ފްލޯރ ކްރޮސިންގގެ ބަހުސް

ތާރީޚް: 12 July 2017

މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ މައްސަލައަކީ، ފްލޯރ ކްރޮސިންގގެ މައްސަލައެވެ. މިއީ، މުހިންމު ޤައުމީ މައްސަލައަކަށްވާތީއާއި، އެކަމުގެ ރާޅުބާނި އަސަރު ވަރަށް ދުރަށް ދެމިގެންދާނެތީ، މިކަމުގައި އަޅުގަނޑު ދެކޭގޮތް ސާފުކޮށް ދަންނަވާލަން ބޭނުންވެއެވެ. މުޅި މަސައްކަތު ޙަޔާތްހެން ވޭތުވެގެން މިދިޔައީ، ރައްޔިތުންގެ މަޖިލިހާގުޅޭ މަސައްކަތްތަކުގައި ކަމުގައިވާތީ، އެތަނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި އެއްޗެއް ނުބުނެ ހުންނަން އުނދަގޫކަމުންނެވެ. މި މައްސަލައިގައި އަޅުގަނޑުގެ އަމިއްލަ އެއްވެސް މަސްލަޙަތެއް ނެތެވެ. އަޅުގަނޑުގެ ގޮނޑި ގެއްލިދާނެ ކަމެއް އަދި ދިމަލެއް ނުވެއެވެ. އެހެންނަމަވެސް، އުސޫލީ ފެންވަރެއްގައި މި މައްސަލައަށް އެއްޗެއް ބުނުން ލާޒިމުކަމަށް ޤަބޫލުކުރެވެނީއެވެ.

‘ފްލޯރ ކްރޮސިންގ’ މި ލަފްޒު އަސްލު ބޭނުންކުރަނީ، ސަރުކާރު ފަޅީގައި ތިބޭ މެންބަރުން، ޕާޓީ ބަދަލުކުރުމަށް ނުވާގޮތަށް، އިދިކޮޅު ފަޅީގައި ތިބޭ މެންބަރުންނާއެކު ވޯޓު ދިނުމަށެވެ. ޕާޓީ ބަދަލުކުރުމަށް ކިޔަނީ، ޕާޓީ ސްވިޗިންގއެވެ. އެކަމަކު، މިއަދު، ތިމާ ނިސްބަތްވާ ޕާޓީ އަމިއްލައަށް ދޫކޮށްލިނަމަވެސް، އަދި، އެ ޕާޓީގެ ލައިނަށް ވޯޓުނުދީގެން ޕާޓީން ވަކިކުރިނަމަވެސް، އަދި، އަމިއްލައަށް އެހެން ޕާޓީއަކަށް ބަދަލުވިނަމަވެސް، މަޖިލިހުގެ މެންބަރުކަން ގެއްލޭނެ ވާހަކަ ބުނުމަށްވެސް ފްލޯރކްރޮސިންގއޭ ކިޔައެވެ.

ފުރަތަމަ ނުކުތާ – އިންތިޚާބުވަނީ ޕާޓީ ތަމްސީލުކުރުމަށްތޯ ނުވަތަ ރައްޔިތުން ތަމްސީލުކުރުމަށްތޯ؟

ކޮންމެ ޕާޓީއެއްގެ ޓިކެޓުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހޮވުނުނަމަވެސް، މިހާތަނަށް ރައްޔިތުންނަށް ވިސްނިފައި އޮންނަނީ، މެންބަރުން އިންތިޚާބުކޮށް މަޖިލިހަށް ފޮނުވަނީ، ވަކި ސިޔާސީ ޕާޓީއެއް ތަމްސީލުކުރަން ނޫންކަމަށާއި، އެ އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުން ތަމްސީލުކުރުމަށް ކަމަށެވެ.

މިހެން ދެކެންޖެހޭ ސަބަބެއްވެސް އެބައޮތެވެ. ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ވަރަށް ސާފުބަހުން ބުނަނީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ޢަމަލުކުރަންވާނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، މެންބަރުންގެ އިންތިޚާބީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތްކުރުންވާނެ ކަމަށްވެސް އެ މާއްދާގައި ބުނެއެވެ.

ރާއްޖޭގެ ޕާޓީ ނިޒާމު މިހާތަނަށް ބޭނުންކުރެވިފައިވަނީ، އިންތިޚާބުތަކުގައި ވާދަކުރާއިރު، ތަރުތީބުކުރެވިގެން އިންތިޒާމުކުރެވިގެން ސިޔާސީ މަސައްކަތްކުރުމަށް އެކަންޏެވެ. ދައުލަތުގެ ރަސްމީ މަސައްކަތުގެ ތެރެއަށް އެއަށްވުރެ ބޮޑަށް ސިޔާސީ ޕާޓީތަކުގެ ދައުރު ވައްދާތަނެއް ނުފެނެއެވެ.

މެންބަރަކު އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، އެވަގުތަކު ބައެއް އެއްޗެހި ބައެއް މީހުން ބުނެލިނަމަވެސް، އެކަން މާދުރަށްދާ ތަން ފެނިފައެއް ނެތެވެ. އަދި، އެކަން އާޚިރުގައި ބިނާވެފައި އޮންނަނީ، އެ މެންބަރަކާއި އޭނާ ނިސްބަތްވާ ދާއިރާއާ ދެމެދު އޮތްގުޅުމެއްގެ މައްޗަށެވެ.


ދެވަނަ ނުކުތާ – ގޮނޑި ބަދަލުކުރަނީ ކީއްވެ؟

ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު، އެ ޕާޓީގެ ޓިކެޓު ދޫކޮށްލުމަށް މެދުވެރިވާ ސަބަބުތަކެއް ހުރެއެވެ. ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.

  • އިންތިޚާބަށްފަހު ޕާޓީގެ ސިޔާސަތާއި މަސައްކަތްކުރާގޮތް ބަދަލުވެ، ދާއިރާގެ ރައްޔިތުންނަށް ކަމެއް ކޮށްނުދެވޭ މިންވަރަށް ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި މެންބަރުންނާއި އެ މެންބަރުން ނިސްބަތްވާ ޕާޓީ ދުރަށްދިޔުން.
  • ޕާޓީއާ ގުޅި، ކުރިއަށްދާން ނިންމިއިރު އޮތް ޙާލަތަށްވުރެ ގޯސް ޙާލަތަކަށް ޕާޓީން ޤައުމު ގެންދަން ފެށުމުން، އެ ޕާޓީގައި ދެމިހުރުމަށްވުރެ ނުހުރުން ރަނގަޅުކަމަށް ފެނުން.
  • ޕާޓީއާމެދު ރައްޔިތުން ދެކޭގޮތް، މަތީ ދަރަޖައަކަށް ބަދަލުވެގެންދިޔުން.
  • ޤާނޫނުއަސާސީގެ އުސޫލުތައް ހިފަހައްޓައި ކުރިއަރުވާތަން ނުފެނި، ދާއިރާގެ ރައްޔިތުން މާޔޫސްވެ ނާއުންމީދުވާން ފެށުން.
  • ޕާޓީގައި ހުރެގެން ސިޔާސީގޮތުން ކުރިއަށްދިޔުމަށްވުރެ، ޕާޓީއާ ދުރަށްގޮސްގެން ކުރިއަށްދެވެން އޮތްތަން ފެނުން.
  • ޕާޓީއަށާއި ޕާޓީގެ ސިޔާސަތުތަކަށާއި ޢަމަލުތަކަށް ދާއިރާގެ ރައްޔިތުންގެ ނަފްރަތާއި ނުޤަބޫލުކަން ލިބެންފެށުން.
  • މުޅިން އަމިއްލަ ޒާތީ މަސްލަޙަތާއި މަންފާތައް ކުރިއެރުވުމަށް އެނބުރެވޭތަން އައުން.
  • އަލުން އިންތިޚާބުވާން ބަލާއިރު، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓުލައިގެން ރައްޔިތުންގެ މަޤްބޫލުކަން ހޯދައިގެން އަލުން އިންތިޚާބުވާން ފުރުޞަތު ބޮޑުވުން. އަދި، ހުރި ޕާޓީގައި ހުރެގެން އެކަން އެގޮތަށް ކުރެވެން ނެތުން.

