ސުޕްރީމް ކޯޓުގެ ޙުކުމާއި އޭ.ސީ.ސީގެ މަސައްކަތް

ތާރީޚް: 6 ސެޕްޓެމްބަރ 2012

(pdf) ސުޕްރީމް ކޯޓުން 2 ސެޕްޓެމްބަރު 2012 ގައި އިއްވެވި ޙުކުމުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތަށް ބޮޑު އުނިކަމެއް އަތުވެއްޖެކަމަށް ޤަބޫލުކުރާ މީހުންގެތެރޭގައި އަޅުގަނޑު ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ އެ ޙުކުމް އަޅުގަނޑުވެސް ބަލައިލަން ޝައުޤުވެރިވީ އެ ސަބަބަށްޓަކައެވެ. އެ ޙުކުމް ބަލައިލުމުން އަންނަނިވި ކަންކަން ދޭހަވިއެވެ.

ކަން ހިނގާފައިވާގޮތް

ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ނެކްސްބިޒްއާއި އިމިގްރޭޝަނާ ދެމެދު އޮތް އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަމަށް އޭ.ސީ.ސީއަށް ފާހަގަވާތީ، ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންކަމަށްވާނަމަ، އަލުން އެ މައްސަލަ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް ހުށަހެޅުމަށް އަލުން ދަޢުވަތު ނުވަތަ ފުރުޞަތުދީ، އަލުން އެ މަސައްކަތް ބިޑުކޮށްގެން ކުރިޔަށްގެންދިޔުމަށް 24 ޖަނަވަރީ 2011 ގައި އޭ.ސީ.ސން އިމިގްރޭޝަނަށް އެންގިއެވެ.

އޭ.ސީ.ސީން ދެކެނީ، އެ އެންގުމަށް އިމިގްރޭޝަނުން ތަބާވުން ލާޒިމުކަމަށެވެ. އިމިގްރޭޝަނަކުން އެގޮތަކަށް ނުދެކެއެވެ.

އެހެންކަމުން، އޭ.ސީ.ސީން ދިޔައީ، މަދަނީ ކޯޓަށެވެ. އެ ކޯޓުގައި އޭ.ސީ.ސީން އެދުނީ، މަސައްކަތް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށެވެ. މަދަނީ ކޯޓުން ބުނީ އެގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

އޭ.ސީ.ސީން ދެން ދިޔައީ ހައިކޯޓަށެވެ. އެ ކޯޓުގައިވެސް އޭ.ސީ.ސީން އެދުނީ، ހަމަ އެއް ކަމަކަށެވެ. އޭ.ސީ.ސީން އެދުނީ، މަސައްކަތް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށެވެ.

ހައިކޯޓުން އިމިގްރޭޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނެވެ. އޭގައި ބުނަނީ، އޭ.ސީ.ސީން ހުށަހެޅި އިސްތިޢުނާފުގެ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން އެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުކުރުމަށެވެ.

އެހެން ހައިކޯޓުން އެންގުމުން، މައްސަލައާ ގުޅުންހުރި ފަރާތެއް ކަމުގައިވާ ނެކްސްބިޒްއިން ދިޔައީ ސުޕްރީމް ކޯޓަށެވެ. އެގޮތަށް ހައިކޯޓަށް އަމުރު ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުން އެދިއެވެ.

ސުޕްރީމް ކޯޓުން އަންގަނީ، އެގޮތަށް ހައިކޯޓަށް ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށެވެ. ކޮންޓްރެކްޓެއްގެ ދަށުން އިމިގްރޭޝަނުން ހިންގަމުންދާ މަސައްކަތެއް ހުއްޓާލުމަށް އެންގުމުގެ ބާރު އޭ.ސީ.ސީއަށް ލިބިގެންނުވާ ކަމަށެވެ.

މައްސަލަ ބިނާވާ މައިގަނޑު ސުވާލު

އެހެންކަމުން މުޅި މައްސަލަ އައިސް ހުއްޓެނީ އެއް ސުވާލެއްގެ މައްޗަށެވެ.

