ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވޭނީ ފަސްހާސް މީހުންނަށް

ތާރީޚް: 23 އޮކްޓޯބަރ 2012

ސިޔާސީ ޙަރަކާތް ހިންގާ ޖަމާޢަތެއް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ، 5000 މެންބަރުން ހަމަވެގެން ކަމަށާއި، ދައުލަތުން ދޭ ފައިސާގެ އަހަރީ އެހީ ސިޔާސީ ޕާޓީއަކަށް ލިބޭނީ، އެ ޕާޓީގެ ދަފްތަރުގައި 10,000 މީހުން ހަމަވެގެން ކަމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސާފު އަޣްލަބިއްޔަތުން މިއަދު ނިންމަވައިފިއެވެ.

މިގޮތަށް އެ ކޮމިޓީން ނިންމެވީ، މިހާރު އެ ކޮމިޓީން ފުރިހަމަކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީގެ ޤާނޫނުގެ ބިލު ފުރިހަމަކުރެއްވުމުގައި، ނިންމަވަންޖެހޭ އުސޫލީ މައްސަލަތައް ނިންމެވުމުގައެވެ.

އެގޮތަށް އެކަން ނިންމެވުމުން، މަންޒަރު ފެންނާނެގޮތް ތިރީގައި އެވަނީއެވެ.

ސިޔާސީ ޖަމާޢަތެއް އުފައްދައި، އެ ޖަމާޢަތުގައި ބައިވެރިވެ އުޅުމުގެ ޙައްޤު ޤާނޫނު އަސާސީން ލިބިދޭތީ، އެކަން ކުރުމުގެ ޙައްޤު ހަމަކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެއެވެ.

އެހެންނަމަވެސް، ސިޔާސީ ޖަމާޢަތެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ރަސްމީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ސިޔާސީ ޕާޓީއަކަށް ލިބިދޭ ހައިސިއްޔަތާއި ބަލައިގަތުން، އެ ސިޔާސީ ޖަމާޢަތަށް ލިބިދޭނީ، 5000 މީހުން އެ ސިޔާސީ ޖަމާޢަތުގައި ހިމެނުމުން، އެކަންޏެވެ.

ދައުލަތުގެ ފައިސާގެ އަހަރީ އެހީ ލިބުން ފިޔަވައި، އެހެން ހުރިހާ ކަމެއްގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި ޙަރަކާތްތެރިވެ އުޅުމުގެ ޙައްޤު ސިޔާސީ ޕާޓީތަކުގެ ރަސްމީ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ލިބިގެންދާނެއެވެ.

މި ޤާނޫނު ފާސްވާއިރު، 5000 މީހުންނަށްވުރެ މަދުން މީހުން ތިބި ޕާޓީތަކަށް، އެ ޢަދަދު ހަމަކުރަން 6 މަސްދުވަސް ލިބިދެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި، އެ ޢަދަދު ހަމަނުކުރެވޭ ޕާޓީތައް އުވިގެންދާނެއެވެ.

އަދި، މި ޤާނޫނު ފާސްވާ ފަހުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ޕާޓީއެއްގެ މެންބަރުންގެ ޢަދަދު 5000  މީހުންނަށްވުރެ ދަށްވެއްޖެނަމަ، އެ ޢަދަދު ހަމަކުރަން 3 މަސްދުވަސް ލިބިދެވޭނެއެވެ. އެ މުއްދަތުގެ ތެރޭގައި، އެ ޢަދަދު ހަމަނުކުރެވޭ ޕާޓީތައް އުވިގެންދާނެއެވެ.

5000 މީހުން ހަމަވެގެން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޙަރަކާތްތެރިވިނަމަވެސް، ދައުލަތުން ދޭ ފައިސާގެ އަހަރީ އެހީ ލިބިދެވޭނީ، އެ ޕާޓީގެ ދަފްތަރުގައި، 10000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ސަބަބަކީ، ރާއްޖޭގެ ނިސްބަތުން 10000 މީހުންގެ ޖަމާޢަތަކީ، ސިޔާސީ މައިދާނުގައި ނުފޫޒެއް އޮތް، އަޑެއް އޮތް ބައެއް ކަމުގައި ޤަބޫލުކުރަން ޖެހުމެވެ. އަދި، އެވަރުގެ ނުފޫޒުގަދަ ޖަމާޢަތަކަށް، ދައުލަތުގެ އެހީތެރިކަން ދީގެން، އެ ޖަމާޢަތުގެ ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދޭން ޖެހޭނެކަމަށް ދުށުމެވެ. ޤައުމުގެ ސިޔާސީ ނިންމުންތައް ނިންމުމުގަޔާއި، ޤައުމުގައި އާރުލާ ސިޔާސީ ވިސްނުންތައް އުފެއްދުމުގައި، އެމީހުންގެ ހިއްސާ ޤައުމީ ފެންވަރުގައި އޮންނާނެކަމަށް ބަލަންޖެހުމެވެ.

