ބައިނަލްއަޤްވާމީ އާބިޓްރޭޝަންގެ މައްސަލަ
ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހިނގާ ބޭރުގެ އާބިޓްރޭޝަންގެ އަމުރުތަކާއި ނިންމުންތައް ޤައުމުތަކުން ބަލައިގަތުމާއި އެ އަމުރުތަކާއި ނިންމުންތައް ތަންފީޒުކޮށްދިނުން ބިނާވެފައިވަނީ، ކޮންވެންޝަން އޮން ރެކޮގްނިޝަން އެންޑް އެންފޯރސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ “ދަ ނިއުޔޯކް ކޮންވެންޝަން” ގެ ނަމުން ކިޔައިއުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައިވާ ގޮތުގެމަތިންނެވެ.
މި މުޢާހަދާގައި ބައިވެރިވުމަށް ދެ ކަމެއް ރާއްޖޭން ކޮށްފައިވާކަން އަޅުގަނޑަށް އެނގެއެވެ.
އެއް ކަމަކީ، އެ މުޢާހަދާގައި ބައިވެރިވާން ބޭނުންކަމަށް ސަރުކާރުން ބުނެ، އެކަމުގެ ރުހުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، 2011 ވަނަ އަހަރުގެ ޖޫންމަހުގެ 20 ވަނަދުވަހު، މަޖިލީހުގެ މެންބަރުންގެ 64 ވޯޓުން އެ މުޢާހަދާގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ރުހުންދީފައިވާ ކަމެވެ.
އެކަމަކު އެ ރުހުމަށްފަހު، އެ މުޢާހަދާގައި ރާއްޖެ ރަސްމީކޮށް ބައިވެރިވުމަށް ސަރުކާރުގެފަޅިން ކުރަންޖެހޭ ކަންކަން ކޮށްނިންމައި، ރާއްޖޭން އެ މުޢާހަދާގައި ބައިވެރިވެފައިވާ ކަމެއް، އަޅުގަނޑަކަށް ނޭނގެއެވެ.
ބައިވެރި ނުވާނަމަ، އެފަދަ ބައިނަލްއަޤްވާމީ އާބިޓްރޭޝަންގެ އެންގުމެއް ރާއްޖޭން ބަލައިގަނެ، އެއަށް ތަބާވެ ތަންފީޒުކުރުން ރާއްޖެއަށް ލާޒިމުކުރެވިދާނެކަމާމެދު ސުވާލުކުރެވިދާނެއެވެ.
ދެވަނަ ކަމަކީ، އެ މުޢާހަދާގައިވާ އުސޫލުތައް ރާއްޖެއަށް ބަލައިގަތުމަށް، ކަމާގުޅޭ ޤާނޫނެއްގެ ބިލެއް، އާބިޓްރޭޝަން ބިލުގެ ގޮތުގައި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ. އެ ބިލު މިހާރުވަނީ، މިއަހަރުގެ ކުރީކޮޅު މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށްޓަކައި ކޮމިޓީއަކަށް ފޮނުވާފައެވެ.
ރައީސް ނަޝީދުގެ އިޤްތިޞާދީ އިޞްލާޙުގެ ޕްރޮގްރާމްގެ ދަށުން މަޖިލީހަށް ފޮނުއްވި އެ އާބިޓްރޭޝަން ބިލުން މައިގަނޑު ދެ ކަމެއް ރާއްޖެއަށް ތަޢާރުފުކުރާނެއެވެ.
ފުރަތަމަ ކަމަކީ، ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯ ނުވަތަ ޢާންމުކޮށް ކިޔާގޮތަށްނަމަ އަންސިޓްރަލްގެ މޮޑެލް ޤާނޫނީ ހަމަތަކާ އެއްގޮތަށް، ރާއްޖޭގައި އާބިޓްރޭޝަނާގުޅޭ ޤާނޫނީ ހަމަތައް ތަޢާރުފުކޮށް އިންތިޒާމުކުރުމެވެ.
ދެވަނަ ކަމަކީ، ރާއްޖޭން ބޭރުގައި ހިނގާ އާބިޓްރޭޝަންތަކުގައި ކުރާ އަމުރުތައް ނިއު ޔޯކް ކޮންވެންޝަންގެ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭން ބަލައިގަނެ، އެ އަމުރުތައް ރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ތަންފީޒުކުރުމުގެ ހަމަތައް އެކަށައެޅުމެވެ.
ދެތިން ސުވާލެއް މިހާހިސާބުން އުފެދެއެވެ.
ފުރަތަމަ ސުވާލަކީ، ރާއްޖެ އެ ނިއުޔޯކް ކޮންވެންޝަނުގައި ރަސްމީކޮށް ބައިވެރިވެފައި ނުވާނަމަ، ދެން ބައިނަލްއަޤްވާމީ އާބިޓްރޭޝަނެއްގައި ކުރާ އަމުރެއް އެ މުޢާހަދާގައި ބަޔާންކުރާގޮތަށް ރާއްޖޭގައި ތަންފީޒުކުރަންޖެހޭނެ ހެއްޔެވެ؟
އާބިޓްރޭޝަނާ ބެހޭގޮތުން އެކަން އޮތްގޮތެއް ނޭނގެއެވެ.