ތަނަކުން ކުރަމުންދާ ކަމެއްގައި ކޮރަޕްޝަނުގެ ޢަމަލެއް ހިމެނޭކަމަށް އޭ.ސީ.ސީއަށް ފާހަގަވެގެން އެކަން ކުރުން ހުއްޓާލަން އޭ.ސީ.ސީއަށް އެންގިދާނެތޯ ނުވަތަ ނޫންތޯ މި ސުވާލުގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގެ މުހިންމު ބައިތަކަށް ބަލާއިރު، އެ ބާރެއް އޭ.ސީ.ސީއަކަށް ލިބިގެނެއް ނުވެއެވެ.

ޙުކުމުގެ އަސާސްތައް

ސުޕްރީމް ކޯޓުގެ ޙުކުމުގައި އެހެން ވިދާޅުވަނީ، ސަބަބުތަކެއްގެ މައްޗަށެވެ. އެންމެ މުހިންމު ސަބަބުތައް އަޅުގަނޑުގެ ބަހުން ޚުލާޞާކޮށްލާނަމެވެ.

އޭ.ސީ.ސީގެ އެންގުމަކީ، އިދާރީ އެންގުމެއްކަމާއި، އެފަދަ އިދާރީ އެންގުމެއް ދައުލަތުގެ ފަރާތަކަށް އެންގުމުން އެ އެންގުމަށް އެފަރާތެއް ތަބާވުން ލާޒިމުކުރާ އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނީ އުސޫލެއްނެތްކަން.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާގެ ދަށުން އެ އެންގުން އެންގިދާނެކަމަށް އޭ.ސީ.ސީ ދެކޭއިރު، އެ ދެ މާއްދާއިން ޖުމްލަގޮތެއްގައި އޭ.ސީ.ސީއަށް ދޭ ބާރަކީ، ކޮރަޕްޝަނުގެ ޢަމަލުކަމުގައި ތުހުމަތުކުރެވޭ ކަންކަން ތަޙްޤީޤުކުރުން ކަމަށާއި، އެ ތަޙްޤީޤުތައް ކުރުމަށް މަގުފަހިކުރާ އެހެންކަންކަން ކުރުންކަން.

ކޮރަޕްޝަނުގެ ޢަމަލަކީ، ޖިނާއީ ކުށެއްކަމަށްވާތީ، ޖިނާއީ ކުށެއްގެ ތަޙްޤީޤެއް އޭ.ސީ.ސީން ކުރާނަމަ، އެކަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާޢަތުގެ އުސޫލުތަކުން ކަމަށާއި، ޖިނާއީ ތުހުމަތަކާ ގުޅިގެން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދަންޖެހޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ކަމުގެ އިޚްތިޞާޞް އޮތް ކޯޓަކުންކަން.

ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއް، ޖިނާއީ ތަޙްޤީޤަކާ ގުޅިގެން، ހުއްޓުވުމުގެ ފިޔަވަޅަކީވެސް، ޖިނާއީ އިޖުރާޢަތުގެ ތެރެއިން އެޅޭ ފިޔަވަޅަކަށް ވާންޖެހޭނެކަން.

ހައިކޯޓުން އަމުރު ނެރެދިން މައްސަލައަކީ، ކޮންޓްރެކްޓް ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކޮންޓްރެކްޓެއް ބާޠިލުކުރުމުގެ މައްސަލައެއްވެސް ނޫންކަމާއި އޭ.ސީ.ސީގެ އެންގުމަކަށް ޢަމަލުނުކުރި މައްސަލަ އެކަނިކަން.

ދަށު ކޯޓުގައި ބަންޑާރަނާއިބު ވިދާޅުވެފައިވަނީ، ކޮންޓްރެކްޓަށް ޢަމަލުކުރުން ހުއްޓުވަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަމަށާއި، ހައިކޯޓުގައި ބަންޑާރަނާއިބު ވިދާޅުވަނީ، ކޮންޓްރެކްޓަށް ޢަމަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް އެބައޮތްކަމަށް ކަމަށާއި، އެއް ދައުލަތެއް ތަމްސީލުކުރާ އެއް ޤާނޫނީ ޝަޚްޞަކަށް ދެފަހަރު ދެގޮތަށް ކޯޓުގައި ހުށަހެޅުމަކީ ތަޢާރުޒުވުމެއްކަން.

މި ސަބަބުތަކަކީ، އޭގެޒާތުގައި ރަނގަޅު ސަބަބުތަކަކެވެ. އެހެންކަމުން، މި ޙުކުމަކީ، ރަނގަޅު ނޫން ޙުކުމެކޭ ބުނެވޭނެ ޖާގަ ކުޑައެވެ.

