ކުށުގެ ވެށި ހަންމަތަކުރުން – ތަޙްޤީޤާއި ދަޢުވާ އެކުގައި ގެންދިޔުން (2)

ތާރީޚް: 13 އޮކްޓޯބަރ 2012

ރާއްޖޭގައި ހިނގާ ޚަންޖަރުގެ ކުށާއި ގޭންގު ކުށް ހަންމަތަކުރުމުގެ ވާހަކަ ދައްކާއިރު، ދިމާވާ އެއް މައްސަލަކަމުގައިވާ ވަކީލުންގެ މައްސަލައަށް ކުރީގެ ލިޔުމެއްގައި އަޅުގަނޑު އަލިއަޅުވާލީމެވެ.

މިއަދު އަޅުގަނޑު އެއްޗެއް ދަންނަވަން މިއުޅެނީ، ތަޙްޤީޤާއި ދަޢުވާ އެކުގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މިހާރު ޢަމަލުކުރާ އުސޫލު

މިހާރު ޢަމަލުކުރަމުންދާ އުސޫލަކީ، ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލުކުރާ އުސޫލެވެ. ކުށެއްގެ ޢަމަލު ހިނގުމުން، ފުލުހުން އެމީހުންގެ ތަޙްޤީޤު ހިންގައި، ބަޔާންތައް ނަގައި، އެ ބަޔާންތަކުން ކުށްކަނޑައި، އިމްލާކުށް ރަނގަޅުކޮށް، ތިކިޖެހިތާނައިގެ މައްސަލަ ރަނގަޅުކޮށް، ތަޙްޤީޤު ރިޕޯޓު އެކުލަވާލައި، އެ ތަޙްޤީޤު ރިޕޯޓު ޕީ.ޖީ އޮފީހަށް ފޮނުވައެވެ.

ދެން ޕީ.ޖީ އެ ކަނޑައަޅުއްވާ ވަކީލަކު ނުވަތަ ވަކީލުންތަކެއް، އެ ތަޙްޤީޤު ރިޕޯޓު ދިރާސާކުރައްވައެވެ. ބައެއް ކަންކަން ފުރިހަމަނުވާތީ އެބައިތައް ފުރިހަމަކުރަން ތަޙްޤީޤު ރިޕޯޓު އަނބުރާ ފުލުހުންނަށް ފޮނުއްވާލައްވައެވެ. ނުވަތަ އެކަހަލަ ކަމެއް ނެތްކަމަށްވާނަމަ، ދަޢުވާކުރުމަށް ނިންމައި، ދަޢުވާ ފުރޭމްކޮށް، މައްސަލަ ކޯޓަށް ފޮނުއްވައެވެ.

ކޯޓަށް ފޮނުއްވުމުން ބައްލަވަންޖެހޭ ކަންކަން ބައްލަވައި، ބައެއް ކަންކަން ފުރިހަމަކުރެއްވުމަށް ފޮނުއްވާލައްވައެވެ. އެކަހަލަ ކަމެއް ނެތްނަމަ، މައްސަލަ ބަލައިގަނެ، ކުރިއަށް ގެންދަވަން ނިންމަވައެވެ. އަދި، ކޮންމެވެސް ދުވަހެއްގައި އެ މައްސަލަ ފެށްޓެވުމަށް އެޖެންޑާ ކުރައްވައެވެ. މައްސަލަ ފަށްޓަވައެވެ.

މި އުސޫލުން ދިމާވާ މައްސަލަތައް

މިހާރު މި ޢަމަލުކުރެވެމުންދާ ގޮތް، ޚަންޖަރުގެ ކުށާއި ގޭންގުކުށާ އަޅާކިޔާއިރު، ނުކުންނަ މައިގަނޑު ދެތިން މައްސަލައެއް ފާހަގަވެއެވެ.

(ހ)   ޝަރީޢަތް ލަސްވުން

މި ހުރިހާ މަރުޙަލާތަކެއް ހިނގާއިރު ގިނަ ދުވަސްތަކެއް ނަގައެވެ. ބައެއްފަހަރު ވަރަށްއަވަހަށް ހުރިހާކަމެއް ނިމުނަސް، ގިނަފަހަރު، ކުށެއް ހިނގާ ތާރީޚުން ފެށިގެން ދަޢުވާ ހިނގައިގަތުމާ ހަމައަށް މަސްތަކެއް ނަގައެވެ. މައްސަލަ ކޮޅެއްގައިޖެހުން ލަސްވުމަކީ، އެއީ، އޭގެޒާތުގައިވެސް މައްސަލައެކެވެ.

