އާ ހެއްކާބެހޭ ބިލު

ތާރީޚް: 23 އޮކްޓޯބަރ 2012

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމި އޮތް ބިލެއް ކަމުގައިވާ ހެއްކާ ބެހޭ ބިލުގެ ބަދަލުގައި، މުޅިން އާ ހެއްކާބެހޭ ބިލެއް އަލުން އެކުލަވާލައި، އެ އާ ބިލު، މިއަދު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އަދި، ކޮމިޓީގެ މެންބަރުންގެ ތެރެއިން، އެ ބިލަށް އިޞްލާޙެއް ގެންނަވަން ބޭނުންފުޅު މެންބަރުންނަށް އެ ފުރުޞަތު އަންނަހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ދެއްވުމަށް ކޮމޓީން މިއަދު ނިންމަވައިފިއެވެ.

އަދި، ހަމައެހެންމެ، އެ ބިލު ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ބައްލަވާލައްވައި، ކޮމެންޓްކުރެއްވުމުގެ ފުރުޞަތު އެ އިދާރާތަކަށް އެރުވުމުގެގޮތުން، އަންނަހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް އެބޭފުޅުންނަށް ފުރުޞަތު އެރުވުމަށްވެސް، މިއަދު ކޮމިޓީން ނިންމަވައިފިއެވެ.

ކަމާގުޅޭ ދައުލަތުގެ އިދާރާތަކަށް ކޮމިޓީން ދަންނަވަން ނިންމެވީ، އެއްވެސް ކޮމެންޓެއް އޮތްނަމަ، ބޮޑުޢީދުގެ ބަންދަށްފަހު ސަރުކާރު އަލުން ހުޅުވޭ ދުވަހުގެ ރޭގަނޑު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން، އެ ކޮމެންޓެއް ކޮމިޓީއާ ޙިއްސާކުރެއްވުމަށެވެ.

ހެއްކާބެހޭ ބިލު ފުރަތަމަ ހުށަހެޅުއްވީ ސަރުކާރުގެ ބިލެއްގެ ގޮތުގައެވެ. 22 އޮކްޓޯބަރ 2009 ގައެވެ.

އެ ބިލު އޭރު ފޮނުއްވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކުރިން އޮތް ދާޚިލީ ކޮމިޓީއަށެވެ. 10 ނޮވެމްބަރ 2009 ގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ 2010 ގައި އުފެދި، އެ ބިލު ކޮމިޓީން ފުރަތަމަ ބެއްލެވީ، ޑިސެމްބަރ 2010 ގައެވެ.

އަދި، ސަރުކާރުން ހުށަހެޅުއްވި ހެއްކާބެހޭ ބިލުގެ ބަހުރުވަ ހުރިގޮތުން، އޭގައި ބުނާއެއްޗެއް ސާފުނުވާވަރަށް އޮޅުންބޮޅުން ގިނަކަމުން، އެ ބިލު ދިރާސާކުރުން ހުއްޓާލައި، އެ ބިލުގެ ފޭރާން ހެޔޮކޮށްދީ އިޞްލާހުކޮށްދިނުމަށްފަހު، ސަރުކާރުން ހުށަހެޅުއްވި ބިލުގެ ބަދަލުގައި ބޭނުންކުރެވޭ ފެންވަރުގެ ބިލަކަށް އެ ބިލު ބަދަލުކޮށްދީ، ކޮމިޓީއަށް އެހެން ޑްރާފްޓެއް ފޮނުއްވައިދެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ކޮމިޓީން ކަނޑައެޅުއްވިއެވެ.

އެކަމުގައި މަސައްކަތް ކޮށްދެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ދެންނެވީ، 18 ޖަނަވަރީ 2011 ގައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މަސައްކަތްކޮށްދެއްވުމަށްފަހު، ފޮނުއްވި އެ އޮފީހުގެ ޑްރާފްޓް ކޮމިޓީއަށް ލިބުނީ، 4 އޭޕްރިލް 2011 ގައެވެ.

