ފުލުހުންގެ ޤާނޫނުގެ ބިލު – ރައްދު (1)

ތާރީޚް: 1 ނޮވެމްބަރ 2012

ފުލުހުންގެ ޤާނޫނުގެ ބިލު އިއްޔެ ހުށަހެޅުމުން އެކަމުގެ ރާޅުބާނި ދަނީ އުފެދެމުންނެވެ. މަޖިލީހުގެ ބަހުސްގެ ތެރެއިންނާއި އެ ބަހުސްގެ ބޭރުންނެވެ.

ފުރަތަމަވެސް އައި ޙަމަލާއަކީ، މިއީ ސަރުކާރުގެ ތެރެއިންނާއި ފުލުހުންގެ ތެރެއިން ތައްޔާރުކޮށް، ނަޝީދު ހުށަހަޅައިދިން ބިލެކެވެ.

ޖަވާބުގައި ދަންނަވާނީ މިހެންނެވެ.

އަޅުގަނޑުގެ މަސައްކަތެއްގައި އެހެންމީހެއްގެ ނަން ޖަހަން އަޅުގަނޑު ދީފާނަމެވެ. އެކަމަކު، އެހެންމީހެއްގެ މަސައްކަތެއްގައި އަޅުގަނޑުގެ ނަމެއް އަޅުގަނޑެއް ނުޖަހާނަމެވެ.

ފުލުހުންގެ ބިލެއްގެ މަސައްކަތް އަޅުގަނޑު ފެށީ އިހަކަށްދުވަހަކު ނޫނެވެ.

މިކަމުގައި ތާރީޚެއް އެބައޮތެވެ.

އެންމެ ފުރަތަމަ އަޅުގަނޑު މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރޭގައި ސިފައިންގެ ޤާނޫނަށާއި ފުލުހުންގެ ޤާނޫނަށް އިޞްލާޙެއް ހުށަހެޅީމެވެ. ވަކި ދެ އިޞްލާޙުގެ ގޮތުގައެވެ. 2009 ވަނަ އަހަރުގެ ތެރޭގައެވެ.

ސިފައިންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަކީ، ޗީފް އޮފް ޑިފެންސް ފޯސް ވަކިކުރުމުގައި މަޖިލީހުގެ 241 ކޮމިޓީގެ ދައުރެއް އޮންނަގޮތް ހެދުމަށް ހުށަހެޅި އިޞްލާޙެކެވެ. ފުލުހުންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަކީ، ކޮމިޝަނަރ އޮފް ޕޮލިސް ވަކިކުރުމުގައި މަޖިލީހުގެ 241 ކޮމިޓީގެ ދައުރެއް އޮންނަގޮތް ހެދުމަށް ހުށަހެޅި އިޞްލާޙެކެވެ.

ސިފައިންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް މަޖިލީހުގެ ތެރެއިން އިޞްލާހުތަކެއް ހުށަހެޅުނެވެ. އެ އިޞްލާހުތަކަށް ވޯޓަށް އެހުމުގައި، ގޮތެއްވިއެވެ. އަޅުގަނޑު އެ ބިލު އަނބުރައެއް ނުގެންނަމެވެ. އެކަމަކު، އެދުވަހު، އެ ބިލަށް މަޖިލީހުގެ ތެރެއިން އެވީގޮތެއްވެ، އެ ބިލު މަޖިލީހުގެ ތެރެއިން ބައިގެން ދިޔައީއެވެ.

ސިފައިންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަށް އެހެންވީތަން ފެނުމުންނާއި، އެ ބިލުގެ ބަހުސްގެ މަރުޙަލާގައި ވިސްނައިގަނެވުނު ކަންކަމުގެ އަލީގައި، ފުލުހުންގެ ޤާނޫނަށް އަޅުގަނޑު ހުށަހެޅި އިޞްލާޙާމެދު އަޅުގަނޑުގެ ވިސްނުން ބަދަލުވިއެވެ.

އަދި، ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމަށް މަޖިލީހުގައި ފުރުޞަތު ލިބުމުން، އަޅުގަނޑު ދެތިން އެއްޗެއް ދެންނެވުމަށްފަހު އެ ބިލު އަނބުރާގެނައީއެވެ.

އަޅުގަނޑު ދެންނެވި އެއް ވާހަކައަކީ، ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ބަލަންޖެހެނީ، ފުލުހުންގެ ވެރިޔާ ޢައްޔަނުކޮށް، ވަކިކުރުމުގެ އުސޫލަށް އެކަނި ނޫންކަމަށެވެ. އެއަށްވުރެ ބޮޑަށް އެ ޤާނޫނަށް ބަލަންޖެހެއެވެ. އަދި، އެގޮތަށް އެ ޤާނޫނަށް ބެލުމަށްފަހު، ތަފްޞީލު އިޞްލާޙުތަކެއް ހުށަހަޅަން ބޭނުމެވެ. އަދި، އެކަން އަޅުގަނޑު ކޮށް، ފުލުހުންގެ ޤާނޫނަށް ތަފްޞީލު އިޞްލާޙެއް އަޅުގަނޑު ހުށަހަޅާނަމެވެ.