(ށ)   ބޭނުންތެރި ބަޔާނަށް ނުވުން

އާ ޤާނޫނުއަސާސީގެ ދަށުން އިންތިޒާމުވެގެންވާ ޖިނާއީ ޝަރީޢަތްތަކުގައި، ޝަރީޢަތުން ބުރަވަނީ، ފުލުހުންނަށް ދީފައިވާ ބަޔާނަކަށް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަށެވެ.

ކިތަންމެ ތަފްޞީލަކާއެކު ކިތަންމެ ފުރިހަމައަށް ތަޙްޤީޤުގެ މަރުޙަލާގައި ބަޔާންތައް ފުރިހަމަކުރިނަމަވެސް، އޭގެން ޝަރީޢަތަށް ސީދާގޮތުގައި ހިފޭ ބޭނުމެއް ނޯވެއެވެ. ޝަރީޢަތުގައި ބުރަދަން ދެވެނީ، ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފަށާއި ދޭ ބަޔާނަށެވެ. އެނޫން އެހެން ބަޔާނެއް، އެހެން ތަނެއްގައި ދީފައިވާ ބަޔާނެއް، އޭގެޒާތުގައި ހެއްކަކަށް ނުފުދެއެވެ. އެ ބަޔާނަކީ، ރުހުމުގައި ދިން ބަޔާނަކަށް ނުވާނަމަ ޤަބޫލު ނުކުރެވޭނެތީއެވެ. ޤާނޫނުއަސާސީ އެހެން ބުނާތީއެވެ.

އެހެންކަމުން ތަޙްޤީޤުގެ މަރުޙަލާގައި ތައްޔާރުކުރާ ބަޔާންތަކާއި ތަޙްޤީޤު ރިޕޯޓުގެ އެއްވެސް މަންފާއެއް ކުރާނަމަ ކުރާނީ، މައްސަލައިގައި ދަޢުވާކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ކަނޑައެޅުމުގެ މަރުޙަލާގައި ޕީޖީއަށެވެ. އެނޫން އެއްވެސް ޙަޤީޤީ ބޭނުމެއް އެ ބަޔާންތަކަކުން އެ ރިޕޯޓަކުން ހިފޭނެ ފުރުޞަތު ކުޑައެވެ.

އެ ރިޕޯޓަކީ ޙަޤީޤަތުގައި އޭގެޒާތުގައި މާނައެއް ހުރި އެއްޗެއް ނޫނެވެ. ސަބަބަކީ، ބޮޑެތި ކުށްކުށުގެ ތަޙްޤީޤު ހިންގާއިރު، ޕީ.ޖީގެ މަޝްވަރާއާއި ލަފާގެ ދައުރު އޮވެއެވެ. އަދި، ޕީ.ޖީއަށް ވާނުވާ ފުލުހުން ދަނީ އަންގަމުންނެވެ. އެހެންކަމުން، ތަޙްޤީޤު ރިޕޯޓު ފުރިހަމަވެ، ރަސްމީކޮށް ޕީޖީގެ މޭޒުމައްޗަށް ނައިނަމަވެސް، ތަޙްޤީޤުގައި ވަމުންދާގޮތް ޕީޖީއަށް އެނގިވަޑައިގަންނަވާނެއެވެ. އަދި، އެ ތަޙްޤީޤަށްފަހު ދަޢުވާ އެއްކުރަން ޖެހޭކަން ނުވަތަ ނޫންކަން ތަޙްޤީޤު ހިނގަމުންދާއިރު ޕީ.ޖީއަށް އޮންނާނީ ކަނޑައެޅުއްވޭ ހިސާބުގައެވެ.

އެހެންކަމުން، ޙަޤީޤަތުގައި ތަޙްޤީޤު ބަޔާންތަކާއި ތަޙްޤީޤު ރިޕޯޓަކީ، ރަސްމީކޮށް އެކަން ޕީ.ޖީއަށް ހުށަހެޅުމަށް ބޭނުންކުރާ ވަސީލަތަކަށް ނޫން އެހެން އެއްޗަކަށް އެއެއް ނުވެއެވެ.

