ކުށުގެ ވެށި ހަންމަތަކުރުމަށް ހުރި މައްސަލަތައް – (1) ވަކީލުންގެ މައްސަލަ
ފުރަތަމަ އަޅުގަނޑު ފާހަގަކުރާނީ، ވަކީލުންގެ މައްސަލައެވެ. އަޅުގަނޑުގެވެސް ޕްރޮފެޝަންގައި މަސައްކަތްކުރާ އަޅުގަނޑުމެން ވަކީލުންގެ ވާހަކައެވެ.
ވަކީލުންނަކީ، މިހާތަނަށް ވަކި ޤާނޫނަކުން ރެގިއުލޭޓް ކުރެވުމުންއައި ބައެއް ނޫނެވެ. ފުރަތަމަކޮޅުގައި ޖަސްޓިސް މިނިސްޓްރީން ގަވާއިދެއްގެ ދަށުން ވަކީލުންނަށް ހުއްދަ ދެމުން ދިޔައެވެ. އާ ޤާނޫނުއަސާސީ އައިސް، ޖަސްޓިސް މިނިސްޓްރީ އުވުނު ހިސާބުން އެކަން ކުރުން އެޓަރނީ ޖެނެރަލްގެ އޮފީހާ ޙަވާލުވިއެވެ. އަދި، އެކަން ކުރުން ޖުޑިޝަލް ސަރވިސް ކޮމިޝަނާވެސް ޙަވާލުކުރެވުނެވެ. އެކަމަކު ދާދިފަހަކާޖެހެންދެންވެސް، އެކަން ކުރަމުންދާތަން ފެނުނީ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ. ދާދިފަހުން، ވަކީލުންގެ ކަންކަމުގައި ސުޕްރީމް ކޯޓުގެ ދައުރެއް އޮތްކަމަށް ފެނިގެން، އެ ކޯޓުންވެސް ގަވާއިދެއް ހަދައި ހިންގަން ފަށައިފިއެވެ.
ކޮންމެއަކަސް، ވަކާލާތުކޮށްދިނުމުގެ ޚިދުމަތުގެ ޙަރަކާތްތެރިންނަކީ، ފުރިހަމަގޮތެއްގައި މިހާތަނަށް ރެގިއުލޭޓް ކުރެވިފައިވާ ބައެއް ނޫނެވެ. އެމީހުން ދަފްތަރުކުރުމާއި، އެމީހުންނަށް ހުއްދަ ދިނުމާއި، އެމީހުންގެ ސުލޫކު ކަނޑައެޅުމާއި، އެމީހުންނާމެދު ފިޔަވަޅު އެޅުމާއި، އެމީހުންގެ ހުއްދަ ބާޠިލުކުރުމާގުޅޭ ޤާނޫނީގޮތުން ޞައްޙަ އެންމެންނަށް ޤަބޫލުކުރެވޭ އުސޫލުތަކެއް ހިމެނޭ ޤާނޫނެއް ނެތެވެ. ލީގަލް ޕްރޮފެޝަން އެކްޓެއް ނެތެވެ.
ކަން އޮތީ އެހެންނެވެ. ދެން އެހެން ވާހަކައެކެވެ.
އެ ވެށީގައި މަސައްކަތްކުރާ ބައެއް ވަކީލުން ކުށުގެ ވެށީގެ މައްސަލަތަކާ ގުޅުވާލަމާތޯއެވެ. ފާހަގަވާ ކަންކަން ތިރީގައި އެވަނީއެވެ.
ވަކީލުންގެ ފުށުން ދިމާވާ ކަންކަން
(1) ކުށުގެ ތުހުމަތުކުރެވޭ މީހާގެ ވަކީލުގެ އަތަށް މައްސަލައިގައި ހެކިބަސްދޭ މީހުންގެ ބަޔާން ލިބުމުން، ނުވަތަ މަޢުލޫމާތު ލިބުމުން، އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހިންގާކަން، ޖިނާއީ ޢަދުލުގެ ނިޒާމުގައި ތިބި ހަރުކުލައިގެ ގިނަމީހުންނަށް އެނގެއެވެ.
