މަޖިލީހުގެ މި އަހަރު
(pdf)ދައުލަތުގެ މައިގަނޑު ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިހަކީ، ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއް ބާރެވެ. އެހެން ބާރުތައް ރަނގަޅު މަގަށް ހިންގުމުގައި، އަދި ރަނގަޅު މަގުން ހިނގަމުންދިޔުމުގައި، މަޖިލީހުގެ ނިންމުންތަކާއި މަޖިލީހުގެ މަސައްކަތްތައް މުހިންމު ދައުރެއް އަދާކުރެއެވެ.
އަޅުގަނޑުމެންގެ ދައުލަތް ހިންގުމުގެ ނިޒާމު ބިނާކޮށްފައިއޮތީ، މަޖިލީހުގެ ދައުރަކީ، މުޅި ދައުލަތުގެ ނަޒަރުން ބަލާއިރު، މަރުކަޒުކުރެވިގެންވާ އަސާސީ ދައުރެއް އޮތް ތަނެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، މިއަހަރުގެ މިހާތަނަށް ބަލާލާއިރު، ފެންނަންއޮތް މަންޒަރު އެހާ ހިތްގައިމެއް ނޫނެވެ.
މަޖިލިހުގެ ވެބްސައިޓުގެ އަންނަނިވި ލިންކުގައި ޝާއިއުކޮށްފައިވާ މަޖިލީހުގެ މިއަހަރުގެ ޖަލްސާތަކުގެ ޚުލާޞާތަކަށް ބަލާލާއިރު އަންނަނިވި ޙަޤީޤަތްތައް ހާމަވެއެވެ.
ޖަނަވަރީ – މަހަކީ، މަޖިލިސް ގަވާއިދުން ރިސެސްގައި އޮންނަ ޗުއްޓީ މަހެކެވެ.
ފެބްރުއަރީ – މަހަކީ، މަޖިލިސް ގަވާއިދުން ރިސެސްގައި އޮންނަ ޗުއްޓީ މަހެކެވެ.
މާޗް – މަޖިލިސް ހުޅުވަން 1 ގަޔާއި 19 ގައި ބޭއްވި ދެ ޖަލްސާއާއެކު ބޭއްވުނީ، މުޅިމަހު ޖުމްލަ 2 ޖަލްސާއެވެ. އެއްވެސް ޢާންމު މަސައްކަތެއް އެމަހަކު ނުވެއެވެ.
އޭޕްރިލް – ޖަލްސާ އޮންނަންޖެހެނީ، ޖުމްލަ 13 ދުވަހެވެ. އެ 13 ޖަލްސާގެ ޖުމްލަ ވަގުތަށް ވާނީ 58 ގަޑިއިރާއި 30 މިނެޓެވެ. އެކަމަކު ބޭއްވުނު ޖަލްސާތައް ބޭއްވުނު ވަގުތުގެ ޖުމްލައަކީ، 38 ގަޑިއިރާއި 26 މިނެޓެވެ.
މެއި – މަހަކީ، މަޖިލިސް ގަވާއިދުން ރިސެސްގައި އޮންނަ ޗުއްޓީ މަހެކެވެ.
ޖޫން – ޖަލްސާ އޮންނަންޖެހެނީ، ޖުމްލަ 12 ދުވަހެވެ. އެ 12 ޖަލްސާގެ ޖުމްލަ ވަގުތަށް ވާނީ 54 ގަޑިއިރެވެ. އެކަމަކު ބޭއްވުނު ޖަލްސާތައް ބޭއްވުނު ވަގުތުގެ ޖުމްލައަކީ، 34 ގަޑިއިރާއި 57 މިނެޓެވެ.
ޖުލައި – ޖަލްސާ އޮންނަންޖެހެނީ، ޖުމްލަ 14 ދުވަހެވެ. އެ 14 ޖަލްސާގެ ޖުމްލަ ވަގުތަށް ވާނީ ރަމަޟާންމަހު ވަގުތަށް އައިބަދަލާއެކު، ޖުމްލަ 51 ގަޑިއިރެވެ. އެކަމަކު ބޭއްވުނު ޖަލްސާތައް ބޭއްވުނު ވަގުތުގެ ޖުމްލައަކީ، 17 ގަޑިއިރާއި 48 މިނެޓެވެ.
އޯގަސްޓް – ބޭއްވީ 5 އޯގަސްޓްގައި އޮތް ޖަލްސާ އެކަންޏެވެ. އެ ޖަލްސާގެ ދިގުމިނަކީ، 14 މިނެޓެވެ.
ސެޕްޓެމްބަރ – މަހަކީ، މަޖިލިސް ގަވާއިދުން ރިސެސްގައި އޮންނަ ޗުއްޓީ މަހެކެވެ.
ކުރެވުނު މައިގަނޑު މަސައްކަތަށް ބަލާއިރު ފާހަގަކުރެވެނީ އަންނަނިވި ކަންކަން އެކަންޏެވެ.
ނާއިބުރައީސްގެ ނަން ފާސްކުރުމާއި 14 ވަޒީރަށް ރުހުން ދިނުމެވެ.
2011 ވަނައަހަރު މަސައްކަތް މައިގަނޑުގޮތެއްގައި ނިމި، މިއަހަރުގެ މަސައްކަތުގެ ތެރެއަށް ވަދެގެންގޮސްފައިވާ 5 ބިލެއް ފާސްކުރުމެވެ. އެ 5 ބިލަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލާއި، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލެވެ.
ދެންކުރެވުނު ކަމަކީ، ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސުމެވެ.
މަޖިލީހުގެ ވެބްސައިޓުން ލިބެންހުރި މަޢުލޫމާތުން އަޅުގަނޑު އެކުލަވާލި ދެ ކަރުދާހެއް މި ދެ ލިންކުން ފެނިވަޑައިގަންނަވާނެއެވެ. ފުރަތަމަ ކަރުދާހަކީ، މަޖިލިސް ބައްދަލުވި ދުވަސްތަކާއި ވަގުތު އެނގިވަޑައިގަންނަވާނެ ކަރުދާހެކެވެ. ދެވަނަ ކަރުދާހަކީ، މަޖިލީހުން ފާސްކުރި ކަންކަން އެނގިވަޑައިގަންނަވާނެ ކަރުދާހެކެވެ.
މައިގަނޑުގޮތެއްގައި ދަންނަވަންޖެހެނީ، މިއަހަރުގެ މިހާތަނަށް އައިއިރު، މަޖިލިސް، ގަވާއިދުން 4 މަސް ޗުއްޓީގައި ހޭދަކޮށް، 1 މަސް ނޭނގޭކަމަށް ހަދާލައިގެން ޗުއްޓީގައި ހޭދަކޮށް، ޖުމްލަ 5 މަސް ޗުއްޓީގައި ވޭތުކޮށްފިކަމެވެ. އަދި، މަސައްކަތްކުރުމަށް ބައްދަލުވީ، އެންމެ 3 މަހުކަމާއި، އެ 3 މަހުވެސް، މަޖިލީހުގެ ޖަލްސާތައް ބޭއްވެމުން ގޮސްފައިހުރީ، ދެމެމުން ކޫއްތެމުން، މެދުކެނޑެމުން ކަހަލަ ގޮތަކަށް ކަމެވެ. ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ނުކުރެވޭ ކަމެވެ. ފާސްކުރި ބިލުތަކަކީވެސް، 2011 ގައި ގާތްގަނޑަކަށް ނިމި، ވޯޓަށް އަހަންހުރި ބިލުތަކެއް ކަމެވެ.


ކިޔުންތެރިންގެ ޚިޔާލު
އަދި ލިބޭވަރު ތަންކޮޅެއް މަދީހެން ހީވަނީ.