މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙަށް ތާއީދުކުރުން

ތާރީޚް: 24 ސެޕްޓެމްބަރ 2012

މާލިއްޔަތު ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް މަޖިލީހުގައި 2010 ގައި ނެގި ވޯޓުގައި، އަޅުގަނޑު ފިތީ ފެއްސަށެވެ. އެ ބިލު އެ އޮތްގޮތަށް ތަޞްދީޤު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުން، ދެންވެސް ހަމަ ކުރިން އޮތްގޮތަށް ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައިވެސް އަޅުގަނޑު ފިތީ ފެއްސަށެވެ.

އެ ބިލު ފާސްވާން އަޅުގަނޑު ބޭނުންވީ، ކޮންމެހެން ވަކި މީހަކަށް ޖެއްސުން ކުރާކަށް ނުވަތަ ވަކި މީހެއްގެ ބާރު ކަނޑުވާލާކަށް ނޫނެވެ. އެ ބިލު ފާސްވާން އަޅުގަނޑު ބޭނުންވީ އެންމެހައި ރައްޔިތުންގެ މަންފާއަށެވެ. ދައުލަތުގެ ފައިސާއަކީ، އެންމެހައި ރައްޔިތުންގެ ޙައްޤު އޮތް، ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުންގެ މުދަލަކީ، އެންމެހައި ރައްޔިތުންގެ ޙައްޤުއޮތް ރައްޔިތުންގެ މުދަލެވެ.

އެ ފައިސާ ޚަރަދުކުރެވެނީ، އެ މުދަލުން މުޢާމަލާތްކުރެވެނީ، ވެރިމީހާގެ އެކަނި އިޚްތިޔާރުގައި ކަމަށްވުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅައިދޭ އުސޫލަކުން ކަމުގައިވުމީ، ދެފުށް ފެންނަ އުސޫލަކުން، ޒިންމާދާރުކަމާއެކުގައި އެކަންކުރުމަށް މަގުފަހިކުރާނެ ކަމަކަށްވާތީއެވެ. އެންމެހައި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަމާއި މަންފާއާއި ރައްކާތެރިކަން އެކަމުގައި ހިމެނިގެންވާނެ ކަމެއް ކަމުގައިވާތީއެވެ.

އެއަށްވުރެ ތަފްޞީލުކޮށް ދަންނަވާނަމަ، އެ ބިލަށް އަޅުގަނޑު ވޯޓު ދިން ސަބަބުތައް ތިރީގައި އެވަނީއެވެ.

