ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ދަޢުވާ

ތާރީޚް: 2 އޮކްޓޯބަރ 2012

ރައީސް ނަޝީދުގެ މައްޗަށް 2000 ގެ އަހަރުތައް ފެށުމަށްފަހު، މިވީ 12 ވަރަކަށް އަހަރުގެ ތެރޭގައި، އަޅުގަނޑަށް އެނގިގެން، ހަތަރު ދަޢުވާއެއް އުފުލިފައިވެއެވެ.

ފުރަތަމަ ދަޢުވާ

ފުރަތަމަ ދަޢުވާއަކީ، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރަކަށް 2000 ވަނަ އަހަރު އިންތިޚާބުވުމަށްފަހު، ހިނގާދިޔަ ފުރަތަމަ 2 އަހަރެއްހާ ދުވަހުގެތެރޭގައި ހިންގި ދަޢުވާއެވެ.

މެންބަރު ނަޝީދުގެ މައްޗަށް އެ ދަޢުވާ ކުރިއިރު، އަޅުގަނޑު ހުރީ މަޖިލީހުގެ އަމީންޢާންމަކަށެވެ. އެހެންކަމުން، ވީގޮތް އަޅުގަނޑަށްވެސް ސާފުކޮށް ފެނުނެވެ.

މެންބަރު ނަޝީދާ ދޭތެރޭ ހިންގި އެ ދަޢުވާއަކީ، ސިޔާސީ ދަޢުވާއެއް ކަމަށް ޤަބޫލުކުރި މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނެއެވެ. އޭނާގެ ވަކީލުންގެ ގޮތުގައި އޭރު ޙަރަކާތްތެރިވެވަޑައިގަތީ، ޝާހީން ޙަމީދާއި، މިހާރުގެ ޕީ.ޖީ އަޙްމަދު މުޢިއްޒެވެ. އެބޭފުޅުންވެސް ދެކެވަޑައިގަތީ އެގޮތަށެވެ.

އެހެންނަމަވެސް، އެ ދަޢުވާ ހިނގައި، ކުށް ސާބިތުވެ، މެންބަރު ނަޝީދުގެ މަޖިލީހުގެ ގޮނޑި ގެއްލުނެވެ.

އޭރު އެޓަރނީ ޖެނެރަލަކީ، ޑރ. މުނައްވަރެވެ. ދަޢުވާކުރައްވަން ފޮނުއްވީ މާރިޔާ ދީދީގެ ލިޔުމަކުންނެވެ. ޖިނާއީ ކޯޓުގެ އިސްޤާޟީއަކީ ޑރ. ޖަމީލެވެ. އެ ހުރިހާ ބޭފުޅުންވެސް، ފަހުން މެންބަރު ނަޝީދުގެ އަރިހުގައި ސިޔާސީ މަސައްކަތުގައި އުޅުއްވިއެވެ.

ދެވަނަ ދަޢުވާ

ދެވަނަ ދަޢުވާއެއް އުފުލުނީ، އެމް.ޑީ.ޕީ ބޭރުގައި އުފެދި، ރާއްޖޭގައި އެ ޕާޓީގެ ޙަރަކާތްތައް ފެށި، ސިޔާސީ ޙަރަކާތްތައް ތަޢާރުފުވެފައިވާ ދަނޑިވަޅެއްގައި ތޮއްޑޫގައި، ޗެއަރޕަރސަން ނަޝީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނާއި، ދުންފިނިގޭގައި ކުރެވުނު ކަންތައްތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެވެ.

އެ ދަޢުވާ އުފުލީ 2005 ގައެވެ. އަޅުގަނޑުވެސް ކެބިނެޓަށް ދިޔައީ އެ ދަޢުވާގެ ދުވަސްވަރެވެ.

