ޕްރީ ސްކޫލްތައް ދައުލަތުން ހިންގުން
ރައްޔިތުންގެ މަޖިލީހުގައި، އިއްޔެއާއި މިއަދު ވާހަކަދެކެވުނު ކަންކަމުގެ ތެރެއިން އެއްކަމަކީ، ޕްރީ ސްކޫލްތައް ރާއްޖޭގައި ހިނގަމުން އަންނަގޮތް ބަދަލުކުރުމުގެ ވާހަކައެވެ. މި ބަހުސް ހިނގާފައިވަނީ، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމާގުޅޭގޮތުން ހުށަހެޅުއްވި ބިލަކާ ގުޅިގެންނެވެ.
މަޖިލީހުގެ ބަހުސުން މައިގަނޑު ނުކުތާއަކަށް ފާހަގަވީ، ސަރުކާރުގެ ޚަރަދުގައި ޕްރީ ސްކޫލްތައް ހިންގުމުގެ ވާހަކައެވެ.
ރާއްޖޭގެ ޤާނޫނުއަސާސީގެ 36 ވަނަ މާއްދާ ބުނާގޮތުން ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު، ހިލޭ ފޯރުކޮށްދިނުން ދައުލަތަށް ލާޒިމުވެގެންވެއެވެ. އެ މާއްދާ މިހާތަނަށް މާނަކުރެވިފައިވަނީ، ޕްރައިމަރީ ސްކޫލްތަކާއި ސެކަންޑަރީ ސްކޫލްތައް މެދުވެރިކޮށް، ސަރުކާރުން ހިލޭ ތަޢުލީމު ދިނުން ލާޒިމުކުރުމުގެ މައްޗަށެވެ. ޕްރީ ސްކޫލަކީ ފަށާތަޢުލީމުގެ ތެރޭގައި ހިމެނޭ މަރުޙަލާއެއް ނޫންކަމުގެ މައްޗަށެވެ.
ޕްރީ ސްކޫލްގެ ޢުމުރަކީ، ނުވަތަ ޅަފަތުގެ ތަޢުލީމުގެ ޢުމުރުކަމުގައިވާ 1 އަހަރާއި 5 އަހަރާ ދެމެދުގެ ޢުމުރަކީ، ކުއްޖާގެ ސިކުނޑިއާއި ހުނަރުތައް އެންމެ ބާރު ސްޕީޑުގައި ތަރައްޤީވާ ޢުމުރުކަމަށް ދުނިޔޭގައި ކުރެވެމުންދާ ދިރާސާތައް ދައްކައެވެ.
އެ ޢުމުރުގައި ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބޭ ކުއްޖާ، ފަށާތަޢުލީމާއި މެދުމަދްރަސީ ތަޢުލީމާއި އަދި އެއަށްވުރެ މަތީ ތަޢުލީމުގެ ފުރުޞަތުތައް ރަނގަޅުގޮތުގައި ބޭނުންކުރާ ކަމުގައިވެއެވެ. ޅަފަތުގެ ތަޢުލީމުގެ ފުރުޞަތު ރަނގަޅުގޮތުގައި ނުލިބޭ ކުއްޖާއަށް، ފަށާ ތަޢުލީމާއި މެދުމަދްރަސީ ތަޢުލީމުގެ ދައުރު އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަން ދަތިވާކަމަށްވެއެވެ. ސްކޫލް ދައުރު ފުރިހަމައަށް ނުނިމުމާއި، ތަޢުލީމީގޮތުން އުޖާލާ ދަރިވަރަކަށް ނުވުމާއި، މައްޗަށް ކިޔަވަން ބޭނުންނުވުމުގެ ސިފަތައް އޭނާގެ ކިބައިން ފެންނަގޮތްވާކަމަށްވެއެވެ.
މި ދެންނެވި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ތަޢުލީމުގެ ދައުރަކީ، ޅަފަތުގެ ތަޢުލީމު ނުވަތަ ޕްރީ ސްކޫލުގެ ދައުރުކަމުގައި ބަލަން އެބަޖެހެއެވެ.
