ކުށުގެ ވެށި ހަންމަތަކުރުން – ދަޢުވާކުރާ މައްސަލަތައް މަދުކުރުން (3)
މިއަދު އަޅުގަނޑު އެއްޗެއް ދަންނަވަން މިއުޅެނީ، ދަޢުވާކުރާ މައްސަލަތައް މަދުކުރުމުގެ މައްޗަށެވެ.
މިއަދުގެ މަންޒަރަށް ބަލާއިރު އެތައް މައްސަލައެއް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތަފާތު އިދާރާތަކުގައި ދައުރުވަމުންދެއެވެ.
ފުލުހުންގެ އިދާރާގައި އެތައް މައްސަލައެއް ތަޙްޤީޤު މަރުޙަލާގައި އެބަހުއްޓެވެ. ޕީ.ޖީގެ މޭޒުމަތީގައި އެތައް މައްސަލައެއް ދަޢުވާގެ މަރުޙަލާގައި އެބަހުއްޓެވެ. ކޯޓުތަކުގައި އެތައް މައްސަލައެއް ޝަރީޢަތުގެ މަރުޙަލާގައި އެބަހުއްޓެވެ.
މިއީ، އެތައް އަހަރަކުއްސުރެ އެއްވެފައިހުރި، ނުވަތަ ނުނިމިހުރި މައްސަލަތަކާއި، މިހާރު ހުށަހެޅިފައިވާ ނުވަތަ ހުށަހެޅެމުންދާ މައްސަލަތަކުން އުފައްދައިދޭ ޖުމްލައެކެވެ.
މި މައްސަލަތަކުގެ ތެރޭގައި އޭގެޒާތުގައި ސީރިއަސް މައްސަލަތަކާއި ސީރިއަސް ނޫން މައްސަލަތައް އެބަހުއްޓެވެ. އޭގެ ސަބަބުން، މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެފައި ނެތް މައްސަލަތައްވެސް އެބަހުއްޓެވެ. ކުށުގެ އަނިޔާއެއް ލިބުނު ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހަކު ނެތް މައްސަލަތައް އެބަހުއްޓެވެ. އެއަށްވުރެވެސް ކުދިކުދި އާދައިގެ މައްސަލަތައްވެސް އެބަހުއްޓެވެ.
އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުން މިހާތަނަށް ގެންގުޅެވިފައި ހުރިގޮތުން، މިއިން ކޮންމެ މައްސަލައެއްވެސް ހަމަކުރިޔަށް ގެންދަންޖެހެއެވެ. އެކަމުގައި ދައުލަތުގެ ފައިސާ ހޭދަވެއެވެ. އެކަމުގައި ދައުލަތުގެ މުވައްޒަފުންގެ ވަގުތު ހޭދަވެއެވެ. އެކަމުގައި ތަފާތު މުއައްސަސާތަކުގެ މަސައްކަތް ހޭދަވެއެވެ.
ސުވާލަކީ، މިއީ މިވަގުތަށް ނުވަތަ މުސްތަޤްބަލަށް އެންމެ ރަނގަޅު ގޮތްތޯއެވެ. ޤައުމެއްގެ ގޮތުގައި އެންމެ ރަނގަޅު ވިސްނުންތޯއެވެ.
މި ސުވާލުކުރަން މުހިންމުވާ އެއް ސަބަބަކީ، ބޮޑެތި ޖިނާއީ ކުށްކުށާ ހަނގުރާމަކުރަންވެސް މިޖެހެނީ، މިދެންނެވި އެތައް ހާސް މައްސަލަތަކާ އެކުގައެވެ. މި ހުރިހާ މައްސަލަތަކެއް ހިންގަންވެސް މިތިބެނީ އެއް ބައެކެވެ. އެކަންކަމާ ނިޒާމުގެ އެކި ހަރުފަތްތަކާއި މަރުޙަލާތަކުގައި ފިޔަވަޅުއަޅަންވެސް މިތިބެނީ އެއް ބައެކެވެ. އެކަންކަމަށް ބޭނުންކުރެވެމުންދަނީ، ދައުލަތުގެ މާލީ އަދި އިންސާނީ ވަސީލަތްތަކާއި މުހިންމު ކަންކަމަށް ހޭދަކުރަން އޮތް ވަގުތެވެ.
