ހުޅުމާލޭ ކޯޓުގެ މައްސަލަ
ހުޅުމާލޭ ކޯޓަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ޤާނޫނީގޮތުން ޞައްޙަ ކޯޓެއް ކަމަށް ބަލައިގަތުމުގައި، ޤާނޫނީގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރާ މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން، މީގެ އަހަރެއް ދޮޅުއަހަރެއްހާ ދުވަސް ކުރިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ބޭފުޅުންނާއެކު އޮތް ބައްދަލުވުމެއްގައިވެސް، އަޅުގަނޑު ވާހަކަދައްކާފައިވާނެއެވެ.
ހުޅުމާލޭ ކޯޓާ މެދު އަޅުގަނޑުގެ ވިސްނުން އެގޮތަށް ހުރި މައިގަނޑު ސަބަބުތައް އަޅުގަނޑު ދަންނަވާލާނަމެވެ.
ހުޅުމާލޭ ކޯޓުގެ ހައިސިއްޔަތު
ޤާނޫނު އަސާސީ ގެ 141 ވަނަ މާއްދާގެ (ހ) ބުނާގޮތުން، ޢަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވަނީ، ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ޤާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށެވެ.
އެ މާއްދާއިން އެނގޭގޮތުގައި، ސުޕްރީމް ކޯޓާއި ހައިކޯޓު ފިޔަވައި، ރާއްޖޭގައި ދެން ހުންނާނީ، ދަށު ކޯޓުތަކެވެ.
އަދި، ސުޕްރީމް ކޯޓާއި ހައިކޯޓު ފިޔަވައި، އެހެން ކޯޓެއް ރާއްޖޭގައި ހުންނާނީ، ޤާނޫނުގައި ކަނޑައަޅާފައިވާނަމަ ކަންވެސް އެ މާއްދާއިން އެނގެއެވެ.
މިހާތަނަށް، މަޖިލީހުން ދަށު ކޯޓުތައް ކަނޑައަޅާފައިވަނީ، މައިގަނޑު ދެ ޤާނޫނެއްގައެވެ. އެއް ޤާނޫނަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނެވެ. އަނެއް ޤާނޫނަކީ، ޑްރަގް ކޯޓު އުފެއްދި މަސްތުވާތަކެއްޗާބެހޭ ޤާނޫނެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާ ބުނާގޮތުން، ދަށު ކޯޓުތައް ބެހިގެންވަނީ، ދެ ގިންތިއަކަށެވެ. މަތީ ގިންތީގެ ދަށު ކޯޓުތަކާއި ތިރީ ގިންތީގެ ދަށު ކޯޓުތަކަށެވެ.
މަތީ ގިންތީގެ ދަށު ކޯޓުތަކުގެ ގޮތުގައި އެ ޤާނޫނުން 4 ކޯޓެއް އުފައްދާފައިވެއެވެ. އެއީ، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 52 (ރ) ބުނާގޮތުން، ތިރީ ގިންތީގެ ދަށު ކޯޓުތަކަކީ، އެ ޤާނޫނުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތަކެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ކޮންމެ ރަށު ކޯޓެއް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވެ، މެޖިސްޓްރޭޓް ކޯޓެއް އުފެދުނީއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާ އަދި މާ މުހިންމެވެ. އެ މާއްދާ ބުނަނީ، މަތީ ގިންތީގެ 4 ދަށު ކޯޓު ގާއިމުވެފައިވާ މާލެއާއި، އެ 4 ދަށު ކޯޓުގެ 4 ޑިވިޜަން ގާއިމުވެފައިވާ ރަށެއް ފިޔަވައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށެވެ.
އެހެންކަމުން 63 ވަނަ މާއްދާގެ ސާފު ނިޔަތަކީ، މެޖިސްޓްރޭޓް ކޯޓެއް މާލޭގައި ނުބެހެއްޓުން ކަމާއި، މާލެ ފިޔަވައި، އަދި މާލޭގައި އެ ހުރި މަތީ ގިންތީގެ 4 ދަށު ކޯޓުގެ 4 ޑިވިޜަން އުފެދޭ ރަށްރަށް ފިޔަވައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުންކަން ދޭހަވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާ ޢާންމު ބަހުރުވަޔަށް ބަދަލުކޮށްލުމުން މާނަކުރެވޭގޮތް މިސާލުން މިދަންނަވަނީއެވެ.