(ނ)   ހެކިންގެ ހެކިބަސް ބަދަލުވުން

ހެކިންގެ ހެކިބަސް ފުރަތަމަ ނަގަނީ، މައްސަލައިގެ ތަޙްޤީޤުގައި ފުލުހުންނެވެ. އެކަމަކު، ޙަޤީޤަތުގައި ހެކިބަސް ކަމަށް ބަލަނީ، މައްސަލައިގެ ޝަރީޢަތް ފެށުމުން ކޯޓުގައި އެ ހެކީން ދޭ ހެކިބަހެވެ.

ފުލުހުންނަށް ދީފައިވާ ބަޔާން އޭގެޒާތުގައި މާބޮޑު ބުރަދަނެއް ހުންނަ އެއްޗަކަށް ނުވެއެވެ. އޭގެން އެހީއެއްވާނަމަ ވަނީ، މައްސަލައިގައި ދަޢުވާކުރަން ނުވަތަ ނުކުރަން ޕީ.ޖީ ނިންމަވާ ހިސާބުގައެވެ.

ކުށުގެ ޢަމަލު ހިނގާ ތާރީޚުން ފެށިގެން ދަޢުވާ ފަށައިގަނެ ހެކިބަސް ނެގުމާ ދެމެދު ފާއިތުވާ ދިގު މުއްދަތުގައި ތަފާތު ކަންކަން ދިމާވެއެވެ.

ހެކިބަސް ދިނުމަށް އިންކާރުކުރުން، ހެކިބަސް ދިނުމަށް ޚިޔާލު ބަދަލުވުން، ހެކިބަސް ދޭން ޖެހިލުންވުން، ހެކިބަސް ދެވޭ ޙާލަތެއްގައި ނެތުން، ރާއްޖޭން ބޭރުގައިވުން، އެކަން ހިނގިއިރު، ހެކިބަސް ދޭން ކިތަންމެ ބޭނުންވިޔަސް، ކަމުގެ ނުރައްކާތެރިކަން ބޮޑުކަމަށް ވިސްނިގެން، އެކަމުގެތެރެއަށް ދެން އިތުރަށް ވަންނަން ބޭނުންނުވުން، ނުވަތަ ޙަޤީޤަތުގައިވެސް ހަނދާން ބަލިވުން ނުވަތަ ކުރިން ބުނެވުނު އެއްޗެއް އެހާސާފުކޮށް ހަނދާނަށް ނައުންފަދަ ބައިވަރު ކަންކަން އެ މުއްދަތުގެ ތެރޭގައި ހިނގައިދެއެވެ.

އެހެންކަމުން، ޚަންޖަރުގެ ކުށާއި ގޭންގު ކުށާ ގުޅޭގޮތުން، މިހާރު ހެކިބަސް ނަގާ ވަގުތާއި ގޮތަށް، މުހިންމު ބަދަލެއް ގެންނަންޖެހެއެވެ.

މައްސަލައިގެ ތަހްޤީޤުގައި ހެކިބަސް ދޭނެ މީހުން ފާހަގަވުމުން، ޝަރީޢަތް ފެށޭ ދުވަހަކާހަމައަށް އެމީހަކު މަޑުކުރަން ނުޖެހި، އެ މައްސަލައިގެ ތަޙްޤީޤު ހިނގަހިނގާ ހުރިނަމަވެސް، ހެކިބަސް ދޭން ބޭނުންވާ މީހާގެ ހެކިބަސް، ކޯޓުގައި ފަނޑިޔާރެއްގެ ކުރިމަތީގައި، މުޢާލާތް ނުކެޑެނީސް، ނުވަތަ ވަގުތު ފާއިތުނުވަނީސް ނެގޭނެގޮތެއް ވާން އެބަޖެހެއެވެ. ކޯޓުގައި އެ ހެކިބަސް ރިކޯޑުވާން އެބަޖެހެއެވެ.

ހެކިބަސްދޭ މީހުންގެ ހެކިބަހަކީވެސް އޭގެ އާޚިރު ނަތީޖާގައި، ހަމައެކަނި ޝަރީޢަތުގައި ދެވޭ ހެކިބަހަކަށްވާތީ، ތަޙްޤީޤު ހިނގަހިނގާ ހުރިނަމަވެސް، އެ ހެކިބަސް ދޭ މީހާގެ ހެކިބަސް ރައްކާތެރިކުރެވޭނެ ގޮތް ހޯދަން އެބަޖެހެއެވެ. އެ ހެކިބަސް ޝަރީޢަތާ ހަމައަށް އަވަހަށް ގެންދެވޭނެގޮތް ހަދަން އެބަޖެހެއެވެ. އެ ތަޙްޤީޤުކުރެވޭ މައްސަލައިގެ ހެކި ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ ބޭނުމުގައެވެ.