  1.  މާލިއްޔަތު ޤާނޫނަކީ، މުޙަންމަދު ޖަލީލުގެ ފިނޭންސް މިނިސްޓަރު ކަމުގައި، ނޫ ޤާނޫނުއަސާސީ ދެމިއޮތްއިރު، ރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުން 2006 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނަކަށްވާއިރު، 2008 ގައި އުފަންކުރި ޤާނޫނުއަސާސީގެ ކުރީގެ ޤާނޫނަކަށް މާލިއްޔަތު ޤާނޫނު ވުން.
  2.  އާ ޤާނޫނުއަސާސީގެ ޢާންމު ޖުމްލަ ތަޞައްވުރަކީ، ބާރުތައް ބަހާލެވިފައިވާ ނިޒާމެއް އެކަށައެޅުން ކަމަށްވެފައި، ދައުލަތް ހިންގުމުގައި ޑިމޮކްރެޓިކް ސިފަތައް ވަރުގަދަކުރާ ނިޒާމެއް އެކަށައެޅުން ކަމަށްވެފައި، ދެފުށް ފެންނަ، ޒިންމާދާރު އުސޫލަކުން، ޒިންމާދާރުކުރެވޭ ހަމައަކުން، ދައުލަތުގެ ކަންކަން ތަރުތީބުކުރުން ކަމުގައިވާއިރު، ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުންވެސް ޤާނޫނުއަސާސީގެ 250 ވަނަމާއްދާގައި، ކަނޑައެޅިގެން، ވަކި އުސޫލެއް ބަޔާންކޮށްފައި އޮތުން.
  3. ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބުނަނީ، ދައުލަތުގެ މިލްކުގައިވާ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ، ނުވަތަ އެފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ، ޤާނޫނުގައިވާ ގޮތުގެމަތިން ކަމަށް ކަމުގައިވުން.
  4.  ޤާނޫނުއަސާސީގެ 250 ވަނަ މާއްދާ އެހެން ބުނާއިރު، އެ މާއްދާގެ މަފުހޫމަކީ، ކަމާ ގުޅޭގޮތުން މަޖިލީހުން ޤާނޫނެއް ފާސްވެ، އެ ޤާނޫނުގައި ގޮތްތަކެއް ކަނޑައެޅިފައި ހުރުން ކަމުގައިވާއިރު، އެހާތަނަށް އޮތް ހަމައެކަނި ޤާނޫނަކީ، މާލިއްޔަތު ޤާނޫނަށްވެފައި، އެ ޤާނޫނަކީ، ޤާނޫނުއަސާސީ އަށްވުރެ 2 އަހަރު ކުރީގެ ޤާނޫނަކަށްވެފައި، އެ ޤާނޫނު ބުނާގޮތުން، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި އެ ބުނާ ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރުއޮތީ، ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައިވުން.
  5. ޤާނޫނުއަސާސީގެ 250 ވަނަ މާއްދާ އެހެން ލާޒިމުކުރަނީ، ސަބަބުތަކެއް ހުރެގެން ކަމުގައިވާއިރު، އެކަން ކުރުމަށް ޤާނޫނުއަސާސީ އަށްވުރެ ކުރީގެ ޤާނޫނެއްގައި ބުނާފަދައިން، ދައުލަތުގެ މިލްކުގައި ހުރި ހުރިހާ މުދަލަކާ ގުޅިގެން ކުރެވޭ ހުރިހާ މުޢާމަލާތެއް ކުރުމުގެ ހުރިހާ އިޚްތިޔާރެއް ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައި އޮތްގޮތަށް އޮތުމަކީ، އަދި ޤާނޫނުއަސާސީ އަށްވުރެ ކުރީގެ ޤާނޫނެއްގައިވާ ގޮތަށް ޢަމަލުކުރަމުން ދިޔުމަކީ، ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއިން އެ ތަޢާރުފުކުރާ އުސޫލުގެ ބޭނުމެއް އޮތްކަމަކަށް ނުވުން.
  6.  ލޯނެއް ނެގުމުގައި 2010 ގައިވެސް ޢަމަލުކުރެވެމުން ދިޔައީ، 1976 ވަނައަހަރު ފާސްކޮށްފައިވާ އޮތް ޕެރެގްރާފެއްގެ ޤާނޫނެއްގެ ދަށުން ކަމުގައިވެފައި، އޭގައިވާ ގޮތުން ލޯނު ނެގުމަކީވެސް މުޅިން ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރަކަށްވާއިރު، ޒިންމާދާރު ކުރެވޭނެ އެއްވެސް އުސޫލެއްނެތި، މުތުލަގަށް އެ ބާރު ދޫކޮށްލެވިފައި އޮތުމަކީ، ހަމަޖެހޭ ކަމަކަށް ނުވުން.
