އޮޕަރޭޝަން “ބްލޫ ހޮރައިޒަން” އިފްތިތާޙުކުރުން

ތާރީޚް: 5 ސެޕްޓެމްބަރ 2012

(pdf) އޮޕަރޭޝަން “ލިބަރޓީ ޝީލްޑް” ގެ ވާހަކަ އަޑުއިވިފައި އޮތުމުން، އަޅުގަނޑުވެސް، އަޅުގަނޑު ކުރި މަސައްކަތަކަށް އޮޕަރޭޝަނެއްގެ ނަމުން ނަންދީ، އޮޕަރޭޝަން “ބްލޫ ހޮރައިޒަން” ގެ ނަމުގައި އެ މަސައްކަތް ކުރީމެވެ.

ވޭތުވެދިޔަ 5 މަސްދުވަހު އަޅުގަނޑު މަސައްކަތް މިކުރީ، މިހާރު އޮތް ފުލުހުންގެ ޤާނޫނު ބަނޑޭރިގަނޑުން ބަނޑޭރިގަނޑަށް އިޞްލާޙުކޮށް، މުޅިން އަލަށް އެކުލަވާލައި، މުޅިން އާ ޤާނޫނެއްގެ ބިލު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރުމުގައެވެ.

ފުލުހުންގެ ޤާނޫނު އިޞްލާޙުކުރުމަށް ފުރަތަމަ ކުރެހި ޗާޓު އަޅުގަނޑު ކުރެހީ 2009 ގެ ފަހުކޮޅުގައެވެ. ސްކޮޓްލެންޑްގެ ފުލުހުންނަށް ތަމްރީނު ދޭ ފަރާތަކާ ގުޅިގެންނެވެ. އޭގެފަހުން އެކިދުވަސްމަތިން، އެކި މޫސުމުގައި ދިރާސާތައް ހަދަމުން ދިޔަނަމަވެސް، އެ މަސައްކަތް އަވަހަށް ކޮޅެއްގައި ޖެއްސުމުގެ ބޭނުން އުފެދުނީ، 7 ފެބްރުއަރީގެ ޙާދިސާތަކަށް ވިސްނުމަށްފަހުގައެވެ.

މި ބިލު މިހާރު އެކުލަވާލުމުގެ ބޭނުން ވަރަށް ސާފެވެ.

ރައީސް މައުމޫންގެ ދައުރުގައި، އަދި ރައީސް ނަޝީދުގެ ދައުރުގައި ފުލުހުންގެ ޚިދުމަތް ޢަމަލީގޮތުން ހިނގާފައިވާގޮތަށާއި، އަދި މިހާރު ރައީސް ވަޙީދުގެ ދައުރުގައި، އެ ޚިދުމަތް ހިނގަމުންދާ ގޮތުން ޢިބްރަތް ލިބިގަނެ، 11 ނޮވެމްބަރު 2013 ގައި ރާއްޖޭގެ ރައީސްކަމާ އާ ބޭފުޅަކު ޙަވާލުވެ ވަޑައިގަންނަވާއިރު، އެ ތާރީޚުން ފެށިގެން މުޅިން އާ ފުލުހުންގެ ޤާނޫނެއް އޮވެ، އެ ޤާނޫނުގެ މަގުން ތަރުތީބުކުރެވިގެންވާ އާ ފުލުހުންގެ ޚިދުމަތަކަށް ހިޖުރަކުރުމަށް މަގުފަހިކުރާ އާ ޤާނޫނީ އޮނިގަނޑެއްގެ ޚިޔާލު، އެކަންކަން ނިންމުމަށް ވަގުތު އޮއްވައި، ބިލެއްގެ ސިފައިގައި، ދުރާލާ މަޖިލީހަށް ހުށަހަޅައިދިނުމެވެ.

7 ފެބްރުއަރީއަށްފަހު، އަޅުގަނޑާ ބައްދަލުވުމުގެ ފުރުޞަތު ލިބުނު ބޭރުގެ ކޮންމެ ޖަމާޢަތެއް، މިޝަނެއްގެ ބޭފުޅުންވެސް، އަވަހަށް އިޞްލާޙުކުރަންޖެހޭ އެއް ޤާނޫނެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ފުލުހުންގެ ޤާނޫނެވެ. މިދާކަށްދުވަހު ނުކުތް ބައެއް ރިޕޯޓުތަކުންވެސް އެ މެސެޖުގެ ރޫޙު ތަކުރާރުކޮށްދެއެވެ.