(ރ)  ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ބަދަލުވުން

ކުށުގެ ތުހުމަތުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާގައި ކުށަށް އިޢުތިރާފުވިނަމަވެސް، އެއީ، ޞައްޙަ އިޢުތިރާފަކަށް މިހާރުގެ ޤާނޫނުއަސާސީއެއް ނުބަލައެވެ.

ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވާ އިޢުތިރާފު ނޫނީ ރަނގަޅު އިޢުތިރާފަކަށް ނުވެއެވެ. އެހެންކަމުން އިޢުތިރާފު ރަނގަޅު އިޢުތިރާފަކަށް މިހާރު މިވަނީ، ކޯޓުގައި މައްސަލައިގެ ދަޢުވާ ހިނގައިގަތުމުން ކޯޓުގައި ދޭ އިޢުތިރާފެވެ.

ކޮންމެއަކަސް، ތަޙްޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވާ މީހުންނާއި އިޤްރާރުވާ މީހުން، ކުށުގެ ޢަމަލުން ފެށިގެން ތަޙްޤީޤުގެ މަރުޙަލާއާއި ދަޢުވާއަށް ތައްޔާރުވުމުގެ މަރުޙަލާއާއި ދަޢުވާ ފަށައިގަތުމުގެ މަރުޙަލާއާ ދެމެދު ހިނގާ މުއްދަތުގައި، އެމީހުންގެ ބަޔާން ބަދަލުކުރާތަން ފެނެއެވެ. ޚިޔާލު ބަދަލުކުރާތަން ފެނެއެވެ.

މުއްދަތު މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ކުށަށް އިޢުތިރާފުވުމަށްފަހުގައިވެސް، ޝަރީޢަތް ފެށުމުން އެކަމުން އޭނާ ބަރީޢަވާތަން އެބަފެނެއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނޯވެއެވެ. މުއްދަތު މަޖިލީހަކީވެސް ޝަރީޢަތުގެ މަޖިލީހަކަށް ނުބަލައެވެ.

މައްސަލައަކީ ހަމަ އަނެއްކާވެސް އެއް މައްސަލައެކެވެ. ދަޢުވާ ހުށަހެޅުމުން ހިނގާ ޝަރީޢަތުގެ މަޖިލިސް ނޫން އެހެން މަޖިލީހެއް ޝަރީޢަތުގެ މަޖިލީހަކަށް ނުބަލައެވެ. ޕީ.ޖީ ދަޢުވާއެއް ކޮށްފައިވާ ނުވުން ފިޔަވައި، ދެން ޝަރީޢަތުގެ މަޖިލީހެއްގައި ފުރިހަމަވާންޖެހޭ ހުރިހާކަމެއް ފުރިހަމަވެފައި ވީނަމަވެސް، (މިސާލަކަށް ކޯޓާއި، ފަނޑިޔާރާއި، ފުލުހުންނާއި، ޕީ.ޖީގެ ވަކީލާއި ދިފާޢީ ވަކީލު ކޯޓުގައި ހާޒިރުވެ ތިބިނަމަވެސް) ޝަރީޢަތުގެ މަޖިލީހަކަށް ނުވެއެވެ. ޝަރީޢަތުގެ މަޖިލީހަކަށް ވަނީ، ދަޢުވާ އުފުލުމަށްފަހު ބޭއްވޭ ޝަރީޢަތުގެ މަޖިލީހެވެ.

މައްސަލައިގެ ޙައްލު

މަތީގައި ދަންނަވާފައި އެވާ މައިގަނޑު މައްސަލަތައް، ތިރީގައިއެވާ ދެ ގޮތުންކުރެ ގޮތަކަށް ޢަމަލުކުރެވެނިކޮށް، ޙައްލުކުރެވެން އެބައޮތެވެ.

އެއް ގޮތަކީ، ތަޙްޤީޤު މުޅިން ފުރިހަމަވެ، ތަޙްޤީޤު ބަޔާންތަކާއި ރިޕޯޓާގުޅޭ އިދާރީ ކަންކަން ފުރިހަމަވާން މަޑުނުކޮށް، ވަގުތު ފާއިތުނުކޮށް، ތަޙްޤީޤު ރަނގަޅަށްދާ ޙާލަތުގައި، ނުވަތަ ދަޢުވާކުރުމަށް އެކަށޭނަ ހެކި ތަޙްޤީޤުގައި ލިބޭ ޙާލަތުގައި، ތަޙްޤީޤު ހިނގަހިނގާ ހުރިނަމަވެސް، ވަގުތުން ދަޢުވާ އުފުލުމެވެ.