ފުލުހުންގެ ޤާނޫނަށް ފުންކޮށް ބަލަންފެށީ އެހިސާބުންނެވެ. އަދި، އެގޮތުންފެށި މަސައްކަތުގެ ތެރެއިން އުފެއްދި ފުރަތަމަ ސްކެޗް ޗާޓު އަޅުގަނޑު ތައްޔާރުކުރީ، ސްކޮޓްލެންޑްގެ ފުލުހުންނަށް ތަމްރީނުދިނުމުގައި އުޅުނު އަދި ދިވެހި ފުލުހުންގެ އިދާރާއަށްވެސް ފަންނީ އެހީ ދީއުޅުނު ބްރޫސް މިލްނާއާ ގުޅިގެންނެވެ.

އެ ސްކެޗް ޗާޓު ތައްޔާރުކުރުމަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލް ބައްލަވާލައްވަން 2010 ގެ ކުރީކޮޅު އެ ޗާޓުގެ ކޮޕީއެއް އަޅުގަނޑު އެރުވީމެވެ.

އެ މަސައްކަތް އެދުވަހުން ފެށިގެން ކުރަމުންދާތާ މިވީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހެވެ.

ފުލުހުންގެ އުސޫލުތަކާއި ކަމާގުޅޭ ހަމަތައް ދިރާސާކޮށް، ފުލުހުންގެ ސިކުނޑީގެ ތެރެއަށް ވަނުމަކީ، ފަސޭހަކަމެއް ނޫނެވެ. އަދި، އެކަމާ ގުޅޭގޮތުން ހަދަންޖެހޭ ރިސަރޗް ހެދުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އަދި، ރިސަރޗުން ދަސްވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާގުޅޭ ފުލުހުންގެ ޚިދުމަތުގެ އާ މޮޑެލެއް ތައްޔާރުކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ފުލުހުންނަށް ފުލުހުންގެ މަސައްކަތް ރަނގަޅަށް ކުރެވޭނެގޮތަށް، އެކަމަކު ރައްޔިތުންގެ ޙައްޤުތަކަށް ބެލިގެން، އެ މޮޑެލް ބެލެންސް ކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

އަދި، އެ މޮޑެލް އަޅުގަނޑުގެ ވިސްނުމުގައި ބައްޓަންކުރެވުނުގޮތް އެހެންމީހުންނަށް އަންގައިދިނުމަށްޓަކައި 130 ޞަފްޙާގައި ލިޔެދިނުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އަދި، އެ ލިޔާ އެއްޗެއް، ސާފު ދިވެހިބަހުން، އެންމެންނަށް އެނގޭނެ ފަސޭހަ ދިވެހިބަހުން ލިޔެދިނުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު 2012 ގެ ނަމުގައި، ފުލުހުންގެ އާ ބިލު، އަޅުގަނޑު ޢާންމުކުރިއިރު، މިއަހަރު އެކަނިވެސް، އެ ބިލުގެ މަސައްކަތްކުރުމަށް މެދުކެނޑުމެއްނެތި 5 މަސްދުވަސްވަރު ހޭދަކޮށްފައިވާނެއެވެ.

އެހެންކަމުން، އެއީ، ސަރުކާރުގެ ބިލެއް ކަމަށް، ނުވަތަ ފުލުހުން ތައްޔާރުކުރި ބިލެއް ކަމަށް ދެކެވޭ ވާހަކައަކީ، ޙަޤީޤަތާ ވަރަށް ވަރަށް ދުރު ވާހަކައެކެވެ.

ތެދެކެވެ. ބިލު ތައްޔާރުކުރުމުގައި، ގިނަ ބަޔަކާ އެކިފަހަރު އަޅުގަނޑު މަޝްވަރާކޮށްފައިވާނެއެވެ. ތަންކޮޅެއްކުރިން ފުލުހުންގެ ޚިދުމަތުގައި އުޅުއްވި ބޭފުޅުންނާ އަޅުގަނޑު މަޝްވަރާކޮށްފައިވާނެއެވެ. މިސާލަކަށް ކެޕްޓަން ލަޠީފެވެ. ނުވަތަ ކުރީގެ ޑީސީޕީ އިބްރާހީމް ލަތީފެވެ.

މިހާރު ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ގިނަ ޢަދަދެއްގެ އޮފިސަރުންނާއެކު ގިނައިރުތަކެއްވަންދެން ބައްދަލުވެ މަޝްވަރާކޮށްފައިވާނެއެވެ. މިސާލަކަށް މިހާރުގެ ކޮމިޝަނަރ ރިޔާޒާއި ޑީސީޕީ ވަޙީދާއި އެހެން އިސް ރޭންކުތަކުގެ އޮފިސަރުންނެވެ. އޭގެތެރޭގައި ވަކިން ޚާއްޞަކޮށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙަންމަދު ރިޔާޒެވެ.