ކޮންމެއަކަސް، އަޅުގަނޑު އެކުލަވާލި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު 2012 މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

އަދި ބިލު ބޮޑުކަމުން ފުރަތަމަ ހަމައެކަނި އަވަސްކަޅިއެއް އެކަނި ހިންގަވާލައްވަން ބޭނުންފުޅުވެދާނެ ބޭފުޅުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ބިލުގެ އުސްއަލިތަކުގެ ކަރުދާހެއް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

މި ބިލު އެކުލަވާލުމުގައި ދުނިޔޭގެ ބައެއް ތަހުޒީބު ޑިމޮކްރެޓިކް ޤައުމުތަކުގެ ފުލުހުންގެ ޤާނޫނުތަކަށް ވަރަށްބޮޑަށް ބުރަވެފައިވާނެއެވެ. އަދި، ހަމައެހެންމެ، މިހާރު ޚިދުމަތުގައި ތިއްބެވި ބައެއް ފުލުހުންނާއި، އަހަރުތަކެއް ކުރިން ފުލުހުންގެ ޚިދުމަތުގައި އުޅުއްވި ބައެއް ފުލުހުންނާއި، މިފަހުން ޚިދުމަތުން ބޭރުވި ބައެއް ފުލުހުންނާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި، ބައެއް ޤާނޫނީ ވަކީލުންގެ ޚިޔާލު ހޯދާފައިވާނެއެވެ.

މިބިލުގައި ހިމެނޭ ހުރިހާ ކަމަކީ، އަޅުގަނޑާ ބައްދަލުވި އެއް ފަރާތަކުން އެންމެ އެދޭގޮތަށް ހުރި ކަންކަންކަމުގައި ނުވިނަމަވެސް، އަޅުގަނޑާ ބައްދަލުވި ބޭފުޅުންގެ ޚިޔާލުތައް، މި ބިލު އެކުލަވާލުމުގައި އަޅުގަނޑު ހިމަނާފައިވާކަން، ބިލު ބައްލަވާލެއްވުމުން، އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

މި ބިލުގެ މަޤްޞަދަކަށްވެފައިވަނީ، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަލުން ލިޔުމެވެ. އަދި، އެކަން ކުރުމުގައި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި ރައްޔިތުންގެ ނަޒަރަކުން އެކަން ކުރުމެވެ.

ފުލުހުންނާއި ސިޔާސީ ވެރިންނާ ދެމެދު ފާރެއްލުމެވެ. އަދި، ސިޔާސީ ނުފޫޒު ފުލުހުންގެ ޚިދުމަތަށް ސީދާ ނުފޯރާނެގޮތެއް ހެދުމެވެ.

ފުލުހުންނާއި ވަޒީރާދެމެދު، ފުލުހުންނާ ޕްރޮސިކިޔުޓަރ ޖެނެރަލާ ދެމެދު، ފުލުހުންނާއި މަޖިލީހާ ދެމެދު އޮންނަންޖެހޭ ގުޅުން އޮންނާނެގޮތް ކަނޑައެޅުމެވެ.

އަދި، ފުލުހުން ކުރާ ކޮންމެކަމަކީވެސް، މި ޤާނޫނުގެ ކޮންމެވެސް މާއްދާއަކުން ސީދާ ބާރުލިބިގެން ކުރާކަމަކަށް ހެދުމެވެ. ފުލުހުން ބޭނުންކުރާ ކޮންމެ ބާރެއްމެ، ކަމާގުޅޭ ވަކި މާއްދާއެއްގެ ދަށުން ބޭނުންކުރެވޭގޮތް ހެދުމެވެ.

ކޮމިޝަނަރާއި އިސް ވެރިން ޢައްޔަނުކުރުމުގައި އޮތް ސިޔާސީ ނުފޫޒާއި ބާރު ކުޑަކުރުމެވެ.

ފުލުހުންގެ ބާރުތައް ތަފްޞީލުކޮށް ބަޔާންކުރުމެވެ. މިހާރު ފުލުހުން ކޯޓު އަމުރަކާ ނުލައި ބޭނުންކުރާ ބައެއް ބާރުތައް ކޯޓު އަމުރުގެ ދަށުން ނޫނީ ބޭނުންނުކުރެވޭނެގޮތް ހެދުމެވެ.

