ކުށުގެ ވެށި ހަންމަތަކުރުން – ގޭންގު ކުށުގެ ޤާނޫނު (4)

ތާރީޚް: 20 އޮކްޓޯބަރ 2012

ކުށުގެ ވެށި ހަންމަތަކުރުމުގައި ދިމާވާ މައްސަލަތަކަށް ސިލްސިލާގޮތުގައި އަޅުގަނޑު ދައްކަމުން މިދާ ވާހަކައިގައި، މިއަދު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، ގޭންގުތަކާއި ގޭންގުތަކުން ކުރާ ކުށްކުށަށް ޚާއްޞަކޮށްގެން ހެދި ޤާނޫނު ނުހިންގިގެން އުޅޭ ސަބަބުގެ މައްޗަށެވެ.

ރާއްޖޭގައި، އަދި ވަކިން ޚާއްޞަކޮށް މާލޭގައި، ގޭންގު ހަދައިގެން ބޮޑެތި ޖިނާއީ ކުށުގެ ޢަމަލު ހިންގުން އިތުރުވަމުންދާތީ، ރައްޔިތުންގެ މަޖިލީހުން އެކަމަށް ޚާއްޞަކޮށްގެން ހެދި އެއް ޤާނޫނަކީ، ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނެވެ. އެ ޤާނޫނު އުފަންވީ، 5 ސެޕްޓެމްބަރު 2010 ގައެވެ.

އެ ޤާނޫނު ތަޢާރަފުކުރި އެންމެބޮޑު އެއް މަޤްޞަދަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި، ގޭންގުތަކަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލަށް ވަކި ޚާއްޞަ އުސޫލެއް ނުވަތަ ވަކި ޚާއްޞަ ވިސްނުމެއް ނެތުމުން، އެކަން ފޫބެއްދުމެވެ.

އަދި، ގޭންގުތަކުން ހިންގާ އަދި ގޭންގުތަކާގުޅޭ ބައެއް ކަންކަން އެއީ ކުށްކަމަށް ކަނޑައެޅުމެވެ.

އަދި، ގޭންގުތަކަށް ސީދާ ފޯކަސްކޮށް، ގޭންގުތައް ރޫޅާލައި، ގޭންގުތަކުގެ މެންބަރުންނަށް ތިބެ ކުށްކުރާ މީހުންނަށް އަދަބު ދެވި، ގޭންގުތަކުން ކުރާ ކުށުގެ ޢަމަލުތައް ހުއްޓުމަކަށް ގެނައުމެވެ.

އެ ޤާނޫނު ބުނާގޮތުން، ގޭންގު އުފެއްދުމާއި، ގޭންގު ހިންގުމާއި، ގޭންގެއްގެ މެންބަރަކަށްވުމާއި، ގޭންގެއްގެ މީހެއްގޮތުގައި ދެއްކުމާއި، ގޭންގެއްގެ ލީޑަރަކަށްވުމަކީ، ކުށެވެ.

ގޭންގުތަކަށް މީހުން ވެއްދުމަކީ، ގޭންގުތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަކީވެސް ކުށެވެ.

ގޭންގުތަކުން ސަރަޙައްދު ކަނޑައެޅުމާއި، ގޭންގުތަކަށް ނިސްބަތްވާ ނިޝާން ކުރެހުމާއި ބެހެއްޓުމާއި ދެއްކުމާއި ހަރުކުރުމަކީވެސް ކުށެވެ.

އަމިއްލަ ޖަމްޢިއްޔާތަކާއި ކުޅިވަރު ކުލަބުތައް ނިވާފަތްގަނޑަށް ހަދައިގެން ގޭންގު ކުށްކަމަށް ކަނޑައަޅާފައިވާ ކަންކަން އެ ޖަމްޢިއްޔާތަކާއި ކުލަބުތަކުން ކުރުންވެސް އެއީ ކުށެވެ.

ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭނެކަމަށް ބުނާ އުސޫލުތައްވެސް އެ ޤާނޫނުގައި އެބަހުއްޓެވެ.

ގޭންގުގެ ބޭނުމަށް، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި އެތެރެކުރުމަކީވެސް، ކުށެވެ.

