ސަރުކާރުން ކޮމިޓީއަށް ޙާޒިރުނުވުން

ތާރީޚް: 22 January 2013

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ކޯނީ ރިޕޯޓު ދިރާސާކުރަމުންދަނީ، އެ ކޮމިޓީއަށް ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ދާއިރާއިން ބޭރުންކަމުގައި އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑާބެހޭ އެއްވެސް ވާހަކައެއް އެ ކޮމިޓީގައި ދައްކައިގެނެއް ނޫނެވެ.

ދިޔާނާގެ ވާހަކަ

އަޅުގަނޑާ ބެހޭގޮތުން ދިޔާނާ ފުރަތަމަ ވާހަކަދެއްކެވީ، އޭނާ ޢާންމުކޮށް ޝާއިޢުކުރެއްވި ލިޔުމެއްގައެވެ. އެ ލިޔުމުގައި އަޅުގަނޑުގެ ނަން ނެތްކަން އެކަންޏެވެ. އޭނާ އަޅުގަނޑު ސިފަކޮށްދީފައިވާ ގޮތުން އެއީ އަޅުގަނޑުގެ ވާހަކަކަން ގިނަބަޔަކަށް އެނގުނެވެ. އަދި، ފަހުން އެ ވާހަކަ އެތައްބަޔަކު އެތައްގޮތަކަށް ދައްކަމުންވެސް ދިޔައެވެ. އަދި، އަޅުގަނޑުގެ ނަން ކޮމިޓީގައި ވިދާޅުވިއިރު އެއީ، އަލަށް އިވުނު ނަމަކަށްވެސް ނުވިއެވެ.

ދިޔާނާ ދައްކަވާފައިވާ ވާހަކައިގައި އަޅުގަނޑު ކުށެއް ކުރިކަމަކަށް ވިދާޅުވެފައެއް ނެތެވެ. ނުކުރަންޖެހޭ ކަމެއް ކުރިކަމަކަށްވެސް ވިދާޅުވެފައެއް ނެތެވެ. އަދި، ކުރަންޖެހޭ ކަމެއް ނުކުރާކަމަކަށްވެސް ވިދާޅުވެފައެއް ނުވެއެވެ. ހަމައެކަނި، ވިދާޅުވެފައިވަނީ، ވާހަކަތަކެއް އަޅުގަނޑާ ޙިއްސާކުރެއްވި ވާހަކައެވެ. އަދި، އަޅުގަނޑުވެސް އޭނާއާ ވާހަކަތަކެއް ޙިއްސާކުރިކަމަށެވެ. އަދި އެކަން ހިނގީ، 7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވިތާ ގާތްގަނޑަކަށް 6 މަސްފަހުން، 2012 ގެ އޯގަސްޓުގެ ފަހުކޮޅު ކަމަށެވެ.

އެހެންކަމުން، އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެން އަޅުގަނޑު ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ.

އެ ކޮމިޓީއަށް ޙާޒިރުކުރި އެހެން މީހެއްގެ ވާހަކައިގައިވެސް އަޅުގަނޑުގެ ވާހަކައެއް ނެތެވެ.

އެހެންކަމުން އެ ކޮމިޓީން ކުރަމުންދާ މަސައްކަތަކާހެދި އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ.

އުސޫލީ މައްސަލަ

އަޅުގަނޑު މިނަގަނީ، އުސޫލީ މައްސަލައެކެވެ. ޤާނޫނީ މައްސަލައެކެވެ. ގަވާއިދުގެ މައްސަލައެކެވެ.

