މާލިއްޔަތު ޤާނޫނު ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު

ތާރީޚް: 19 ސެޕްޓެމްބަރ 2012

މާލިއްޔަތު ޤާނޫނަށް 2010 ވަނަ އަހަރު ގެނެވުނު އިޞްލާޙުތަކަކީ، ޤާނޫނުއަސާސީއާ ޚިލާފު އިޞްލާޙުތަކެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗްގެ އިއްތިފާޤުން ނިންމެވީ 15 ސެޕްޓެމްބަރު 2012 ގައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ، އޭގެޒާތުގައި މާލިއްޔަތު ޤާނޫނާ ގުޅޭގޮތުން ކުރަންހުރި ކަންކަން ނިމުމެއް ނޫނެވެ. އެ ޤާނޫނުގެ ޞައްޙަކަމާމެދު ކުރެވޭ ސުވާލުތައް ނިމުމަކަށް އައުމެވެ.

އެކަމަކު، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޞައްވުރާއި އެ ޤާނޫނުގެ ނިޔަތް ޙާސިލުކުރުމަށްޓަކައި ސަރުކާރާއި މަޖިލިސް ގުޅިގެން ކުރަންޖެހޭ  ކަންކަން އަދި ނުކުރެވި ހަމައެގޮތުގައި ހުރީއެވެ.

އެ ޤާނޫނު ފާސްވުމުން ސަރުކާރުން ބުނަމުންދިޔައީ، އެ ޤާނޫނުގައި ބުނާ ކަންކަން ކުރެވޭނީ ޤާނޫނުތަކެއް ފާސްކޮށްގެންކަމުގައެވެ. އެ ޤާނޫނުތައް ނެތި މާލިއްޔަތު ޤާނޫނަށް ގެނައި އިޞްލާޙުތަކާއިގެން ކުރިޔަށްދާނަމަ، ރައްޔިތުންނަށް ދެވޭ އެހީތަކަށް ބުރޫއަރާނެއެވެ.

2 އަހަރުފަހުން، މިއަދުވެސް، އަޅުގަނޑުމެން މިތިބީ ހަމަ އެ ހިސާބުގައެވެ. ސުޕްރީމް ކޯޓުގެ ޙުކުމުން މާލިއްޔަތު ޤާނޫނަށް ގެނައި އިޞްލާޙުތަކަކީ، ޤާނޫނުގައި ރަނގަޅު އިޞްލާޙުތަކެއްކަމަށް ކަނޑައެޅިނަމަވެސް، އެހިސާބުން ފެށިގެން ދެން ޙައްލުކުރަންޖެހޭ ކަންކަން ބައިވަރެވެ. މުހިންމެވެ. އަސާސީއެވެ. އަދި އެކަންކަން އަވަހަށް ނިންމަން ޖެހެއެވެ.

މާލިއްޔަތު ޤާނޫނަށް ގެނެވުނު ތަފާތު އިޞްލާޙުތަކުގެ ތެރެއިން 2 ކަމެއް ރައްޔިތުންނާ ސީދާ ގުޅޭ 2 ކަމަށްވާތީ، އެ ދެ ކަންތައް މި ލިޔުމުގައި ފާހަގަ ކޮށްލާނަމެވެ.

ރައްޔިތުންނަށް ދެވޭ ޢިނާޔަތްތައް

ސަރުކާރުން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކުގެ ދަށުން، ރައްޔިތުންގެ ތެރެއިން ބައެއްކަހަލަ ޚާއްޞަ އަޅާލުން ބޭނުންވާ ފަރާތްތަކަށް، ފައިސާގެ ޢިނާޔަތް ދެވެއެވެ.

އޭގެތެރެއިން ބައެއް ކަންކަން ހުރީ ޤާނޫނުގައި ލިޔެވިފައެވެ. މިސާލަކަށް 65 އަހަރުންމަތީގެ މީހުންނަށް ދެވޭ ޕެންޝަނުގެ ވާހަކައެވެ.   އެހެންނަމަވެސް، އެހެން ބައެއް ޙާލާތްތަކުގައި ތިބޭ ފަރާތްތަކަށް ދެވޭ ޢިނާޔަތް އެދެވެނީ، ހަމައެކަނި ސިޔާސަތެއްގެ ދަށުންނެވެ. ޤާނޫނެއްގައި އެކަން ކުރާނެގޮތް އޮވެގެނެއް ނޫނެވެ.

މިސާލަކަށް އެކަނިވެރި މައިންނަށް ދެވޭ ޢިނާޔަތުގެ ފައިސާއެވެ. ކަރަންޓް ސަބްސިޑީގެ ގޮތުގައި ދެވޭ ޢިނާޔަތުގެ ފައިސާއެވެ. އާސަންދައިގެ ދަށުން ދެވޭ އެހީއެވެ. މަސްވެރިންނަށް ދެވޭ ސަބްސިޑީއެވެ. މަތީ ތަޢުލީމަށް ދެވޭ މާލީ އެހީއެވެ.

މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން އަންނަ ބަދަލަކީ، ރައްޔިތުންގެ ތެރެއިން ޚާއްޞަ އަޅާލުމެއް ދޭންޖެހޭ ފަރާތްތައް ޢިނާޔަތް ދޭން ސަރުކާރުން ކަނޑައެޅިނަމަވެސް، އެ ޢިނާޔާތްތައް ދިނުމުގެ އުސޫލުތައް އޮންނަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަކި ޤާނޫނެއްގައި ލިޔެވިފައެވެ.

ޢިނާޔާތް ދެވޭ ކޮންމެ ބަޔަކާ ގުޅޭގޮތުން ވަކި ޤާނޫނެއް ކޮންމެހެން ބޭނުމެއް ނުވެއެވެ. އެކަމަކު، އެއްވެސް ބަޔަކަށް ޢިނާޔަތް ދޭނަމަ، އެ ޢިނާޔަތް ދޭނެ މައިގަނޑު އުސޫލުތައް ހިމެނޭ ޤާނޫނެއް އުފަންކޮށްގެން ނޫނީ ދެން އެ ޢިނާޔާތްތަކެއް ނުދެވޭނެއެވެ.

މިހާރު މިކަމާ އަވަސްވެގަންނަންޖެހުން މައްސަލައަކަށް ވެދާނެއެވެ. ދެން މިކަން ކުރެވޭނީ، އިމަރޖެންސީ އަޅާފައިގޮސް ޤާނޫނެއް ފާސްކޮށްގެން ކަމުގައި ވެދާނެއެވެ.

އެކަމަކު، މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ޤާނޫނު ފާސްވެ ޢަމަލުކުރަން ފަށާފައިވާތާ 2 އަހަރުދުވަސް ވެއްޖެއެވެ. ސުޕްރީމްކޯޓުގެ ޙުކުމްވެސް އެއައީ، މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް ދޮޅުއަހަރު ފަހުންނެވެ.

މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ޤާނޫނު 13 ޑިސެމްބަރު 2010 ގައި  ތަޞްދީޤުކުރުމަށްފަހު، ހަމައެދުވަހު، އެ ޤާނޫނު ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރެއް ނެރުނީ، އެ ޤާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ޙުކުމްކުރަންދެން، އެހާތަނަށް ރައްޔިތުންނަށް ދެމުންދިޔަ ޢިނާޔާތްތައް ދެމުން ދިޔުމަށެވެ.

މިހާރު ޤާނޫނުގެ ޞައްޙަކަމާގުޅޭ ޙުކުމް ސުޕްރީމް ކޯޓުން އެއޮތީ އިއްވާފައެވެ. މުޅި ބެންޗުގެ އިއްތިފާޤުންނެވެ. އެހެންކަމުން އެހިސާބުން ފެށިގެން، ކުރިން ސުޕްރީމް ކޯޓުން 2010 ގައި ކުރި ވަގުތީ އަމުރުވެސް ނިމުމަކަށް އައީއެވެ.