ޙުކުމުގައި ނެތް އެއް ނުކުތާ

ރާއްޖޭގެ ޤާނޫނުތަކުގެ ތެރޭގައި ޤާނޫނެއް އޮވެއެވެ. ޢާންމުކޮށް އަޅުގަނޑުމުން ކިޔަނީ އިންޓަޕްރިޓޭޝަން އެކްޓެވެ. ރަސްމީ ނަމަކީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/4) އެވެ.

އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން އެއް އުސޫލަކީ، ޤާނޫނެއްގައި އޮތްއެއްޗެއް ބަހުންބަހަށް ބަލައިގަންނައިރު، ހެއްވާ ނަތީޖާއެއް ނުކުންނަކަމަށްވާނަމަ، އެ ޤާނޫނުގެ އެ ބައެއް ތަރުޖަމާކުރަންވާނީ، އެ ޤާނޫނު އުފެއްދި މަޤްޞަދަށް ބަލައިގެން ކަމަށެވެ.

މި އުސޫލު ބޭނުންކުރިނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިދީފައިވާ ބާރުތައް މާނަކުރެވޭނީ، އެ ޤާނޫނު އުފަންކުރި މަޤްޞަދުގެ އަލީގައެވެ. އެއީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އޭގެތެރޭގައި އެންގުންތައް އެންގުންވެސް ހިމެނިގެންދާނެއެވެ.

އެކަމަކު ސުޕްރީމް ކޯޓުން އެ ޤާނޫނަށް ރިޢާޔަތްކުރާނީ، ދައުލަތުގެ ފަރާތުން އެ ޤާނޫނަށް ބުރަވެ އޭގެމައްޗަށް ވަކާލާތުކުރެއްވިނަމަ ކަމަށް ޤަބޫލުކުރެވެއެވެ. އެހެން އެކަން ވިކަމެއްގެ މަޢުލޫމާތެއް އަޅުގަނޑަކަށް ނެތެވެ.

ޙުކުމުން ދިމާވާ މައްސަލަ

ކޮންމެއަކަސް، ސުޕްރީމް ކޯޓުގެ ޙުކުމް އޭގެޒާތުގައި ރަނގަޅުނަމަވެސް، މައްސަލަ މިދިމާވަނީ، އޭ.ސީ.ސީގެ ފަރާތުން މިހާތަނަށް އަދާކުރަމުންއައި މުހިންމު އެއް ދައުރު އެ ޙުކުމުގެ ސަބަބުން ހުއްޓުމަކަށް އަންނާތީއެވެ.

ކިތަންމެ ބޮޑު ކޮރަޕްޝަނުގެ ޢަމަލެއް ހިމެނޭކަމެއް އޭ.ސީ.ސީއަށް ތުހުމަތުކުރެވުނު ކަމަށްވީނަމަވެސް، އެކަން އޭ.ސީ.ސީން ބަލައި ނިމެންދެން، އެކަމެއް ކުރިޔަށް ނުގެންދިޔުމަށް ތަނަކަށް އިދާރީގޮތުން އެންގުމުގެ ބާރު އޭ.ސީ.ސީއަށް ގެއްލުމެވެ.

އަދި ހަމައެހެންމެ، ވަކިކަމެއް ހިނގާގޮތުން، ކޮރަޕްޝަނުގެ ޢަމަލެއް އުޅޭކަމަށް ޝައްކުކުރެވިގެން، އެކަން އެހެންގޮތަކަށް ކުރުމަށް އިދާރީގޮތުން އެންގުމުގެ ބާރު އޭ.ސީ.ސީއަށް ގެއްލުމެވެ.

ކޮރަޕްޝަނުގެ ޢަމަލެއް އުޅޭކަމަށް ތުހުމަތުކުރެވޭ ކަމެއް ބަލަމުންދާތީ، އެކަން ނުހުއްޓުވައިފިނަމަ، ދައުލަތަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ މަސައްކަތްކުރުމަށް އޭ.ސީ.ސީއަށް ފުރުޞަތު ގެއްލުމެވެ.

މިހާރު ދެން އޭ.ސީ.ސީއަށް ހިނގޭނީ ޖިނާއީ ކުށުގެ ތަޙްޤީޤުކޮށްއުޅޭ މަގުން އެކަންޏެވެ.