އެގޮތަށް ވަކީލުން ހެކިންނަށް ފޯރުވާ ނުފޫޒުގައި ޖެހި، ހެކީން ބަޔާން ދިނުމަށް އިންކާރުކުރެއެވެ. ކުރިންދީފައިވާ ބަޔާން ބަދަލުކުރަން ބޭނުންވެއެވެ. ހެކިބަސްދޭން ދެން ބޭނުންނުވާކަމަށް ބުނެއެވެ. ނުވަތަ ފުރައިގެން ކޯޓާއި މައްސަލައާ ދުރަށް ދެއެވެ.
ހެކިން ފޮރުވައިގެން ގެންގުޅުނުނަމަވެސް، މިކަމަށް ޙައްލެއް ނެތެވެ. ސަބަބަކީ، ވަކީލުންގެ އަތަށް އެމީހުންގެ ބަޔާންތައް ލިބުމުން، ނުވަތަ ހެކިދިނީ ކޮންބައެއްކަން އެނގުމުން، އެމީހުންނަށް ގުޅާ ނުފޫޒު ފޯރުވުމުގެ ދައުރު ވަކީލުން ކުޅުމެވެ.
(2) ކުށެއްގެ ތުހުމަތުގައި އެކަކަށްވުރެ ގިނަމީހުން ހައްޔަރުކުރެވޭ ޙާލަތުގައި، އެމީހުން ބައިތިއްބަނީ ވަކިންނެވެ. އެންމެން އެއްތަނެއްގައި ބައިތިއްބައިފިނަމަ، އެންމެން އެކައްޗެއް ކިޔައި، ސައްލާކޮށް، ތަޙްޤީޤަށް ހުރަސްއަޅާފާނެތީއެވެ.
އެހެންނަމަވެސް، ކަންވާގޮތަކީ، އެހުރިހާ އެންމެން ޢައްޔަނުކުރަނީ، އެއް ވަކީލެކެވެ. ގޭންގް ކުށްކުށާ ގުޅުންހުރި ކަންކަމުގައި، މިކަން އަދި މާބޮޑަށް ފެންނަކަމަށްވެއެވެ.
އެހެން އެއް ވަކީލު ޢައްޔަނުވުމުން، ދެން މިވާގޮތަކީ، ވަކިވަކިން ބައިތިއްބާފައިވާ އެންމެންނާ ވަކިން ބައްދަލުވުމަށް އެ ވަކީލަށް ފުރުޞަތު ލިބުމުން، އެ ފުރުޞަތުގެ ނުހަމަ ބޭނުންކޮށްގެން، އެންމެން ލައްވައި އެކައްޗެއް ކިޔުއްވަނީއެވެ. ދައްކާ ވާހަކަ އެއްގޮތް ކުރުވަނީއެވެ. އަދި، އާ ސްޓޯރީތައް އުފަންކުރުވައިގެން، އެމީހުން ސަލާމަތްކޮށްދެނީއެވެ.
އެހެން ހެދުމުން، ވަކިން ހައްޔަރުކޮށްފައި ބޭތިއްބުމުގެ ބޭނުން ކެނޑެނީއެވެ.
ވަކީލު އެމީހުންގެ މުވައްކިލުން ޤާނޫނުގެ ދާއިރާގެތެރޭގައި ދިފާޢުކޮށްދިނުމުގެ ބަދަލުގައި، މުވައްކިލާ ގުޅިގެން ކުށުގެ ޢަމަލު ފޮރުވުމަށް މަސައްކަތްކުރަނީއެވެ. ޤާނޫނާ ޚިލާފު ޢަމަލުވެސް ކުރަނީއެވެ. ޤާނޫނުގެ ބާރުވެސް ކަނޑުވާލަނީއެވެ. ޤާނޫނު ރަނގަޅުގޮތުގައި ހިންގުމަށްއޮތް ފުރުޞަތަށްވެސް ހުރަސްއަޅަނީއެވެ.
(3) ބައެއް ގްރޫޕުތަކުން އެމީހުންގެ ކަންކަމަށް ވަކީލުން މަހު މުސާރަދީފައިވާ ރިޓޭންކޮށްފައި ތިބޭކަމަށްވެއެވެ. ކުންފުނިތަކުން އެމީހުންގެ ލޯޔަރުން ރިޓޭންކުރާ ބީދައިންނެވެ.
ބައެއް ޙާލަތްތަކުގައި، ކުށްވެރިން ކުށްކުރުމުގެ ކުރިން، ވަކީލާ މަޝްވަރާކޮށް، ޤާނޫނީގޮތުން ސަލާމަތްވެވޭނެ ގޮތަކަށް އެކަން ކުރުމުގައި ވަކީލުގެ އެހީތެރިކަން ހޯދާކަމަށްވެސް ވެއެވެ.
ވަގަށް ނަގާ ފައިސާއިން ނުވަތަ ފޭރިގެންފައިވާ ފައިސާއިން ވަކީލުގެ ޕޭމަންޓުވެސް ހަމަޖައްސާކަމަށްވެސް ވެއެވެ.
ވަކި ގްރޫޕެއްގެ މީހަކު ހައްޔަރުކޮށްގެން ދޫނިދޫއަށް ހަމަގެންދިޔުމާއެކު، މާލޭގައި ހުންނަ އަތޮޅުވެއްސަށް އޭނާގެ ފަރާތުން ވަކީލަކު އާދެއެވެ. އަދި، ޢާއިލާއިން ފޮނުވައިގެން ކަމަށް ބުނެއެވެ.
ވަކީލެއްގެ އެހީތެރިކަމަކީ، އަސާސީ ޙައްޤެއްކަމުން، އަދި އެ ޙައްޤުދިނުމުގެ ވަކި ޤާނޫނީ އުސޫލުތަކެއް ނެތުމުން، ވަގުތުން ވަކީލު ހަމަޖައްސައިދޭންވެސް ޖެހެއެވެ. އެހިސާބުން ވަކީލު އޭނާގެ މުވައްކިލު “ދިފާޢު” ކުރުމުގެ މަސައްކަތް ފަށައެވެ.
ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދާއިރު، މަސައްކަތް ހޯދަން ވަކީލުން އެތާނގައިވެސް ތިބޭކަމަށްވެއެވެ. ޖިނާއީ ކޯޓު ހުންނަގޮތުން، ވަކީލުންނާއި ކުށްވެރިން ތިބެންޖެހެނީ އެއްތަނެއްގައެވެ. އެހެންކަމުން، ވަކީލަކު ނެތްމީހުން ދެނެގަންނަން ފަސޭހަވެފައި، އެތަނުން މަސައްކަތް ހޯދަން ވަކީލުންނަށް ފަސޭހަވެގެންދެއެވެ.
(4) ބައެއްފަހަރު، ވަކީލުން ޢައްޔަނުކޮށް ނިމޭއިރު، ކުށުގެ ތުހުމަތުގައި ބަންދުގައި ހުރި މީހާއަށް އޭނާގެ ފަރާތުން ވަކީލަކު ޢައްޔަނުވެއްޖެކަންވެސް ނޭނގޭކަމަށް ވެއެވެ. ވަކީލަކު ޢައްޔަނުކުރުމަކީ، އޭނާއަށް ސީދާ ލިބިދޭ ޙައްޤަކަށް ވާއިރުވެހެވެ.
އަދި، ބައެއް ޙާލަތުގައި ވަކީލު އައިސް ޢައްޔަނުވާއިރު، އޭނާ އެ ޢައްޔަނުވީ ކާކުގެ ވަކީލެއްގެ ގޮތުންކަންވެސް ބަޔާންކޮށްދޭން ޚުދު އޭނާއަށްވެސް ނޭނގޭކަމަށްވެއެވެ. އޭނާ ބުނަނީ، އަޅުގަނޑު މީ، މިއަދު ހައްޔަރުކުރި އެންމެންގެ ވަކީލު ކަމަށެވެ.
ވަކީލު ޢައްޔަނުކުރުމަށް ފޯމެއް ފުރާ އިދާރީ އުސޫލެއް އޮންނަކަމަށްވެއެވެ. އެކަމަކު، އެ އިދާރީ އުސޫލަށްވުރެ ބޮޑަށް އިސްކަންދެވިފައި އޮންނަނީ، ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޙައްޤު ވަގުތުން ފޯރުކޮށްދިނުމަށެވެ.
(5) އެއް ވަކީލު އެއްބަޔަކާއެކު އުޅޭކަމުގެ ޕެޓާރން ފާހަގަކުރެވޭކަމަށްވެއެވެ. އަދި، ވަކި ގުރޫޕުތަކަކާއެކު އުޅެނީ ޚާއްޞަ ވަކީލުންކޮޅެއް ކަމަށްވެއެވެ. ހެކި އުފެއްދުމާއި ހެކި ނައްތާލުމާއި ސްޓޯރީ މޭކްކޮށްދިނުމުގައި ވަކީލުން ޢަމަލީގޮތުން އިސްނަގައިގެން މަސައްކަތްކޮށް، އެމީހުންގެ މުވައްކިލުން “ސަލާމަތް” ކޮށްދޭކަމަށްވެއެވެ.
ހައްޔަރުކުރި މީހާ ވަކި ވަގުތެއްގައި ހުރީ ތިމަންނަޔާ އެއްކޮށޭ ވަކީލު ވިދާޅުވާއިރު، އެބުނާ ގަޑިއެއްގައި އޭނާގެ މުވައްކިލު ހައްޔަރުކުރެވުނީ ކޯޓު އަމުރެއްގެ ދަށުން އެހެންތަނަކުން ކަމަށްވެސްވެއެވެ. ދޮގުހެދުން ހުންނަވަރަކީވެސް މިއީ ކަމަށްވެއެވެ.
(6) ވަކީލާއި މުވައްކިލާ ދެމެދު އެކަހެރި ސިއްރު ބައްދަލުވުމަކަށް ފުރުޞަތުދެނީ، ވަކީލުން ޕްރޮފެޝަނަލް މިންގަނޑުގައި ތިބޭނެކަމަށް ބަލައިގެން ކަމުގައިވީނަމަވެސް، އެ ފުރުޞަތުގެ ބޭނުންކުރެވެނީ ކުށް ފޮރުވަން އެހީވާންކަމަށްވެއެވެ. އަދި، ބައެއް ޙާލަތުގައި ދެމީހުން ގުޅިގެން އިތުރު ކުށްކުރުމަށް ކަމަށްވެއެވެ.
(7) ކުށުގެ ތުހުމަތުކުރެވޭ މީހާއާ ބައްދަލުކޮށްފައި، ވަކީލު އެނބުރިއައިސް، އެ ގުރޫޕުގެ މާސްޓަރުންނާ މަޢުލޫމާތު ޙިއްސާކޮށް، ދެން އެކަމުގައި އޭނާ ސަލާމާތްކުރަން ހަދަންޖެހޭގޮތުގެ ވާހަކަ ކިޔައިދޭކަމަށްވެއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ، ހެކިން ބިރުގެންނެވުމުގެ މަސައްކަތް ފެށުމެވެ.
މި ނުބައި ރޯލު ވަކީލުން ކުޅޭކަން ތަޙްޤީޤުތަކަށް ފާހަގަވާން އެބަހުރިކަމަށްވެއެވެ.
(8) މިގޮތަށް ކަންވުމުން، ތަޙްޤީޤުގެ މަގު ބަންދުވުމާއި، ތަޙްޤީޤު ބަލިކަށިވުމާއި، ކަނޑައެޅިގެން އެނގޭ ޙާލަތުގައިވެސް މީހުން ޤާނޫނުގެ ކުރިމައްޗަށް ނުގެނެވުމާއި، ދަޢުވާ ބަލިކަށިވުމާއި، ކުށް ސާބިތުނުވެ ނުރައްކާތެރި މީހުން ދޫވެގެންދިޔުން އެހެރަ ޢާންމުކަމަކަށް ވަނީއެވެ. ރަނގަޅު އުންމީދެއް އޮވެގެން ހުށަހަޅާ މައްސަލަވެސް، ވަކިހިސާބަކުން އެހެންގޮތަކަށް އެނބުރިގަންނަނީ، ކަންކަން ސާބިތުނުވާން ފަށަނީ، ހަމަ މިދެންނެވި ސަބަބުތައް އެހެން ހުރުމުންނެވެ.
ޙައްލު
ތަޙްޤީޤެއްގައި ފުރަތަމަ ހިނގާ 72 ގަޑިއިރަކީ، އެ ތަޙްޤީޤަށް ރަން 72 ގަޑިއިރެވެ. ކުށުގެ ވެށި ޕްރޮސެސް ކުރުމާއި، ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ޤާނޫނީ ކަންކަން ނިންމުމާއި، އެމީހުންގެ ތަޙްޤީޤުތައް ފަށައިގަތުމާއި، ކުށުގެ މޫ ހޯދުމުގެ މަސައްކަތްތައް ބާރުލައި ކުރުމަށް، އެ 72 ގަޑިއިރަކީ، މުހިންމު 72 ގަޑިއިރެވެ.
(1) އެހެންކަމުން އެއް ޙައްލަކީ، ވަކިކަހަލަ ސީރިއަސް ބޮޑެތި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ވަކީލާ އޭނާއާ ދެމެދު ދެކެވޭ ވާހަކަތައް އެކަހެރި މާހައުލެއްގައި ދެއްކިނަމަވެސް، އެ ވާހަކަތައް ރިކޯޑުކުރެވޭނެކަން އެމީހުންނަށް އެންގުމާއެކު، އެ ވާހަކަތައް ރިކޯޑުކުރަމުން ދިޔުމެވެ. އަދި، އެ ދެމީހުންގެ މެދުގައި ޤާނޫނުގެ ބާރު ކަނޑުވާލުމުގެ މަސައްކަތެއް، ނުވަތަ ޤާނޫނަށް އޮޅުވާލުވުމުގެ މަސައްކަތެއް، ނުވަތަ އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ މަސައްކަތެއް ކުރެވޭކަމަށް ޝައްކުކުރެވޭނަމަ، ކޯޓެއްގެ އަމުރެއްގެ ދަށުން އެ ރިކޯޑުކުރެވޭ ވާހަކަ އަޑުއަހައި ބެލޭނެ ގޮތެއް ހޯދިދާނެއެވެ. އަދި، އަޅަންޖެހޭ ފިޔަވަޅު އެޅިދާނެއެވެ. ނުވަތަ
(2) ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހެއްގެ ވަކީލާ އޭނާއާ ދެމެދު ދެކެވޭ ވާހަކަތައް އެކަހެރި މާހައުލެއްގައި ދެއްކިނަމަވެސް، ފުރަތަމަ 36 ގަޑިއިރުތެރޭގައި އެ ދެމީހުން ބައްދަލުވެ ވާހަކަދައްކާއިރު، އެ ދެމީހުންގެ ހާޒިރުގައި އިތުރު މީހަކު ބެހެއްޓުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި، އެ ދެމީހުންގެ މެދުގައި ޤާނޫނުގެ ބާރު ކަނޑުވާލުމުގެ މަސައްކަތެއް، ނުވަތަ ޤާނޫނަށް އޮޅުވާލުވުމުގެ މަސައްކަތެއް ނުވަތަ އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ މަސައްކަތެއް ކުރެވޭކަމަށް ޝައްކުކުރެވޭނަމަ، އަޅަންޖެހޭ ފިޔަވަޅު އެޅިދާނެއެވެ. އަދި، އެނޫން ވާހަކައެއް ދައްކާނަމަ، އެ ވާހަކައެއް ސިއްރުކުރުމުގެ އަހުދެއްގައި އެމީހަކަށް ސޮއިކުރެވިދާނެއެވެ.