އެހެންކަމުން، ފަށާތަޢުލީމާއި މެދުމަދްރަސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރުކޮށްދިނުން ލާޒިމުކަމަށް ޤާނޫނުއަސާސީ ބުނާނަމަ، ޅަފަތުގެ ތަޢުލީމު ހިލޭ ފޯރުކޮށްދިނުމުގެ އުސޫލެއް، ޤާނޫނުން ލާޒިމުކުރުމުގެ އުސޫލަކީ، ތަޢާރުފުކުރަން ވިސްނިދާނެ އުސޫލެއްކަމަށް ޤަބޫލުކުރެވެއެވެ.
އެ އުސޫލު އެގޮތަށް ޤާނޫނަކުން ތަޢާރުފުކުރެވިއްޖެނަމަ، މިހާރު ކަންހިނގާގޮތަށް އިންޤިލާބީ ބަދަލެއް އަންނާނެއެވެ.
ކޮންމެ ރަށެއްގައިވެސް، ސަރުކާރުން ހިންގާ ނުވަތަ ޚަރަދު ބަލަހައްޓައިދޭ އެއް ޕްރީ ސްކޫލް ހުރުން ލާޒިމުވެގެންދާނެއެވެ. އަދި، ރާއްޖޭގައި ހިންގާ ޕްރީ ސްކޫލްތައް އެއް އުސޫލަކަށް ހިނގާގޮތަށް ހަމަޖެހި، އެ ސްކޫލްތަކުން ހިންގާ ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް އެއްހަމައަކަށް ފެތިގެންދާނެއެވެ.
މި މައްސަލަ ޙައްލުވެގެންދާނެ ގޮތެއް އެނގޭނީ، މަޖިލީހަށް މިއަދު ބަލައިގަތް އަޙްމަދު ސިޔާމް މުޙައްމަދުގެ ޕްރީ ސްކޫލް ބިލު ނިމި، ޤާނޫނަކަށް ވެގެންދާ ހިސާބުންނެވެ. އެކަމަށް އަދި ދުވަސްކޮޅެއް ވެދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު
މާތް ކަލާކޯ! މައިންބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގާ މިހާރު ރޯލެއް އަދި ޒިންމާއެއް ނެތުނީބާ؟
ހެޔޮނުވާނެ އަނެއްކާ އެފުރައިގެ ތުއްތު ކުދިންވެސް މިޔޮތް އުޅޭ މުއްލާ ޓީޗަރުންގެ އަތްމައްޗަށް ދޫކޮށްލަން. މިހާރު ޕްރައިމަރީ ސްކޫލުގަ އުޅޭކުދިންވެސް މަގުފުރައްދާފަ ތިބެނީ ކިހިނެތް. އެވަރުން ނުފުދުނީތަ؟
މި ސައިޓްގެ ހެޑަރ ގައި ބޭނުންކޮށްފައިވަނީ ކޮންފޮންޓެއްތޯ؟
ދިވެހިރާއްޖޭގައި ވަރަށް ރޭވުން ތެރިކަމާއިއެކު ފެތުރެމުން މިދާ ދީނީ ހަރުކަށި އުސޫލުތަައް ހުއްޓުވުމަށް ނަޝީދުވެސް ހަމައެއްވެސް ކަމެއް ކުރައްވާތީނުފެނެއެވެ. ހީވާ ގޮތުން މުއްލާއިންގެ ތާއީދު ސަރުކާރު ފަދައިން ނަޝީދުވެސް ބޭފުޅުވާލެއް ބޮޑުކަމުން މިފަދަ ކަމަކާއި ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ ހިތްވަރު ނެތީއެވެ. ބަލާލި ކޮންމެ ދިމާލަކުން މިފެންނަނީ ދީނުގެ ނަމުގައި ހަރުކަށި ޖަމާއަތްތަކުން ފަތުރަމުން ގެންދާ ޕްރޮޕެގެންޑާގައި މީހުންޖެހި ހަލާކުވަމުން ދާތަނެވެ. މިހާރު މިކަން ވަނީ އިސްކޫލުތަކުގައި ޅަދަރިންގެ ބޮލަށްވެސް އަޅައިދޭން ފަށާފައެވެ. މިއީ ދެން ކިހާ ދެރަކަމެއްތޯއެވެ؟ އާދޭސްދަންނަވަމެވެ. މިކަމަށް ކޮންމެވެސް ކަމެއްކޮށްދެއްވާށެވެ. ބަޔަކު ރުޅިއަޔަސް ސިޔާސީ ގޮތުން ޕޮއިންޓު ކެޑިދާނެ ކަމަށް ނުބައްލަވާ ގައުމާއި ދަރިންގެ މުސްތަގުބަލައްޓަކާ މިކަން ކުރައްވާށެވެ!
