ޖީ.އެމް.އާރު އެއްބަސްވުން ސޮއިކުރި ދުވަހުގެ ލިޔުމެއް
ޖީ.އެމް.އާރުގެ އެއްބަސްވުމުގެ ޞައްޙަކަމުގެ ވާހަކަ ނުވަތަ ޞައްޙަނޫންކަމުގެ ވާހަކަ، މިހާރު އަނެއްކާވެސް ތަންކޮޅެއް ގަދައަށް ދެކެވެން ފަށާފައިވާތީ، މީގެ ދެ އަހަރެއްހާދުވަސް ކުރިން ޖީ.އެމް.އާރުގެ މައްސަލައާ ގުޅޭގޮތުން، އަޅުގަނޑު މި ބްލޮގުގައި ލިޔުނު ބައެއް ލިޔުންތައް ބަލައިލިއިރު، އަންނަނިވި ލިޔުން ފެނުމުން، އަލުން އެ ލިޔުން ޙިއްސާކޮށްލަން ބޭނުންވީއެވެ.
އެ ލިޔުން އަޅުގަނޑު ލިޔެ ޝާއިޢުކޮށްފައިވަނީ، ޖީ.އެމް.އާރު އެއްބަސްވުން ސޮއިކުރި ދުވަހު، އެ އެއްބަސްވުން ސޮއިކުރިތާ ދެތިންގަޑިއިރު ފަހުންނެވެ. އޭރު އަޅުގަނޑުގެ ހިތަށްއައި ކަންކަން ހަމައެގޮތަށެވެ. އެއްވެސް ދިރާސާއެއް ކުރުމެއް ނެތިއެވެ.
ދެއަހަރު ފަހުން، މިއަދު އެ ލިޔުން އަޅުގަނޑު މި ޙިއްސާކުރަނީ، އެ ލިޔުމަށް އެއްވެސް ބަދަލެއް ނުގެނެހެވެ. އެދުވަހު ޝާއިޢުކުރި ގޮތަށެވެ. އެއްބަސްވުމުގެ ޞައްޙަކަމާއި ޞައްޙަނޫންކަމާމެދު ވާހަކަދައްކަވާ ބޭފުޅުންގެ ވިސްނުމަށް މި ލިޔުން އަޅުގަނޑު ދޫކޮށްލަމެވެ.
އެލިޔުން ފެށެނީ ތިރީގައިއެވާ ސުރުޚީންނެވެ.
އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑު ބަދަލުކުރުން
މާލޭ ވައިގެ ބަނދަރު އިންޑިޔާގެ ޖީ.އެމް.އާރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަންޖެހޭ، އަދި، މިއަދު އެ އެއްބަސްވުމުގައި ސޮއިކުރި، މައިގަނޑު އެއް ފަރާތަކީ، އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ.
ވަރަށް އާދައިގެ ޙަޤީޤަތެކެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް އެ ކުންފުނިން އެއްބަސްވާންޖެހެއެވެ. އަދި، ކުންފުނީގެ އެއްބަސްވުން އެކަމަށް އޮތްކަން ރަމްޒުކޮށްދޭ ދަލީލަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކަމަށް އެއްބަސްވެ ފާސްކުރާ ޤަރާރެވެ.
ބޯޑު ރޫޅާލުން
މިއަދާހަމައަށް އޮތް އެ ކުންފުނީގެ ބޯޑުން، އެ އެއްބަސްވުން ސޮއިކުރުމަށް ރުހުން ނުދިނުމުން، އެ ބޯޑު މިއަދު ރޫޅާލިއެވެ. އަދި، އާ ބޯޑެއް މިއަދު އެކުލަވާލިއެވެ.
އަދި، އެ ބޯޑުގެ ބައްދަލުވުން ވަގުތުން ބޭއްވިއެވެ. އެއްކަލަ މައްސަލަ ވަގުތުން ނިންމިއެވެ.
އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑުގެ ރުހުން ވަގުތުން އެކަމަށް ލިބުނެވެ. އަދި، ކުންފުނީގެ ރުހުން ދޭކަން އަންގައިދޭ ޤަރާރުގައި ވަގުތުން ސޮއިކުރިއެވެ.
އެ ޤަރާރު ހިފައިގެން ކުންފުނީގެ ޑިރެކްޓަރުން ވަގުތުން ރައީސް އޮފީހަށް ހާޒިރުވިއެވެ.
މާލޭ ވައިގެ ބަނދަރު އިންޑިޔާގެ ޖީ.އެމް.އާރަށް ދޫކުރުމުގެ އެއްބަސްވުމުގައި، ރައީސް އޮފީހުގައި ތިބެ، އެމީހުން، ސޮއިކުރިއެވެ.
މިއީ، މިއަދުގެ މެންދުރުފަހު، އެންމެންގެ ކުރިމަތީ ހިނގާދިޔަ ޙަޤީޤަތެކެވެ.
ޞައްޙަވުމުގެ އަސާސް
މާލޭ ވައިގެ ބަނދަރު އިންޑިޔާގެ ޖީ.އެމް.އާރަށް ދޫކުރުމުގެ އެއްބަސްވުން ޞައްޙަވުމުގެ އެންމެ މައިގަނޑު އަސާސަކީ، އެކަމަށް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ރުހި، އެ ކުންފުނީގެ ބޯޑުން ފާސްކުރަންޖެހޭ ރުހުން ދިނުމުގެ ޤަރާރު ފާސްކޮށް، އެ ރުހުމުގެ މައްޗަށް ބިނާކޮށް، މާލޭ ވައިގެ ބަނދަރު އިންޑިޔާގެ ޖީ.އެމް.އާރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމެވެ.
ދެން އަޅުގަނޑު މިދަންނަވާ ކަންކަމަށް ވިސްނާވަޑައިގެން ދެއްވާށެވެ.
ހިންގާ ގަވާއިދު
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ވަކި ޤާނޫނީ ޝަޚްޞެކެވެ.
އެ ކުންފުންޏަކީ، ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާގެ މައްޗަށް އުފެދިފައިވާ ކުންފުންޏެއް ކަމުގައިވީނަމަވެސް، އެ ކުންފުންޏަކީ، އުފެދުމަށްފަހު، ޙިއްސާދާރާ ވަކިން ހިނގާ، ވަކި އަސާސީ ގަވާއިދަކާއި ވަކި ހިންގާ ގަވާއިދެއް އޮތް ކުންފުންޏެކެވެ.
ކުންފުނި ހިނގާނެގޮތުގެ ތަފްޞީލު އުސޫލުތައް ކަނޑައެޅިފައިވަނީ، ކުންފުނީގެ ހިންގާ ގަވާއިދުގައެވެ.
އެ ގަވާއިދުގައި، ބޯޑު ޢައްޔަނުކުރެވޭ ގޮތާއި، ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ބޯޑު ބަދަލުކުރެވޭނެ ގޮތާއި، ބޯޑުގެ ބައްދަލުވުމަށް ނޯޓިސްދޭނެ ގޮތާއި، ބޯޑުގެ އެކިފެންވަރުގެ ނިންމުންތައް ނިންމުމުގައި ވޯޓު ހަމަވާންޖެހޭނެ ގޮތް ލިޔެވިފައިވެއެވެ.
އެންމެފަހުން، ކުންފުނީގެ ހިންގާ ގަވާއިދު އިޞްލާޙު ކޮށްފައިވަނީ، 2009 ގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ބައެއް ސުވާލު
ދެން، މިދަނީ އަޅުގަނޑުގެ ސުވާލަށެވެ. ޙަޤީޤަތުގައި، ސުވާލުތަކަށެވެ.
ކުންފުނީގެ ބޯޑު ޢައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ޙިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ލިބިދޭކަމަށް ހިންގާ ގަވާއިދު ބުނެއެވެ.