  7.  ޕްރައިވެޓައިޒް ކުރުމަކީ، އޭގެޒާތުގައި ރަނގަޅު ސިޔާސަތެއް ކަމުގައި ވީނަމަވެސް، ޕްރައިވަޓައިޒް ކުރުމުގެ އުސޫލުގެ ދަށުން ހިންގޭ މުޢާމަލާތްތައް ހިންގުމުގެ މައިގަނޑު އުސޫލުތައް ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ، ޒިންމާދާރުކަމާއެކު، އެކަން ކުރުމަށް މަގުފަހިކުރާނެ ކަމަކަށްވުން.
  8.  ދައުލަތުގެ ބައެއްކަހަލަ މުދާ ވިއްކާލެވޭއިރު ޢަމަލުކުރެވޭނެ މައިގަނޑު އުސޫލުތައް ޤާނޫނުގައި ކަނޑައެޅިފައި  އޮންނަންޖެހޭނެ ކަމަށް ފެނުން.
  9.  ޚާއްސަ ސަމާލުކަންދޭންޖެހޭ ގިންތިތަކުގައި ނުވަތަ ޙާލަތްތަކުގައި ތިބޭ މީހުންނަށް ސަބްސިޑީ ދިނުމަކީ، ރަނގަޅު ސިޔާސަތެއް ނަމަވެސް، އެކަން ކުރާނެ މައިގަނޑު އުސޫލުތައް ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ، އެ ލިބޭ މީހުންނަށް އެ ލިބޭނެ އުސޫލު އެނގުމުގެ އިތުރަށް، އެ ނުލިބޭ މީހުންނަށް އެ ނުލިބެނީ ކީއްވެގެންކަންވެސް އެނގި ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު އެކަމަށް އުފެދޭނެ ކަމަކަށްވުން.
  10. ސަރުކާރުގެ ސިޔާސަތެއްގެ ދަށުން ވަކިކަހަލަ ސަބްސިޑީއެއް ވަކިކަހަލަ ބަޔަކަށް ދިނުމަށް ކަނޑައެޅުމާއި، އެކަމަށް ޚަރަދުކުރާނެ ފައިސާ ބަޖެޓުގައި ހިމެނުމާއި، އެ ފައިސާ ޚަރަދުކުރާނެ ޤާނޫނީ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަކީ، ތަފާތު ތިންކަމެއް ކަމުގައި ފެނުން.
  11.  ރާއްޖޭގައި އާ ޤާނޫނުއަސާސީ އެކުލަވާލެވުމާ ހަމައަށްވެސް، އަދި އެއަށްފަހުގައިވެސް އޮތް އާދައަކީ، ޚަރަދުކުރަން ބޭނުންވާ ފައިސާގެ އަންދާޒާއެއް ބަޖެޓުގައި ހިމެނުމުން ފުދޭ ސަގާފަތެއް ނަމަވެސް، ޚަރަދުކުރަން ހުއްދަކުރާ ފައިސާގެ ޢަދަދު ބަޖެޓުގައި ހިމެނުމާއި، އެ ފައިސާ ޚަރަދުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ޤާނޫނެއްގެ ދަށުން ހުއްދަކުރުމަކީ، ތަފާތު ދެ ކަމެއް ކަމުގައިވުން.
  12.  އާ ޤާނޫނުއަސާސީގެ ތަޞައްވުރަކީ، ޚަރަދުކުރާ ފައިސާއަކީ، ބަޖެޓުން ހުއްދަކުރެވިގެންވާ ޢަދަދަކަށް ވުމުގެ އިތުރުން، ޤާނޫނެއްގައިވާ ގޮތުގެމަތިން ޒިންމާދާރުކަމާއެކު ޚަރަދުކުރެވޭ ފައިސާއަށް ހެދުންކަން ދޭހަވާން އޮތުން.
  13. ކޮންމެކަމެއް ކުރަން މަޖިލީހަށް އަންނަންޖެހުމަކީ، މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ތަޞައްވުރެއް ނޫންކަމާއި، ލޯނުނަގައި ގެރެންޓީ ދިނުން ފިޔަވައި، އެހެން ކަންކަމުގައި ކަމާގުޅޭ ޤާނޫނެއް އެއްފަހަރު ފާސްކޮށް ނިންމުން ފުދޭނެކަމާއި، އެ ޤާނޫނުގައިވާ ގޮތަށް ކަންކުރަމުން ގެންދިޔުމުން ފުދޭނެކަން.
  14.  ލޯނު ނެގުމުގައިވެސް، މުޅި މަޖިލީހަށް ނައިސް، މަޖިލީހުގެ ކޮމިޓީގެ ފެންވަރުގައި ފުއްދާލެވޭގޮތަށް އޮތުމާއި، ލޯނަކީ ކޮންމެދުވަހަކު ކޮންމެމަހަކު ކުރަންޖެހޭ ކަމަކަށް ނުވާއިރު، އެކަމުން އަންނަ ދައްޗެއް އޮވެގެން ނުވާނެކަން. އަދި، ލޯނު ނެގުމުގައި މަޖިލިސް ބައިވެރިވާންޖެހޭ އެންމެބޮޑު ސަބަބަކީ، ރައްޔިތުންގެ ބޮލުގައި ދަރަނީގެ ޒިންމާއެޅުވޭއިރު، ޒިންމާދާރު ހަމައަކުން އެކަންކުރެވޭނެ ގޮތެއް އޮތުން ކަމުގައި ފެނުން.
  15.  ސަރުކާރު ހިންގަން ފަސޭހަކުރުމުގެ ނަމުގައި، އިމެއްނެތް ބާރުތަކެއް ދައުލަތުގެ މުދަލާ ގުޅޭގޮތުން ރައީސަށް ދޫކުރެވިފައި އޮތުމަކީ، ހަމަޖަހޭކަމެއް ނޫންކަމަށް ފެނުން.