ކަންމިހެން ދިމާވުމުން، ސުޕްރީމް ކޯޓުގެ ޙުކުމުގެ ތާރީޚުން ފެށިގެން (މާނައަކީ، 15 ސެޕްޓެމްބަރ 2012 އިން ފެށިގެން) ދެން ރައްޔިތުންނަށް ދެވޭ ޢިނާޔަތް ދެވެމުންދާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިންނެވެ.

މިހެން ދަންނަވާއިރުވެސް، މިދެންނެވޭ ވާހަކައިގެ ނަތީޖާ އުފެދި އެނބުރިގެންދާނެގޮތް އަޅުގަނޑަށް ފުރިހަމައަށް ވިސްނައިގަނެވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ބަޔަކަށް ލިބެމުންދިޔަ ޢިނާޔަތްތައް ދުވަސްކޮޅަކަށް މެދުކެނޑިދާނެކަން އަޅުގަނޑަށް ވިސްނެއެވެ. އަދި، މިކަމުގެ ސަބަބުން އުފެދިގެންދާނެ ސިޔާސީ ވާދަވެރިކަމާއި ޙަމަލާތަކުގެ އޮއިވަރުވެސް އަޅުގަނޑަށް ވިސްނެއެވެ.

އެކަމަކު، އަޅުގަނޑުމެން ކުރަންހުރި މަސައްކަތް އަޅުގަނޑުމެން ނުކޮށް ތިބުމުން ދެން ވާނެ ހައެތި މިވަނީއެވެ.

ކްރޮސް ސަބްސިޑީ ދިނުން

ސަރުކާރުން އިޢުލާނުކުރާ ވަކި ޕްރޮޖެކްޓެއް ވިޔަފާރީގެ އުސޫލުން ބަޔަކު ހިންގުމަށް ޝައުގުވެރިކުރުމަށްޓަކައި، އެ ޕްރޮޖެކްޓް ކާމިޔާބުކުރާ ފާރާތަށް އެހެން ކޮންމެވެސް މަންފާއެއް ލިބޭގޮތަށް ބައެއް ޕްރޮޖެކްޓްތައް ދޫކުރެވިފައި އެބަހުއްޓެވެ.

މިސާލަކަށް ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އައްޑޫ ފުވައްމުލަކާ ދެމެދެ ހިންގޭ ޕްރޮޖެކްޓް ހިންގައިދޭތީ އެމްވީކޭއަށް ދޫގަސް ވިޔަފާރިކުރަން ދޫކޮށްލުން ކަހަލައެވެ.

މާލޭގައި ގާކޮށީގައި އަޅާ ފްލެޓުތަކުގެ ބަދަލުގައި އެ ފްލެޓްއަޅާ ޓާޓާއަށް ޅަވިޔަނި އަތޮޅުން ލަގްޒަރީވިލާ އަޅަން ރަށެއް ދިނުން ކަހަލައެވެ.

ކުޅުދުއްފުށީގައި އަޅާ ފްލެޓްތަކުގެ ބަދަލުގައި ލަގްޒަރީވިލާ އެޅުމަށް ނޫމަޑިއަށް ދައްޕަރު ދިނުންކަހަލައެވެ.

އަރިއަތޮޅުގެ ދެބުރީގައި ފެރީ ހިންގައިދޭތީ އެމް.ޓީ.ސީ.ސީއަށް ވާވު ފޮއްތެޔޮ ރިޒޯޓު ހަދަން ދިނުން ކަހަލައެވެ.

މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙުގެ އެއް ބޭނުމަކީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދައުލަތާ ގުޅިގެން ވިޔަފާރިކުރާ ޢާންމު ފަރާތަށް ދެވޭ ޢިނާޔަތްތައް ނުވަތަ ވަކި ޕްރޮޖެކްޓެއް ހިންގާ ފަރާތަށް މަންފާއެއްގެ ގޮތުގައި ދެވޭ ޢިނާޔަތްތައް (ކްރޮސް ސަބްސިޑީ)، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކްރޮސް ސަބްސިޑީ ދިނުމުގެ އުސޫލުތައް ބަޔާންކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން ނޫނީ، ނުދެވޭނެގޮތް ހެދުމެވެ.

މާލިއްޔަތު ޤާނޫނުގެ ތެރެއިން އެކަން ހަމަޖައްސާލެވޭކަށް ނޯންނާނެއެވެ. އަދި، ގަވާއިދެއް ހަދާލައިގެންވެސް، އެކަން ކޮށްލެވޭކަށް ނޯންނާނެއެވެ. ޤާނޫނުގައި ބުނަނީ، އެކަން ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން ކަމަށެވެ. އެހެންކަމުން، ކްރޮސް ސަބްސިޑީ ދިނުމުގެ މައިގަނޑު އުސޫލުތައް ހިމެނޭ ޤާނޫނެއް ފާސްކުރުން ނޫންގޮތެއް ދެން ނޯންނާނެއެވެ.

ހަމަގައިމުވެސް، ސުޕްރީމް ކޯޓުގެ ޙުކުމަށްފަހު، މާލިއްޔަތު ޤާނޫނާ ގުޅިގެން އުފެއްދި ޝައްކުތައް ނިމިދިޔުމުން، ދެން އެފަދަ މުޢާމަލާތެއް ރާއްޖޭގައި ސަރުކާރަށް ހިންގޭނީ،  ކްރޮސް ސަބްސިޑީގެ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތިންކަން، ޝައްކަކާ ނުލައި އެނގޭމިންވަރަށް އެ ޤާނޫނުގެ އުސޫލު މިހާރު އެއޮތީ ސުޕްރީމް ކޯޓުން ސާފުކޮށްދީ، ނަގަހައްޓައިދީފައެވެ.

އަދި، އެ ޤާނޫނު 2010 ގައި ފާސްވުމަށްފަހު، އެއަށް ނުބަލައި، އޭގެބޭރުން ދެވުނު ކްރޮސް ސަބްސިޑީތަކުގެ މައްސަލަ އަދި ވަކިން ޙައްލުކުރަން އޮތީއެވެ.

15 ސެޕްޓެމްބަރުގައި ކުރި ސުޕްރީމް ކޯޓުގެ ޙުކުމުން އާ ޤާނޫނެއް އުފަންކުރީކީ ނޫނެވެ. 2010 ގައި އުފަންކުރި ޤާނޫނު އުފަންވެފައިއޮތީ ރަނގަޅަށޭ ބުނީއެވެ. އެހެންކަމުން، ޞައްޙަ ޤާނޫނެއްއޮވެ، އެއާޚިލާފަށް ކުރެވިފައިވާ ކަންކަން ރަނގަޅު މަގަށް އަވަހަށް އެޅުވުމަކީވެސް ކުރަންޖެހޭ ކަމެކެވެ.

އަދި ސުޕްރީމް ކޯޓުން 2010 ގައި ކުރި ވަގުތީ އަމުރުގައި ކްރޮސް ސަބްސިޑީގެ ވާހަކައެއް ނާދެއެވެ. އެ އަމުރުގައި ބުނަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމްކުރަންދެން ރައްޔިތުންނަށް ދެވޭ ޢިނާޔަތްތައް އެގޮތުގައި ދެމުންދިޔުމަށެވެ. އެހެންކަމުން، ވޭތުވެދިޔަ 2 އަހަރު ދެވުނު ކްރޮސް ސަބްސިޑީގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ހޯދައިދޭން މިއޮތީ ޖެހިފައެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

...