އެއަށްވުރެ ކުދި ޖަމާޢަތްތަކުން، ދައުލަތުގެ ފައިސާގެ އެހީ ބޭނުންކަމަށްވާނަމަ، އެ ޖަމާޢަތުގެ ފިކުރަށް ތާއީދުކޮށް، އެ ޖަމާޢަތުގެ ބައެއްގެ ގޮތުގައި 10000 މީހުން ރަޖިސްޓްރީކުރަން ޖެހޭނެކަމަށް ފެނުމެވެ.

މިގޮތަށް، މި ނިންމުން ނިންމީ، ގިނަ ބަހުސްތަކަކަށް ފަހުގައެވެ. ސިޔާސީ ޕާޓީއެއް އުފެއްދޭނެ މީހުންގެ ޢަދަދަށްވުރެވެސް ބޮޑަށް ބަހުސްކުރެވުނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާގެ އެހީ ދޭނެ ފޯމިއުލާއާ ބެހޭގޮތުންނެވެ.

ދައުލަތުގެ ފައިސާގެ އެހީ ދޭނީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި މީހުން ތިބި ޢަދަދުންތޯ ބަހުސްކުރެވުނެވެ. ނުވަތަ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މަޖިލިސް މެންބަރުންގެ ޢަދަދުންތޯ ބަހުސްކުރެވުނެވެ. ނުވަތަ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބެއްގައި ބައިވެރިވި ކެންޑިޑޭޓުން، އެ އިންތިޚާބެއްގައި އެ ޕާޓީއަށް ހޯދައިދިން ވޯޓުތަކުގެ ޖުމްލަ ޢަދަދަށް ބިނާކޮށްތޯ ބަހުސްކުރެވުނެވެ. ނުވަތަ މި ތިން މިންގަޑު މަސްހުނިކޮށްގެން ހަދާ އާ ފޯމިއުލާއެއްގެ ދަށުންތޯ ބަހުސްކުރެވުނެވެ.

އެކަމަކު، މިއިން ކޮންމެ ފޯމިއުލާއެއް އިޚްތިޔާރުކުރިނަމަވެސް، ރާއްޖޭގައި ދިމާވާނެ ދަތިތަކަށް ވިސްނައި، ކޮމިޓީގެ މެންބަރުންނަށް ފަސޭހަވީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ އެ ޕާޓީގެ ރަސްމީ އާބާދީގެ ނިސްބަތުން ދައުލަތުގެ ފައިސާގެ އެހީ ބެހުމުގެ ފޯމިއުލާއެވެ.

ޕާޓީގެ ނަމުގައި މަޖިލިހަށް ހޮވިފައި ތިބި މެންބަރުންނަށް، ނުވަތަ އިންތިޚާބެއްގައި  ޕާޓީއެއްގެ ފަރާތުން ބައިވެރިވި ކެންޑިޑޭޓުން އެ ޕާޓީއަށް ހޯދައިދިން ޖުމްލަ ވޯޓުގެ ނަތީޖާއަށް ބިނާކޮށް ފައިސާ ބަހާގޮތަށް ނުނިންމުނު އެންމެ މުހިންމު އެއް ސަބަބަކީ، އިންތިޚާބެއްގައި ޕާޓީއެއްގެ ނަމުގައި މަޖިލީހަށް މެންބަރަކު ހޮވުނު ޕާޓީ، އެ މަޖިލިހުގެ ދައުރުގައި ބަދަލުކުރުމުގެ ފުރުޞަތު އެ މެންބަރަށް ލިބިގެންވާކަމަށް ކޮމިޓީގެ މެންބަރުން ޤަބޫލުކުރުން ހިމެނެއެވެ.

އަދި، މެންބަރަކު އޭނާ މެންބަރުކަމުގެ މުއްދަތުގައި، ޕާޓީ ބަދަލުކޮށްފިނަމަ، ދައުލަތުގެ އެހީ ދޭނީ، އޭނާ ހޮވުނު ޕާޓީއަށްތޯ ނުވަތަ އޭނާ އެވަގުތު ހުރި ޕާޓީއަށްތޯ، މި ދެގޮތުންކުރެ ގޮތަކަށް އެއްބަސްވާން މެންބަރުންނަށް ދަތިވުން ދެވަނަ ސަބަބެއްގެ ގޮތުގައި ހިމެނެއެވެ.

އެހެންކަމުން، ކޮމިޓީގެ މެންބަރުން ނިންމީ، މަޖިލިސް މެންބަރުންނާއި، އިންތިޚާބުތައް ނުހިމެނޭގޮތަށް ބައްޓަންކުރެވޭ ފޯމިއުލާއެއްގެ މަތިން، ދައުލަތުގެ ފައިސާގެ އަހަރީ އެހީ ޕާޓީތަކަށް ލިބެމުންދާނެ ގޮތަކަށް ނިންމުމަށެވެ.

މި ލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާގޮތަށް ސިޔާސީ ޕާޓީގެ ޤާނޫނުގެ ބިލު ނިންމުމަށް ކަނޑައެޅި ސަބަބު މިދަންނަވާލެވުނީއެވެ.