ކޮންމެއަކަސް، އެ ދުވަސްވަރަކީ، ނޫ ޤާނޫނުއަސާސީގެ ދަށުން، ބާރުތައް އެއްފަރާތެއްގައި ޖަމާވެފައިވާ ދަނޑިވަޅެކެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ފެށިފައިވާ ދުވަސްވަރެކެވެ. ސިޔާސީ ޙަރަކާތްތައް ފެށެމުންދިޔަ މޫސުމެކެވެ. އެފަދަ ވަގުތެއްގައި، އެފަދަ ހަރުކަށި ދަޢުވާއެއް ކުރުމަކީ، އެންމެ ރަނގަޅުކަމެއް ނޫންކަމަށް ފެނިގެން، އަދި އެ ދަޢުވާއަކީ، ސިޔާސީ ދަޢުވާއެއްކަމުގައި ބެލެވޭނެ ޖާގަ ބޮޑުކަމުން، ސިޔާސީ ފަރާތްތަކުގެ މެދުގައި އިތުބާރު އާލާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި، އެ ދަޢުވާ ފަހުން އަނބުރާގެންގޮސް، ޗެއަރޕަރސަން ނަޝީދުގެ މައްޗަށް ދަޢުވާ ނުކުރަން ނިންމީއެވެ.

އެއީ ސިޔާސީ ދަޢުވާއެއްކަމަށް ބޭރުގެ ގިނަ ފަރާތްތަކަކުންވެސް ޤަބޫލުކުރިއެވެ. ކޮންމެއަކަސް، އެ ދަޢުވާ އަނބުރާ ގެންދިޔައީއެވެ.

އެ ދަޢުވާ އުފުއްލެވި، އަދި އަނބުރާ ގެންދެވީ ޑރ. ޙަސަން ސަޢީދުގެ އެޓަރނީ ޖެނެރަލް ކަމުގައެވެ. ފަހުން ޑރ. ޙަސަންވެސް ރައީސް ނަޝީދުގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވިއެވެ.

ތިންވަނަ ދަޢުވާ

ތިންވަނަ ދަޢުވާއެއް ފެށުނީ، 2008 ގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުގެ މައްޗަށެވެ. އިންތިޚާބީ ކުށެއް ކުރެއްވުމުގެ ދަޢުވާއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ކެނޑިޑޭޓަކު ވަނުން ހުއްދަނެތް ތަނެއްގައި ހުންނެވިކަން ފާހަގަވެގެންނެވެ.

އެ ދަޢުވާ ކުރީ، އިލެކްޝަންސްގެ ހުށަހެޅުމަކަށް، އޭރު ހިންގަން ފަށާފައިވާ، މިހާރުގެ ފެހި ޤާނޫނުއަސާސީން މިނިވަން މަގާމެއްގެ ގޮތުގައި އުފައްދާފައިވާ ޕީ.ޖީއެވެ.

އެ ދަޢުވާ އަނބުރާ ގެންދެވީ، ދެވަނަ ބުރުގެ ނަތީޖާގައި، ރާއްޖޭގެ ރައީސްކަމަށް ނަޝީދު އިންތިޚާބުވެވަޑައިގަތުމަށް ފަހުގައެވެ.

ފުރަތަމަ ދެ ދަޢުވާ ސިޔާސީ ދަޢުވާކަމަށް ބަލާނެ ޖާގަ އޮތްނަމަވެސް، ތިންވަނަ ދަޢުވާ ސިޔާސީކަމަށް ބަލާނެ ޖާގައެއް ނެތެވެ. އެކަމަކު، އެ ދަޢުވާވެސް ނުކުރާގޮތަށް ނިމިގެން ދިޔައީއެވެ.

ހަތަރުވަނަ ދަޢުވާ

ހަތަރުވަނަ ދަޢުވާ އެހެން ހުރިހާ ދަޢުވާތަކާ ތަފާތެވެ. ހަތަރުވަނަ ދަޢުވާ އުފުލިފައިވަނީ، ކުރީގެ ރައީސް ނަޝީދުގެ މައްޗަށެވެ. ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ކުރެއްވި ކަންތައްތަކެއްގެ މައްޗަށެވެ.

ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި، ޢަބްދުﷲ ޤާޟީ ހައްޔަރުކޮށް އެކަހަރިކުރެއްވުމުގައި، ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކުށުގެ ޢަމަލުތަކެއްގެ މައްޗަށެވެ.