މާލިއްޔަތު ޤާނޫނު އިޞްލާޙުކުރަން އަޅުގަނޑު ތާއީދުކުރީ، ވަކި ރައީސަކަށް ނުވަތަ ވަކި މީހަކަށް ދަތިކުރުމަށް ކަމަށް ދެކެވޭ ވާހަކައަށް ދަންނަވަން އޮތީ މިޖަވާބެވެ.

ރައީސް މިހާރު ބަދަލުވެއްޖެއެވެ. އުނދަގޫވާކަށް އެ ރައީސެއް މިހާރަކު ނެތެވެ.

އެކަމަކު، މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙަށް މިއަދުވެސް އަޅުގަނޑު ތާއީދުކުރަމެވެ. އަދި، ދައުލަތުގެ މުދަލުން މުޢާމަލާތްކުރުމުގައި އިމެއްނެތް ބާރެއް އިޚްތިޔާރެއް ރައީސަކަށް ދޫކުރުމަށް މިއަދުވެސް އަޅުގަނޑު ދެކޮޅެވެ.

އަދި، އެއީ، މިހާރުގެ ރައީސަށް އުދަނގުލެއް ކުރާކަށް ނޫނެވެ. އަދި ދެން އަންނަންހުރި ރައީސަކަށް އުދަގުލެއް ކުރާކަށްވެސް ނޫނެވެ.

ރައީސަކަށް އިމެއް ނެތް ގޮތުގައި ހުރިހާ އިޚްތިޔާރެއް ދޫކޮށްލުމާއި، އެންމެންނަށް ޤަބޫލުކުރެވޭ ޒިންމާދާރު ޤާނޫނީ އުސޫލުތަކެއްގެމަތިން ދައުލަތުގެ މުދަލުން މުޢާމަލާތްކުރުމާ ދެމެދުން، އަޅުގަނޑު ކޮންމެ ވަގުތެއްގައިވެސް، އިޚްތިޔާރުކުރާނީ، ފަހުގޮތް ކަމުގައިވާތީއެވެ.

ނޯޓު:- އަޅުގަނޑުގެ ސިޔާސީ ފިކުރު މި ބްލޮގުގައި ދުރާލާ ހާމަކޮށްފައި އެވަނީއެވެ. މާލިއްޔަތު ޤާނޫނަށް ގެނެވުނު އިޞްލާޙަށް އަޅުގަނޑު ތާއީދުކުރީ، ޑިމޮކްރެޓިކް ހަމަތައް ވަރުގަދަކުރާ ޤާނޫނުތަކަށް އަޅުގަނޑު ތާއީދުކުރާތީއެވެ. މާލިއްޔަތު ޤާނޫނަށް ފުރަތަމަ އިޞްލާޙުގެނައުމުގެ ޤާނޫނަކީ، އެއީ، އެފަދަ ޤާނޫނަކަށް ވާތީއެވެ. އެ ޤާނޫނަކީ، އަޅުގަނޑުގެ ފިކުރާ އެއްގޮތް ޤާނޫނަކަށްވާތީއެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

...