ފަހުމީ މައްސަލައިގައި ސުޕްރީމް ކޯޓުން ޢަމަލުކުރިގޮތުގެ ވާހަކަދެއްކި ގޮތަށެވެ. ސިއްރު ވޯޓު މައްސަލައިގައި ސުޕްރީމް ކޯޓުން ޢަމަލުކުރި ގޮތުގެ ވާހަކަދެއްކި ގޮތަށެވެ. ހުޅުމާލޭ ކޯޓު މައްސަލައިގައި ސުޕްރީމް ކޯޓުން ޢަމަލުކުރި ގޮތުގެ ވާހަކަދެއްކި ގޮތަށެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މައްޗަށް ދަޢުވާކުރަން އިމްތިޔާޒު ކޮމިޓީން ކަނޑައެޅުމުން އެ ވާހަކަދެއްކި ގޮތަށެވެ. ޕީ.ޖީއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ޢަމަލުކުރި ގޮތުގެ ވާހަކަދެއްކި ގޮތަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކޯނީ ރިޕޯޓުގެ މަސައްކަތް ފެށުމާއެކު އެ ވާހަކަ އަޅުގަނޑު ވާނީ، ސިޔާސީ ބައެއް ބޭފުޅުންނާ ދައްކާފައެވެ. އަދި، އެ ވާހަކަ ބައެއް ބޭފުޅުންނާ ތަކުރާރުކޮށްވެސް ވާނީ ދައްކާފައެވެ. އޭގެތެރޭގައި ސަރުކާރުގެ އިސްބޭފުޅުންނާއި މަޖިލީހުގެ އިސްބޭފުޅުން ހިމެނެއެވެ.

އަދި، އެ ކޮމިޓީގެ މަސައްކަތް ހިނގިއިރު، ރަށުން ބޭރުގައި އުޅުމަށްފަހު މާލެ އައިއިރު އޮތީ، މިހާތަނަށް ކޮށްފައިހުރި ގިނަ ކަންތައް އެ ކޮމިޓީން ކޮށްފައިކަމުން، ދެންވެސް އެ ވާހަކަ ދިޔައީ ދައްކަމުންނެވެ.

ވާހަކަ ކުރިން ނުދެއްކި ސަބަބު

މައްސަލައަކީ، މަޖިލީހުގެ ކޮމިޓީއަކާގުޅޭ  މައްސަލައަކަށްވެފައި، އެ ކޮމިޓީގެ މުޤައްރިރަކަށް ހުންނެވި ބޭފުޅަކީ، އަޅުގަނޑު މުޤައްރިރުކަން ކުރާ މަޖިލީހުގެ ކޮމިޓީއެއްގައިވެސް މެންބަރުކަން ކުރައްވާ ބޭފުޅަކަށްވާތީ، ރަނގަޅު ގުޅުމެއް އޮތުމުގެ މަސްލަޙަތަށް ބަލައި، އަދި، އެބޭފުޅާ ކުރައްވާ ކަންކަމަށް ސީދާ ފާޑުކިޔުމަކީ، އެކުގައި މަސައްކަތްކުރަން އުދަނގޫވާނެ ކަމެއްކަމަށް ވިސްނައި، ޢާންމުކޮށް އެ ވާހަކަ ދައްކަން ފުރަތަމަ ބޭނުންނުވީއެވެ.

އަދި، ޢާންމުންނަށް ނުފެންނަ ހިސާބުގައި އަދި އެބޭފުޅާ ނޫން އެހެން ބައެއް ބޭފުޅުންނާ ވާހަކަދައްކައި، އެކަން ހަމަމަގަށް އެޅުވޭތޯ، ރަނގަޅުކުރެވޭތޯ މަސައްކަތްކުރީއެވެ.

އެހެންނަމަވެސް، ބަޔާންތައް ޢާންމުކުރި ހިސާބުން ދެން އެއްޗެއް ނުބުނެ ހުންނަން ބޭނުންނުވީއެވެ. އަދި، މަޖިލީހުގެ ރައީސް މިކަމުގައި ކުޅޭ ދައުރު އެނގުމުން އަމުދުން އެއްޗެއް ނުބުނެ ހުންނަން ބޭނުންނުވީއެވެ.