އެހެންކަމުން ލޯމަރާފައި ބައެއް މައްސަލަތަކުގެ ފައިލު ބަންދުކޮށް، އެ މައްސަލަތައް ދޫކޮށްލަން އެބަޖެހެއެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ ލޯޑު ކުޑަކުރަން އެބަޖެހެއެވެ. މުހިންމު ކަންކަމަށް އަޅުގަނޑުމެން އެނބުރެން އެބަޖެހެއެވެ.
ދަޢުވާ ކުރުމާއި ދަޢުވާ ނުކުރުމުގެ ބާރު އޮންނަނީ ޕީ.ޖީއަށެވެ. އޭނާގެ ނިންމުމާމެދު ސުވާލެއް ނުކުރެވެއެވެ.
އެހެންކަމުން، ތަޙްޤީޤު މަރުޙަލާގައި ނިމުމުގެ މަގުމަތީގައި ހުރި މައްސަލަތަކާއި، ޕީ.ޖީ އޮފީހުގައި މިހާރު ހުރި މައްސަލަތަކާއި، ކޯޓުތަކުގައި ހިނގަން ފަށާފައިހުރި މައްސަލަތަކުގެ ތެރެއިން މަސައްކަތް ހުއްޓާލައި، ފައިލު ބަންދުކުރަންވީ މައްސަލަތައް ޕީ.ޖީއަށް ކަނޑައެޅުއްވިދާނެއެވެ.
ޙަޤީޤަތުގައި އެކަން ކުރެއްވޭނީވެސް ހަމަ ޕީ.ޖީއަށް އެކަންޏެވެ.
މިކަމުގައި ތިން ލިޔުމެއްގެ އެހީ ޕީ.ޖީއަށް ހޯއްދެވިދާނެއެވެ.
ފުރަތަމަ ލިޔުމަކީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާ ދަޢުވާގެ ސިޔާސަތެވެ.
އެ މާއްދާ ބުނާގޮތުން، ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕީ.ޖީއަށް އެންގުމުގެ ބާރު އެޓަރނީ ޖެނެރަލަށް ލިބިދެއެވެ.
ދެވަނަ ލިޔުމަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (މ) ގެ ދަށުން ޕީ.ޖީ ކަނޑައަޅުއްވާ ދަޢުވާގެ އުސޫލުތަކެވެ.
އެ މާއްދާ ބުނާގޮތުން، ޖިނާއީ ދަޢުވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމުގެ ބާރު ޕީ.ޖީއަށް ލިބިގެންވެއެވެ.
ތިންވަނަ ލިޔުމަކީ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާއެވެ.
އެ މާއްދާގެ (ހ) ގައި 5 ބާވަތެއްގެ ކުށް، އެ ކުށުގެ އަދަބު ލިބިފައިވާ މީހުންގެ އިލްތިމާސެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިސްނެގުމުގައި މަޢާފު ދެވެއެވެ. އެހެން ހަދަންޖެހޭ ސަބަބު އެ ޤާނޫނުގެ އެ މާއްދާގައި ބަޔާންވެގެންވެއެވެ. އެންމެ މުހިންމު ސަބަބަކީ، އާ ޤާނޫނުއަސާސީން ކަނޑައަޅައިދިން ހުޅުވާލެވިގެންވާ ނިޒާމާ ފުށުއަރާ ނުވަތަ ނުފެތޭ ކުށްކުށަށް އެ ކުށްކުށް ވުމެވެ.
އެހެންކަމުން، އެ ޤާނޫނުގެ އެ މާއްދާގައި ބަޔާންކުރާ 5 ގިންތީގެ ތެރެއިން ގިންތިއެއްގެ ކުށެއްގެ ދަޢުވާ މިހާރު ކުރަން ތައްޔާރުވެފައިވާނަމަ، ނުވަތަ ދަޢުވާ ހިނގަހިނގާ ހުރިނަމަ، އެ ދަޢުވާއެއް ނުކޮށް ދޫކޮށްލުމަކީ، ޤާނޫނަކުން ފެންނަންއޮތް ނިޔަތެއްގެ މައްޗަށް ބިނާކޮށް، އެއްވެސް ޖެހިލުމެއްނެތި ޕީ.ޖީއަށް ކުރެވިދާނެ ކަމެކެވެ.
އެ ކުށުގެ ބާވަތަށް ބަލައި، ކުށަށް އޮޓަމެޓިކުން، މަޢާފު ދެވެންއޮތް ކުށެއްގެ ތަޙްޤީޤު، ނުވަތަ ދަޢުވާ ނުވަތަ ޝަރީޢަތް މިހާރު ހިނގަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ.