 

ތިންވަނަ ނުކުތާ – އެންޓި ޑިފެކްޝަނަކީ، ރިޔާސީ ސިފައެއްތޯ؟

އެންޓި ޑިފެކްޝަންގެ އުސޫލަށް ތާއީދުކުރާ ގިނަ ޤައުމުތަކަކީ، ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ޤައުމުތަކެވެ. އެކަން އެހެންވާންޖެހޭ ސަބަބުތަކެއްވެސް ހުރެއެވެ.

ބަރުލަމާނީ ނިޒާމުތަކުގައި، ސަރުކާރު އުފެދެނީ، މަޖިލިހުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މެދުގައި ކަމުގައިވާތީ، އިންތިޚާބު ނިމި އަދި ސަރުކާރު އެކުލަވާލާއިރު މަޖިލިހުގެ ގޮނޑިތައް އެހުރިގޮތަށް ބެހެއްޓުމަކީ، ސަރުކާރު ދެމިއޮތުމަށް ސީދާ މުހިންމުވާ ކަމެކެވެ.

ބަރުލަމާނީ ނިޒާމުތަކުގައި، ސިޔާސީ ޕާޓީތަކުން އެ އުސޫލަށް ތާއީދުކުރަނީ، އެ ޕާޓީތަކުގެ ކޮންޓްރޯލްގެ ދަށަށް އެ ޕާޓީގެ މެންބަރުން ގެނައުމަށެވެ. އަދި، އެ ކޮންޓްރޯލް ދެމެހެއްޓުމަށެވެ. އެހެންނޫންނަމަ، ސަރުކާރު ވެއްޓިދާނެކަމުގެ ސީދާ އަދި ސާފު ބިރުއޮތުމުންނެވެ.

އެހެންނަމަވެސް، ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ޤައުމުތަކުންވެސް، މި އުސޫލު މިހާރު ދޫކޮށްލަން ފަށައިފިއެވެ. އެއީ، މި އުސޫލު ދެމެހެއްޓުމުން، މެންބަރުން ހިފަހައްޓަންޖެހޭ ޕާޓީގެ ވިސްނުމާއި އެ މެންބަރުން ތަމްސީލުކުރާ އިންތިޚާބީ ދާއިރާތަކުގެ ވިސްނުމާ ދެމެދު ބޮޑު ތަފާތެއް އައުމެވެ. އަދި ޕާޓީގެ ވެރިން ނިންމާގޮތަކަށް ތަބާވެގެން ތިބެ ދައުރު ނިންމާލަންޖެހުމެވެ. މިކަމުން އުފެދޭ މައްސަލަތައް ގިނަވުމެވެ. މި އުސޫލަށް ޢަމަލުކުރުމަށްފަހު، އެކަން ދޫކޮށްލި ޤައުމުތަކުގެ ތެރޭގައި ސައުތު އެފްރިކާއާއި ނިއުޒިލެންޑް ހިމެނެއެވެ.

ބަރުލަމާނީ ނިޒާމާ ޚިލާފަށް، ރިޔާސީ ނިޒާމުގައި، ވެރިކަމަށް ރައީސަކު އިންތިޚާބުކުރަނީ، އަދި މަޖިލިހަށް މެންބަރުން އިންތިޚާބުކުރަނީ، ވަކި ދެ އިންތިޚާބަކުންނެވެ. އެކަކު ދެމިހުރުމަށްޓަކައި އަނެކަކު ދެމިހުރުން ލާޒިމެއް ނޫނެވެ. ރައީސްގެ ޕާޓީއަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ، އެ ރައީސެއްގެ ނަސީބު ރަނގަޅުވުމެވެ. ވެރިކަން ކުރަން ފަސޭހަވާނެ ކަމެކެވެ. އެކަމަކު، ރައީސަށް މަޖިލިހުގެ މެޖޯރިޓީ އޮތުމަކީ، ލާޒިމުކަމެއް ނޫނެވެ. އަދި، މެޖޯރިޓީ ނެތުމަކީ، ވެރިކަން ވެއްޓެންޖެހޭ ސަބަބެއްވެސް ނޫނެވެ. އެމެރިކާގެ ނިމިދިޔަ އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައިވެސް، އޮބާމާއަށް ކޮންގްރެސްގެ މެޖޯރިޓީއޮތީ، ކިހާވަރަކަށްތޯއެވެ؟