މިފަހުން، ފުލުހުންގެ ޚިދުމަތުން ވަކިވި، ނުވަތަ ވަކިކުރި ބައެއް ފުލުހުންގެ ތެރެއިން ބައެއް އޮފިސަރުންނާވެސް އަޅުގަނޑު މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެއެވެ. މިސާލަކަށް އެމްސީ ޙަމީދެވެ.

އެހެން ވާހަކައެއްވެސް މިތާނގައި ދަންނަވާލަފާނަމެވެ. އެމްސީ ޙަމީދު ހައްޔަރުކުރި ދުވަހުގެ ކުރީދުވަހު، އޭނާ އިންނެވީ އަޅުގަނޑުގެ އޮފީހުގައި އަޅުގަނޑުގެ ބިލުގައި ހުރި އޭނާއަށް ފާހަގަކުރެވޭ މައްސަލަތައް ކިޔައިދެއްވާށެވެ.

އެހެންކަމުން، މި ބިލު އެކުލަވާލުމުގައި ފުލުހުންގެ ތަފާތު ވިސްނުމުގެ ބޭފުޅުންނާއި، ފުލުހުންގެ ތަފާތު ޒަމާނުގެ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށް، ޚިޔާލު ހޯދާފައިވާނެއެވެ.

އަދި ހަމައެހެންމެ، ޕްރޮސިކިއުޓަރ ޖެނެރަލާވެސް މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެއެވެ.

ބައެއް އަމިއްލަ ޖަމާޢަތްތަކާއެކު ބައްދަލުވުންތައް ބާއްވައި، ޚިޔާލު ހޯދާފައިވާނެއެވެ.

އިންސާނީ ޙައްޤުތަކުގެ ބޭފުޅުންނާއި ވަކީލުންނާއެކު މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެއެވެ.

ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެއެވެ.

އެކަމަކު، ޔަޤީންކަށަވަރު އެއްކަމެއް ދަންނަވާނަމެވެ. މި ބިލަކީ، އެއިން އެއްވެސް ބޭފުޅަކު ބޭނުންފުޅުވި ހުރިހާ ކަމެއް ހަމައެގޮތަށް ހިމަނައިދީ ތައްޔާރުކޮށްފައިވާ ބިލެއް ނޫނެވެ. މި ބަލަކީ، ހުރިހާގޮތަކުންވެސް އަޅުގަނޑުގެ އަމިއްލަ މަސައްކަތެކެވެ. އަމިއްލަ މޮޑެލެކެވެ. އަމިއްލަ ޚިޔާލެކެވެ. އަމިއްލަ އަތުން ލިޔުނު އެއްޗެކެވެ.

ސަރުކާރުގެ އެއްޗެއް ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ދަންނަވަން އޮތް އެހެން ވާހަކައެއްވެސް އެބައޮތެވެ.

ޙަޤީޤަތަކީ، ސަރުކާރުގެ އެއްވެސް ބޭފުޅަކު، މި ބިލާ ގުޅޭގޮތުން އަޅުގަނޑާ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑުވެސް އެ ބޭފުޅުންނާ މި ބިލުގެ ވާހަކައެއް ނުދައްކަމެވެ.

މިސާލަކަށް ދަންނަވާނަމަ، ހޯމް މިނިސްޓަރ ޖަމީލަކީ، އަޅުގަނޑުގެވެސް ރަޙްމަތްތެރި ބޭފުޅެކެވެ. ބައެއް ކަންކަމުގެ ވާހަކަވެސް ދެކެވޭ ބޭފުޅެކެވެ.

އެކަމަކު، އަދިއަދަށްވެސް، މި ބިލުގެ ވާހަކައެއް އަޅުގަނޑުމެން ދެމީހުންނެއް ނުދައްކަމެވެ. އަޅުގަނޑުވެސް ނުދަންނަވަމެވެ. އެބޭފުޅާވެސް ނާއްސަވައެވެ.

ޙަޤީޤަތަކީ، މިއީއެވެ.

މި ބިލާ ގުޅޭގޮތުން ސަރުކާރުގެ ޕޮޒިޝަން އޮތީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.

ސީޕީގެ އިންޓަރވިއުއެއްގައި މި ބިލުގެ މައިގަނޑު ކަންކަމަށް ތާއީދުކުރައްވާކަމަށް ހަވީރު ނޫހުގައި ތަންކޮޅެއް ކުރިން ލިޔެފައި އޮއްވާ ދުށީމެވެ.

އެހެންނަމަވެސް، ސަރުކާރުގެ ޕޮޒިޝަން އަންނާނީ، އަދި، އެހެން ހިސާބަކުން އެހެންނޫންތޯއެވެ. އެހިސާބުގެ ވިސްނުން ހުރިގޮތެއްގެ ޚަބަރެއް އަޅުގަނޑަކަށް ނެތެވެ.

މި ބިލަކީ، ސަރުކާރުގެ ބިލެއްކަމަށް ދެކެވޭ ވާހަކައަށް އެކަށީގެންވާ މިންވަރެއްގެ ޖަވާބެއް އެރުވިއްޖެކަމަށް ދެކެމެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

...