ކަމަކަށް ވޯޓުލައި އޭގެ ނަތީޖާ އިއުލާނުކުރުމުން އޭގެ ކުރިން ވޯޓުލައި އިއުލާނުކުރި ނަތީޖާ ބާޠިލް ނުވާނަމަ ރައްޔިތުންގެ މަޖިލީހަށް އެކި އަހަރުމަތިން އިންތިޚާބުވެވަޑައިގެންނެވި މެންބަރުން، މަޖިލީހުގެ މެންބަރުކަމުން ވަކިކުރެވުނުކަމުގެ އޮތީ ކޮން ގަރަންޓީއެއްތޯއެވެ؟ އެބޭފުޅުން ފަހުން ވާދަކުރެއްވި އިންތިޚާބުތަކުގައި ހޮވިވަޑައިނުގަތުމަކީ ކުރިން ހޮވިވަޑައިގެންނެވި މެންބަރުކަން ގެއްލޭނެކަމެއް ބާވައެވެ!
މިހެންދަންނަވަން މިޖެހެނީ އެބޭފުޅުން އިންތިޚާބުވެވަޑައިގެންނެވި އަހަރު، އިންތިޚާބުވަވަޑައިގެންނެވިކަން ވަނީ އިއުލާނު ކުރައްވާފައެވެ! ވީމާ އިއުލާނު ކުރެވޭ ކޮންމެ ނަތީޖާއަކީ ދެމިގެން އަންނަ ބާޠިލު ނުވާ ނަތީޖާއަކަށްވާނަމަ އެއީ ބިރުވެރިކަމެއްނޫންތޯއެވެ؟
ރައްޔިތުންގެ މަޖިލީހުގެ ރައިސް ޢަބްދުﷲ ޝާހިދަށް މިއަދު ކުރިމަތިވެވަޑައިގެންފައި ވަނީ މިދެންނެވިފަދަ އޮޅުން ބޮޅުންތަކެއް ޙައްލުކުރެއްވުމުގެ މައްސަލައެވެ. ވެރިކަމުގެ ހުރިހާ ބަރުތަކެއް މަޖިލީހުގެތެރެއަށް ވައްދައި ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރެވޭތޯ ބަޔަކު އުޅޭތީ ކުރިމަތިވަމުންދާ މައްސަލަތަކެވެ.
ކޮންމެހެން މިހާރުން މިހާރަށް ފާސްކުރަންޖެހޭ އެތައް ބިލްތަކެއް މަޖިލީހުގައި އެބަހުއްޓެވެ. ޤައުމުގެ އަމަން ބަލައްހައްތަން ތިއްބެވި ފުލުހުންނަށް ހަރަކާތްތެރިވެވޭނެ މަގު ދައްކައިދޭން ފާސްކުރަންޖެހޭ ބިލްތައް ފާސްނުވެ ލަސްވަމުންދާތީ ފުލުހުން ތިއްބެވީ އިންތިހާއަށް ކަން ބޮޑުވެފައެވެ. އަދުލުވެރިކަމާއިއެކު ޝަރީއަތްކުރުމަށް ފާސްކުރަންޖެހޭ ބިލްތައް ފާސްނުކުރެވިގެން ފަނޑިޔާރުންގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވަމުންދަނީއެވެ