ފާޅު ވޯޓު – ސިއްރު ވޯޓު
ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މަރުޙަލާގައި މަޖިލީހުގަޔާއި އެ މައްސަލަ ދިރާސާކުރަން ކަނޑައަޅާ މަޖިލީހުގެ ކޮމިޓީގައި ނަގާ ވޯޓާއި، ވަޒީރުން މަގާމުން ވަކިކުރުމަށް މަޖިލީހުގައި ނަގާ ވޯޓަކީ، ސިއްރު ވޯޓު ކަމުގައި ހަމަޖެއްސުމަށް، ހުށަހެޅިފައިވާ ހުށަހެޅުމަށް ވޯޓު އެހުން، މި ހަފްތާގައި އޮންނާނެކަމަށްވެއެވެ.
ފާޅު ވޯޓު ނެގުމާއި ސިއްރު ވޯޓު ނެގުމުގެ ބަހުސަކީ، އެކަމާ އެއްކޮޅަށް ދެކެވޭ ވާހަކައިގަޔާއި އެކަމާ ދެކޮޅަށް ދެކެވޭ ވާހަކައިގައި މުހިންމު ޙަޤީޤަތްތަކެއް ހިމެނޭ ބަހުސެކެވެ. ދެކޮޅަށް އެއްވަރަކަށް ވާންކުރާ ބަހުސެކެވެ.
ފާޅު ވޯޓުގެ ޙުއްޖަތްތައް
ފާޅުގައި ވޯޓު ލުމަށް ދެކެވޭ ވާހަކަތަކުގެ ތެރެއިން، އެންމެ އަޅައިގަންނަ ޙުއްޖަތްތައް ތިރީގައި އެވަނީއެވެ.
(1) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ރައްޔިތުން ތަމްސީލުކުރުމަށް އިންތިޚާބުކޮށްފައިވާ ބަޔަކަށްވާއިރު، އެމީހުން ދޭ ވޯޓަކީ، ކޮންކަމަކަށް ކޮންގޮތަކަށް ދޭ ވޯޓެއްކަން، ރައްޔިތުންނަށް އެނގެންޖެހޭނެކަން.
(2) ވަކި މައްސަލައަކާމެދު، ނުވަތަ ވަކި ކަމަކާމެދު ދޭ ވޯޓު ދޭންވާނީ، އެ މެންބަރަކު ޤަބޫލުކުރާގޮތަށް ކަމަށާއި، އެގޮތަކީ، ކޮންގޮތެއްކަން ފާޅުގައި ހާމަކުރަން ކެރެންވާނެކަން.
(3) މައްސަލައެއްގައި ދައްކާވާހަކައާއި އެ މައްސަލައިގައި ފާޅުކުރާ ޚިޔާލާ ތަފާތުގޮތަކަށް ވޯޓުދިނުމަށް ފުރުޞަތު ހުޅުވޭކަމެއްކަމާއި، ދައްކާވާހަކައާއި ދޭ ވޯޓާ އެއްގޮތްވާންވާނެކަން.
(4) ޙަޤީޤަތުގައި ވޯޓު ދިނީ، ވަކިމީހަކު މަގާމުން ވަކިކުރުމަށް ކަމުގައިވެފައި، އެހެންމީހުންގެގާތު އެ ވާހަކަދައްކާއިރު، ވޯޓު ދިނީ، މަގާމުން ވަކިނުކުރުމަށް ކަމުގައި ވާހަކަ ދައްކައި، ޙަޤީޤަތް އޮޅުވާލުމަށް ފުރުޞަތު ލިބިދޭ ކަމެއްކަން – ނުވަތަ، ވޯޓު ދިނީ، މަގާމުން ވަކިނުކުރުމަށް ކަމުގައިވެފައި، އެހެންމީހުންގެގާތު އެ ވާހަކަދައްކާއިރު، ވޯޓު ދިނީ، މަގާމުން ވަކިކުރުމަށް ކަމުގައި ވާހަކަދައްކައި، އަސްލު ވޯޓު ދިންގޮތް އޮޅުވާލުމަށް ޖާގަލިބިދޭ ކަމެއްކަން.
(5) ޕާޓީތަކުން ވަކިގޮތެއް އިޚްތިޔާރުކޮށް، މެންބަރުން ވޯޓުދޭންވާގޮތް ކަނޑައެޅިކަމުގައި ވީނަމަވެސް، ޕާޓީން ކަނޑައަޅާގޮތާ ޚިލާފަށް ވޯޓު ދިނުމަށާއި، އެކަން ކުރިކަން ނޭނގޭގޮތަށް، އެކަން ކުރަން މަގުފަހިކުރާ ކަމެއްކަން.
(6) ތިމާ ބޭނުންވާ ކަންކަން ތިމާ ބޭނުންވާ ގޮތަށް ތިމާ ބޭނުންވާ އަވަސްމިނުގައި ސަރުކާރު ތެރެއިން ނުވާންފެށުމުން، އެކަމުގައި ފިލާވަޅެއް ދިނުމަށް، ޒާތީ ސަބަބުތަކަށްޓަކައި މަސައްކަތްކުރުމަށާއި، ބަދަލުހިފުމަށް މަސައްކަތްކުރުމަށްވެސް މާފަސޭހައިން ޖާގަ ހުޅުވޭ ކަމެއްކަން.