މާލޭގައި ހުންނާނީ، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމިލީ ކޯޓެވެ. އެނޫން ކޮންމެ ރަށެއްގައި ހުންނާނީ މެޖިސްޓްރޭޓް ކޯޓެކެވެ.
އެކަމަކު، މެޖިސްޓްރޭޓް ކޯޓެއް ހުރި ރަށެއްގައި، މިސާލަކަށް ކުޅުދުއްފުށީގައި، މާލޭގައި އެ ހުރި 4 ކޯޓުން އެއިން ކޮންމެ ކޯޓެއްގެ ޑިވިޜަނެއް އެ ރަށުގައި ހަދައި، 4 ޑިވިޜަން ހަމައަށް ގާއިމުކުރާއިރަށް އެ ރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓު އުވޭނެއެވެ. އަދި، އެ މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި ދެން ހިނގާނީ، އެއްކަލަ މާލޭގައި ހުރި 4 ކޯޓުގެ 4 ޑިވިޜަނެވެ.
ދެން ސުވާލަކީ، ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަނަމަ، ހުޅުމާލެއަކީ، މާލޭގެ މާނައިގައި ނުހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ހެއްޔެވެ؟
އެ ސުވާލު މުހިންމުވާ ސަބަބަކީ، މެޖިސްޓްރޭޓް ކޯޓަކީ، ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފައްދާ ކޯޓަކަށްވެފައި، އެ ކޯޓު ހުންނާނީ، މާލެ ފިޔަވައި ދެން މީހުން އުޅޭ ކޮންމެ ރަށެއްގައިކަމަށް އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނާތީއެވެ.
ހުޅުމާލެއަކީ، އެކަމަކު، މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. ހުޅުމާލެއަކީ، ޤާނޫނުއަސާސީގެ 2 ވަނަ ޖަދުވަލު ބުނާގޮތުން، މާލޭގެ ބައެކެވެ. ޢާންމުގޮތުންނަމަ، މާލޭގެ އަވަށެކެވެ. ވިލިގިލި މާލޭގެ އަވަށަކަށް ވާފަދައިންނެވެ.
މިހާރު ހުޅުމާލޭ ކޯޓުގެ ގޮތުގައި ހިންގަމުން އެއަންނަ ކޯޓަކީ، ކޯޓުތަކުގެ ޤާނޫނު 21 އޮކްޓޯބަރު 2010 ގައި ހިންގަން ފެށުމުގެ ކުރިން އެ ރަށުގައި ހިނގަމުން އައިސްފައިވާ ކޯޓެކެވެ.
އެ ކޯޓަކީ، ކޯޓުތަކުގެ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް ކޯޓު އުފެއްދުމަށް ކަނޑައަޅާފައިވާ ފޯމިއުލާ (މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމުގެ ފޯމިއުލާ) އާ ތަޢާރުޟުވާތީ، ކޯޓުތަކުގެ ޤާނޫނު ހިންގަން ފެށުމުން، އުވިގެންދާނެ ކޯޓެކެވެ. އުވިގެން ދާންޖެހޭނެ ކޯޓެކެވެ.
އެތާނގައި ހުއްޓަސް ހުންނަންޖެހޭނީ، މާލޭގައި އެ ހުރި 4 ކޯޓުގެ ތެރެއިން ކޮންމެވެސް އެއް ކޯޓެއްގެ ޑިވިޜަނެކެވެ. ނުވަތަ ޑިވިޜަންތަކެކެވެ. މެޖިސްޓްރޭޓް ކޯޓެއް ނޫނެވެ.
މަތީގައި ދެންނެވިފައިވާ ކަންކަން އެހެންހުރުމުން، ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް (މީހުން ދިރިއުޅޭ ރަށްރަށުގައި އުފައްދަންޖެހޭ މެޖިސްޓްރޭޓް ކޯޓެއް) ހުރުމަކީ، ނުވަތަ ހިންގުމަކީ، ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނު އޮތްގޮތުން، ސުވާލު އުފެދުމަށް ޖާގަ ލިބިދޭ ކަމެކެވެ.
އެއީ، އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން، ވަކީލެއްގެ ހައިސިއްޔަތުން، އަދި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ލިޔުމުގައި އިސްކޮށް އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ. އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑުގެ ރަޢުޔެވެ.
އެހެން ބައެއް މީހުންނާ އަޅުގަނޑުގެ ޚިޔާލު ތަފާތުވާގޮތް
މަތީގައި އެއޮތީ، އަޅުގަނޑު ޤަބޫލުކުރާގޮތް ކަމުގައިވީނަމަވެސް، އަޅުގަނޑުގެ ރަޢުޔު ކަމުގައިވީނަމަވެސް، އެއީ، އަޅުގަނޑުގެ އަމިއްލަ ޤަބޫލުކުރުމުވެ. އަޅުގަނޑުގެ އަމިއްލަ ރަޢުޔެވެ.
އެކަމުގައި ޤާނޫނީ ނުވަތަ ޝަރުޢީ ބުރަދަން ހުންނާނީ އަޅުގަނޑުގެ އަމިއްލަ ފަރުދީ ފެންވަރުގައެވެ.
ކިތަންމެ ޙުއްޖަތަކާއެކު އަޅުގަނޑުގެ އަމިއްލަ ރަޢުޔު އަޅުގަނޑު ބަޔާންކުރި ކަމުގައިވީނަމަވެސް، އެ ކޯޓުގެ ޞައްޙަކަމާމެދު ޝަރުޢީ ކޯޓެއްގެ ޙުކުމުން ގޮތެއް ނުނިންމާހާ ހިނދަކު، އަޅުގަނޑުގެ ރަޢުޔުވާނީ ހަމައެކަނި ރަޢުޔަކަށެވެ. އެއަކު އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެއެވެ.
އަޅުގަނޑުގެ ރަޢުޔަށް ޤާނޫނީ ހައިސިއްޔަތެއް ކިރިޔާވެސް ލިބޭނީ، ޤާނޫނު މާނަކޮށް ގޮތް ކަނޑައެޅުމުގެ ބާރުއޮތް ކޯޓަކުން އެކަން މާނަކޮށް، ކަނޑައަޅާ ގޮތް އަޅުގަނޑުގެ ރަޢުޔާ އެއްގޮތްވެއްޖެނަމައެވެ.
އޭރުންވެސް ބާރު އެ ލިބެނީ އަޅުގަނޑުގެ ރަޢުޔަކަށް ވެގެނެއް ނޫނެވެ. ޝަރުޢީ ޙުކުމަކަށް ވެގެންނެވެ.
އެހެން އެ ޙުކުމް ނާންނަހާހިނދަކު، އަޅުގަނޑުގެ ރަޢުޔަކީ ހަމައެކަނި އަޅުގަނޑުގެ ރަޢުޔެވެ.
ކޯޓާ ޗެލެންޖުކުރުން
ހުޅުމާލޭ ކޯޓާ ބެހޭގޮތުން، އަޅުގަނޑުގެ ރަޢުޔު އެގޮތަށް އޮތްނަމަވެސް، އެ ކޯޓު އެބަހުއްޓެވެ. ޝަރުޢީ ދާއިރާ އެބަ އެ ކޯޓު ޤަބޫލުކޮށް، ޝަރުޢީ ދާއިރާގެ ބައެއްގެ ގޮތުގައި ބަލައިގަނެއެވެ.
އެއްވެސް ކޯޓަކުން، އެ ކޯޓަކީ ރަނގަޅު ކޯޓެއް ނޫންކަމަށް މިހާތަނަށް ކަނޑައަޅާފައެއް ނެތެވެ.
އެހެންކަމުން، ހުޅުމާލޭ ކޯޓާ ބެހޭގޮތުން، އަޅުގަނޑުގެ ރަޢުޔު އެގޮތަށް އޮތްނަމަވެސް، އަޅުގަނޑު އެ ކޯޓުގެ އަމުރަށް ތަބާވާނަމެވެ.
