ހަނުހުރުމުގެ އުސޫލުތައް ކަނޑައަޅަން މަޖިލީހަށް

ތާރީޚް: 25 ސެޕްޓެމްބަރ 2012

ހަނުހުރުމުގެ ޙައްޤުގެ ބިލުގެ ނަމުގައި އަޅުގަނޑު މަޖިލީހަށް ބިލެއް ފޮނުވައިފީމެވެ. އެ ބިލުގެ ބޭނުން މި ލިޔުމުގައި މި ލިޔަނީއެވެ.

“ހަނުހުރުން” މި ލަފްޒު ރާއްޖެއަށް ފުރަތަމަފަހަރަށް ތަޢާރަފުކޮށްދީފައިވަނީ، 2008 ގެ ޤާނޫނުއަސާސީންނެވެ. އަސާސީ ޙައްޤެއްގެ ގޮތުގައެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އިންނެވެ.

އެހެންނަމަވެސް، އެ ޙައްޤުގެ މާނައެއް، ނުވަތަ އެ ޙައްޤު ބޭނުންކުރެވޭނެ ހަމަތަކެއް، ނުވަތަ އެ ޙައްޤުގެ މާނައިގައި ހިމެނިގެންވާ އެއްޗެއް، ނުވަތަ އޭގައި ހިމެނިގެންނުވާ އެއްޗެއް ޤާނޫނުއަސާސީއަކު ބަޔާންކޮށެއް ނުދެއެވެ.

ހަނުހުރުމުގެ ޙައްޤާ ގުޅުންހުރި އެހެން ޙައްޤެއްވެސް ޤާނޫނުއަސާސީން ތަޢާރުފުކޮށްދިނެވެ. އެއީ، ޝަރީޢަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އިންނެވެ.

އެހެންނަމަވެސް، އެ ޙައްޤުގެވެސް މާނައެއް، ނުވަތަ އެ ޙައްޤު ބޭނުންކުރެވޭނެ ހަމަތަކެއް، ނުވަތަ އެ ޙައްޤުގެ މާނައިގައި ހިމެނިގެންވާ އެއްޗެއް، ނުވަތަ އޭގައި ހިމެނިގެންނުވާ އެއްޗެއް ޤާނޫނުއަސާސީއަކު ބަޔާންކޮށެއް ނުދެއެވެ.

ހަނުހުރުމުގެ ޙައްޤާއި ޝަރީޢަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤާ މި ދެ ޙައްޤު، ރާއްޖެއަށް ތަޢާރުފުވީ ދާދިފަހުން، ޤާނޫނުއަސާސީގެ ފެންވަރުގައި އެކަނިކަމުން، ރާއްޖޭގައި ކަމާގުޅޭ ގޮތުން ދިވެހިބަހުން ފެންނަންއޮތް ފޮތެއް، ދިރާސާއެއް، ލިޔުމެއް، ނުވަތަ އެ ޙައްޤާގުޅޭ ޤާނޫނީ ފިޤުހުގެ އެހީތެރިކަމެއް ނެތެވެ. އަދި، އެއީ، ރާއްޖޭގައި އުފެދިގެންއައި ޙައްޤަކަށް ނުވާތީ، އެ ޙައްޤު އުފެދި ބޭނުންކުރެވެމުން އަންނަގޮތުގެ ތާރީޚެއް ނުވަތަ އާދައެއް ދިވެހިންގެ ތެރެއަކު ނެތެވެ.

އަޅުގަނޑުގެ މަޢުލޫމާތު ރަނގަޅުކަމުގައިވާނަމަ، މަދަނީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ނިހާޔަތު ޤާޟީ އިއްވެވި ޙުކުމެއް ނޫން އެހެން ޝަރުޢީ ޙުކުމެއްގައި، ހަނުހުރުމުގެ ޙައްޤަށް ތަފްޞީލުކޮށް އަލިއަޅުވާލާފައެއްވެސް ނުވެއެވެ.