ސިއްރު ވޯޓުގެ ޙުއްޖަތްތައް
ސިއްރު ވޯޓު ނެގުމަށް ތާއީދުކުރާ މީހުން ދައްކާވާހަކަތަކުގެ ތެރެއިން އެންމެ ބަލައިގަނެވޭ ޙުއްޖަތްތަކީ، އަންނަނިވި ކަންކަމެވެ.
(1) ރާއްޖެއަކީ، ދައުލަތުގެ މުއައްސަސާތަކުގައި ތިބޭމީހުންނާއި މަޖިލީހުގައި ތިބޭ މެންބަރުން، އެންމެން އެންމެންނަށް ދަންނަ ތަނެއްކަމުން، ނުވަތަ ދައުލަތުގެ މުއައްސަސާތަކުގައި ތިބޭމީހުންނާއި މަޖިލީހުގައި ތިބޭ މެންބަރުންނަކީ، ޢާއިލީގޮތުން، ނުވަތަ ކައިވެނީގެ ގޮތުން، ނުވަތަ ރަޙްމަތްތެރިކަމުގެ ގޮތުން ގުޅި ލާމެހިފައިވާ ބަޔަކަށްވުމުން، ވަކިމީހަކު މަގާމުން ވަކިކުރަން ވޯޓުލުމަށްފަހު، ދެން އެމީހާއާއެކު ކުރިންއޮތް ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ، ދަތިކަމެއްކަން.
(2) މަގާމުން ވަކިވާމީހާ އޭނާއާ ދެކޮޅަށް ވޯޓުދިން މެންބަރަށް މަޢާފު ނުކުރުމާއި، ހިތުގައި ޙަސަދަލުމާއި، މިކަހަލަ ނޭދެވޭ ކަންކަމަށް މަގުހުޅުވޭ ކަމެއްކަން.
(3) ވޯޓުދިނީ މަގާމުން ވަކިކުރަން ކަމުގައިވީނަމަވެސް، ވޯޓު ހަމަނުވެގެން، އެ ވޯޓުގެ ސަބަބުން މަގާމުން ވަކިނުވިނަމަ، ދެން އެ މަގާމުގައި ހުރެގެން އެ މެންބަރަކަށް ޖެއްސުންކުރުމަށާއި ގޯނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން.
މަޖިލީހުގެ ތަޖުރިބާ
(1) ކޮންމެއަކަސް މިހިނގާ 17 ވަނަ މަޖިލީހުގެ ގަވާއިދު ފުރަތަމަ ތައްޔާރުކުރެވުނުއިރު، މަގާމުން ވަކިކުރުމުގެ ވޯޓު ސިއްރުކުރަން ވާހަކަދެކެވުނެވެ.
އެހެންނަމަވެސް، އޭރު ސަރުކާރުގައި ތިބި އެމްޑީޕީގެ މެންބަރުން އެކަމަށް ދެކޮޅުހެއްދެވިއެވެ. އަދި، އެކަން އެންމެފަހުން ނިމިގެންދިޔައީ، ފާޅުގައި ވޯޓުލާގޮތަށް ހަމަޖެއްސުމަށެވެ
މި ހިނގާ މަޖިލީހުގެ މިވޭތުވެދިޔަ 3 އަހަރަށްވުރެ ދިގު މުއްދަތުގައި ވޯޓުލާފައިވަނީ، ފާޅުގައެވެ.
ފާޅުގައި ވޯޓުލާން އޮތުމުގެ ސަބަބުން، އުނދަގޫތައް ދިމާވި މެންބަރުންނަށް އެ އުނދަގޫތައް ދިމާވިއެވެ. އެކަމުގައި ބޮޑެތި ގެއްލުންތައް ދިމާވި މެންބަރުންނަށް އެ ގެއްލުންތައް ލިބުނެވެ.
މިއަދު، އަނެއްކާ، ވޯޓު ސިއްރުކުރުމުގެ ވާހަކަދެކެވޭއިރު، އެ ވާހަކަ އެންމެބޮޑަށް ދައްކަވަނީ، ކުރިން އެ ވޯޓު ފާޅު ވޯޓުގެ ގޮތުގައި ބާއްވަވަން ބާރު އެޅުއްވި ބޭފުޅުންނެވެ.
މި ސަބަބަށްޓަކައިވެސް، މަޖިލީހުގެ މިހިސާބުން، ފާޅު ވޯޓު ސިއްރު ވޯޓަށް ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ.
(2) ދެން އެކަމުގައި އެންމެ އިސްކޮށް އުޅުއްވާތަން ފެންނަ ބޭފުޅަކީ، ސަރުކާރާ އެކުގައިވާ ޕާޓީތަކުގެ ތެރެއިން ޕާޓީއެއްގެ ލީޑަރެވެ. ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައިވާ ބޭފުޅެކެވެ.