މިކަމަށް ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން، ދެންނެވިދިޔަގޮތަށް އެކަން ބާއްވަން ވޯޓު ދެއްވި ބޭފުޅުންނަށާއި، އެބޭފުޅުން މަޖިލީހުގައި ތަމްސީލުކުރައްވާ ޕާޓީތަކަށާއި، އެ ބޭފުޅުން ކޮމާންޑްކުރައްވާ ވޯޓުގެ ޢަދަދަށް ބަލާއިރު، އެކަން ދެން މަޖިލިހާ ހިސާބުން، އެހެންގޮތަކަށް ބަދަލުވެގެން ހިނގައިދާނެކަމަށް ޤަބޫލުކުރަން ދައްޗެވެ.

އެއީ، އެބޭފުޅުންގެ ވިސްނުން ބަދަލު ނުކުރައްވާހާ ހިނދަކުއެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

ރައޫފް

ތިބިލަށް ތާއީދުކުރެވޭ. ނަމަވެސް ސިޔާސީޕާޓީތަކަށް ސަރުކާރުން ހޭދަކުރާފައިސާއާއިމެދު ހިތްހަމއެއްނުޖެހޭ. އެއީމާބޮޑު އަދަދެއް. އެއަދަދުތަކަށް ރަގަޅު ބަދަލެއް ގެންނަންފެނޭ.

# 1  
" ރައޫފް " 25 އޮކްޓޯބަރ 2012 | 0:34
ޒަކީ

އަޅުގަނޑުގެ ޙިޔާލަކީ، ދައުލަތުގެ ފައިސާ ދެވޭނީ 10 ހާސް މީހުން ހިމެނޭ ޕާޓީ އެކޭ އޮތުމުގެ ބަދަލުގައި އާބާދީގެ ޕަރސެންޓަކުން އެ އަދަދު ލިޔެވިފައި އޮތުން. މިހެން މިދެންނެވީ، އަނެއްކާވެސް ދެތިން އަހަރުން 10 ހާސް މީހުންގެ ޕާޓީ އަކީ ވެސް، ރާއްޖޭގެ އާބާދީގެ ނިސްބަތުން ކުޑަ ޕާޓީއަކަށް ވެދާނެ. ވީމަ،އޭރުން އަނެއްކާވެސް އޮންނާނީ ކުޑަ ޕާޓީއަކަށް ފައިސާ ދޫކުރުމުގެ ލޮޖިކް އާއި ލެޖިޓިމަސީ ބޮޑުވެފައި. މީގެ ބަދަލުގައި 10 ހާސް މީހުން ނަކީ މިއަދުގެ ރާއްޖޭގެ އާބާދީގެ ކިހާ އިންސައްތައެއް ތޯ ބެއްލެވުމަށް ފަހު އެޖެހޭ އަދަދު ޕަރސެންޓް އެއްގެ ގޮތުގައި ގާނޫނުގައި ހިމެނިއްޖެނަމަ، އާބާދީ ބޮޑުވާ ވަރަކަށް އެއްކަލަ ޕަރސެންޓަށް އާބާދީ އަށް ޖެހޭ މީހުން ގެ އަދަދު ދާނި ވަރަށް އިންސާފުވެރި ރޭޝިޔޯ އެއްގެ ދަށުން ބޮޑުވަމުން. މިހެން ހެދިއްޖެނަމަ ފުރަތަމަ ވެސް ތި ކަނޑަ އެޅުއްވި 10 ހާސް މީހުން ގެ އަދަދު ގައުމުގެ އާބާދީގެ ނިސްބަތުން އަބަދުވެސް ދާނީ އެއްމިނެއްގައި ހިފެހެށްޓެމުން.

# 2  
" ޒަކީ " 25 އޮކްޓޯބަރ 2012 | 2:38
އިބޫ

މިއީ ރަނގަޅު ފޯރމިއުލާ އެއް ކަމުގައި ދެކެމު.
މިގޮތަށް ހެދުމުން، ރައްޔިތުންގެ ފައިސާ، ހަގީގީ މަގުސަދުގައި ކުރިއަށް ދާނެ ކަމުގަިއ ދެކެމު. މިހަރު ހެން ގޭގެ ސިޓިންގރޫމްގައި އޮފީސް ހަދައި، އަންހެނުންނަށް ސެކްޓްރީ ޖެނެރަލް ކަން ދީގެން، އެލިބޭ 7ލައްކަ ރުފިޔާ މުޅި އާއިލާ އަށް ޙަރަދު ކުރުން ހުއްޓޭނެ ކަމުގައި ދެކެމު

# 3  
" އިބޫ " 25 އޮކްޓޯބަރ 2012 | 14:02
އިބްރާހީމް ރަޝީދު

ވަރަށް ރަނގަޅު ކަމެއް ކަމަށްފެނޭ، ނަޝީދު ތި ކުރައްވާ މަސައްކަތަށް ސާބަސް

# 4  
" އިބްރާހީމް ރަޝީދު " 27 އޮކްޓޯބަރ 2012 | 13:58