ވާޖިބު އަދާކުރުމުގައި ވާ މަރާއި ލިބޭ އަނިޔާއާ ގުޅޭގޮތުން ބަދަލު ލިބިދެވޭނެގޮތް ބަޔާންކުރުމެވެ. އަދި ވާޖިބު އަދާކުރުމުގައި މީހުންނަށް ދެވޭ އަނިޔާއަށް އެމީހުންނަށްވެސް ބަދަލު ލިބިދެވޭނެގޮތް ހެދުމެވެ.

ޒިންމާގެ ރޫޙު ވަރުގަދަކޮށް، ޝަކުވާކުރުމާއި، ޑިސިޕްލިނަރީ ފިޔަވަޅު އެޅުމުގެ ނިޒާމު ޑިމޮކްރެޓިކް ކުރުމެވެ.

ފުލުހުން ކުރާ ކުށްތައް ވަކިން ބަޔާންކުރުމެވެ.

މި ބިލުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލީ، މިހާރުއޮތް ފުލުހުންގެ ޤާނޫނަށް ބެލުމެއް ނެތިއެވެ. އަދި، އެއަށްފަހު، ފުލުހުންގެ ޤާނޫނުން މި ބިލުގެ ތެރެއަށް އަންނަންޖެހޭނެކަމަށް ފެންނަ ބައިތައް ފަހުން ހިމެނީމެވެ. މިހާރު މި ހުށަހަޅާ ބިލުގެ ބޮޑުބަޔަކީ، މުޅިން އަލަށް ލިޔެ އެކުލަވާލެވިފައިވާ ބިލެކެވެ. މުޅިން އާ ތަޞައްވުރެއްގެ މައްޗަށް އޮތް ފަރުމާކުރުމެކެވެ.

މި ބިލުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ވާހަކައެއް ނޯންނާނެއެވެ. އެއީ، ކަމާގުޅޭގޮތުން އޮތް ވަކި ބިލެއް މިހާރު މަޖިލީހުގެ މިނިވަން މުއައސަސާ ކޮމިޓީގައި އޮތުމުންނެވެ.

މި ބިލު މަޖިލީހުގައި ކާމިޔާބުވެއްޖެނަމަ، މި ބިލު ފާސްވާންޖެހޭނީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ވަކި ޤާނޫނާ އެކުގައެވެ. އަދި، އެ ޤާނޫނު ނިމޭއިރު، ޕީ.އައި.ސީ އަށް މިހާރު ދިމާވަމުންދާ ދަތިތައް ޙައްލުވެ، އެ ބޭފުޅުންނަށް މިހާރަށްވުރެ ރަނގަޅު ނިޒާމަކުން މަސައްކަތްކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އުފެދިގެންދާނެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން، މި ބިލު ޢާންމު މިކުރީ، ދައުލަތުގެ ފަރާތްތަކާއި، ސިޔާސީ ޕާޓީތަކާއި، ވަކިވަކި ފަރާތްތަކުގެ ޝައުޤުވެރިކަމާއި ބައިނަލް އަޤްވާމީ ފަރާތްތަކުގެ ޝައުޤުވެރިކަންވެސް، މި ދަނޑިވަޅުގައި މިކަހަލަ ބިލަކަށް އޮވެދާނެކަމަށް ބަލައި، އެ ބޭފުޅުންގެ ޚިޔާލުވެސް ލިބިއްޖެނަމަ، މިހާރުއޮތް މިންވަރަށްވުރެ އިތުރަށް ފުރިހަމަކުރެވި ރަނގަޅުކުރެވިގެންވާ ބިލެއް މަޖިލީހަށް ފޮނުވިދާނެކަމަށް ޤަބޫލުކޮށްގެންނެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