ދެން ތަނަކުން ކުރާކަމެއް ހުއްޓުވަން އަންގަންޖެހޭނީ، އޭ.ސީ.ސީގެ އެދުމަށް، ޕީ.ޖީ ކޯޓަށް ގޮސް، ހޯދައިދޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

އަދި، މައްސަލަތައް ތަޙްޤީޤުކުރުމުގައިވެސް ދެން ޢަމަލުކުރަންޖެހޭނީ، ހަމައެކަނި ޖިނާއީ ތަޙްޤީޤުތައް ކުރާ ބީދައިންނެވެ. ކަޑައްތުކުރަންޖެހޭ މަރުޙަލާތަކަކީވެސް، މުޅިން ޖިނާއީ މަރުޙަލާތަކަކަށްވެ ނިމުނީއެވެ.

މައްސަލަ ޙައްލުކުރެވިދާނެ ގޮތް

އޭ.ސީ.ސީއަށް މިދިމާވި ދަތި ޙައްލުކުރެވޭނެ ދެގޮތެއް އެބައޮތެވެ.

ޙުކުމުގައި ބުނަނީ، އޭ.ސީ.ސީގެ އިދާރީ އެންގުމަކަށް ތަބާވުމަކީ، ތަނަކަށް ލާޒިމުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް، އެތަނެއްގެ ރުހުމުގައި އެތަނަކުން އޭ.ސީ.ސީގެ އެންގުންތައް ބަލައިގަތުން ޙުކުމުގައި މަނަލެއް ނުކުރެއެވެ.

ދައުލަތުގައި ކޮރަޕްޝަނުގެ ޢަމަލު އުފަންކުރުވާ ޒާތުގެ ޢަމަލުތައް މައިގަނޑުގޮތެއްގައި ހިނގާނެ އެއް ދިމާލަކަށްވާނީ، ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެށްޓެވެ.

އެހެންކަމުން، ސަރުކާރުން ބޭނުންފުޅުކަމަށްވާނަމަ، ސަރުކާރުގެ ސީދާ ބާރު ހިނގާހުރި ތަނަކުން، އޭ.ސީ.ސީގެ އެންގުންތަކަށް ރުހުމުގައި ތަބާވެ ޢަމަލުކުރަމުންދިޔުމަށް ސަރުކާރަށް އެންގެވިދާނެއެވެ. އޭ.ސީ.ސީގެ އިޚްތިޞާޞް ބަލައިގަތުމަށް ހަމަޖެއްސެވިދާނެއެވެ.

އެއީ، އޭ.ސީ.ސީން މިހާތަނަށް އަންގަމުންދިޔަ އެންގުންތައް އެގޮތުގައި ކުރިޔަށްގެންދެވިދާނެ ގޮތެކެވެ.

އެއީ އެއްގޮތެވެ. ދެވަނަ ގޮތަކީ އަންނަނިވި ގޮތެވެ.

މިހާރު ފެށިފައިވާ ލީޑާރޒް ޑަޔަލޮގަކީ، ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ތަޢާރުފުކުރަންޖެހޭ ޤާނޫނުތަކަށާއި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ސިޔާސީވެރިންގެ މެދުގައި މަޝްވަރާކުރެވޭނެ ފޯރަމެއްކަމަށް ރަޙްމަތްތެރި ބޭބެފުޅުންގެ ވާހަކައިން ދޭހަވެއެވެ. އެހެންކަމުން، އެންމެ އިސްކަންދީގެން ކުރާ އެއްކަމަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އޭ.ސީ.ސީއަށް ނެތްކަމަށް ސުޕްރީމް ކޯޓުން އެ ވިދާޅުވާ ބާރުތައް އޭ.ސީ.ސީއަށް ޤާނޫނުން ދިނުމެވެ.