ރާއްޖޭގައި ކަންއޮތީ އެހެންނަމަވެސް، މި ދެ ޙައްޤަކީ، ދުނިޔޭގެ ތަހުޒީބު ޤާނޫނީ ނިޒާމުތަކުގައި، ޤާނޫނުގައި ލިޔެވި ތަފްޞީލުކުރެވިގެން ނުވިނަމަވެސް، ޒަމާންތަކެއް ވަންދެން، ބޭނުންކުރެވެމުން އަންނަ ދިގު ތާރީޚަކާއި މުއްސަނދި ޤާނޫނީ ފިޤުހެއް އޮތް ދެ ޙައްޤެކެވެ.

މި ދެ ޙައްޤު، ހަނުހުރުމުގެ ޙައްޤާއި ޝަރީޢަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު ގުޅެނީ، ވަރަށް މުހިންމު ޝަރުޢީ އުސޫލަކާއެވެ.

ތިމާގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަމުގެ ޝަރުޢީ ޙުކުމެއް ކަނޑައެޅެންވާނީ، ތިމާއާ ދެކޮޅަށް ހޯދޭ ހެކީގެ މައްޗަށް އެކަނި ކަމަށެވެ. އަދި، އެ އެއީ، ތިމާގެ ބައިވެރިވުމެއް ނެތި، ތިމާ އެކަމުގައި ޝާމިލުވުމެއްނެތި، އެހެންބަޔަކު އަމިއްލައަށް ހޯދާ ހެއްކަށް ވާންޖެހޭނެ ކަމަށެވެ.

މި ދެ ޙައްޤު، ހަނުހުރުމުގެ ޙައްޤާއި ޝަރީޢަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤުގެ އަސާސް ބިނާވެފައިއޮތީ، މުހިންމު ޤާނޫނީ އުސޫލެއްގެ މައްޗަށެވެ.

ތިމާ އަމިއްލައަށް ތިމާ ޤާނޫނީ ކުށެއްގައި ބެދިދާނެ ވާހަކައެއް، ތަޙްޤީޤުކުރާ ފަރާތަށް ނުވަތަ ޝަރީޢަތަށް ބުނެދޭކަށް ނުޖެހެއެވެ. ތިމާ އަމިއްލައަށް ތިމާ ޤާނޫނީ ގޮޅިއަކަށް ފެތިދާނެ ހެއްކެއް ތަޙްޤީޤުކުރާ ފަރާތަށް ނުވަތަ ޝަރީޢަތަށް ހޯދައިދޭކަށް ނުޖެހެއެވެ.

އިނގިރޭސިން އެ އުސޫލަށް ކިޔައި އުޅެނީ، “ރޫލް އަގެއިންސްޓް ސެލްފް އިންކްރިމިނޭޝަން” އެވެ.

މި އުސޫލަކީ، ތިމާގެ މައްޗަށް ހިންގޭ ކުށުގެ ޝަރީޢަތަކީ، ޢަދުލުވެރިކަމާއެކު ހިންގޭ ޝަރީޢަތަކަށް ހެދުމަށްޓަކައި، ގާއިމުކުރެވިގެންވާ އެންމެ އަސާސީ އެއް ހަމައެވެ. މީހަކަށް މަޖުބޫރުކުރުވައިގެން، ނުވަތަ ބިރުދައްކައިގެން، ނުވަތަ ޤާނޫނާ ޚިލާފަށް ހޯދާ އިޢުތިރާފާއި ހެކީގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ދޮރު ބަންދުކުރުމުގެ ހަމައެވެ.

އެންމެ އާދައިގެކޮށް ބަޔާންކުރާނަމަ، ހަނުހުރުމުގެ ޙައްޤާއި ޝަރީޢަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤުގެ ޖުމްލަ ނަތީޖާ ތިރީގައި އެވަނީއެވެ.