ކިޔުންތެރިންގެ ޚިޔާލު

ައަޙްމަދު

ފުލުހުންގެ މުއައްސަސާ އަށް މިވަގުތުން މިވަގުތައް ގެންނަން ފެންނަބަދަލެއްގެ ގޮތުގައި އަލްއުޡްތާޛު ނަޝީދު ކުރިއަށް ނެރުއްވިފިޔަވަޅަކީ ދިވެހި ފުލުހުންގެ ކުރިއެރުމަށާއި އަދި ފުލުހުންނަށް ދިމާވެފައިވާދަތި ގޮންޖެހުން ތަކުން އަރައިގަތުމަށް އެޅޭވަރަށްބޮޑު ފިޔަވަޅަކަށް ނޫނީނުވާނެކަން ފުލުހުންގެ ޙިދުމަތުގައި މަސައްކަތް ކުރާ ފުލުހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކެމެވެ. ފުލުހުންގެ އިދާރާ ހިންގުން މިހާރު ބިނާކުރެވިފައިވާގޮތުން ވަރަށްގިނަ ފުލުހުންގެ އެތައް އެތައް ހައްގުތަކެއް ހަނިކޮށް ދިވެހިރާއްޖޭގެ ގާނޫންތަކުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދެވޭ އަސާސީ އެތައްކަމެއް ވަނީ ހަނިކުރެވިފައެވެ. މިގޮތުން ގަވާއިދެއްގެދަށުން ފުލުހުންގެ ޗުއްޓީކަނޑައެޅުމާއި ޗުއްޓީ ދިނުމާއި ކަންތައްތައް ނިންމުމުގެ ބާރުދިނުމުގެސަބަބުން ދިވެހިރާއްޖޭގެ ވަޒީފާ ގާނޫންގައި ވަޒީފާ އަދާކުރާފަރާތަށް ދޭންވާ ޗުއްޓީ ގުނުމުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނުން ފަދަ އެތައް ކަމެއް ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ހިލާފަށް ކޮށްފައިވެއެެވެ. ފުލުހުންގެ ވެލްފެއަރ ކަންތައްތަކަށް ބަލައިލިޔަސް ހަމަ އެފަދަ ގޮތްތަކާއި ތަފާތުކުރުންތައް ހުރިކަމުގައި ވަރަށް ހިތާމަޔާއި އެއްކޮށް ފާހަގަ ކުރަމެވެ. ވެލްފެއަރ ހަމަޖެއްސުމުގައި ވަކި ބަޔަކަށް ވަރަށް އަވަހަށް ކަންތައް ތަކެއްކުރެވޭނެ މަގު ތަނަވަސްވެފައި އަނެއްބަޔަކަށް ކޮންމެހެންލާޒިމް ކުރާކަންތައްތައްވެސް ކޮށް ދިނުމުގައި އިހުމާލުތަކެއް ވެވޭ ގޮތައް އޮންނަ އޮތުން ތިބިލުން ފުރިހަމަ ސިސްޓަމޭޓިކް ގޮތަކަށް ނިމިގެދާނެގޮތް ފަހިވެފަ އޮތުން މުހިއްމެވެ. އަދި މިފަދަ ކަންކަމުގައި ޓްރާސްޕޭެރެންޓް ވެވޭނެ އިންތަކެއް ގާމްވުންވެސް މުހިއްމެވެ. މަސައްކަތް ކުރަންތިބޭ ފުލުހުންގެ ކުރިއެރުން ދިނުމުގައްޔާއި އެހެނިހެން ކަންތައްތަކުގައިވެސް އެކަށޭނެ ގޮތްތަކަކަށް ހައްގު ނުގެއްލި ކަންތައްތައްވެވޭނެ ގޮތް ބިލުގައި ހިމެނުން މުހިއްމެވެ. ފުލުހުންގެ ވަޒީފާގައިި އުޅޭ ދުވަސްވަރު ވަޒީފާގައި އިދާރީގޮތުން އެޅޭފިޔަވަޅުތަކާއި އަދި ތަރުތީބުވެސް ސްޕެސިފިކްވުން އެއީ ވަޒީފާގައި ދެމިހުރުމަށާއި އަދި ކުރިއެރުމަށް ވަރަށް ބޮޑަށް މުހިއްމު ކަމެއްގައި ދެކެމެވެ. ވަޒީފާ ކުރި އެރުން ދިނުމުގައި ކަނޑައެޅިފައިވާ ޝަރުތުތަކާއި އަދި އެޅިފައިވާ އިދާރީ ފިޔަވަޅުގެ ސަބަބުން ކުރިއެރުން ދިނުމުގައި ކަނޑަ އަޅާގޮތްތަށް ހިފެހެއްޓެނިވި ގޮތެެއްގައި ހަމަހަމަކަމާއި އެކު ތަންފީޛު ކުރެވޭނެގޮތް ތަކެއްވެސް ކަނޑައެޅިގެން ދިޔުން މުހިއްމެވެ. ކުރިއަރަމުން އަންނަ ދުނިޔޭގައި ފުލުހުންނާއި ކުރިމަތިވާ ގޮންޖެހުންތަކުން ފުލުހުންނަށް ދަތިކަމެއްނެތި ކުރިއަށްދެވޭނެ ގޮތްތަކަށް ބިލުގައި ކަންތައް ތައް ހިމެނުން ވެސް ވަރަށް މުހިއްމެވެ.