އެކަން ކުރަން ބޭނުންކަމަށް ސިޔާސީ އިސްފަރާތްތަކުން ކަނޑައަޅައިފިނަމަ، ކަންކޮށް ނިންމާލާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

މުޙައްމަދު

އޭސީސީ ގާނޫނުގެ 27 ވަނަ މާއްދާއާއި އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ފ) އަށް ރިޢާޔަތްކުރާއިރު، މައްސަލައެއް ބަލައި ތަޙުޤީޤު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާ އަކުން ކުރާ ކަމެއް ވަގުތީ ގޮތުން ހުއްޓާލުމަށް އެސީސީއަށް އެންގިދާނެކަމަށް ފެނޭ، އަދި އެ އެންގުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ތަބާވާންޖެހޭނެ ކަމަށްވެސް ފެނޭ. ސަބަބަކީ މައްސަލަ ބަލައި ތަޙުޤީޤު ކުރުމަކީ އޭސީސީއަށް ޤާނޫނުން ލިބިދޭ ބާރެއް، ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެކަން އެނގޭ، އެހެންކަމުން ތަޙުޤީޤު ކުރުމަށް ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި އެކަމެއް ހުއްޓުވުމަކީ އޭސީސީގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ފ) އިން ލިބިދޭ ބާރެއްކަމަށް އަޅުގަނޑަށް މާނަކުރެވެނީ..

# 1  
" މުޙައްމަދު " 8 ސެޕްޓެމްބަރ 2012 | 14:16
އިނާޒް

މިމައްސަލާގައި އަޅުގަނޑު ތިބޭފުޅާޔަށް ވަރަށް ބޮޑަށް ތާއީދުކުރަމެވެ. އަޅުގަނޑުމެންކަހަލަ މާބޮޑު ޢިލްމެއް ލިބިފަ ނެތަސް ބިމަށް ޖަހާ ވައްދާފަހުރި ކަޑަގަނޑެއް ނަގަން ބަޔަކުމީހުން އުޅޭވަގުތު އެފަދަ ކަންކަން ބަލަން ޙަވާލުވެގެންހުރި މީހާ، ކަޑައިގެ ބިމުން މަތީގަ ހުރީ ކިހާ ދިގުމިނެއްތޯ ބަލަން ފީތާ ހިފައިގެން އަންނާނަމޭ ކަޑަ ނުނަގާ މަޑުކޮށްލާށޭ ބުނީމަ ކަލެޔަކަށް އެހެން ނުބުނެވޭނޭ ބިމުން ލުހެލާށޭ ބުނުންކަހަލަ ކަމެކެވެ! ނަޝީދުއެވެ! މިފަދަ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކާ މަސައްކަތް ކޮށްދެއްވާށެވެ! އޭސީސީގެ މަސްއޫލިއްޔަކީ ކަންތައްތަކެއް ބެލުންކަމުގައި ވިދާޅުވެފައި ދެން އޮނަނީ ބައްލަވާ ކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުނަކމަގައެވެ! ވީއިރު ތިކަން އިހަށް މަޑުކޮށްލާށޭ ނުބުނެވޭކަމަށް ވަންޏާ ކަމަކާ ގުޅިގެން އަޅާނީ ކޮން ފިޔަވަޅެއްބާވައޭ އަޅުގަނޑު ހިތަށްއަރާ!

# 2  
" އިނާޒް " 8 ސެޕްޓެމްބަރ 2012 | 21:24
އަޙްމަދު

ލޔުން ވަރަށް ފުރިހަމަ ކަމަށް ގަބޫލް ކުރަން، ނަމަވެސް ގިނަ ރައްޔިތުންގެ ހިތުގައި އަދިވެސް އުފެދޭނެ ސުވާލަކީ “ބޯޑަކޮންޓްރޯލް ސިސްޓަމް” ގެ މަސްރޫޢު ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ނުވަތަ ނޫންތޯ؟ ސްޕްރީޕް ކޯޓް ހުކުމަކުން އަދި މކަމެއް ކަނޑައެއް ނާޅާ، ނަމަވެސް ބައެއް މީހުން މިހާރުވެސް ވާހަކަ ދައްކަން ފަށައިފި މިހުކުމަށް ބަލައިގެން މި ޕްރޮޖެކްޓަކީ “ސާފް ހުދު” ޕްރޮޖެކްޓެއް ކަމަށް. މިކަމުގެ އިތުރު ތަފްޞީލް ބޭނުންވޭ…

# 3  
" އަޙްމަދު " 9 ސެޕްޓެމްބަރ 2012 | 10:38
މާޔޫސީ

މަނިކްފާނުގެ ބްލޮގް އަލުން ފެއްޓެވިކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަޅުގަނޑުގެ މިކޮމެންޓް ޝާޢިޢުނުކުރެއްވިޔަސް އެންމެ ރަނގަޅެވެ. މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެފައި މިހާތަނަށް ޖުޑިޝަރީއާދިމާއަށް ޞައްޙަގޮތުގަ ބަސްބުނި މަދުމީހުންގެތެރޭގައި މަނިކުފާނު ހިމެނޭތީ، މިވާހަކަތައް ހިއްސާ ކޮށްލަން ބޭނުންވަނީއެވެ.
1- ސުޕްރީމް ކޯޓަކީ ކެނެރީގޭ ނަޝީދެކޭ އެއްވަރަށް ޤާނޫނުއަސާސީ މުގުރާފައިވާ ބައެކެވެ. އޭސީސީގެ ބާރުތައް ސުޕްރީމް ކޯޓުން ހަނިކޯށްފައިވަނީ މިއަދަކު އެކަންޏެއްނޫނެވެ. ސުޕްރީމް ކޯޓަށް އޭސީސީގެ މެމްބަރުން ތަޙްޤީޤެއްކުރުމަށް 2011 ވަނައަހަރުގެ ޖުލައި މަހުގެތެރޭގައި ދިއުމުން ސުޕްރީމް ކޯޓަށް އޭސީސީ ގެ ތަޙްޤީޤް ޓިމު ވަނުމަށް ހުރަސްއަޅައި ފޮނުވާލާފައިވެއެވެ. އޭސީސީ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓިއަށް ހާޒިރުކޮށްގެން ނިކަން އައްސަވާބައްލަވާށެވެ.
2- 10 އޮކްޓޫބަރ 2011 ގައި އޮޑިޓަރ ޖެނެރަލްގެ ފަރާޓްޕުޅުން ސުޕްރީމް ކޯޓު އޮޑިޓް ކުރުމަށް ދިޔަ މުވައްޒަފުންނަށް ސުޕްރީމް ކޯޓުން ހުރަސްއަޅައި، ފަނޑިޔާރުން ކުރައްވާފައިވާ ޚަރަދު ތަފްޞީލުތައްހާމަކުރައްވަފައެއްނުވެއެވެ. އެދުވަހު އޮޑިޓަރ ޖެނެރަލްގެ މުވައްޒަފުންނަށް ލިޔެކިޔުންތައް ނުދެއްކުމާ ގުޅިގެން އެމީހުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަން އެދުމުން އެމީހުންނަާ ބައްދަލުނުކުރެއްވިއެވެ. ފަހުން އޮޑިޓް ރިޕޯޓް ނެރުއްވާފައިވަނީ ޑިޕާޓްލަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓްގެ ނަމުގައެވެ. ނަމަވެސް ސުޕްރީމް ކޯޓަކީ ވަކި ބަޖެޓް އޮވެގެން ބަޖެޓް ސެކްޗަނެއް ޮއވެގެން ޑިޕާޓްމަންޓާ ވަކިން ހިނގަމުންދާ ބަޖެޓެކެވެ. މިދެންނެވި އޮޑިޓް ރިޕޯޓުގައި ކުރިއްސުރެ ސުޕްރީމް ކޯޓުގެ ފަނޑީޔާރުން ހިންގާފައިވާ އަދި ހިންގިކަމަށް ޢައްމުވެފައިވާ ކޮރަޕްޝަންތައް ހިމަނުއްވާފައިވެއެވެ. ނަމަވެސް ފަނޑިޔާރުންގެ ދަތުރުތަކާއި، ވަޒީފާ ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަންތައް ހާމަކޮށްފައެްނުވެއެވެ.
3- ޑިޕާޓްމަންޓަކީ ސުޕްރީމްކޯޓުން ކޯޓުތަކުގެ ޤާނޫނުއުވާލުމުގެ ސަބަބުން މިހާރު އުވިފައިވާ އިދާރާއެކެވެ. ނަމަވެސް މިއަހަރުވެސް ދައުލަތުގެ ބައިތުލްމާލުން ބޮޑޫބައެއް ޑިޕާޓްމަންޓުގެ ނަމުގައި ދޫކުރާނީ ޤާނޫނީ ހައިސިއްޔަތު އޮތްތަނެއްގެ ގޮތުގައެވެ. މިއީ ކިހާ ބޮޑު ބޭ އިންސާފެއްތޯއެވެ.
4- މުޖްތާޒް ފަހުމީގެ ދަރިއަކަށް ދާދީ ފަހުން ސުޕްރީމް ކޯޓުން ވަޒީފާ ދީފައިވަނީވެސް ޤަވާޢިދާ ޚިލާފަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކްރިމިނަލް ކޯޓުގެ ފަނޑީޔާރު ޢަބްދުﷲ ދީދީގެ އަނބި ޣާނިޔާއަށްވެސް ބޮޑުމަޤާމެއްހަދާފައި ވަޒީފާ ދީފައިވަނީ ޤަވާޢީދާޚިލާފަށެވެ. އޮޑިޓަރ ޖެނެރަލްއާ އޭސީސީއަށް މި ކަންކަމުގެ ޑޮކިއުމަންޓްތައް ނުފެންނަނީ، ޑިޕާޓްމަންޓާއި ސުޕްރީމް ކޯޓު ވަކި ދެތަނެއްގެ ގޮތުގައި މާއްދީ ގޮތުން އޮންނަ އޮތުމުގެ ބޭނުން ފަނޑިޔާރުން ނަހަމައިން ހިފައިގެންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓް ނެރުނުފަހުން އެމަނިކުފާނަށް ފުރައްސާރަކުރުމަށް ދެފަހަރެއްގެ މަތިން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި މިހާރު ކޯޓުތައް އޮޑިޓް ކުރުމާބެހޭ ޤަވާޢިދެއް ސުޕްރީމް ކޯޓުން އަމިއްލައަށް ހެދުމުގެ ވިސްނުމެއް ގެންގުޅޭކަމުގެ މަޢުލޫމާތެއް ލިބިފައިވއެވެ. އޮޑިޓަރ ޖެނެރަލް ހާޒިރުކުރައްވައިގެން މިކަންކަން ސާފުކޮށްދެއްވުން އެދެމެވެ.