އެ ކޯޓު ޤަބޫލުނުކުރާނެ ކަމަށާއި، އެ ކޯޓަށް ނުދާނެ ކަމަށާއި، އެ ކޯޓުގެ އަމުރަށް ތަބާނުވާނެ ކަމަކަށް ބުނެ، އެކަން އެގޮތަކަށް ނުކުރާނަމެވެ. އަދި، ދުވާލަކު އެއްފަހަރު، އެކަން ތަކުރާރުކުރަމަކުންވެސް ނުހިނގާނަމެވެ.
ދިވެހި ދައުލަތަށް އިޙްތިރާމްކުރުމާއި، ދިވެހި ޤާނޫނީ އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ އަމުރުތަކަށް ތަބާވުމަކީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، އެންމެކުޑަމިނުގައި، އަޅުގަނޑު އަދާކުރަންޖެހޭ އެންމެ ކުޑަމިނުގެ ޒިންމާކަމުގައި، އަޅުގަނޑު ޤަބޫލުކުރާނަމެވެ.
އަދި، ދައުލަތުގެ މުއައްސަސާއެއްގެ ޞައްޙަކަމާމެދު، ނުވަތަ އެއިން މުއައްސަސާއެއްގެ ވަކި ޢަމަލެއްގެ ޞައްޙަކަމާމެދު އަޅުގަނޑުގެ ވިސްނުމުގައި ސުވާލު އުފެދިއްޖެނަމަ، އެކަން ސާފުކޮށް ދެނެގަތުމަށް، ނުވަތަ އެކަން ސާބިތުކޮށްދިނުމަށް އަޅުގަނޑު މަސައްކަތްކުރާނީ، ދައުލަތުން ކަމާގުޅޭގޮތުން ކަނޑައަޅައިދީފައިވާ ޤާނޫނީ ރަސްމީ މަރުޙަލާތަކުގެ ތެރެއިންނެވެ.
ހުޅުމާލޭ ކޯޓުގައި އަޅުގަނޑުގެ މައްޗަށް ދަޢުވާއެއް މިއަދު އުފުލުނުނަމަވެސް، އެ ކޯޓުގެ ޞައްޙަކަމާމެދު އަޅުގަނޑު ސުވާލު އުފައްދާނީ އެ ކޯޓަށް ޙާޒިރުވެ އެ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައެވެ.
އަދި، އަޅުގަނޑު ބުނާނީ މިހެންނެވެ. އަޅުގަނޑުގެ މައްޗަށް މި ކޯޓުގައި މި އުފުލުނު ދަޢުވާއަށް އަޅުގަނޑު ޖަވާބުދާރީވާނީ، މި ކޯޓަށް މި މައްސަލަ ބެލުމުގެ ބާރު އޮތްކަމާއި މި ކޯޓުގެ ޞައްޙަކަމާމެދު މި ކޯޓުން ގޮތެއް ނިންމުމުން އޭގެފަހުންނެވެ.
އެކަން އަޅުގަނޑު ފާހަގަކުރާނީ، އަޅުގަނޑުގެ މައްޗަށް އުފުލިފައިވާ ދަޢުވާއަށް މައުޟޫޢީގޮތުން (ސަބްސްޓެންޓިވްކޮށް) ޖަވާބުދާރީވުމުގެ ކުރިން، އަޅުގަނޑު ހުށަހަޅާ އިޖުރާޢީ (ޕްރޮސީޖަރަލް) ނުކުތާއެއްގެ ގޮތުގައެވެ.
އިޖުރާޢީ ނުކުތާ ނެގުމަކީ، ކޯޓުތަކުގައި ޢާންމު ކަމެކެވެ. މައްސަލައިގައި ހިމެނޭ ޚަސްމަކު، އިޖުރާޢީ ނުކުތާއެއް ފާހަގަކޮށްފިނަމަ، އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެއެވެ.
އަދި، އެ އިޖުރާޢީ ނުކުތާގައި ކޯޓުން ކަނޑައަޅާގޮތް އަޅުގަނޑަށް ޤަބޫލުނުކުރެވޭނަމަ، އެ ނިންމުމާ ދެކޮޅަށް އިސްތިޢުނާފުކުރުމުގެ ޙައްޤު އަޅުގަނޑަށް ލިބިދެއެވެ. ހައިކޯޓަށް ދެވެއެވެ. ސުޕްރީމް ކޯޓަށްވެސް ދެވެއެވެ.