މިހާރު މިއޮތީ، ރިޔާސީ އިންތިޚާބަކަށް އަހަރަކަށްވެފައެވެ. މަޖިލީހުން ބާކީ އޮތީ ދޮޅުއަހަރެއްހާ ދުވަހެވެ. ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އެ ގެންދަވަނީ، ކެމްޕެއިންގެ ޙަރަކާތްތައް ހިންގަމުންނެވެ. ޚުދު އެބޭފުޅާވެސް ހުންނެވީ، ރިޔާސީ ރޭހަށް ނުކުންނަވައި، މިހާރުވެސް އެކަމުގައެވެ.
މިހާރު އެބޭފުޅުންގެ ޝައުޤުވެރިކަން ޙަޤީޤަތުގައި ހުންނަންވާނީ، ރިޔާސީ އިންތިޚާބަށެވެ. ރިޔާސީ އިންތިޚާބަށް ނުކުންނަވައި، މަގުމަތީގައި ކެމްޕެއިންގައި ހުންނަވާއިރުވެސް، ވިސްނުންފުޅުއޮތީ، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެންގެވުމަށް ކަމުގައިވާނަމަ، ނުވަތަ އެކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި ސިއްރު ވޯޓު ނެގުމުގެ އުސޫލު ތަޢާރުފުކުރުމަށް ކަމުގައިވާނަމަ، މިއުޅެނީ އަދި، މުޅިން އެހެން ކަމެއްކަމަށް ދުށުމުގެ ޖާގަ އެބައޮތެވެ.
މިހާރު މިއުޅެނީ، ތިމާއަށް ޤަބޫލުކުރެވޭ އުސޫލެއްގެ ސަބަބުން، މަޖިލީހުގައި، ވޯޓު ސިއްރުކުރުމުގެ އުސޫލީ ވިސްނުމެއްގެ ކަމެއް ނޫންކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.
މިހާރު މިއުޅެނީ، އޮތް ސަރުކާރަށް ޕްރެޝަރުދިނުމާއި، ބޭނުންވާ ކަންކަން ނުވުމުން، އަދަބުދިނުމުގެ އުކުޅުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމަށް ކަމުގައި ބެލުމުގެ ޖާގަ އެބައޮތެވެ.
މިހެންހީވާ އެންމެބޮޑު ސަބަބަކީ، މިފަހަރު ސިއްރުކުރަން ހުށަހެޅިފައިވަނީ، ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސާއި ވަޒީރުންގެ ވޯޓެވެ.
އެކަމަކު، މަޖިލީހުގައި ނަގާ ވޯޓަކުން މަގާމު ގެއްލޭނެ އެހެންމީހުންވެސް އެބަތިއްބެވެ. މިސާލަކަށް، މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ނާއިބުރައީސެވެ. ފަނޑިޔާރުންނެވެ. މުސްތަޤިއްލު މަގާމުތަކެވެ.
އެކަމަކު އެއިން މަގާމެއް މިފަހަރަކު ނުހިމެނެއެވެ. މިފަހަރު، ހަމައެކަނި ފޯކަސް އޮތީ، ސަރުކާރަށެވެ. ރައީސަށާއި ވަޒީރުންނަށެވެ.
އެހެންކަމުން، މިއުޅެނީ، އަދި އެހެން ކަމެއްކަމަށް ޤަބޫލުކުރުމުގެ ޖާގަ އެބައޮތެވެ.
ކުރިއަށް އޮތްތަން
އެހެނެއް ނޫނެވެ. އަންނައަހަރު ހޮވާ ރައީސަކާ ހަމައިން، އަދި، އެއާވިދިގެން ހޮވާ މަޖިލީހަކާ ހަމައިން، މަގާމުން މީހުން ވަކިކުރުމުގެ ހުރިހާ ވޯޓެއް ސިއްރުކުރުމަކީ، އޭގައި އުސޫލީ ބަދަލަކަށް ވިސްނިދާނެ ކަމެކެވެ. ޒާތީ ސަބަބުތަކެއް ނެތްކަމަށް ވިސްނިދާނެ ކަމެކެވެ.
މަގާމާ އަދި ޙަވާލުނުވާ ރައީސަކާ ހަމައިން، ނުވަތަ އަދި އެކުލަވާނުލެވޭ މަޖިލީހަކާ ހަމައިން ވޯޓު ސިއްރުކުރަން މަސައްކަތްކުރާނަމަ، އެކަން މީހުންނަށް ބަލައިގަނެވޭ ގޮތާއި ފަހުމްވާގޮތް ތަފާތުވެދާނެއެވެ.
އަޅުގަނޑުގެ ވިސްނުން
މިދެންނެވި ސަބަބުތައް އެހެންހުރުމުން، މި ހަފްތާގައި ނަގާ ވޯޓުގައި، އަޅުގަނޑުގެ ވިސްނުން ހުރީ، މިހާރެކޭވެސް އެއްގޮތަށް، ވޯޓު ފާޅުކޮށް ނަގަމުން ދިޔުމަށެވެ. ނުވަތަ ވޯޓު ސިއްރު ނުކުރުމަށް ތާއީދުކުރުމަށެވެ. ވޯޓު ސިއްރުކުރުމާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.