# 1  
" ައަޙްމަދު " 5 ސެޕްޓެމްބަރ 2012 | 16:32
އަހުމަދު

1. 113 (a) inthizaam vegen othumuge badhalugai inthizaam koggen othun
2. 153 (lh) qaanoonugai bayan kura huri ha fiya thakai gofi thakah meehun hama kurumah 60 dhuvahuge badhalugai mibai furihama kurun fuluhunge qavaidhu thakutherein furihamave, commissioner ah libifaivaa decree eh gothugai beyvumah feney.. nuvatha ekashee gen vaa grace periodeh dhinumah feneve.
Sababaky, kulli akah fuluhunge ismaqaam thah furaalumun, mi qaanoonun lazim vegen hadha thamreenu dhinumai adhi promotion dhinumai behey qavaidhuge maqsadhu haasil kurumah dhathi thakeh kurimathive, enme ekashygen vaa fuluhn emagaamuthakah nulibun ekashygen veeve. Mihen kamun

3. Maanakurumugai POLICE staff maana koffaivaa gothun Qaanoonugai bayan koffaivaa gothaa araarun vey! Qaanoonuge 13 ge h (sh) gai bayan koffaiva gothun police staffunaky fuluhuneh nooneve.
4. Intel info adhi special investigation branchun hoadha mauloomaath akee qaanoony gothun buradhan libigen vaa ehcheh kamugai belun, (evidence act gai ebai himenun)
5. Vazeefaage ebbas vumaka nula eves magaamakah fuluhaku thaaraf nukurun
6. Dhefuh fenigen adhi enme ekashygen vaa gothehgai hingey muah sasaa akah police hedhumah takai..:
1. Vazeefaa ah meehun recruit kurun;
2. Thamreenu dhinun;
3. Job task kadaelhun, (vazeefaage bayaan)
4. Fiya adhi gofi thakuge Magaamuthakah fuluhun kadaelhun;
5. Career pathway eh bina kurun;
6. Scholarship dhinumai, welfare ehy adhi promotion list kada elhumugai Merit based rewarding system eh thaarafkurun,
7. Job enrichment program hingun,
8. Leadership layer thah kada alhai general police zinma athi rank thakuge masooliyath ekashaelhumah takai….
Fuluhunge muahsasaa hingumugai POLICE COMPETENCY BASED FRAMEWORKEH ekasha alhai thanfeez kurun.

# 2  
" އަހުމަދު " 5 ސެޕްޓެމްބަރ 2012 | 19:03
ޒުހުރާ

ބިދޭސީ ޓެކްނިކަލް ބޭފުޅަކުހު ބެހެއްޓްމުގެ ޚިޔާލަކީ އެހާރަނގަޅުޚިޔާލެއްކަމަށް ނުފެނޭ ، އަހަރުމެން ދިވެހިންގެތެރޭގައިވެސް އިބަތިބި އެފެންވަރުގެ ބޭފުޅުން. އަނެއްކަމަކީ މީހަކު ބަލާފާސްކުރާ ކޮންމެފަހަރަކު ކޯޓް އަމުރުހޯދުމަކީ ހާދަކުރަން އުނދަގުވާނެކަމެކޭ މަނިކްފާނަށްވެސް އެގިލަށްވާނެ މިރާއްޖޭގައި މަސްތުވާތަކެތި އޮތްވަރު މިމީހުން މިތަކެތި އެއްތަނުން އަނެއްތަނަށް ގެންދާއިރު ހަށިގަނޑުގެ ކޮންމެވެސް ލަދުވެތި ދިމާއަކަށް ލައިގެން މިގެންދަނީ އެހެންވީމައި މަތިމަތިން ބަލާލާފައި ދޫކޮށްލެވޭކަށްވެސްނޯވެ، މިހުއްދަ މިއަށްވުރެ ތަންކޮޅެއް ފަސޭހައިންލިބޭނެގޮތެއް ހަދަންޖެހޭ އެހެންނޫނީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޯކުދިންނަށް ވަރަށްބޮޑު ދޮރެއް ހުޅުވިގެންދާނެ. (މަނިކުފާނުގެ ޚިޔާލުފުޅެއް އަންގާލަދެއްވުންއެދެން)