# 4  
" މާޔޫސީ " 11 ސެޕްޓެމްބަރ 2012 | 10:18
އެމް.އެސް މޫސާ

ވަރަށް އިޙްލާޞްތެރި ލިޔުމެއް.
އަޅުގަނޑަކީ، ލޯ ކިޔަވައިގެން ހުރިމީހެއް ނޫން. އެކަމަކުވެސް، އަޅުގަނޑަށް ފާހަގަ ކުރެވުނު ތަންކޮޅެއް ދަންނަވަލަންކަމަށް. މައްސަލަ ޙައްލު ކުރެވިދާނެ ގޮތުގެ 1 ގައިވާ “ސަރުކާރު” އިންތަންކޮޅު ދައުލަތަށް ބަދަލު ކުރައްވާ، ދައުލަތުގެ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވޭނެ ގޮތަކަށް ވިދާޅުވެދެއްވި ނަމަ ވަރަށް ރަނގަޅުވީސް. އަދި ތިޔަ ޙުކުމް ނެރުއްވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅޭގޮތުންވެސް ކޮރަޕްޝަންގެ އެތައްވާހަކަތަކެއް ހަވީރު ނޫހުން ފެނުންކަންވެސް ފާހަގަ ކުރެވޭތީއާޢި، އެފަހަރުވެސް އޭ.ސީ.ސީން ސުޕްރީމް ކޯޓުގެ އެޢަމަލު ހުއްޓުވަން މަސައްކަތް ކުރަމުން ދަނިކޮށް އެކަމަށް ބެލުމެއްނެތި ސުޕްރީމް ކޯޓުން އެކަން ކޮށް ނިންމާލިކަންވެސް ފާހަގަ ކުރެވުނު.

# 5  
" އެމް.އެސް މޫސާ " 11 ސެޕްޓެމްބަރ 2012 | 13:41
އިބޫ

ފެބްރުއަޜީ 6 އަދި 7 ގައި ހިނގި ހާދިސާގެ ކަމިޝަން ރިޕޯޓްގައި ފޮލިސް މިޔުޓިނީ އަކީ ޕޮލިސް އެކްޓް ގައި ހިމެނޭ ކަމެއް ނޫން ކަމުގައި ދޭހަވާ އިރު މީފާހަގަކޮށފައި އެވަ އިނޓަރޕްރިޓޭޝަން އެކްޓް ގެ ދަށުން ސިފައިންގެ ގަނޫން ގައި އެބުނާ މިޔުޓިނީގެ ބާބުތައް ހަމަ އެފަދ ަދެވަނަ މުއައްސަސާ އަށް ނުބެލެވޭނެބާ؟؟

# 6  
" އިބޫ " 12 ސެޕްޓެމްބަރ 2012 | 23:35