އެ ދަޢުވާއަކީ، ސިޔާސީ ދަޢުވާއެއްކަމަށް ބެލޭނެ ޖާގަ ވަރަށްވެސް ހަންޏެވެ. ސަބަބުތައް ދަންނަވާލާނަމެވެ.

  1.  ދަޢުވާ ބިނާވެފައިވަނީ، ސިޔާސީ ޕާޓީއެއްގައި ލީޑަރަކަށް ނުވަތަ އިސްފަރާތަކަށް ހުންނަ މީހަކު، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވުމަށް ހުރަހެއް ކުރިމަތިކުރުވުމުގެ ގަސްދުގައި، ވާދަވެރި ސިޔާސީ ފަރާތްތަކުން ރޭވުންތަކެއް ރާވައިގެން ކަމަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައި، ފާޅުގައި، އަދި، ގަސްދުގައި، ކުރެއްވި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއްގެ މައްޗަށް ކަމުގައިވުން.
  2.  ދަޢުވާއަކީ، ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެރައެއް ދިނުމުގެ މަޤްޞަދުގައި، އޭނާގެ ފަހުން ވެރިކަމަށް ވަޑައިގަތް ބޭފުޅަކު، ޒާތެއްގެ ކަންތައްތަކެއް ސަރުކާރުގެ ތެރެއިން ހޯއްދަވައިގެން، އެގޮތްމިގޮތުން މަސައްކަތްކުރައްވައިގެން، ޖިނާއީ އަދަބެއް ދިނުމުގެ ނިޔަތުގައި ކުރެވޭ ދަޢުވާއަކަށް ނުވާކަން.
  3. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވިނަމަވެސް، ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް ޞުލްޙަވެ، އެކަތިގަނޑަކަށްވެ، އެކަމަށް ބޭނުންފުޅުވިކަމަށް ވީނަމަވެސް، މިހާރު އުފުލިފައިވާ ދަޢުވާކުރުމާއި ނުކުރުމާއި އަނބުރާގެނައުމުގެ ބާރަކީ، ހަމައެކަނި ޕީ.ޖީއަށް ޤާނޫނުއަސާސީން ލިބިދޭ ބާރެއްކަން.
  4. ދަޢުވާ އުފުލާފައިވަނީ، މުސްތަޤިއްލު މަގާމެއްގައި ހުރި މީހެއްގެ ރަސްމީ ނިންމުމުގެ މައްޗަށްކަމާއި، އެކަން ކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީވެސް، އެފަރާތް ކަމުގައިވާކަން.
  5.  ޕީ.ޖީއަކީ، ވެރިކަމުގައި ހުންނަވާ ރައީސެއްގެ މައްޗަށްވެސް، ޖިނާއީ ދަޢުވާކުރުމުގެ ބާރު ޤާނޫނުއަސާސީން ލިބިގެންވާ މީހެއްކަން. އަދި، މަގާމުގައި ހުންނެވި ރައީސެއްގެ މައްޗަށް ޕީ.ޖީ ކުރާ އެފަދަ ދަޢުވާއެއް، އެވަގުތު ކުރިޔަށް ނުގެންދަން ކަނޑައެޅޭނީ، ހަމައެކަނި، މަޖިލީހަށްކަން ޤާނޫނުއަސާސީން އެނގެން އޮންނަކަން.
  6.  ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލަ ތަޙްޤީޤުކުރައްވާނެކަމާއި، އެކަމުގައި ހިމެނޭ ފަރާތްތަކާމެދު ދަޢުވާކުރައްވާނެކަން ޕީ.ޖީ އިޢުލާނުކުރައްވާފައިވަނީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށް ކަމުގައިވުމާއި، އެކަން ހިނގާދިޔަތާ މަދު ގަނޑިއިރުތަކެއްގެ ތެރޭގައި ކަމުގައިވުން.
  7.  އެކަން ތަޙްޤީޤުކުރައްވާނެކަމާއި އެކަމުގައި ހިމެނޭ ފަރާތްތަކާމެދު ދަޢުވާކުރައްވާނެކަން ޕީ.ޖީ އިޢުލާނުކުރެއްވީ ޢަބްދުﷲ ޤާޟީ ހައްޔަރުކުރި ރޭ ކަމަށްވާތީ، އެ މައްސަލައިގައި ހިމެނެނީ ކާކު ކިހާވަރަކަށްކަން އޭރު އަދި ޕީ.ޖީއަށް އެނގިވަޑައިގެންފައި ނޯންނާނެކަން.
  8. ހިޔުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ތަޙްޤީޤުކުރަން ޕީ.ޖީ އަމުރެއް ނެރުއްވިކަމަށާއި، އެ އަމުރު ނިކުމެފައި އޮންނަނީ، ކަން ހިނގާދިޔަތާ ފުރަތަމަ ދެތިންދުވަހުގެ ތެރޭގައިކަމާއި، އޭރުވެސް ރައީސްކަމުގައި ހުންނެވީ، ރައީސް ނަޝީދުކަން.
  9. ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ކުރެވޭ ދަޢުވާ އާ ރައީސް ނަޝީދާ ގުޅެނީ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ތަޙްޤީޤެއްގައި ބަޔާންވެގެންވާ ނުކުތާތަކެއްގެ މައްޗަށްކަން، އަދި އެކަން، ފަހުން ކޯނީގެ ތަޙްޤީޤުގައިވެސް، ރައީސް ނަޝީދާ ގުޅޭގޮތުން ފާހަގަކޮށްފައިވާކަން.