ރިޔާސީ ނިޒާމުތަކުގައި، ޕާޓީގެ ލައިނާ ދެކޮޅަށް ވޯޓު ދިންނަމަވެސް، ސަރުކާރަކީ، މަޖިލިހާ ވަކިން އޮންނަ ތަނެއް ވީމާ، ސަރުކާރުގެ ދެމިއޮތުމަށް، އެކަމުން އަސަރުނުކުރާތީ، ޕާޓީއާ އެއްކޮޅަށް ވޯޓު ނުދިނުމަކީ، މާބޮޑު މައްސަލައަކަށް ނުވެއެވެ. ހަމައެކަނި ތަފާތަކަށްވަނީ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެސަރުކާރާ އެއް ޕާޓީއަކަށް ނިސްބަތްވާ މެންބަރުންގެ ވޯޓު ނުލިބުމެވެ. އަދި، މަޖިލިސް ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި، ގިނަ މަޝްވަރާތަކެއް ކޮށްގެން، މެންބަރުންގެ ފަރާތުންވެސް ބައެއް ކަހަލަ ބަދަލުތައް ޤާނޫނުތަކަށް ގެނެސްގެން، ކޮމްޕްރޮމައިޒްކުރުމާއި ގިވް އެންޑް ޓޭކްގެ އުސޫލުން ކަންކަން ކުރަންޖެހުމެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް ވެރިކަމަށް އައީ، މުހިންމު އެއް ވަޢުދުވެގެންނެވެ. އޮބާމާ ކެއަރ އުވާލައި، އޭގެ ބަދަލުގައި ރައްޔިތުންނަށް އާ ނިޒާމެއް ގެނެސްދިނުމުގެ ވަޢުދެވެ. ކޮންގްރެސްގައި މިވަގުތު އޮތީވެސް ރިޕަބްލިކަން މެޖޯރިޓީއެކެވެ. އެހެންކަމާއެކުވެސް، އެމަނިކުފާނު އެއުޅުއްވަނީ، އެތައް މަސައްކަތަކުންވެސް، އަދިވެސް، އެ މަނިކުފާނު އެ ބޭނުންފުޅުވެގެން އުޅުއްވާ ޤާނޫނު ކޮންގްރެސްގެ ތެރޭގައި ހިންގައި ނުގަނެވިގެންނެވެ. ހަމަ މެންބަރުންނަށް އެއްބަސްނުވެވިގެންނެވެ.

އެންޓި-ޑިފެކްޝަނަށް ޢަމަލުކުރާ ޤައުމުތައް މަދުނަމަވެސް، އޭގެ ތެރެއިންވެސް ގިނަ ޤައުމުތަކުގައި މިކަން ބަޔާންކޮށްފައި އޮންނަނީ، ޤާނޫނުއަސާސީގައި މަޖިލިހުގެ ގޮނޑި ގެއްލޭ ޙާލާތްތައް ބަޔާންކުރުމުގެ ތެރޭގައި، އެކަމުގެ އެއް ޙާލަތުގެ ގޮތުގައެވެ. އަދި، ތަފްޞީލުތައް އައިސްފައި ހުންނަނީ، އެންޓި-ޑިފެކްޝަން ޤާނޫނުތަކުގައެވެ.


ހަތަރުވަނަ ނުކުތާ – ރާއްޖޭގެ ޤާނޫނުއަސާސީ ބުނަނީ ކީކޭ؟

ރާއްޖޭ ޤާނޫނުއަސާސީ ބައްޓަންކުރެވިފައި އޮތީ، ރިޔާސީ ނިޒާމަކަށެވެ. ސުޕްރީމް ކޯޓުން މިދާކަށްދުވަހު ނެރުނު ޙުކުމެއްގައިވެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ، ރިޔާސީ ނިޒާމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގައި ސިޔާސީ ޕާޓީގެ ދައުރު މާބޮޑަކަށް ބަޔާންކޮށްފައެއް ނުވެއެވެ. އެކަން ހަމައެކަނި އޮންނަނީ، އަސާސީ ޙައްޤެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ބުނެ، އެހިސާބުން ނިންމާލާފައެވެ. އަދި، ރައްޔިތުން ވޯޓުދެނީ، ޕާޓީ ލިސްޓަކަށް ނުވަތަ ވަކި ޕާޓީއެއް ތަމްސީލުކުރަން ކަމަށް ދޭހަވާ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީއަކު ނެތެވެ. އަދި ކީއްތޯއެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގަން ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ މީހަކަށްވެސް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.

އަދި އެއަށް އިތުރު ބާރެއް ދީ، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވެސް ބުނަނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި، މެންބަރުންގެ އިންތިޚާބީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތްކުރަންވާނެކަމަށްވެސް އެ މާއްދާގައި ބުނެއެވެ.

މިއީ ޕާޓީގެ ފިކުރާއި ޕާޓީލައިން ހިފަހައްޓަން ލާޒިމުވާނަމަ، ކުރެވޭނެކަމެއް ނޫނެވެ.

އަދި، ވޯޓު ދޭގޮތަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން، ތަޙްޤީޤެއް ހިންގައި ދަޢުވާއެއްކޮށް ބަންދެއްކޮށް ހައްޔަރެއްކޮށް ހަދައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެއެވެ. މި ރައްކާތެރިކަން މިގޮތަށް އޮއްވައި، ވިޕްލައިނަކާ ޚިލާފަށް ވޯޓެއްދީގެން ޕާޓީން ކަނޑާލުމަކީ، ނުވަތަ އިންތިޚާބުވި ޕާޓީ ދޫކޮށްލުމަކީ، އިންތިޚާބުކޮށްފައިވާ މެންބަރެއްގެ ރަސްމީ ވަޒީފާއަށް އަސަރެއް ކުރާގޮތަށް އޭނާގެ އިންތިޚާބީ ގޮނޑި ގެއްލުވާލެވިދާނެ ސަބަބަކަށް ވާނެގޮތެއް ނޭނގެއެވެ.

ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާގޮތުން، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީވެސް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމުގައިވާއިރު، ރައްޔިތުންގެ މަސްލަޙަތަށްވުރެ ޕާޓީ ލައިން އިސްވަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

އަދި، މަޖިލިހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ޙާލަތްތައް ކަމަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި 4 ޙާލަތެއް ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެތެރެއަށް އެހެން ޙާލަތެއް، ޤާނޫނުއަސާސީގެ އެ މާއްދާއަށް ބަދަލެއްނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ނުވިސްނެއެވެ.


ނިންމުން

މިދެންނެވި ކަންކަން އެހެންހުރުމާއެކު، ރިޔާސީ ނިޒާމަކަށް ހިންގަންޖެހޭ ޤައުމެއްގައި، ބަރުލަމާނީ އުސޫލުތައް ތަޢާރުފުކުރަން އުޅުމަކީ، ކޮންކަހަލަ ކަމެއްތޯ ސުވާލުކުރަންޖެހެއެވެ.

އަދި، މިކަން ކޮށްފައިހުރި ޤައުމުތަކުގައިވެސް، މިކަން ކޮށްފައިހުރީ، ޤާނޫނުއަސާސީގައި ހިމަނައިގެން، އެމައްޗަށް ތަފްޞީލު ޤާނޫނުތައް ހަދައިގެންނެވެ.

ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށްވެސް ނުފެނެއެވެ.

އެކަން ކުރެވިދާނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގައި އެކަން ކުރެވޭނެގޮތް ބަޔާންކުރުމެވެ. އަދި އެ މާއްދާތައް ދެން އަންނަ އިންތިޚާބަކުން ހިނގާގޮތަށް ހެދުމެވެ. އަދި ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އޭނާގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީއޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ރިކޯލް ވޯޓެއްގެ ފުރުޞަތު ރައްޔިތުންނަށް ދިނުމެވެ. އެނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެމެވެ.

Share

...