  1.  ކުށުގެ ޒިންމާ އުފުލަންޖެހޭފަދަ ކަމެއްގެ ތެރެއަށް ތިމާ އަމިއްލައަށް ހުށަހެޅުމަކީ، ތިމާ ކުރަންޖެހޭ ކަމެއް ނޫންކަން.
  2.  ތިމާއާ ދެކޮޅަށް ހެކިބަސް ދިނުމަކީ ތިމާ އަމިއްލައަށް ކުރަންޖެހޭ ކަމެއް ނޫންކަން.
  3.  ކަނޑައެޅިގެން ޖަވާބުދިނުން ޤާނޫނުން ލާޒިމުކުރާ ޙާލަތެއްގައި މެނުވީ، ތިމާއާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމަކީ ލާޒިމު ކަމެއް ނޫންކަން.
  4.  ތަޙްޤީޤު ހިންގަންޖެހޭނީ، ދަޢުވާ އުފުލަންވާނީ، ހެކީގެ މައްޗަށްކަން، އިޢުތިރާފުގެ މައްޗަކަށް ނޫންކަން.
  5. ތިމާގެ މައްޗަށް ކުށުގެ ދަޢުވާއެއް ކުރެވޭހިނދު، ތިމާގެ އަމިއްލަ އިޚްތިޔާރުގައި އެކަމަށް އިޢުތިރާފުވާ ޙާލަތުގައި މެނުވީ، އެހެން ހަމަކޮންމެ ޙާލަތެއްގައިމެ، ތިމާގެ މައްޗަށް ކުށް ސާބިތުކުރަންޖެހޭނީ ތިމާއާ ދެކޮޅަށް، ޤާނޫނުގައިވާ ގޮތުގެމަތިން ހޯދާ ހެކީގެ މައްޗަށްކަން.
  6.  ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ތިމާގެ މައްޗަށް ކުރެވޭ ޖިނާއީ ކުށުގެ ތުހުމަތުގައި، ތިމާ ޖިނާއީ ޒިންމާ އުފުލަންޖެހޭކަން ސާބިތުކޮށްދިނުމަކީ، ތިމާގެ މައްޗަށް އެ ތުހުމަތުކުރާ ފަރާތުގެ ޒިންމާއެއްކަން – ނުވަތަ އެ ދަޢުވާކުރާ ފަރާތުގެ ޒިންމާއެއްކަން.

ކަމާގުޅޭ ޤާނޫނެއް ފާސްވުމަކީ، ހަނުހުރުމުގެ ޙައްޤާއި ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤުގެ ޤާނޫނީ އުސޫލުތަކާއި، އެ ދެ ޙައްޤު ބޭނުންކުރެވޭ ގޮތާއި، އެ ދެ ޙައްޤު ބޭނުން ނުކުރެވޭ ޙާލަތްތަކާއި، އެ ދެ ޙައްޤުގެ ތެރޭގައި ހިމެނިގެންވާ ކަންކަމާއި ހިމެނިގެންނުވާ ކަންކަން – އެ ދެ ޙައްޤު ބޭނުންކުރާ މީހުންނަށާއި، ތަޙްޤީޤީ އިދާރާތަކަށާއި، ދަޢުވާގެ އިދާރާތަކަށާއި، ޝަރުޢީ އިދާރާތަކަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެ ދެ ޙައްޤާމެދު އެ ހުރިހާ ފަރާތްތަކަކުންވެސް، އެއްފޮތަކުން، އެއް ލޮލަކުން، ބެލުމަށް މަގުފަހިވާނެ ކަމެކެވެ.

އަދި، އެ ދެ ޙައްޤާގުޅޭ ޤާނޫނީ ފިޤުހު ރާއްޖޭގައި އާލާވުމަށްވެސް މަގުފަހިވެގެންދާނެ ކަމެކެވެ.

FacebookTwitterDiggBlogger PostWordPressGoogle BookmarksPosterousDeliciousGoogle GmailTypePad PostYahoo BookmarksStumbleUponGoogle ReaderShare

...