ނޯޓު: މި ލިޔުމުގައި ޕީ.ޖީގެ ޢަމަލުގެ ރަނގަޅުކަމާމެދު ނުވަތަ ނުރަނގަޅުކަމާމެދު، ކޮމެންޓެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.

ޕީ.ޖީއަކީ، މިނިވަން މުއައްސަސާ ކޮމިޓީއަށް ޖަވާބުދާރީވާންޖެހޭ މަގާމެއްކަމަށް ވާއިރު، އަޅުގަނޑަކީ، އެ ކޮމިޓީގެ މެންބަރަކަށްވާތީ، މަސްލަޙަތު ފުށުއެރުމުގެ ޖާގަ ނުދިނުމުގެ ގޮތުންނެވެ.

މި ލިޔުމުގައި އަޅުގަނޑު ދައްކާފައިވާ ވާހަކަ ދައްކާފައި އެވަނީ، ޝާއިޢުކޮށްފައިވާ މީޑިޔާގެ ލިޔުންތަކާއި ޤާނޫނުއަސާސީގެ މާއްދާތަކުން ފެންނަންހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ދަޢުވާއަކީ، ސިޔާސީ ދަޢުވާއެއްކަމަށް ޤަބޫލުނުކުރެވޭ ސަބަބުތައް ނޯޓުކޮށްލުމަށެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

އިބޫ

ހަތަރު ވަނަ ދައުވާ ކުރުމުގެ ޕްރޮސެސް މިގެންދެވެނީ ސިޔާސީ ނުފޫޒު ތަކެއް އޮވެގެން ކަމުގައި ގަބޫލު ކުރަމު، އެހެނީ
1- މާލެގެ އަވަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހަދައިގެން މިމައްސަލަ ބެލުން
2. މިމައްސަލަ ބެލުމަށް، އެކި ރަށްރަށުގެ ގާޞީން ކޮޅޭއް ނަގައިގެން ވަކި ޕެނެލް އެއް ހަދައިގެން މައްސަލަ ކުރިއަށް ގެންދިޔުން.
3. ޖުޑިސަލް ސާރވިސް ކޮމިޝަން ގައި ރިޔާސީ ކެންޑިޑެނަސީ އިއުލާން ކޮސްފަ ހުރި ބޭފުޅަކު ހުރެ، މިކޮމިޝަން އަށް ނުފުޒު ފޯރުވުމުގެ ފުރުސަތު އޮތް ހަލަތެއްގައި ، ރިޔާސީ ކެންޑިޑެންސީ އިއުލާން ކޮށްފައިވާ ރައީސް މުހަންމަދު ނަޝީދުގެ ދައުވާ އެއް މިފަދަ ސިލެކްޓެޑް ޕެނަލް އަކުން ކުރުން.

# 1  
" އިބޫ " 8 އޮކްޓޯބަރ 2012 | 14:30