# 3  
" ޒުހުރާ " 5 ސެޕްޓެމްބަރ 2012 | 22:46
އަހުމަދު ޒުހެއިރު

އެންމެ ފުރަތަމަ ތިފަދަ މުހިއްމު ގައުމީ ބޮޑު މަސައްކަތެއް ކުރައްވާތީ ނަޝީދު އަށް ހިތުގެ އަޑިން ވަރައް ވަރައް ބޮޑައްޝުކުރިއްޔާ…
އަޅުގަނޑުގެ ހިޔާލަކީ ފުލުހުންގެ މުއައްސަސާއިން ކުށެއްގެ ތުހުމަތުގަ ހައްޔަރުކުރާ ބައެއްގެތެރެއިން މީހަކު އެއީ ކުއްނުކުރާމީހަކު ކަމައްސާބިތު ވެއްޖެނަމަ އެމީހަކު ފުލުހުން ހައްޔަރުކުރުމުގެ ސަބަބުން އެމީހަކައްލިބުނު ގެއްލުމުގެ ބަދަލު އެމީހަކައްލިބޭނެ ގޮތެއްތިގާނޫނުގަހިމެނުން… އަދި އަޅުގަޑު ފާހަނގަ ކޮއްލަން ބޭނު އަޅުގަނޑު ވަރައްގާތުން ދުށިކަމެއްގެ ވާހަކައެއްއެއީ ރިސޯޓެއްގަ އުޅޭބަޔަކު ކުރިކުށެއްގެސަބަބުން ހައްޔަރުކުރި މީހުންގެ ތެރޭގަ އެކުށުގަ ބައިވެރި ނުވާކަމައް ފުލުހުންނައް ސާބިތުވެގެން ދޫކޮއްލި ސްޓާފުންވެސް ރިސޯޓުގެ ވަޒީފާއިން ކަޑާލީ އަދި އެސްޓާފުންނައް އެރިސޯޓުގެ ފަރާތުން އަނބުރާވަޒީފާވެސް ނުދިނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިފަދަ ގޮތެއްމެދުވެރިވެގެން ލިބޭ މާލީ އަދި ނަފުސާނީ ގެއްލުމުގެ ބަދަލު ލިބެންޖެހޭނެއެވެ.

# 4  
" އަހުމަދު ޒުހެއިރު " 6 ސެޕްޓެމްބަރ 2012 | 1:54
އިބްރާހިމް ނަދީމް

މި ބިލްގައި ދިވެހި ރާއްޖޭގެ އިދާރީ ކޮންމެ ދާއިރާ އަކަށް 02 ޕޮލިސް ސްޓޭޝަން ހުންނަން ޖެހޭ ގޮތައް ކަނޑައަޅާފައިވުން ވަރައް މުހިންމު ކަމުގައި އަޅުގަނޑު ދެކެން. އޭރުން ފުލުހުންގެ ހިދުމަތް މިއަށް ވުރެންވެސް ފުޅާވެ ރައްޔިތުންނާއި ގާތުން ފުލުހުންގެ ހިދުމަތް ލިބެމުން ދާނެއެވެ.

# 5  
" އިބްރާހިމް ނަދީމް " 6 ސެޕްޓެމްބަރ 2012 | 20:34
ޝޔ

28 (noonu) why men are not included?
23 (lhaviyani) why men are not included?
42 (haa) Why unborn baby (of pragnant wife) not included?
49 (baa) It should be a police officer not below a certain rank
62(meemu) 3-10 should be on the Act or a regulation, should be similar to all
72 (haa-8) Why? Police should have the authority to investigate, if they feel it is important. PG can decide once the case goes to him.
PG should not interefere with the duties of the Police.
74 (davyani,tavyan) if not acted accordingly, what should be done?
103 AV should be available always? Even not in police premises?
119 (shaviyani) If PG authority to stop police investigations(Article 72) why should PG need to go to court to stop something police is doing?