މިހާ ތަފްޞީލު މާއްދާތައް އެ ޤާނޫނުގައި ހުރިނަމަވެސް، އެ ޤާނޫނު އުފަންކުރަން ދެކެވުނު ވާހަކައާއި، އެ ޤާނޫނުން ހާސިލުކުރެވޭނެކަމަށް އުންމީދުކުރި ނަތީޖާއަށް ބަލާއިރު، އެ ޤާނޫނުން ހާސިލުކުރެވުނު ނަތީޖާ ގާތްގަނޑަކަށް ސުމެކެވެ.

އެ ޤާނޫނަށް މިވީ ދެއަހަރު ތެރޭގައި، މިހާތަނަށް އެ ޤާނޫނުގެ ދަށުން ކުރެވުނީ އެންމެ 4 ދަޢުވާއެއްވަރު ކަމަށްވެއެވެ. އެއީވެސް، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުންނެވެ.

އެ ޤާނޫނުގެ އެހެން މާއްދާތަކުގެ މާބޮޑު ބޭނުމެއް ކުރެވުނު ތަނެއް ނުފެނުނެވެ. ޙަޤީޤަތަކީ، އެއްގޮތަކަށްވެސް، އެ ޤާނޫނުގެ އެހެން މާއްދާތައް ބޭނުން ނުކުރެވޭކަމެވެ.

ނަތީޖާ ސާފެވެ. އެ ޤާނޫނުގެ ސަބަބުން ގޭންގުތަކަށް އައި ހުއްޓުމެއް ނެތެވެ. ގޭންގު ޙަރަކާތްތަކަށް އައި މަޑުޖެހުމެއް ނެތެވެ. ކަންކަން މިވަނީ، ގޯހުންގޯހަށް ގޮސްފައެވެ.

ސުވާލަކީ، އެހެން މިވީ ކިހިނެއްވެގެން ހެއްޔެވެ؟ ޤާނޫނު ފޮތްބައިގައި އޮތް ބޭކާރު ރަމްޒީ ޤާނޫނަކަށް ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނުވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އެންމެބޮޑު، އެންމެ އަސާސީ ސަބަބެއްކަމަށް ވަނީ، އެ ޤާނޫނުގައި ގޭންގު މާނަކުރެވިގެންވާ ގޮތެވެ.

އެ ޤާނޫނުގައި، ގޭންގުކަމަށް ބުނެފައިވަނީ، “ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެ ޖަމާޢަތެއް ނުވަތަ ގްރޫޕެއްގެ މައިގަނޑު ޙަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާޢަތްތަކަށާއި ގްރޫޕުތަކަށެވެ.”

މިހެން މި މާނަކުރުން އޮތުމުން، ކަމާބެހޭ ފަރާތްތަކުގެ އިސްބޭފުޅުންނަށް އެ ޤާނޫނު ބޭނުންކުރަން ދެތިން ދައްޗެއް ދިމާވިއެވެ.

 1.ގޭންގުތަކަކީ، ކޮބައިކަން ޢާންމުކޮށް އެނގުނުނަމަވެސް، އަދި، އެ ގޭންގުތަކުގައި އުޅޭމީހުން ޢާންމުކޮށް އެނގުނުނަމަވެސް، އެމީހުން ކުރާ ކުށްތައް ޢާންމުކޮށް އެނގުނުނަމަވެސް، އެ ޤާނޫނުގެ ތެރެއަށް ގެނެސް، އެމީހުންނަކީ، ގޭންގަކަށް ނިސްބަތްވާ ޖަމާޢަތެއްކަމާއި، އެ ޖަމާޢަތުން ހިންގާ މައިގަނޑު ޙަރަކާތަކީ، ޖިނާއީ ކުށްކުރުންކަން ސާބިތުކޮށްދިނުމަކީ، އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.