(3) ޤާނޫނުއަސާސީން ކަށަވަރުކޮށްދެނީ، ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤެވެ. ކުށުގެ ތުހުމަތުކުރެވޭމީހާ އެ ޙައްޤުގެ ބޭނުންކޮށްގެން ހޯދާ ވަކީލާއި އޭނާގެ މުވައްކިލާ ދެމެދު ހިނގާ މުޢާމަލާތްތަކާއި ވާހަކަތަކަކީ، ސިއްރުވާންޖެހޭނެ އެއްޗެއް ކަމަކަށް ޤާނޫނުއަސާސީއެއް ނުބުނެއެވެ.
އެހެން ޤައުމުތަކުގައި ވަކީލާއި މުވައްކިލާ ދެމެދު ހިނގާ ވާހަކަތައް ސިއްރުގެގޮތުގައި ހިފަހައްޓަނީ ޤާނޫނެއްގެ ދަށުންނެވެ. ނުވަތަ ޤާނޫނީ އުސޫލެއްގެ ދަށުންނެވެ. އެވެސް، ވަކި ދާއިރާއެއްގެ ތެރޭގައެވެ. ޤާނޫނަށް އޮޅުވާލަން އުޅޭކަމަށްވާނަމަ، އެ ވާހަކަތަކަކަށް އެ ސިއްރު ހިފެހެއްޓުމުގެ އުސޫލެއް ނުހިނގައެވެ.
ލޯޔަރ ކްލަޔަންޓް ޕްރިވިލެޖް ނުވަތަ ޕްރޮފެޝަނަލް ޕްރިވިލެޖަކީ، އޭގެޒާތުގައި މުޠުލަޤު އިމްތިޔާޒެއް ނޫނެވެ. މާނައަކީ، އެއީ، ވަކި ޙާލަތްތަކެއްގައި ނުހިނގާނެ، ނުވަތަ ހިފެހެއްޓިދާނެ ޙައްޤެކެވެ.
އަޅުގަނޑުމެންގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤު ވަކި ދާއިރާއެއްގެ ތެރޭގައި ހަނިކުރުމަކީ، އެ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިދޭ ޙައްޤެކެވެ.
ޤާނޫނީ ނިޒާމު ކުރިއަރާފައިވާ ބައެއް ބޮޑެތި ޤައުމުތަކުގައި، އެމީހުންގެ ޤައުމަށް ނުރައްކާކަމަށް ފެންނަ ކުށްކުށުގައި، ފުރަތަމަ 36 ގަޑިއިރު ވަކީލަކާ ބައްދަލުވެލުމުގެ ފުރުޞަތުވެސް ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތުވެސް، ކުށުގެ ބަންދުގައި އިންނަމީހާއަށް ނުދޭ ޤައުމުތައް އެބަހުއްޓެވެ.
އެވަރުކުރާކަށް އަޅުގަނޑު ނެތީމެވެ. އަޅުގަނޑު މިދަންނަވަނީ ވަކީލަކު ނުދޭ ވާހަކައެއް ނޫނެވެ. މީހަކާއެކު ބައްދަލުވެވޭނެ ގޮތް ހަދައިދޭ ވާހަކައެވެ. ނުވަތަ ވާހަކަތައް ރިކޯޑުކުރެވޭގޮތަށް ބައްދަލުވެވޭނެ ގޮތް ހަދައިދޭ ވާހަކައެވެ. ދެމީހުންވެގެން ޤާނޫނަށް އޮޅުވާލައި، ސަކަރާތްޖަހަން ފުރުޞަތު ނުދޭ ވާހަކައެވެ.