# 6  
" ޝޔ " 7 ސެޕްޓެމްބަރ 2012 | 1:41
ޖަމަލޭ

ނަޝީދު ތިޔަކުރައްވާ މަސަތްކަތައް ސާބަސް ދެން.އެކަމް ނަޝީދު މަޖިލީހަށް ތިޔަ ލެއްވި ބިލް ތީ އެހާ ކަމުދާ އެއްޗެއް ނޫން..ހަމަ ތަނެއްގައި އޮތް އެއްޗެއް ކޮޕީ ޕޭސްޓް ކޮށްގެން ތިޔަކަމެއް ނުވާނެ..އެތަނެއްގައި އޮތްނަށް ސަގާފަތައި އާދަ ކާދައަށް ވެސް ވިސްނާފަ ތިޔަކަހަލަ ގާނޫނެއް ފާސް ކުރަންވާނީ.ޒާމާނާ އެގޮތް ކުރިއަސް ދެން ތީ ބޮޑުވަރު..ހަމަ އެއްޗަކަށް ތިޔަކަހަލަ ހަމަ ނުޖެހޭ އެއްޗެއް ލިޔުނީ މަ ތީގެ ހުރިހާ އުދަގުލަކާއި ކުރިމަތި ލާން ޖެހެނީ މޯލްޑިވިސް ޕޮލިސް ސާވިސްގެ ހީވާގި މުއްޒަފުން…ތިގާ ނޫނުން ނެތް ހަމަ އެއްވެސް ފައިދާ އެއް..ތީތީ ނަންގަވާ..

# 7  
" ޖަމަލޭ " 7 ސެޕްޓެމްބަރ 2012 | 10:21
އިބޫ

އުސް އަލިތަކުން ފާހަގަ ކޮށްލެވުނު ބައެއް ކަންކަން ނޯޓް ކޮށްލާނަމު: (މުޅި ބިލް ކިޔާލެވުމުން ފާހަގަ ކޮށްލެވޭ ކަންތައްޝެއަރ ކޮށްލާނަމު..)

1. ކޮމިޝަނަރ އަދި ޑީސީ ސެލެކްޓް ކުރުމަގައި އެންމެ ފަރާތެއްގެ ބަދަލުގައި ރައީސް އަށް ޗޮއިސް އެއް އޮންނާނެ ގޮތަށް 2 އޮފިސަރުންގެ ތެރެއިން ރައީސް ސެލެކްޓް ކުރާ ގޮތަށް އޮތުން ފެނޭ. (ރައީސް އަކީ ހަމައެކަނި ހުށަހެޅޭ އެއްޗެއްގައި ރަބަރސްޓޭމްޕް ޖަހާ ފަރާތަކަށް ވުރެ އިޙުތިޔާރު އޮންނަން ޖެހޭނެ ކަމުގައި ފެނޭ

2. 3 މަރުހަލާ އިން ފިޔަވަޅު އެޅޭ އިރު، ޕޮލިސް އިންޓަރގިރިޓީ ކޮމިޝަނުގެ ފިޔަވަޅެއް ޑިސިޕްލިނަރީ ކޮމިޓީން ބެލިދަނެބާ؟ މިހާރުވެސް ޕީއައިސީ އިން ފިޔަވަޅު އެޅުމަށް އެންގިފައިވަ ފަރާތެއްގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބަލާ ގޮތަށް އޮތުމުން ޕީއައިސީ ގެ ހައިބަތު ކުޑަކަމުގައި ފެނޭ…

# 8  
" އިބޫ " 8 ސެޕްޓެމްބަރ 2012 | 19:55
އިނާޒް

ނިމިދިޔަ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރ ފަސީޙުގެ ބައެއްކަހަލަ އަޑުތައް ފެތުރިގެން ދިޔައީ ގިނަދުވަސްވެގެނެއް ނޫން އެހެންނޫންތޯ؟ ވީމާ މަޤާމެއްގެ ދައުރު ކުރުކުރުމަކުން އަދި ދިގުކުރުމަކުން މައްސަލަތަކެއް ޙައްލުވާނެކަމަކަށް ޤަބޫލެއް ނުކުރެވޭ! އަދި ތިޔަބޭފުޅާ ދައްކަވާހާ ވާހަކަފުޅުތަކާއި ކުރައްވާހާ ޚިޔާލުފުޅުތަކަކީ އެހެން އެއްވެސް މީހެއްގެ ޚިޔާލަށްވުރެ މަތިވެރި ޚިޔާލަށް ވާންޖެހޭނެކަމަކަށްވެސް ޤަބޫލު ކުރަން ދައްޗެވެ! މިސާލަކަށް ފަނޑިޔާރުންގެ މަސައްކަތް އިންސާފުވެރި ކުރުވައި އެބޭފުޅުންގެ މަޤާމުގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށްޓަކައި ވަރަށް ދިގު މުއްދަތެއް ވަނީ ދެއްވާފައެވެ. ނަމަވެސް ޢަދުލުއިންސާފުގެ ދާއިރާ ކުރިޔަށްވުރެ މާދަށުދަރަޖަޔަކަށް ގޮސްފިކަމަށް އަޅުގަނޑަށް އެބަހީވެއެވެ. އެއީ ވަޒީފާ ގެއްލިގެން ނުދާނެކަމުގެ ޔަޤީންކަން އެބޭފުޅުންނަށް އޮތީމަ ކަމުގައި ބުނާނެ ޖާގަ އެބައޮތްކަމށް ޤަބޫލު ކުރަންއެބަޖެހެއެވެ. ވީމާ ތީވެސް ގޯހެކޭ ނޫނެވެ! ނަމަވެސް ޙައްލެއްވެސް ނޫނެނެވެ!

