ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވޭނީ ފަސްހާސް މީހުންނަށް

ސިޔާސީ ޙަރަކާތް ހިންގާ ޖަމާޢަތެއް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނީ، 5000 މެންބަރުން ހަމަވެގެން ކަމަށާއި، ދައުލަތުން ދޭ ފައިސާގެ އަހަރީ އެހީ ސިޔާސީ ޕާޓީއަކަށް ލިބޭނީ، އެ ޕާޓީގެ ދަފްތަރުގައި 10,000 މީހުން ހަމަވެގެން ކަމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސާފު އަޣްލަބިއްޔަތުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް އެ ކޮމިޓީން ނިންމެވީ، މިހާރު އެ ކޮމިޓީން ފުރިހަމަކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީގެ ޤާނޫނުގެ ބިލު ފުރިހަމަކުރެއްވުމުގައި، ނިންމަވަންޖެހޭ އުސޫލީ މައްސަލަތައް ނިންމެވުމުގައެވެ.

އާ ހެއްކާބެހޭ ބިލު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމި އޮތް ބިލެއް ކަމުގައިވާ ހެއްކާ ބެހޭ ބިލުގެ ބަދަލުގައި، މުޅިން އާ ހެއްކާބެހޭ ބިލެއް އަލުން އެކުލަވާލައި، އެ އާ ބިލު، މިއަދު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ. އަދި، ކޮމިޓީގެ މެންބަރުންގެ ތެރެއިން، އެ ބިލަށް އިޞްލާޙެއް ގެންނަވަން ބޭނުންފުޅު މެންބަރުންނަށް އެ ފުރުޞަތު އަންނަހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ދެއްވުމަށް ކޮމޓީން މިއަދު ނިންމަވައިފިއެވެ.