މިހާރު އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އޮތްގޮތުން، އަދި، ގޭންގު ކުށް މަނާކުރުމުގެ ޤާނޫނުގައި އެހެންގޮތަކަށް ނެތުމުން، ވަކި ޖަމާޢަތަކީ، ގޭންގެއްކަން ސާބިތުކޮށްދިނުމަކީ، އެ ޖަމާޢަތަކީ ގޭންގެއްކަމަށް ބުނެ ދަޢުވާކުރާ ބަޔަކު ސާބިތުކޮށްދޭންޖެހޭނެ ކަމެކެވެ. މާނައަކީ، އެއީ، ދައުލަތުން ސާބިތުކޮށްދޭންޖެހޭނެ ކަމެކެވެ.

އަދި، ކަމަކީ، ޖިނާއީ ކަމަކަށްވާތީ، އެކަމަކީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތް ދަރަޖައަށް ސާބިތުކޮށްދޭންޖެހޭނެ ކަމެކެވެ. އެކަން ކުރުމަކީ، އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ގޭންގެއްކަމަށް ބުނެވޭ ފަރާތުން، ކޮށްލަންޖެހޭނެ ހަމައެކަނި ކަމަކީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ދައުލަތުގެ ފަރާތުން ކުރާ ދަޢުވާގައި އުފައްދާލުމެވެ. ގޭންގެއްކަމަށް ބުނެވޭ ފަރާތުން، އެމީހުންނަކީ، ގޭންގެއް ނޫންކަން ސާބިތުކޮށްދޭކަށެއް ނުޖެހޭނެއެވެ.

އެހެންކަމުން، އެމީހުންނަކީ، ގޭންގެއްކަމަށް ސާބިތުކޮށްދޭންޖެހެނީ، ދައުލަތުންނެވެ. ސާބިތު ހެކީގެ އަލީގައެވެ. ޖިނާއީ ކުށެއް ސާބިތުވާ ދަރަޖައިގައެވެ. އެއީ، ޕްރޮސިކިއުޓަރ ޖެނެރަލަށް އެހާފަސޭހަ ކަމަކަށް ނުވާނެއެވެ.

މި ދަތި މިހެންއޮތުމުން ދެން ދިމާވާ އަނެއްދަތި ތިރީގައި އެވަނީއެވެ.

2.      ގޭންގު މީހެއްގެ މައްޗަށް ކުށުގެ ދަޢުވާއެއް މި ޤާނޫނުގެ ދަށުން ކުރެވޭނީ، ދަޢުވާކުރެވޭ މީހާ ނިސްބަތްވާ ޖަމާޢަތަކީ، ގޭންގެއްކަމަށް ސާބިތުކޮށްދީގެންނެވެ.

އެމީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ކުރާ ކުށަކަށް، ގޭންގު ޤާނޫނުގެ ދަށުން ދަޢުވާއެއް ސާބިތުކުރެވޭނީ، އޭގެފަހުންނެވެ. އެހެންނޫނީ، އެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކުށުގެ ދަޢުވާއެއް މީހެއްގެ މައްޗަށް އެ ޤާނޫނުގެ ދަށަކުން ސާބިތެއް ނުކުރެވޭނެއެވެ.

ކުރުގޮތަކަށް ބުނާނަމަ، ގޭންގު ކުށް މަނާކުރުމުގެ ޤާނޫނު ވާތްގެއްނެތް ބޭކާރު އެއްޗަކަށް ވެގެންދިޔައީ، އެއްފަހަރާ ދެ ކަންތައް އެ ޤާނޫނުގެ ދަށުން ސާބިތުކޮށްދޭންޖެހޭތީއާއި އެ ދެ ކަންތައް ސާބިތުކޮށްދިނުމަކީ، އެހާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

މާނައަކީ، އެ ޤާނޫނުގެ ދަށުން ކުރާ ކޮންމެ ދަޢުވާއެއްގައި، ޤާނޫނުގައި ބުނާފަދަ ގޭންގެއްކަން ސާބިތުކޮށްދިނުމާއި، އެ ޤާނޫނުގައި ބުނާ ބާވަތުގެ ކުށެއް އެ ގޭންގުގެ މީހަކު ކުރިކަން ސާބިތުކޮށްދިނުމެވެ.

އެހެންކަމުން، ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަކީ، ބާރެއްހުރި ނަތީޖާ ނެރެވޭ ޤާނޫނަކަށް ހަދަން ބޭނުންކަމަށްވާނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ ޤާނޫނުގައި ގޭންގު މާނަކޮށްފައި އޮތްގޮތް ބަދަލުކުރުމެވެ.

އެހެންނަމަވެސް، އެކަން ކުރުމަކީ، ފަސޭހަކަމަކަށް ނުވާނެއެވެ. އަދި، ކުރިން އެ ޤާނޫނު ސަރުކާރުން ހުށަހެޅިއިރު އޮތް މާނަކުރުން ބަދަލުކޮށް، މިހާރު އޮތްގޮތަށް އެ މާނަކުރުން މަޖިލީހުން ކަނޑައަޅާފައި އެއޮތީވެސް ސަބަބަކާ ހެދިއެވެ.

އެނޫންގޮތަކަށް، މިހާރު އޮތްގޮތަށްވުރެ ފުޅާކޮށް އެ މާނަކުރުން ގެނެސްފިނަމަ، ބައެއް ސިޔާސީ ޕާޓީތަކާ ގުޅިފައިވާ ސިޔާސީ ޙަރަކާތްތެރިންވެސް، ބައެއް ޖަމާޢަތްތަކާ ގުޅިފައިވާ ބައެއް ޙަރަކާތްތެރިންވެސް، އެ މާނަކުރުމުގެ ތެރެއަށްވަދެ، އެ ޤާނޫނުން އަދަބު ދޭން ނިޔަތް ނުގަންނަ މުޅިން އެހެންބައެއް މި ޤާނޫނުގެ ތެރެއަށް ވަނުމުގެ ބިރު އޮތުމަކީވެސް، އެ މާނަކުރުން ޤާނޫނުގައި މިހާރު ގެނެސްފައި އޮތްގޮތަށް ގެނެސްފައި އޮތުމުގެ އެއް ސަބަބުކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ސަންސެޓް ޤާނޫނުވެސް މަޖިލީހުން ފާސްކުރަން އެންމެ ޖެހިލުންވި އެއް ސަބަބަކީ، ޤާނޫނުން ލިބިދޭ ބާރު، އެ ޤާނޫނުން ނިޔަތް ނުގަންނަ ބައެއްގެ މައްޗަށް ބޭނުންކޮށް، އެ ޤާނޫނުގެ ނާޖާއިޒު މަންފާ ސިޔާސީ ވިސްނުމެއްގައި ނަގާފާނެކަމުގެ ބިރު އޮތުމެވެ.

އެހެންކަމުން، އާޚިރުގައި މިވީގޮތަކީ، ވަކިބަޔަކަށް ނުރައްކާވެދާނެކަމަށް ބަލައި، އެކަން ވިޔަނުދިނުމަށް މަސައްކަތް ކުރިކުރީނުންގޮސް، ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނު ސީދާ އަމާޒުކުރެވުނު މީހުންނަށްވެސް، އަދަބު ނުދެވޭވަރަށް އެ ޤާނޫނު ނިކަމެތިވެ، ބަލިކަށިވެ، ބޭކާރު އެއްޗަކަށްވީއެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

ަައަސާސް

މީގެން ދޭހަވަނީ ދެކަމެށް!
ފުލުހުން އެކަށީގެންވާ މިންވަރަށް ހެކިހޯދުމުގައި ނާގާބިލްވެފައި ވާކަން!
ހަގީގަތުގައި ވެސް ސިޔާސީ މީހުން މިކަހަލަ ކުއްތަކުގެ އަޑީގައި ޝާމިލް ވާކަން!

ޙައްލަކީ! ޤާނޫނުގައި ގޭންގު މާނަކޮށްފައި އޮތްގޮތް ބަދަލުކުރުމެވެ. ވަކިމީހެށްގެ ކަދުރާއަކަށް ނުބަލައި މިކަންކުރުން މިމުޖުތަމައަށް މިހާރު މާމުހިންމު! މި ޤާނޫނު އިސްލާޙްކުރުމަށް އަވަހަށް ހުޝައަލަންވީއެވެ.