އެކަމަކު، ބޭރުގެ ޤައުމުތަކުގެ ކޯޓުތަކުން ކޮށްފައިވާ އަމުރުތަކާ ގުޅޭގޮތުން، މިހާތަނަށް، ރާއްޖޭގެ ޕޮޒިޝަނަކަށް ވެފައިއޮތީ، އެކަން އެގޮތަށް އޮޓޮމެޓިކުން ނުކުރެވޭނެ ކަމަށެވެ. އަދި، އެ މައްސަލަ ޖެހޭނީ ރާއްޖޭގެ ކޯޓަކަށް އަލުން ހުށަހަޅައިގެން، މައްސަލައެއްގެ ގޮތުގައި ބަލައި، ރާއްޖޭގެ ކޯޓެއްގެ ޙުކުމެއް ނުވަތަ އަމުރެއް ހޯދާށެވެ.
އާބިޓްރޭޝަނާ ބެހޭގޮތުންވެސް ޢަމަލުކުރުންގާތީ އެގޮތަށެވެ.
ދެވަނަ ސުވާލަކީ، ސަރުކާރުން ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވެފައިވީނަމަވެސް، ރާއްޖޭގެ ޤާނޫނެއް މެދުވެރިކޮށް އެ މުޢާހަދާގެ އުސޫލުތައް ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއަށް ނުގެންނަނަމަ، ދެންވެސް އެ މުޢާހަދާއަށް ޢަމަލުކުރަންޖެހޭނެ ހެއްޔެވެ؟
ޖަވާބަކީ ނޫނެކޭ އެވެ. ސަބަބަކީ، ރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން، ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތުން ޢަމަލުކުރަންޖެހޭނީ، އެ މުޢާހަދާގެ އުސޫލުތަކަށް ރާއްޖޭގެ ޤާނޫނެއް މެދުވެރިކޮށް ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއަށް ބަލައިގަތުމުންނެވެ.
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ މަފްހޫމަކީ އެއީކަމަށް ބެލެވެއެވެ.
އެހެންކަމުން، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް ނެތީސް، އެހެން ޤައުމެއްގައި ހިނގާ އާބިޓްރޭޝަނަކުން ކަނޑައަޅާ އަމުރެއް ރާއްޖޭގައި ތަންފީޒުވުމަކީ، ވުމަށްވުރެ ނުވުން ކައިރިކަމެކެވެ.
ތިންވަނަ ސުވާލެއްވެސް އުފެދެއެވެ. އާބިޓްރޭޝަނާގުޅޭ ޤާނޫނެއް ރާއްޖޭގައި އޮތްނަމަ، ނުވަތަ މިހާރު މަޖިލީހުގައި އޮތް އާބިޓްރޭޝަން ބިލު ޤާނޫނަކަށްވެ، ނިއުޔޯކް ކޮންވެންޝަންގެ އުސޫލުތަކަށާއި އަންސިޓްރަލް އާބިޓްރޭޝަންގެ އުސޫލުތަކަށް ރާއްޖޭގެ ޤާނޫނުގައި ޖާގަދީފައިވާނަމަ، ބޭރުގެ އާބިޓްރޭޝަނެއްގައި ކުރާ އަމުރު ރާއްޖޭގައި ބަލައިގަނެ، ތަންފީޒުކުރެވޭނެ ހެއްޔެވެ؟
ޖަވާބަކީ، އާނއެކެވެ. އެކަމަކު ވަކި ޙުދޫދެއްގެ ތެރެއިންނެވެ.
ބޭރުގެ އާބިޓްރޭޝަންގެ އަމުރުތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނީ، ކޯޓުތައް މެދުވެރިކޮށެވެ. އަދި، ކޯޓުތަކުން، އެފަދަ އަމުރެއް ބަލައިގަންނާނީ، އަދި ތަންފީޒުކޮށްދޭނީ، ޤާނޫނުގައި އެ ބަލައިގަތުމަށް ނުވަތަ ތަންފީޒުކޮށްދިނުމަށް ބަޔާންވެގެންވާ ޙާލަތްތަކެއް ވުޖޫދުގައިވާކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމައެވެ. އަދި، އެފަދަ އަމުރެއް ބަލައި ނުގަންނަންވީ، ނުވަތަ ތަންފީޒުކޮށް ނުދޭންވީ ސަބަބެއްކަމަށް ޤާނޫނުގައި ބަޔާންކޮށްދީފައިވާ ސަބަބެއް، ވުޖޫދުގައި ނެތްކަމަށް، ކޯޓަށް ޤަބޫލުކުރެވޭނަމައެވެ.
އެ ތަފްޞީލުތައް މިތާނގައި ނުލިޔުނުނަމަވެސް، މަޖިލީހުގައި އޮތް އާބިޓްރޭޝަނުގެ ބިލު ނުވަތަ ނިއުޔޯކް ކޮންވެންޝަން ބައްލަވާލެއްވުމުން ބޭރުގެ އާބިޓްރޭޝަނަކުން ކަނޑައަޅާ އަމުރެއް ނުވަތަ ނިންމުމެއް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ޙާލަތާއި، އެފަދަ ނިންމުމެއް ބަލައިގަތުމަށާއި ތަންފީޒުކުރުމަށް އިންކާރުކުރެވޭނެ ޙާލަތްތައް ސާފުވެވަޑައިގަންނަވާނެއެވެ.
ބޭރުގެ އާބިޓްރޭޝަނެއްގައި ކުރެވޭ އަމުރެއް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރުމަކީ، އޮޓެމެޓިކުން ހިނގާނެކަމެއް ނޫންކަމުގައި ދަންނަވާލުމުން، މި ލިޔުމުގެ ބޭނުމަށް ފުދޭނެކަމަށް ދެކެމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު
ރަނގާޅު ލިއުމެއް.. މިފަދަ އިތުރު ލިއުން ބޭނުން.