އަދި، ކުށުގެ ތުހުމަތުކުރެވޭ މީހާ ތަޙްޤީޤުގެ މަރުޙަލާގައި ކުށަށް އެއްބަސްވެ ދައްކާ ވާހަކައާއި، އެކުށާ ގުޅޭގޮތުން ހެކިބަސް ދޭން ބޭނުންވާ މީހުން ކުށް ސާބިތުކޮށްދިނުމަށް ދޭ ހެކިބަސް، ތަޙްޤީޤު މަރުޙަލާ ހިނގަހިނގާ ހުރިނަމަވެސް، ކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ވަގުތު ފާއިތުނުކޮށް، ނެގޭނެ ގޮތްވުމެވެ. ރިކޯޑުކޮށް، މަހުޒަރުކުރެވޭނެ ގޮތްވުމެވެ.

އޭރުން، ފަހުން ބަޔާން ބަދަލުކުރުމަކަށް ނުވަތަ ހެކިބަސް ބަދަލުކުރުމަކަށް ފުރުޞަތެއް ނޯންނާނެއެވެ.

އަނެއް ގޮތަކީ، ފަނޑިޔާރެއްގެ ކުރިމައްޗަށް ކުށުގެ ތުހުމަތުގައި ހާޒިރުކުރެވޭ ކޮންމެ މަޖިލީހަކީ، ނުވަތަ ހެކިބަސް ދޭންބޭނުންވާ މީހާ ހާޒިރުކުރެވޭ ކޮންމެ މަޖިލީހަކީ، އަދި، މުއްދަތު މަޖިލީހަކީވެސް، ޝަރީޢަތުގެ މަޖިލިސްކަމަށް ޤާނޫނުގައި މާނަކުރަން ފެށުމެވެ.

އެގޮތަށް ހެދުމުން ނުކުންނަ ފައިދާ

މި ދެ ގޮތުންކުރެ ގޮތަކަށް ޢަމަލުކޮށްފިނަމަ، ޝަރީޢަތުގެ މަޖިލީހުގައި ރުހުމުގައި ދޭ ބަޔާންނޫން ބަޔާން ޝަރީޢަތަށް ހެކީގެގޮތުގައި ޤަބޫލުނުކުރުމުގެ ފުރުޞަތު ޤާނޫނުއަސާސީން ލިބިދޭތީ،  ތަޙްޤީޤާއި ދަޢުވާއާއި ޝަރީޢަތުގެ މަޖިލިސް އެހާތަފާތު ތިން މަރުޙަލާއަކަށްވެ ތަފާތުކޮށްފައިވާ އޮންނާތީ، އަދި އެއިން ކޮންމެ މަރުޙަލާއެއްގެ ދޭތެރޭ މެދަށް އެހާގިނަ ދުވަސް ގެއްލިދާތީ، މީހުން ނަގާ ފައިދާ ނަގައި ބަޔާން ބަދަލުކުރުމަށް އޮތް ފުރުޞަތު ގެއްލިގެންދާނެއެވެ.

އަދި، ކަނޑައެޅިގެން ކުށުގެ ޢަމަލު ހިންގައި، ޤާނޫނު އޮންނަގޮތުން، ނުވަތަ ޝަރީޢަތުގެ މަޖިލިސް ތަޙްޤީޤަށްވުރެ މާފަހުން ފެށޭތީ، ސިސްޓަމް އޮތްގޮތުގެ ފައިދާ ނަގައިގެން، ކުށް ސާބިތު ނުކުރެވިގެން، ކުށުގެ އަދަބުން ސަލާމަތްވެގެން ދާ މީހުން އެގޮތަށް ސަލާމަތްވެގެން ދިޔުން ހުއްޓުމަކަށް އަންނާނެއެވެ.

އަދި، ކަނޑައެޅިގެން ހިންގާ ކުށުގެ ޢަމަލު ޝަރީޢަތަށް ސާބިތުވާ ނިސްބަތް ސާފުކަމާއެކު އިތުރުވާން ފަށާނެއެވެ.