މިދެންނެވި 3 ލިޔުމުގެ އިތުރުންވެސް، ވަގުތަށާއި ޙާލަތަށާއި އެކަމުގައި ހޭދަވާނެ ވަސީލަތްތަކަށާއި، އެކަމުން ކުރާނެ މަންފާއަށާއި، އަދި ވަކިން ޚާއްޞަކޮށް، އެކަމުން ހާސިލުކޮށްދޭނެ ރައްޔިތުންގެ ޢާންމު މަސްލަޙަތަށް ބަލައި، ސީރިއަސް ނޫން މައްސަލަތަކާއި، އެ ކުށެއްގެ ސަބަބުން އޭގެޒާތުގައި ޝިކާރައަކަށްވި މީހެއް ނެތް މައްސަލަތަކާއި، އެ ކުށެއްގެ ސަބަބުން މީހަކަށް ނުވަތަ މުދަލަކަށް ލިބުނު ގެއްލުމެއް ނެތް މައްސަލަތަކާއި ގިނަ މަސައްކަތްތަކަކާއި ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ކުޑަކުޑަ ކުށަކަށް ކުޑަކުޑަ އަދަބެއް އަންނާނެ ކުށްތަކުގެ ތަޙްޤީޤާއި ދަޢުވާއާއި ޝަރީޢަތް ދެން ހުއްޓާލެވިދާނެއެވެ.
މިކަންކަން ކޮށްގެން ސަލާމަތްކުރެވޭ މީހުންނާއި ވަގުތާއި ފައިސާއިން ސީރިއަސް، ނުރައްކާތެރި ބޮޑެތި ކުށްތަކާ ހަނގުރާމަކުރަން ވަގުތާއި މީހުންނާއި ވަސީލަތް ޚާއްޞަކުރެވިދާނެއެވެ. ކުދިބޮޑު އެންމެހައި މައްސަލަތައް ކޮނޑަށްލައިގެން އުޅުމުގެ ލޯޑު ހިފޭނެވަރު މިހާރު މި ދައުލަތުގައި ނެތުމުންނެވެ. އަދި، އެކަމުން ހާސިލުވާނެ މަންފާއެއް މަސްލަޙަތެއްވެސް ނެތުމުންނެވެ.
އަދި، މިގޮތަށް ދައުލަތުގެ ދަޢުވާގެ ލޯޑު ކުޑަކުރެވިއްޖެނަމަ، ކަމުގައި އުޅޭ ވަކީލުންނާއި ޚާއްޞަ ފަންނުތަކުގެ އެހެންމީހުން މަސައްކަތްކުރަން ހުރި މައްސަލަތަކުގެ ޢަދަދު މަދުވެ، މަސައްކަތް ކޮންމެހެން ކުރަންޖެހޭ މައްސަލަތަކަށް އެމީހުން ދޭންޖެހޭ ވަގުތުގެ ފޭރާން ހެޔޮވެ ރަނގަޅުވެގެންދާނެއެވެ. އަދި، އެކަމުން ނުކުންނަ ނަތީޖާ މާ ސާފުކޮށް ފެންނަން ފަށާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު
ތިބޭފުޅާއަކީ މަޖްލީހުގެ މަސައްކަތް އެންމެ ރަގަޅަށް އަދާކުރާ ބޭފުޅެއްކަން ފާހަގަކޮށްލަން.. ގައުމަށާއި ދިވެހިންނަށް ތިކުރާ މަސައްކަތަށް ޝުކުރުވެރިވަން.. އަޅުގަނޑު އެދެނީ ވަރަށް ވަރުގަދަ އަދި ހަރުކަށި އެންޓިކޮރަޕްޝަންގެ ބިލެއް މަޖްލީހަށް ހުށަހެޅުމަށް.. ސަރުކާރަށްވެސް ކޮރަޕްޝަންގެ ސާބިތުވެފައިވާ މަޝްރޫއެއް ހުއްޓުވަން ލާޒިމްކުރާ ބިލެއް. ކޮރަޕްޝަން ހިންގާ މީހުންނަށާއި ފަރާްތްތަކަށް ހަރުކަށި އަދަބެއް ލިބޭނެ ބިލެއް. މިއީ މިހާރުން މިހާރަށްވެސް ކުރަން ލަސްވެފައިވާކަމެއް. ސަބަބަކީ ކޮރަޕްޝަންގެ ސަބަބުން ދިވެހި ދައުލަތުގެ އެތައް ފައިސާ ގެއްލި ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުމެއް ވާތީ.