އެކަމަކު، މިއަދާ ހަމައަށް އޮތް ކުންފުނީގެ ބޯޑު ވަކިކޮށްފިކަމާއި، އާ ބޯޑެއް ޢައްޔަނުކޮށްފިކަން ލިޔުމުން ކުންފުންޏަށް އެންގީ ކޮންއިރަކުތޯއެވެ؟
މިއަދު މެންދުރުފަހު އާ ބޯޑު ޢައްޔަނުކުރުމަށްފަހު، އާ ބޯޑުގެ މެންބަރުން ބައްދަލުކުރި ބޯޑުގެ ބައްދަލުވުން ބޭއްވީ އެ ބައްދަލުވުމުގެ ނޯޓިސް ގަވާއިދުން ދީފައިތޯއެވެ؟
ޢާންމުގޮތެއްގައި ސާދަދުވަހުގެ ނޯޓިސް ލިޔުމުން ދޭންޖެހޭނެ ކަމަށާއި، ކުއްލިގޮތަކުން ބާއްވާ ބައްދަލުވުމަކާ ގުޅިގެން އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ދެވިދާނެކަމަށް ހިންގާ ގަވާއިދު ބުނެއެވެ.
އެކަމަކު، މިއަދު ޢައްޔަނުކުރި ބޯޑުގެ ބައްދަލުވުމެއް ބާއްވަން، މިއަދު ހަމަޖައްސައި، އެ ބައްދަލުވުމުގެ ނޯޓިހުގެ ލިޔުން ހުރިހާ ޑިރެކްޓަރުންނަށް މިއަދު ގެއަށް ރައްދުކުރެވުނުތޯއެވެ؟ އަދި، ހިންގާ ގަވާއިދު ބުނާގޮތަށް، އެ ނޯޓިހުގެ ލިޔުން ފިނޭންސް މިނިސްޓްރީއަށް ފޮނުވުނުތޯއެވެ؟
އެ ބައްދަލުވުމުގެ އެޖެންޑާ މެންބަރުންނަށް ފޮނުވިތޯއެވެ؟
މިއަދު ޢައްޔަނުކުރި، އާ ބޯޑުން، ޖީ.އެމް.އާރާގުޅޭ މަޢުލޫމާތު ކިހާވަރަކަށް މިއަދު ހޯއްދެވިތޯއެވެ؟
ޖީ.އެމް.އާރު ހުށަހެޅި ބީލަން، މިއަދު ޢައްޔަނުކުރި، އާ ބޯޑުގެ މެންބަރުންނަށް، ލޮލުން ބަލާލެވެނުތޯއެވެ؟
ޖީ.އެމް.އާރަށް އެތަން ދޭން ފެންނަކަމަށް ސަރުކާރުން ވިދާޅުވެ ހުށަހަޅުއްވާފައިވާ އިވެލުއޭޝަން ރިޕޯޓު، މިއަދު ޢައްޔަނުކުރި، އާ ބޯޑުގެ މެންބަރުންނަށް، ކިޔައިލެވުނުތޯއެވެ؟
އެއަރޕޯޓްސް ކޮމްޕެނީއަކީ ދައުލަތުން ސީދާ ޤާނޫނީ ލަފާ ދޭ ތަނަކަށް ނުވާތީ، އެތަނުގެ އަމިއްލަ ލޯޔަރުން މެދުވެރިކޮށް ނަމަވެސް، ޖީ.އެމް.އާރާއެކު ސޮއިކުރަންޖެހޭ އެއްބަސްވުން، މިއަދު ޢައްޔަނުކުރި، އާ ބޯޑުގެ މެންބަރުންނަށް، ކިޔައިލެވުނުތޯއެވެ؟
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް މިއަދު ޢައްޔަނުކުރި އާ ބޯޑުން، ޖީ.އެމް.އާރާއެކު މިއަދު އެ ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރިއިރު، އެ އެއްބަސްވުން އެ ބޯޑުގެ އާ މެންބަރުން އެއްފަހަރުވެސް، އެއްކޮޅުން އަނެއްކޮޅަށް ބަލައިލިތޯއެވެ؟
މިއަދު ޢައްޔަނުކުރި، އާ ބޯޑުގެ މެންބަރުންނަށް، އެ ރުހުންދެވެނީ ކިހާވަރެއްގެ ފައިދާއެއް ނުވަތަ ގެއްލުމެއް ލިބޭނެ ކަމަކަށްކަން، ނުވަތަ، އެ ސޮއިކުރަން ނިންމަނީ، ކޮންއެއްޗެއް ލިޔެފައިއޮތް އެއްބަސްވުމެއްގައިކަން ބަލައިލެވުނުތޯއެވެ؟
ކުންފުންޏާބެހޭ ޤާނޫނު ބުނަނީ ކުންފުންޏަކީ، ޙިއްސާދާރާ ވަކިން އުފެދޭ ވަކި ޤާނޫނީ ޝަޚްޞެއްކަމަށްވާއިރު، ކުންފުނިން އެ ރުހުން ދީ، މައިގަނޑު ޕާޓީގެގޮތުގައި ސޮއިކުރި އެއްބަސްވުމުގައި އޮތީ ކޮންއެއްޗެއްކަމެއް، އެ ލިޔެފައިއޮތީ ކޮންބަހަކުންކަމެއް، މިއަދު ޢައްޔަނުކުރި، އާ ބޯޑުގެ މެންބަރުންނަށް، ބަލައިލެވުނުތޯއެވެ؟
މި ސުވާލުތަކުގެ ޖަވާބު ހޯދުން ލާޒިމެވެ.