ސިސްޓަމް ހިނގަން ފަށައިފިކަން، ނަތީޖާ ނެރެން ފަށައިފިކަން ރައްޔިތުންނަށް ޤަބޫލުކުރެވެން ފަށާނެއެވެ.

މިއީވެސް، މާގިނަ ޤާނޫނުތަކެއް ނުގެނެސް، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި ޙަރަކާތްތެރިން ކަމުގައިވާ ފުލުހުންނާއި ޕީ.ޖީއާއި ކޯޓުތަކުން މިހާތަނަށް ވިސްނުން ގެންގުޅެމުން އައިގޮތް އިޞްލާޙުކޮށްލާއިރަށްވެސް، ގެނެވެންއޮތް ރަނގަޅު ބަދަލެކެވެ. ބޮޑު ތަފާތަކުން ނަތީޖާ ދައްކަން ފަށާނެ ހެޔޮ ބަދަލެކެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

ޑރ. އަބުދުﷲ ވަހީދު

ހުށަހަޅުއްވާފައި ވާ 2 ގޮތަށް ބަލާއިރު، އިމްޕްލިމެންޓް ކުރަން ފަސޭހަވާނީ ދެ ވަނަ ގޮތެވެ. ރައްކާތެރިވާނީ ވެސް އެގޮތެވެ. އެހެނީ، ފުރަތަމަ ހުށަހެޅުމުގައި ވާގޮތަށް، ތަހުގީގު ނުނިމެނީސް މައްސަލަ ކޯޓަށް ދިޔުމުން، ސިއްރުކުރަން ޖެހޭ މައުލޫމާތު ލީކުވެ ތަހުގީގަށް ހުރަސް އެޅުމުގެ ބިރު އޮންނާނެއެވެ. ނަޝީދުގެ މި ލިޔުއްވުމަކީ ވަރަށް ބޭނުން ތރި ލިޔުމެކެވެ. އަދި ވަރަސް މުހިއްމު މައްސަލައެއްގެ ޕްރެކްޓިކަލް ހައްލެކެވެ.

# 1  
" ޑރ. އަބުދުﷲ ވަހީދު " 13 އޮކްޓޯބަރ 2012 | 5:13
އަބްދުﷲ ިއސްމާއީލް

މައިގަނޑު ގޮތެއްގައި ފާލުކުރައްވާފައިވާ ޚިޔާލުފުޅު ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް މިފަދަ ކަންކަން އަމަލީ ގޮތެއްގައި، ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމީ ފާހަގަ ކުރަންޖެހޭ ކަމެކެވެ. އުސްތާޛު ނަޝީދުގެ މިޚިޔާލުފުޅު ޤާނޫނީ ގޮތެއްގައި މަޖްލީހުގެ ތަޅޫމާ ހަމައަށް އުފުލިގެން ދާނެ ކަމަށް އުއްމީދު ކުރަމެވެ.

# 2  
" އަބްދުﷲ ިއސްމާއީލް " 13 އޮކްޓޯބަރ 2012 | 12:40
އަލްކެމިސްޓް

ކުށުގެ ވެށި : މިބަހަކީ ފުލުހުންގެ ތަހުގީގުގައި އާއްމުކޮށް ބޭނުން ކުރާ އިނގިރޭސި ބަސް “ކްރައިމް ސީން” ގެ ބަދަލުގައި ވުޖޫދަށް އައި ބަހެކެވެ. ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެހީއާއި އެކު މިބަސް އުފައްދާފައިވަނީ ޕޮލިހުންގެ އެދުމުގެ މަތިން މި ބުނި ކްރައިމް ސީންގެ ބަދަލުގައެވެ. އަދި ފުރަތަމަ އެބަސް ބޭނުން ކުރަންވެސް ފެށީ ޕޮލިސް ބްރީފިންތަކުގައެވެ. ހަމަ ކްރައިމް ސީންގެ މާނާގައެވެ. އެކަމަކު މިހާރު އެމީހުންވެސް ބޭނުން ކުރަނީ މިހާރު އާއްމުކޮށް ބޭނުން ކުރާ މާނާގައެވެ. މިހާރު އާއްމުކޮށް މި ބޭނުން ކުރާ މާނާގައި މިބަސް ވައިގައި ހިފާފައިވާތީ ކްރައިމް ސީން އަށް އެހެން ބަހެއް އުފެއްދުމަށް ފެނެއެވެ.

# 3  
" އަލްކެމިސްޓް " 13 އޮކްޓޯބަރ 2012 | 22:58