(4) އެކަކަށް ނުވަތަ އެއްބަޔަކަށް ލިބިދޭ ވަކީލަކު ޢައްޔަނުކުރުމުގެ ޙައްޤު އެއްކޮޅުގައި ބާއްވައި، މުޖުތަމަޢުގެ އަމާންކަމުގެ ޙައްޤާއި މީހުންނަށް ލިބިގެންވާ ދިރިހުރުމުގެ ޙައްޤާއި ރައްކާތެރި މާހައުލެއް ލިބިގެންވުމުގެ ޙައްޤު އަނެއްކޮޅުގައި ބާއްވާއިރު، ޙައްޤުގެ ތިލަފަތް އަޅުގަނޑު ބުރަކުރާނީ، ވަކީލަކު ލިބުމުގެ ޙައްޤަކަށް ނޫނެވެ. މުޖުތަމަޢަށް ލިބިދޭ އެހެން ޙައްޤުތަކުގެ ޖުމްލައަށެވެ.
މި ކުޑަކުޑަ ބަދަލު ތަޢާރުފުވިނަމަވެސް، އޭގެ ނަތީޖާ ހަމަ ކުއްލިއަކަށް ފެންނަން ފަށާނެއެވެ. އެކަމުގެ އަސަރު ހަމަ ފުޅާކޮށް، ފާޅުގައި ފެންނަން ފަށާނެއެވެ.
މިދިޔަ 2011 ވަނަ އަހަރުގެ އޭޕްރިލް މެއިމަހުގެ ތެރޭގައި އަޅުގަނޑުވެސް ބައިވެރިވުން އޮވެގެން ތައްޔާރުކުރި ސަންސެޓް ބިލު ތައްޔާރުކުރުމުގައި ފުރަތަމަ 36 ގަޑިއިރުގެ ތެރޭގައި ވަކީލާއި މުވައްކިލާ ބައްދަލުކުރާއިރު އިތުރު ތިންވަނަ ފަރާތެއްގެ ހާޒިރުގައި އެ ބައްދަލުވުން ކުރިއަށްގެންދަން ޖެހޭގޮތަށް މާއްދާއެއް ހިމެނީ މި ލިޔުމުގައި އެހުރި ޙަޤީޤަތްތައް އެހެން ހުރުމުންނެވެ.
ނޯޓު: އަޅުގަނޑަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އުޅޭ ވަކީލެއް ނޫނެވެ. އެކަމަކު، ސަންސެޓް ބިލު ހެދިއިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ހަރުކުލައިގެ މީހުން އެއްވެތިބެ، ކުށުގެ ވެށި ޙައްލު ނުވެގެންއުޅޭ ސަބަބުތަކުގެ ވާހަކަދައްކާތަން އަޅުގަނޑަށް ފެނިފައިވެއެވެ. ދޮޅުއަހަރު ފަހުން، މިހާރުވެސް، އެބޭފުޅުން ދައްކަވަނީ ހަމައެ ވާހަކައެވެ.
މި ލިޔުމުގައިއެވާ ވާހަކައަކީ، އެބޭފުޅުންގެ ކިބައިން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.
މިކަހަލަ އަޅުގަނޑުމެންގެ ގިނަބައަކަށް ނޭނގޭ ކިތަންމެ މައްސަލައެއް، ކުށުގެ ވެށި ހަންމަތަކުރުމުގައި، ޙައްލުކުރާން އެބަހުއްޓެވެ.


ކިޔުންތެރިންގެ ޚިޔާލު
ވަަރަށްފުރިހަމަ ލިޔުމެއް، ވަރަށް އުފާވެއްޖެ މިފަދަ ލިޔުމެއް ލިޔުއްވާލެއްވީތީ. އަޅުގަޑަކީވެސް މަނިކުފާނެކޭ އެއްފަދަ ހަމަ މި ޕްރޮފެޝަންގެ މީހެއް. އަދި މިލިޔުމުގައި މަނިކުފާނު ވިދާޅުވެފައިވާ ކަންތައްތަކަކީ ހަމަ ކޮންމެ ދުވަހަކުވެސް އަޅުގަނޑުގެ ވަޒީފާގެ ހައިސިއްޔަތުން ދިމާވާ ކަންކަން. އަދި މިއީ ޤައުމުގެ އެންމެންވެސް ދަންނަ ބޮޑު ސިއްރެއް. ސުވާލަކީ މިކަން ޙައްޅުކުރުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ނުކުރައްވާ މިތިއްބަވަނީ ކީއްވެބާއޭ؟