އެހެންކަމުން އަޅުގަނޑުގެ ޕޮއިންޓް އަޅުގަނޑު ސާބިތުކޮށް، އެ ކޯޓުގެ ޞައްޙަކަމާމެދު އަޅުގަނޑު ޗެލެންޖްކުރާނީ، ޝަރުޢީ މަރުޙަލާގެ ތެރެއިން ފެންނަންހުރި މަގުތަކުން ކުރިއަށްގޮސް، އެ ޝަރުޢީ މަރުޙަލާގެ ތެރެއިން ލިބެންހުރި ފުރުޞަތުތައް ބޭނުންކޮށްގެންނެވެ.
ކޯޓުގައި ވާހަކައެއް ދައްކައިފިނަމަ، އެކަމަކަށް ކޯޓުން ގޮތެއް ނިންމައިދިނުން ލާޒިމުވާނެތީއެވެ.
މީޑިއާގައި އެވާހަކަ އަޅުގަނޑު ކިތަންމެ ވަރަކަށް ދެއްކިއަސް، ނުވަތަ އަޅުގަނޑަށް ތާއީދުކުރާ ބަޔަކާ އެވާހަކަ ކިތަންމެ ވަރަކަށް ކިޔައިދިންނަމަވެސް، އެކަމާމެދު ގޮތެއް ނިންމަން ކޯޓަށް ނުޖެހޭނެތީއެވެ.
އަޅުގަނޑު އިޚްތިޔާރުކުރާނީ، ކޯޓު މަރުޙަލާގެ ތެރެއިން އަޅުގަނޑުގެ ޕޮއިންޓް ސާބިތުކޮށްދޭށެވެ.
ކޯޓުން ބޭރުގައި ހުރެ، ކޯޓަށް ޗެލެންޖުކުރުމަކީ، ކޯޓު ޤަބޫލުނުކުރާކަމަށް އިޢްލާނުކުރުމަކީ، އަދި އެ އިޢުލާނު ދުވާލަކު އެއްފަހަރު ތަކުރާރުކުރަމުން ހިނގުމަކީ، ކޯޓުގެ ޙުރުމަތް ކެނޑުމެވެ. ޢަދުލުއިންސާފަށް ހުރަސްއެޅުމެވެ. އިތުރު ކުށެއް ކުރުމެވެ.
ކޯޓުގައި ޙާޒިރުވެ ހުރެ ޤާނޫނީގޮތުން ޗެލެންޖުކުރަން އޮންނަގޮތަށް، ކަމަކަށް ޗެލެންޖް ކުރުމަކީ އަޅުގަޑުގެ ޤާނޫނީ ޙައްޤެކެވެ. ދިފާޢީ ޙައްޤެކެވެ.
އަޅުގަނޑު މަސައްކަތްކުރާނެގޮތް މިދެންނެވީއެވެ.
ޝަރުޢީ ނިޒާމުން ބޭރުގައި ހުރެ، ޝަރުޢީ ނިޒާމާ ޗެލެންޖުކޮށް، ޝަރުޢީ ނިޒާމުގެ ބައެއް ބަލައިނުގަންނާނެކަމަށް އިޢުލާނުކޮށް، އެ އިޢުލާނު އަރާ ކޮންމެ ރަށެއްގައި ތަކުރާރުކޮށް، ޝަރުޢީ މުއައްސަސާތަކާއެކު ގަދަހިފުމަކަށް ދާންއުޅުމުން، ތެޔޮހަމެއް ދިޔުން ނޫންކަމެއް ނުވާނެއެވެ.
ޤާނޫނުގެ ރައްކާތެރިކަމާއި މަންފާ ލިބޭނީ، ޤާނޫނީގޮތުން، ޝަރުޢީގޮތުން، ޗެލެންޖުކުރަން ލިބިދޭ ހައްޤުގެ ބޭނުންކޮށްގެން، ރަނގަޅުގޮތުގައި ޗެލެންޖުކޮށް ކާމިޔާބު ހޯދައިގެންނެވެ.


ކިޔުންތެރިންގެ ޚިޔާލު
ތިބޭފުޅާގެ ތިވިސްނުމަށް އަޅުގަނޑުވެސް ތާއީދުކުރަން.