އެއްބަސްވުން ޞައްޙަވުން
އެ ސުވާލުތަކުގެ ޖަވާބު ބޭނުންވާ ސަބަބު މިދަންނަވަނީއެވެ.
ކުންފުނީގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރުމަކުން އެ އެއްބަސްވުން އަދި ޞައްޙައެއް ނުވެއެވެ.
އެ އެއްބަސްވުމުގެ ޢަމަލު ޞައްޙަވަނީ، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތަށް، ކުންފުނީގެ ފަރާތުން ރަސްމީކޮށް ކުރަންޖެހޭ ކަންތައްތަކެއް ހިންގާ ގަވާއިދުގައި ބުނެފައިވާގޮތަށް ކުރުމުންނެވެ. އަދި، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް އެ ހިންގާ ގަވާއިދާ އެއްގޮތަށް ކުރުމުންނެވެ.
އެހެންކަމުން، މިއަދު މި އެއްބަސްވުމުގައި، ނީސްތައްޓަށް އަރައިގެންތިބެ ސޮއިކުރި ތަނާއި، އެ އެއްބަސްވުމުގައި ސޮއިކުރުމަށް މަގުފަހިކުރަން ބޯޑު ބަދަލުކުރި ތަނާއި، ވަގުތުންވަގުތަށް އާ ބޯޑުން ރުހުން ދިންތަނާއި، ރުހުން ހިފައިގެން އައިގޮތަށްއައިސް، ރައީސް އޮފީހުގައި ސޮއިކުރިތަން ފެނުމުން، ހިނިއަންނަންވީ ކަމެއް، ދެރަވާންވީ ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ.
އެކަންކުރުމުގައި، ބަލަންވީވަރަށް ނުބަލައި، ކުންފުނީގެ ހިންގާ ގަވާއިދު “އޮޅާލި” ގޮތުންނެވެ. އަދި، މިކަން މިކުރީ، ދައުލަތުގެ އެންމެމަތީ އޮފީހުގައި، އެންމެމަތީ މީހުންގެ ރުހުމުގައި، އެ މީހުން އެދުނު ގޮތުގެމަތިން، އެމީހުން އެދުނު ދުވެލީގައި ކަމުގައިވާތީއެވެ.
ޤާނޫނީ އުސޫލު
ވަރަށް ސާފު ޤާނޫނީ އުސޫލެކެވެ. ކިތަންމެރަނގަޅު ކަމެއްވެސް، ޤާނޫނުގައި އޮތްގޮތާ ޚިލާފަށް ކޮށްފިނަމަ، އެކަމެއް އެއީ ކަމެއްގެ ގޮތުގައެއް ޤާނޫނެއް ނުދަންނާނެއެވެ.
އެހެންކަމުން، މިއަދު އެކޮށްލި “މޮޅު” ކަންތަކާ ގުޅޭގޮތުން، ބަޔަކު މައްސަލަ އުފުލައި، ކުންފުނީގެ ހިންގާ ގަވާއިދު ދައްކައިފިނަމަ، އެ އެއްބަސްވުން ޞައްޙަ އެއްޗަކަށް ހަދާނީ ކިހިނެއްބާވައެވެ؟
އެ އެއްބަސްވުން ޞައްޙަވާނީ، އެ އެއްބަސްވުމުގައި ސޮއިކުރުމަށް ދިން ރުހުން ޞައްޙަވެގެން ނޫންތޯއެވެ.
