވާފައި ވީނަމަވެސް، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ އެ ޙުކުމުން ބާޠިލުކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، މަޖިލީހުގެ ގަވާއިދުގެ އެ މާއްދައަކީ، ދިރިއޮތް ޞައްޙަ މާއްދާއެއްކަމަށް ބެލުމުގެ ފުރުޞަތު މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށް އެބައޮތެވެ. ބާޠިލުކުރެއްވި އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދެމެދުގައި ތިމާގެ ކަމެއް ހުރިނަމަވެސް، އެ ދެ މާއްދައަކީ، މުޅިން އެއްގޮތް ދެ މާއްދާއަށް ނުވާތީ، މިގޮތަށް ބެލުމުގެ ފުރުޞަތު އަދި ވަކީން ބޮޑުވެއެވެ.

ދެވަނަ ނުކުތާއަކީ، މަޖިލީހުގެ ގަވާއިދަކީ، އިމްތިޔާޒު ޤާނޫނަށްވުރެ ދޮށީ ގަވާއިދެކެވެ. އަދި، އިމްތިޔާޒު ޤާނޫނު އައުމުގެ ކުރީންވެސް، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ފުލުހުން ދިޔައީ ފަރުވާތެރިކަމާއެކު ޢަމަލުކުރަމުންނެވެ. އެހެންކަމުން، މަޖިލީހުގެ ގަވާއިދަށްވުރެ މާފަހުން އައި އިމްތިޔާޒު ޤާނޫނުގެ މާއްދާއެއް އުވާލިކަމުގައި ވީނަމަވެސް، އިމްތިޔާޒު ޤާނޫނުގެ ކުރިން ފުލުހުން ޢަމަލުކުރަމުންއައި މަޖިލީހުގެ ގަވާއިދު އަދިވެސް އޮތީ ޞައްޙަކަން މަތީކަމަށާއި، އެހެންކަމުން ކުރިންވެސް ޢަމަލުކުރަމުން އައިގޮތަށް އެއަށް ފުލުހުން ޢަމަލުކުރަން ޖެހޭނެކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ތިންވަނަ ނުކުތާއަކީ، މަޖިލީހުގެ ގަވާއިދަކީ، ދައުލަތުގެ ދެވަނަ ބާރު ކަމުގައިވާ ޤާނޫނު ހަދާ މަޖިލީހުން، ޤާނޫނުއަސާސީން ބާރުލިބިގެން ސީދާ އެ ޤާނޫނުއަސާސީގެ ދަށުން ހަދައި ހިންގާ އެ މަޖިލީހުގެ ގަވާއިދުކަމުން، އެ ގަވާއިދަކީ، ޤާނޫނީ ބާރު ފުރިހަމައަށް ލިބެގެންވާ ޤާނޫނެކޭ އެއްފަދައިން ޢަމަލުކުރުން ލާޒިމު ގަވާއިދެއްކަމުގައި ބެލުމަށް ބުރަވާންޖެހުމެވެ.

ހަތަރުވަނަ ނުކުތާއަކީ، އިމްތިޔާޒު ޤާނޫނުގެ 16 ވަނަ މާއްދާ އުވާލުމުގައި ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ޙާޒިރުކޮށްދޭން ނުޖެހޭނީ ކުށުގެ ވެށިން ހައްޔަރުކުރެވޭ މީހުން އެކަންޏެވެ. ސުޕްރީމް ކޯޓުގެ ޢިބާރާތުން ދަންނަވާނަމަ، މެންބަރެއްގެ މައްޗަށް "ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ޙަޤީޤަތާ ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ ސަބަބުން އެ މެންބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅިގެން" ނުދިޔުމަކީ، އިމްތިޔާޒު ލިބިދިނުމުގެ މައިގަނޑު މަޤްޞަދު ކަމަށްވާތީ، އެ ނަޒަރުން ބަލާއިރު، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެންބަރުންނަކީ، އެފަދަ ރޭވުމަކަށް ނުވަތަ ޝަކުވާއަކަށް ފުރުޞަތު އޮންނާނެ ބައެއް ކަމުގައި ނުބެލެވޭނެތީއެވެ. އެހެންނަމަވެސް، ހައްޔަރުކުރެވޭ މެންބަރުންގެ ތެރެއިން، ކުށުގެ ވެށިން ހައްޔަރުކުރެވޭ މެންބަރުން ފިޔަވައި، ހައްޔަރުކޮށްފައި ތިބޭ އެނޫން މެންބަރުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ޙާޒިރުކޮށްދޭންވާނެ ކަމަށް ބެލުމުގެ ފުރުޞަތު ބޮޑެވެ.