# 9  
" އިނާޒް " 8 ސެޕްޓެމްބަރ 2012 | 21:09
ނަދީމް

ފުލުހުންގެ މުއައްސަސާގައި، މިހާރުވެސް ގިނަ ޢަދަދެއްގެ ޢާންމު މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެއެވެ. ނަމަވެސް މިހާރު ޢަމަލުކުރެވެމުންދާ ފުލުހުންގެ ޤާނޫނުގައި ޢާންމު މުވައްޒަފުންނާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެމީހުންގެ އެއްވެސް ދައުރެއް ނެތެވެ. އެޤާނޫނުގެ ދަށުން ހެދިފައިވާ މުވައްޒަފުންނާބެހޭ ޢާންމު ޤަވާޢިދުގައި، ޢާންމު މުވައޒަފުންގެ ވާހަކަ ގެނެސްފައި ވެއެވެ. މިދެންނެވި ޢާންމު މުވައްޒަފުންނަކީ ކުރިން ޑިފެންސް މިނިސްޓްރީގައި ވަޒީފާ އަދާކުރި ޢާންމު މުވައްޒަފުންނެވެ. އޭރު އެމީހުން ވަޒީފާ އަދާކުރާ ރަސްމީ ގަޑީގެ މިންވަރަކީ 7 ގަޑިއިރެވެ. ފުލުހުން ވަކި މުވައްސަސާއަކަށް ބަދަލުވެ، ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރަމުން ގެންދިޔަ، ފުލުހުންގެ މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރަމުން ދިޔަ ޢާންމު މުވައްޒަފުން ފުލުހުންގެ ތެރެއަށް ބަދަލުކުރުމާ ގުޅިގެން، ފުލުހުންނެކޭ އެއްގޮތަށް ރަސްމީ 8 ގަޑިއިރު މަސައްކަތް ކުރަން ޖެހުނެވެ. ނަމަވެސް މުސާރައަކަށް ބަދަލެއް ނާދެއެވެ. އެމީހުންގެ މުސާރައަކީ ސިވިލްސާރވިސްގެ މުވައްޒަފުންނާ އެއްވަރުގެ މުސާރައެކެވެ. ނަމަވެސް ރަސްމީ 8 ގަޑިއިރު މަސައްކަތް ކުރަންޖެހެއެވެ.
އަޅުގަނޑު ދެކޭގޮތުގައި ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ޢާންމު މުވައްޒަފުންނަކީ އެއްވެސް ޤާނޫނެއްގެ ދަށުން ޙައްޤުތައް ރައްކާތެރި ކުރެވިގެންވާ ބައެއް ނޫނެވެ. އެއްވެސް ދައުރެއް އޮތް ބައެއްނޫނެވެ. ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫނެވެ.
ވީމާ މިހާރު މަނިކުފާނު ތިޔަ ހައްދަވާ ފުލުހުންގެ ޤާނޫނުގައި، ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ޢާންމު މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް ކުރެވޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ފެނެއެވެ. ޤާނޫނީ ރައްކާތެރިކަމެއް ނުދެވޭނަމަ، ފުލުހުންގެ ތެރޭގައި ޢާންމު މުވައްޒަފުން، ސަޕޯޓް ސްޓާފުންގެ ގޮތުގައިވެސް ގެންގުޅުމަކީ އެމުވައްޒަފުންނަށް ކުރެވޭ ބޭއިންސާފެއްކަމުގައި ނޫނީ ނުވާނެއެވެ.

# 10  
" ނަދީމް " 9 ސެޕްޓެމްބަރ 2012 | 22:52