އެހެންނަމަވެސް، އެ ބިލުގެ މަސައްކަތް އަލުން ކޮމިޓީން ފެށްޓެވީ، މެއި 2012 ގައެވެ. ދެވަނަ ފަހަރަށް ކޮމިޓީއަށް ލިބުނު ޑްރާފްޓް، (އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވި ޑްރާފްޓް) ދިރާސާކުރައްވަން ފެށްޓެވިއިރުވެސް، ކުރިން ސަރުކާރުން ހުށަހެޅުއްވި ޑްރާފްޓަށްވުރެ ފަހުން އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވި ޑްރާފްޓުގެ ފެންވަރު ރަނގަޅު ނަމަވެސް، އެ ބިލު އެކުލަވާލެވިފައިވާ ގޮތާއި، އުސޫލުތައް ގެނެސްފައިވާ ގޮތާއި، ހަމަތައް ބަޔާންކޮށްފައިވާ ގޮތުން، އެއީ، އޮޅުންބޮޅުން ބޮޑު ބިލެއްކަމަށް ކޮމިޓީން ފާހަގަކުރިއެވެ. އަދި، އެ ބިލު އެކުލަވާލެއްވުމުގައި އަސްލަކަށް ބައްލަވާފައި، މެލޭޝިޔާގެ ހެއްކާބެހޭ ޤާނޫނުގެ މޮޑެލް ބަލައިނުގަތުމަށް ކޮމިޓީން ނިންމެވިއެވެ.

އަދި، ހެއްކާބެހޭ ޤާނޫނަކީ، ވަރަށް “އެބްސްޓްރެކްޓް” ވަރަށް ފަންނީ ހަމަތަކެއްގެ މައްޗަށް އޮންނަ ޤާނޫނެއްކަމުން، އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވި ޑްރާފްޓް އިސްލާޙުކުރުމަށްވުރެ ރަނގަޅުވާނީ، އެ ބިލު ދޫކޮށްލުމަށްފަހު، މުޅިން އަލަށް ތަންކޮޅެއް ފަސޭހަގޮތަކަށް ދެނެގަނެވޭނެ ގޮތަކަށް، މުޅިން އާ ވިސްނުމެއްގައި، އަލުންބަލުން ބިލެއް އެކުލަވާލުން ކަމުގައި ކޮމިޓީން ކަނޑައެޅުއްވިއެވެ.

އެގޮތަށް ކޮމިޓީން ނިންމެވުމުން، ކަމާބެހޭ ދައުލަތުގެ އިދާރާތަކާއެކު ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުނެވެ. އެ ބައްދަލުވުންތައް ކުރިއަށްދިޔައީ، 20 ޖޫން 2012 އިން ފެށިގެންނެވެ.

އަދި، އެ މަޝްވަރާތަކަށްފަހު، ބިލު އަލުންބަލުން އެކުލަވާލައި ނިމި، ކޮމިޓީގެ މެންބަރުންނަށް ބިލުގެ ކޮޕީ އެރުވުނީ، މިއަދު، 22 އޮކްޓޯބަރ 2012 ގައެވެ.

މި މަސައްކަތުގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދަށު ކޯޓުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކާއި ފުލުހުންނާއެވެ.

ހެއްކާބެހޭ ބިލު އަލުން ޑްރާފްޓުކޮށްފައިވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލިބުނު ޚިޔާލުގެ އަލީގައެވެ. އަދި، އެ ބިލުގެ މަސައްކަތް ނިންމަން ރާވާފައިވަނީވެސް، އެ އިދާރާތަކުގެ ޚިޔާލު ހުރިގޮތް ބެލުމަށްފަހުގައެވެ.

ޢީދު ބަންދަށްފަހު ހުޅުވޭ ހަފްތާގައި ބާއްވަން ކަނޑައަޅާފައިވާ މަޝްވަރާތަކަށްފަހު ބިލުގެ މަސައްކަތް މުޅިން ނިންމާލެވޭ ވަރުވާނެއެވެ.

ކޮމިޓީއަށް މިއަދު ހުށަހެޅުނު ހެއްކާބެހޭ ބިލު މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. އަދި، ބިލުގެ މައިގަނޑު އުސްއަލިތައް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ނޯޓު – މި ބިލު ނިމުމުން، “މޯސްޓް ވޯންޓެޑް” ކެޓެގެރީގެ އެއް ބިލު “ޑައުން” ވީއެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

...