ކުރިން އިޝާރާތްކުރި އިސްމާއިލް އަބްދުލްޙަމީދުގެ ގޮނޑި ގެއްލުނު މައްސަލައިގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ސުޕްރީމް ކޯޓުން ފާހަގަކޮށް ބަލައިގަނެ، އެ މާއްދާގެ އުސޫލު ނަގަހައްޓައިދީފައިވާކަން އެ ޤަޟިއްޔާއިން އެނގެން އޮތުމަކީ، މިހެން ދަންނަވަން ބާރު ލިބިދޭ ކަމެކެވެ.

ފަސްވަނަ ނުކުތާއަކީ، މިހާރު މި އުފެދިގެންއުޅޭ މައްސަލަތައް ގިރާކުރެވި، މަޖިލިސް ހަމައަކަށް އެޅުމުން، އިމްތިޔާޒު ޤާނޫނުގެ އުވިދިޔަ 16 ވަނަ މާއްދާ، އިމްތިޔާޒު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ އިމުގެ ތެރެއިން އަލުން އުފަންކުރުން މުހިންމުކަމެވެ. އޭރުން، މިކަމުގައި ކުރިއަށްދާނެ ގޮތަކާމެދު، ބައެއް ފަރާތްތަކުގެ ހިތްތަކުގައި މިހާރު އެ އުފެދޭފަދަ ޝައްކަކަށް ޖާގައެއް ނޯންނާނެއެވެ.

ނިންމުން

އިމްތިޔާޒު ޤަޟިއްޔާގައި ސުޕްރީމް ކޯޓުގެ ޙުކުމް އައިސްފައިވާގޮތުން، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ޢަމަލުކުރުމަށް އޮތް ފުރުޞަތު ނެތިގެންދާ ކަމަކަށް ނުދެކެމެވެ. އަދި، ހަމައެހެންމެ، މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ ކަމެއް ކުރުމަކީ، ބައެއްގެ ނުވަތަ މީހެއްގެ އިޚްތިޔާރަށް ދޫކޮށްލެވިދާނެ ކަމެއްކަމަކަށްވެސް ނުދެކެމެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ޢަމަލުނުކޮށްފިނަމަ، މަޖިލީހުގެ މެންބަރަކަށް ލިބިދޭ އިމްތިޔާޒުގެ މަޤްޞަދު ހާސިލުނުވުމުގެ ބިރު އެބައޮތެވެ. ސުޕްރީމް ކޯޓުން ވިދާޅުވެފައިވާ ފަދައިން، މަޖިލީހުގެ އިމްތިޔާޒުގެ މަޤްޞަދަކީ، "މެންބަރެއްގެ މައްޗަށް ސިޔާސީ ބޭނުމެއްގައި ބަޔަކުކޮށްފާނެ ޙަޤީޤަތާ ޚިލާފު ކެހިވެރި ޝަކުވާތަކާއި ދަޢުވާތަކުގެ ސަބަބުން އެ މެންބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލުކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅިގެން" ނުދިޔުމެވެ. އިމްތިޔާޒު އޮތުމުގެ މި މަޤްޞަދު ހާސިލު ނުވެދިޔުމަކީ، ކަންބޮޑުވުން ޖާއިޒު ކަމެކެވެ.

މިއީ، އަޅުގަނޑުގެ އަމިއްލަ ޚިޔާލެވެ.

Share

...