މައްސަލައަކީ ޝާހިދު

އަދި، މިއަދުވެސް އަޅުގަނޑު ދެކޭގޮތުގައި މައްސަލައަކީ، އެ ކޮމިޓީގެ މުޤައްރިރެއް ނޫނެވެ. އެ ކޮމިޓީގައި ތިބި އެމް.ޑީ.ޕީ. މެންބަރުންނެއްވެސް ނޫނެވެ. އެމީހުންވެސް އެމީހުންނަށް ސިޔާސީގޮތުން މަންފާއެއް ލިބެންއޮތް ކަމެއްގައި ބާރަށް ހިފާނެކަން ޤަބޫލުކުރެވެއެވެ.

މައްސަލައަކީ، މަޖިލީހުގެ ރައީސެވެ. އޭނާ ގަވާއިދު އޮޅާލައި، ނޭނގޭކަމަށް ހަދައިގެން ފަރުދާގެ ފުރަގަހުގައި ހުރެ، ހަމައެކަނި ސިޔާސީގޮތުން މުޅި މި ގޭމް ކުޅޭތީއެވެ. އެކަން ޤަބޫލުކުރަން އުދަނގޫވަނީއެވެ.

ސަރުކާރުގެ ނިންމުން

އެ ކޮމިޓީން އެ މައުޟޫގައި ހިންގަމުންގެންދާ  މަސައްކަތަކީ، މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ހިންގާ މަސައްކަތެއްކަން ފާޅުގައި އެނގޭކަމަށްޓަކައި، އަދި އެކަން ރަނގަޅުކުރުމަށް މަޖިލީހުގެ ރައީސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ، އަދި އެކަން ރަނގަޅުކޮށްދޭން އެޓަރނީ ޖެނެރަލް އެދިވަޑައިގަތުމުންވެސް، އެކަމާ އެއްވެސްވަރަކަށް މަޖިލިހުގެ ރައީސް އަޅާނުލައްވައި ކުރިއަށް ވަޑައިގެންފައިވާތީ، އެ މައުޟޫގައި މަޖިލިހުގެ ގަވާއިދުން ބޭރުން، އެ ކޮމިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ނުދިނުމަކީ، ސަރުކާރަށް ކުރެވިދާނެ ކަމެކެވެ.

އެއީ، މަޖިލީހުގެ ޙުރުމަތް ކެނޑުން ކަމަކަށް ނުވާނެއެވެ. މަޖިލީހުގެ އިމްތިޔާޒަށް އުނިކަންދިނުން ކަމުގައެއްވެސް ނުވާނެއެވެ. އަދި، އެއީ، ޤާނޫނުއަސާސީން ބޭރުވީކަމުގައެއްވެސް ނުވާނެއެވެ.

މަޖިލީހުގެ ޙުރުމަތް ކެނޑުން ކަމުގައިވާނީ، މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ގެނައުން ކަމުގައިވާނީ، ޤާނޫނުއަސާސީއާ ޚިލާފުވީ ކަމުގައިވާނީ، އެ ކޮމިޓީއާ ގަވާއިދުން ޙަވާލުވެގެންވާ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި އެ ކޮމިޓީގެ ގަވާއިދާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ކޮމިޓީން ޞައްޙަގޮތުގައި ކުރާ ކަންކަމުގައި އެއްބާރުލުން ނުދިނުމުން، ނުވަތަ އެ ކޮމިޓީން ޞައްޙަގޮތުގައި ކުރާ އަމުރުތަކަށާއި އެ ކޮމިޓީން ޞައްޙަގޮތުގައި އަންގާ އެންގުންތަކަށް ތަބާނުވުމުންނެވެ.

ޤާނޫނުގެ ފުރޭމުން ބޭރުން ހިނގާ ކަމެއްގައި އެއްބާރުލުން ނުދީގެން ނުކުންނާނެ ޤާނޫނީ ނަތީޖާއެއް ނޯންނާނެއެވެ.

...