# 1  
" ަައަސާސް " 20 އޮކްޓޯބަރ 2012 | 12:24
ދިޔާނާ ސަޢީދު

ނަޝީދުގެ މި އެނެލިސިސްއަށްޓަކައި ޝުކުރުވެރިވަން. އަޅުގަނޑު ދެކޭ ގޮތުގައި ގްރޫޕެއް ނުވަތަ ޖަމާޢަތެއް “ގޭންގް” އަކަށްވާނީ އެ ގްރޫޕެއް ނުވަތަ ޖަމާއަތެއް އުފެއްދުމުގައި ޖިނާއީ ޢަމަލު ހިންގުމުގެ މަޤްޞަދު އޮވެގެން. އެހެނިހެން ޖަމާޢަތްތަކާ “ގޭންގް” ތަކުގެ ފަރަގަކީ އެއީ. އެހެންނަމަވެސް، ޤާނޫނުގައި ގޭންގް މާނަކޮށްފައިވާގޮތާގުޅިގެން ދަތިވާކަމަށް ވިދާޅުވެ، ނަޝީދު ފާހަގަކުރެއްވި ނުކުތާއާމެދު ވިސްނާލަންޖެހޭ. އަޅުގަނޑު ހިތަށް އަރަނީ އެ ޑެފިނިޝަންގައިވާ “މައިގަނޑު” މިލަފުޒު އުނިކުރުން އެއީ އެޅިދާނެ ފިޔަވަޅެކޭ. އަޅުގަނޑު ފާހަގަކުރަން ބޭނުންވާ އަނެއް ނުކުތާއަކީ، އަދި އަޅުގަނޑުގެ މައިގަނޑު ނުކުތާއަކީ ގޭންގްތަކާބެހޭ ޤާނޫނުގައި ވާގި ނެތިގެން އުޅެނީ ޤާނޫނުގައި ދަތިތަކެއް ހުރެގެންނެއް ނޫނޭ. އެއާ ޚިލާފަށް ޤާނޫނު ތަންފީޒުކުރުމުގެ “ވިލް” ނެތިގެންނޭ. މިދެންނެވި “ވިލް’ ނެތުމުގެ ސަބަބުން ޕްރޮސެކިއުޓަރ ޖެނެރަލްއަށްވެސް އަދި ކޯޓުތަކަށްވެސް ޤާނޫނު ބޭނުންކުރުމަށް އެކަށޭނަ ފުރުޞަތު އަދި ނުލިބޭ. އެފަރާތްތަކާ ހަމައަށް މައްސަލަތައް ނުއުފުލޭ. އަޅުގަނޑުގެ ކަންފަތަށް މިހާތަނަށް އަރާފަހުރި މުޢުތަބަރު އަޑުތަކަށް ބަލާއިރު، ގޭންގްތައް އުޅޭ ތަންތަން އެނގޭ. ގޭންގްތަކުގައި އުޅޭ މީހުންނަކީ ކޮންކޮން ބައެއްކަން އެނގޭ. ގޭންގްތަކުގެ ހާލިތަކަކީ ކޮބައިކަން އެނގޭ. ގޭންގްތަކުން ޖިނާއީ ކުށްކުރާކަން އެނގޭ. މި ދެންނެވި ޙަޤީޤަތްތައް މިހެން ހުރިއިރު، ގޭންގްތައް ރޫޅާ ނުލެވިގެން އުޅެނީ ކީއްވެގެންތޯ، ގޭންގްތައް ޤާނޫނުގެ ކުރިމައްޗަށް ނުގެނެވިގެން އުޅެނީ ކީއްވެގެންތޯ…؟ މިސުވާލުތަކުގެ ޖަވާބު އަޅުގަނޑު ހިނތުން ވަރަށް ސާފު. ހަމަ ޔަޤީނުންވެސް ޤާނޫނުގައި ހުރި އުނިކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއްނޫން. މިއީ ގޭންގްތައް ސިޔާސީ ބާރުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބުމުން ދިމާވެގެން އުޅޭ މައްސަލައެއް. މިހާތަނަށް “ޕޮލިޓިކަލް ވިލް” ނެތުމުން ދިމާވެގެން އުޅޭ މައްސަލައެއް.

# 2  
" ދިޔާނާ ސަޢީދު " 21 އޮކްޓޯބަރ 2012 | 12:47