ދައުލަތުގެ ނަމުގައި ސަރުކާރުގެ ނަމުގައި ކުރާ ވިޔަފާރިއަށް އިތުބާރު އާލާކުރުން

ތާރީޚް: 8 May 2013

ދައުލަތުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކަކީ، ޤާނޫނުގައި ރަނގަޅު، ޤާނޫނުގައި އާރުލާ، ވިޔަފާރި މުޢާމަލާތްތަކަށްވުން ކޮންމެހެން ބޭނުމެވެ.

ދައުލަތުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކުގައި، ކުށެއް ކުރުމަކާ ނުލައި، ނުރަނގަޅު ޢަމަލެއްކުރުމަކާ ނުލައި، ބައިވެރިވާ އިންވެސްޓަރަށް ނުވަތަ ވިޔަފާރިވެރިޔާއަށް (އިނަސަންޓް ތަރޑް ޕާޓީއަށް) ޤާނޫނުގެ ރައްކާތެރިކަން ލިބިދިނުމަކީ، ދިވެހި ދައުލަތުގެ މައްޗަށް ނުވަތަ ދިވެހި ސަރުކާރުގެ މައްޗަށް އިތުބާރު އުފައްދައި ދެމެހެއްޓުމަށް އަސާސީ ފެންވަރުގައި ބޭނުންތެރި ކަމެކެވެ.

އަދި، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ލިބިދޭންޖެހޭ ޔަޤީންކަން ލިބިދިނުމަށްޓަކައިވެސް، އެއީ ކުރުން ލާޒިމު ކަމެކެވެ.

ދައުލަތުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކަކީ، ޤާނޫނުގައި ރަނގަޅު މުޢާމަލާތްތަކަކަށް ހެދުމަށްޓަކައި އިސްކަންދޭންޖެހެނީ، އެނޫންގޮތްގޮތަށް ހިނގާ މުޢާމަލާތްތައް ގިނަވެ، އެކަމުގައި ގެއްލުންވަމުންދާ އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ ނިސްބަތް އިތުރުވަމުންދާތީއެވެ.

މިހެން މިކަން ދިގު މުއްދަތަކަށް ވާންފަށައިފިނަމަ، ނުވަތަ ގިނަބަޔަކަށް މިކަން ދިމާވާން ފަށައިފިނަމަ، ދިވެހި ސަރުކާރާމެދު އޮންނަ އިތުބާރު ނެތިދިޔުމަކީ، ވަކި ސަރުކާރަކަށް އެކަނި އޮތް ގެއްލުމަކަށް އެކަންނުވެ، މުޅި ދިވެހިރާއްޖެ އުފުލަންޖެހޭ ބަދުނާމަކަށް އެކަން ވެދާނެތީއެވެ. ރަނގަޅު ނޫންގޮތުގައި ހިނގާ ވިޔަފާރި މުޢާމަލާތްތަކުގެ ބައެއް މިސާލު:

(1) ޤާނޫނުގައި ކުރެވެން ނެތްކަމެއް ކުރުމަށް ސަރުކާރުން އިންވެސްޓަރަކާއެކު އެއްބަސްވެ، އެ އިންވެސްޓަރަކު އެކަމަށް ފައިސާ ޚަރަދުކުރުން.

(2) ޤާނޫނުގައި ވަކިގޮތަކަށް ކުރަން ބުނެފައިވާ ކަމެއް އެނޫންގޮތަކަށް ކުރުމަށް ސަރުކާރުން އިންވެސްޓަރަކާއެކު އެއްބަސްވެ، އެ އިންވެސްޓަރަކު ފައިސާ ޚަރަދުކުރުން.

(3) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނޫނީ، ނެގެންނެތް ޓެކުހެއް ނުވަތަ ފީއެއް، ނެގިދާނެކަމަށް ސަރުކާރުން ދައްކައިގެން، ވަކިކަމެއް ކުރުމަށް ސަރުކާރުން އިންވެސްޓަރަކާއެކު އެއްބަސްވެ، އެ އިންވެސްޓަރަކު ފައިސާ ޚަރަދުކުރުން.

(4) ޤާނޫނުތައް ހުރިގޮތުން، ސާފުކޮށް އެނގެންނެތް ކަމެއް، އެއީ ކުރެވިދާނެ ކަމެއްކަމަށް ބަލައިގެން، ވަކިކަމެއް ކުރުމަށް އިންވެސްޓަރަކާއެކު ސަރުކާރުން އެއްބަސްވެ، އެ އިންވެސްޓަރަކު ފައިސާ ޚަރަދުކުރުން.

(5) ސަރުކާރުން ދައްކަންޖެހޭ ފައިސާ ދޭންވާ ދުވަހަށް ނުދީ، އެތައް މަހަކަށް އަހަރަކަށް ސަރުކާރުން ދިގުދެންމުން.

(6) ޤާނޫނު އޮތްގޮތުން ކަނޑައެޅިގެން ކުރެވެން ނެތްކަމެއް ކުރުމަށް ސަރުކާރުން އިންވެސްޓަރަކާއެކު އެއްބަސްވެ، އެ އިންވެސްޓަރަކު ފައިސާ ޚަރަދުކުރުން.

(7) ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާ، ނުވަތަ ރީ-ރެޖިސްޓްރީކޮށްފައި ނުވާ ބޭރުގެ ކުންފުނިތަކާއެކު ސަރުކާރުން ސީދާ އެއްބަސްވުންތައް އެއްބަސްވެ، އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީވެފައި ނެތްބަޔަކު، ރާއްޖޭގައި މަސައްކަތްކޮށް، ފައިސާ ޚަރަދުކުރުން.

މިކަންކަން ޙައްލުކުރުމަށްޓަކައި، ޤާނޫނުގެ ނިޒާމުގެ ތެރެއަށް މުހިންމު ފިޔަވަޅުތަކެއް ތަޢާރުފުކުރަންޖެހެއެވެ. ވީޑިއޯ ބްލޮގްގައި އޭގެ ބައެއް ފިޔަވަޅަށް އަލިއަޅުވާލާފައިވާނެއެވެ.

...