އެ ރުހުން ޞައްޙަވާނީ، ޞައްޙަ ބޯޑެއްގެ ޞައްޙަ ބައްދަލުވުމެއްގައި އެކަން ކޮށްގެން ނޫންތޯއެވެ.
އެ ބައްދަލުވުން ޞައްޙަވާނީ ހިންގާ ގަވާއިދު ބަޔާންކުރާ ގޮތެއްގެމަތިން ބޭއްވި ބޯޑުގެ ބައްދަލުވުމެއްނަމަ ނޫންތޯއެވެ.
ބައެއް ވަގުތުތައް
މިއަދަށް މުހިންމު ބައެއް ވަގުތުތައް މި ދަންނަވާލަނީއެވެ.
އާ ބޯޑު އެކުލަވާލިކަން، މިއަދުގެ 3 ޖެހިއިރަކު، އަދި ކުންފުންޏަކަށް އަންގާފައެއް ނުވެއެވެ.
އެކަމަކު، އާ ބޯޑު އެކުލަވާލިކަން އަންގައި، އާ ބޯޑު ބައްދަލުވުމަށް ނޯޓިސް ދީ، އެ ހުރިހާކަމެއް ނިމި، ދެންވާންޖެހޭ ތައްޔާރީތައް ނިމި، ބޯޑުގެ ބައްދަލުވުން 3:45 ގައި ފަށައިފިއެވެ.
ހަތަރުގަޑިބައިވިތާ އިރުކޮޅެއްފަހުން، ބޯޑުގެ ބައްދަލުވުން ނިމުނުއިރު، ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 5 ޖެހިއިރު މާލޭގައި ރައީސް އޮފީހުގައި ތައްޔާރުވެ ނިމިފައެވެ.
ބައްދަލުވުމުގެ ޔައުމިއްޔާ ވީތަނެއް ނޭނގެއެވެ. ބައްދަލުވުމުގައި ނިންމި ރުހުންދިނުމުގެ ޤަރާރު އަދި ވީތަނެއް ނޭނގެއެވެ.
އެއްބަސްވުން ސޮއިކޮށް ނިމި، މަޙްމޫދު ރާޒީގެ އިންޓަވިއު 6 ޖަހާލިއިރު ނިމިއްޖެއެވެ
ޒިންމާދާރުކަން
އަދި، އެހެންކަމެއް ދަންނަވާލާނަމެވެ.
މިހުރިހާ ކަމެއް، މިއަދު، ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރުތެރޭ ހިނގާދިޔައިރު، އެއްބޭފުޅަކު ވަރަށް ފާހަގަވިއެވެ.
ވައިގެ ބަނދަރުގެ ރެގިއުލޭޓަރަކީ، ސިވިލް އޭވިއޭޝަނެވެ. އެތަނުގެ ވަޒީރަކީ، މަޙްމޫދު ރާޒީއެވެ.
މިކަން މިކުރީ ޕްރައިވަޓައިޒޭޝަން ކޮމިޓީންނެވެ. އެތަނުގެ ވެރިޔަކީވެސް، މަޙްމޫދު ރާޒީއެވެ.
ބޯޑު ބަދަލުކޮށް، އާ ބޯޑު ޢައްޔަނުކޮށް ހެދީ އިކޮނޮމިކް މިނިސްޓްރީ ތެރެއިންނެވެ. އެ މިނިސްޓްރީ ހިންގަވަން ހުންނެވި ވަޒީރަކީވެސް، މަޙްމޫދު ރާޒީއެވެ.
އަދި، އެއްބަސްވުން ސޮއިކުރެވުމުން، ނޫސްވެރިންނާ ބައްދަލުކުރައްވައި، ހުރިހާކަމެއް ވިދާޅުވެދެއްވީވެސް، މަޙްމޫދު ރާޒީއެވެ.
އިތުބާރާއި، ޔަޤީންކަމާއި، ދެފުށް ފެނުމާއި، އަނޑިއެނގުމާއި، ޒިންމާދާރުވުން، މިކަމުގައި މިއޮތީ މިހިސާބުގައެވެ.
ޑިރެކްޓަރުންގެ ޒިންމާ
މިހާތަނަށް އަޑުއިވިފައި އޮންނަނީ، ޑިރެކްޓަރުން މަސައްކަތްކުރަންވާނީ ޕްރޮފެޝަނަލްކޮށް، ކޯޕަރެޓް ގަވަރނަންސްގެ އުސޫލުން ކަމަށެވެ.
އެ އުސޫލުގެ އެންމެ މައިގަނޑު އެއް ތަނބަކީ، ކުންފުނީގެ މަސްލަޙަތު ހިފެހެއްޓުމެވެ. ކުންފުނި ހިންގުމުގައި ޙިއްސާދާރަށް ޖަވާބުދާރީވުމެވެ. އެކަމުގައި، ޕްރޮފެޝަނަލްވުމެވެ.
ކުންފުނީގެ ބޯޑަށް ޢައްޔަނުކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އަމިއްލައަށް ބަލައިނުލައި، އަމިއްލައަށް ކިޔައިނުލައި، އަމިއްލަ އެއްވެސް މަޢްލޫމާތެއް ނެތި، ކުންފުނީގެ ބެލެހެއްޓުމާއި ބާރުގެދަށުގައި އޮތް މާލޭގެ ވައިގެ ބަނދަރު، ބޭރުގެ ފަރާތަކަށް 25 އަހަރަށް ދޫކޮށްލުމަށް އެއްބަސްވެ، އެކަމަށް ރުހުންދީ، އެއައިގޮތަށްއައިސް، އެ އެއްބަސްވުމުގައި ސޮއިކުރުމަކީ، ރައީސް އޮފީސް ނޫން، އެއަށްވުރެ މަތިން ފޭބި މީހަކު ބުނިނަމަވެސް، ކުންފުންޏެއްގެ ޑިރެކްޓަރުންނޭ ކިޔާބަޔަކު ކުރާވަރުގެ ކަމެއް ނޫނެވެ.
ރައްޔިތުންނަށާއި ކުންފުންޏަށާއި، ޢައްޔަނުކޮށްފައި ތިބި މަގާމަށް، ބަޔަކަށް ވަފާތެރިވެވޭނީ އެވަރަށެވެ.
އެ ކުންފުންޏަށް ޑިރެކްޓަރުންތަކެއް ނުފޮނުވައި، މިއަދު، ސިފައިން ފޮނުވިނަމަވެސް، ކަންކޮށް ނިންމާލެވޭނީ ގާތްގަނޑަކަށް އެހާކަށްހާވަރަށެވެ.
އެކަމަކު، ޑިރެކްޓަރުންނަކީ، ސިފައިންނާ ޚިލާފަށް، ހަމައެކަނި އޯޑަރު ފޮލޯކުރަން ޢައްޔަނުކުރާ ބައެއް ނޫނެވެ. ކުންފުނި ހިންގައި، ތަނުގެ މަސްލަޙަތު ހިފަހައްޓަން ޢައްޔަނުކުރާ ބަޔެކެވެ.
އެންމެކުޑަމިނުގައި، އެކަންކުރެވޭނީ، ލިޔެކިޔުންވެސް ބަލައިލައި، ވަގުތުކޮޅެއްވެސް ނަގައިގެން، ތަނުގައި ތިބި ވެރިންވެސް ފެނިގެންތާއެވެ.
މިއަދު، ކަން އެކުރިގޮތުން ސުވާލު އެ އުފެދުނީ ޑިރެކްޓަރުންގެ ޙަޤީޤީ ދައުރާ ގުޅޭގޮތަކުން އެކަންޏެއް ނޫނެވެ. ޙިއްސާއިން އުފައްދާ ޤާނޫނީ ކުންފުންޏެއްގެ އެންމެ އަސާސީ އެއް ސިފަކަމުގައިވާ، ވަކި ޤާނޫނީ ޝަޚްސަކަށްވުމުގެ ސިފަޔާވެސް ގުޅޭގޮތުންމެއެވެ.
މިއަދު، އެ ހިނގާދިޔަ ކަންކަން، ކުންފުންޏާބެހޭ ޤާނޫނުގެ ތެރެއަށް ވައްދައި، ހިމުންކުރާނީ، ކިހިނެއްހެއްޔެވެ؟

